ޑީބަލާގެ ގޯލާ އެކު ޔުވެންޓަސް ދެން އަތުވާނެބަ؟

ޔުވެންޓަސްއާއި ބޮލޮނިއާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ / ޕެޓްރިކް ރިޖް

ބެންޗުން އަރާ ޕައޮލޯ ޑީބަލާ ކާމިޔާބުކޮށްދިން ގޯލާއި އެކު ބޮލޮނިއާ ބަލިކޮށް ޔުވެންޓަސް އިން އިޓަލީ ލީގުގައި އަތުނުވާނެހާ ބޮޑު ލީޑެއް ނަގައިފިއެވެ.

ގިނަ ދުވަސްތަކެއް ޔުވެންޓަސްއަށް ކުޅެދީ މުހިއްމު ގޯލުތަކެއް ޖަހައިދީފައިވާ ޑީބަލާއަށް ރޭގެ މެޗުގައި ވެސް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއް ނުވެއެވެ. ނަމަވެސް ބެންޗުން ކުޅެން ނުކުމެ އަށް މިނަޓުގެ ތެރޭގައި އޭނާ ވަނީ ގޯލެއް ޖަހާ ޔުވެންޓަސްއަށް މެޗު ކާމިޔާބުކޮށްދީފައެވެ. ރޭގެ މެޗުގައި ޔުވެންޓަސްއިން އެމީހުންގެ ފެންވަރާއި ގާތަށް ވެސް ކުޅެވިފައި ނުވި ނަމަވެސް ރޭގެ މޮޅާއި އެކު އެ ޓީމު ވަނީ 13 ޕޮއިންޓުގެ ބޮޑު ލީޑެއް ލީގުގެ އެއްވަނައިގައި ނަގާފައެވެ.

ޔުވެންޓަސްއާއި ބޮލޮނިއާ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ / ޕެޓްރިކް ރިޖް

އިޓަލިއަން ލީގުގައި ޔުވެންޓަސް މި ސީޒަނުގައި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ކުޅުނު 25 މެޗުގެ ތެރެއިން ރެކޯޑް 22 މޮޅު ހޯދާ ބާކީ ހުރި މެޗުތަކުން ވަނީ އެއްވަރު ކޮށްފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި އެތްލެޓިކޯ ކައިރިން ޗެމްޕިއަންސް ލީގުގައި ލިބުނު ބައްޔާއެކު ޓީމު އޮތީ ފޯމު ކޮންމެސް ވަރަކަށް ގެއްލިފައެވެ. ރޭގެ މެޗުގައި ވެސް އެ ޓީމުގެ މޮޅެތި ބައެއް ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ނަމަވެސް ރޭގެ މޮޅާއި އެކު ޓީމަށް އަލުން ހިއްވަރު ލިބި ޓީމު މޮޅުވުމުގެ މަގަށް އަނބުރާ އައިސްފައި ވުމުން ހިތްހަމަ ޖެހޭ ކަމަށް ޔުވެންޓަސް ގެ ކޯޗު މިސިމިލިއާނޯ އެލެގްރީ ވަނީ ބުނެފައެވެ.

ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނު އިރު ޔުވެންޓަސްގެ ފޯވާޑް ލައިންގައި ތިބި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިންނަށް ގޯލެއް ކާމިޔާބު ނުކުރެވުމުން ދެވަނަ ހާފުގައި ޕައޮލޯ ޑީބަލާ ވަނީ ކުޅެން ނެރެފައެވެ. ޑީބަލާ އަކީ މީގެ ކުރިން ޓީމުގެ ފުލް އެގާރައިން ބަރާބަރަށް ޖާގަ ހޯދަމުން އައި ކުޅުންތެރިއެކެވެ.

ނަމަވެސް ޕޯޗުގަލްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ ޓީމަށް އައުމާއި އެކު ޑިބާލާ އަށް ޖާގަ ލިބޭ ވަރު ވަނީ މަދުވެފައެވެ. އެކި އެކި ސަބަބުތަކާއި ހުރެ ކުޅުމުގެ ފުރުސަތު ލިބުން ޑިބާލާއަށް މަދުވެފައި ވާ އިރު އޭނާ އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމުގެ "ޔޯލަ" ވާހަކަ ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ.

އެ މެޗުގެ އިތުރުން ވެސް އިޓާލިއަން ލީގުގައި ރޭ ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ގޮސްފައެވެ. އެގޮތުން އިންޓާ މިލާންއާއި ފިއޮރެންޓީނާ ބައްދަލު ކުރި ފޯރި ގަދަ މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެން އެވެ.

މީގެ އިތުރުން ރޮމާއާއި ފިރިސްނޮން ބައްދަލު ކުރި މެޗު 2-3 ގެ ނަތީޖާއަކުން ރޯމާ ކާމިޔާބު ކުރި އިރު ނަޕޯލީއިން ވަނީ ޕަރްމާގެ މައްޗަސް 0-4 އިން ކުރި ހޯދާފައެވެ.

comment ކޮމެންޓް