ފްލައިޓަށް ދިމާވި މައްސަލަ މިދަނީ ހައްލު ކުރަމުން، މައާފަށް އެދެން: މޯލްޑިވިއަން

މައްސަލަ ޖެހުނު މޯލްޑިިވިއަންގެ Q2118 ފްލައިޓު -- ފޮޓޯ: ޒޫމްސް ފޮޓޯގްރަފީ

އިއްޔެ މޯލްޑިވިއަންގެ Q2118 ފްލައިޓުގެ ލޭންޑިން ގިޔަރަށް ދިމާވި މެކޭނިކަލް މައްސަލައެއްގެ ސަބަބުން ލޭންޑު ނުކުރެވި ގިނަ އިރުތަކެއް ވުމުން އެ ކުންފުނިން މިއަދު މައާފަށް އެދިއްޖެ އެވެ.

މޯލްޑިވިއަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފްލައިޓަށް ދިމާވި މައްސަލަ ބަލައި އެކަން ހައްލު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.

"ބޯޓުން ދަތުރު ކުރި ފަސިންޖަރުންނަށް ދިމާވި ދަތިތަކާއި އިހުސާސްކުރަން ޖެހުނު ނުތަނަވަސްކަމަށް މި ކުންފުނިން ނިހާޔަތަށް މައާފަށް އެދެވެ." އެ ކުންފުނީގެ ބަޔާނުގައި ބުންޏެވެ.

މޯލްޑިވިއަންއިން ބުނީ އެ އެއާލައިނަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ މައި އިދާރާ އައިކާއޯ އިން ކަނޑައަަޅާފައިވާ ގަވާއިދުތަކާއި މިންގަނޑުތަކުގެ ތެރޭގައި އޮޕަރޭޓު ކުރަމުންދާ އެއާލައިނެއް ކަމަށެވެ. އަދި އެ އެއާލައިނަކީ ގަވާއިދުން އޮޑިޓް ކުރެވޭ އެއާލައިނެއް ކަމަށް ބުނެފައިވެ އެވެ.

"ދަތުރުވެރިންނާއި ކްރޫއިންގެ ރައްކާތެރިކަމަކީ މި އެއާލައިނުން އެންމެ ބޮޑަށް އިސްކަންދޭ ކަން ކަމުގައި ދަންނަވަމެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.

މޯލްޑިވިއަންގެ ފްލައިޓުގެ ލޭންޑިން ގިޔަރަށް ދިމާވި މެކޭނިކަލް މައްސަލައެއްގެ ސަބަބުން ލޭންޑު ނުކުރެވި އެއް ގަޑިއިރާއި 20 މިނެޓު އެ ފްލައިޓު ވައިގެ ތެރޭގައި ހޭދަ ކުރި އެވެ. ފްލައިޓަށް ދިމާވި މައްސަލައާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓު ކުއްލި ހާލަތަށް ގެނަ އެވެ.

އެ ފްލައިޓު ޖެއްސުނީ ޕައިލެޓު ކުރި މަސައްކަތުންނެވެ. ފްލައިޓުގެ ޕައިލެޓަކަށް ހުރީ މޯލްޑިވިއަންގެ ކެޕްޓަން އަބްދުލްބާސިތު އިބްރާހީމެވެ. ކޯ ޕައިލެޓަކަށް ފަސްޓް އޮފިސަރ ރިމާހު ރުޝްދީ ހުރި އިރު، ފްލައިޓުގެ އިންފްލައިޓް ސުޕަވައިޒަރަށް ހުރީ ހަސްނާ މުހައްމަދެވެ.

https://sun.mv/116672

comment ކޮމެންޓް