ވެނެޒުއޭލާ އާއި ބްރެޒިލް ގުޅޭ ބޯޑަރު ބަންދުކޮށްފި

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ -- ފޮޓޯ: އޭއެފްޕީ

ކަރާކަސް (ފެބްރުއަރީ 22): ވެނެޒުއޭލާ އާއި ބްރެޒިލް ގުޅޭ ބޯޑަރު ބަންދު ކުރަން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަމުރު ކުރައްވައިފި އެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި މަޑޫރޯ ވަނީ އިއްޔެ ވެނެޒުއޭލާގެ ގަޑިން 20:00އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ބްރެޒިލްގެ ބޯޑަރު ބަންދު ކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު އެގައުމުން ދަނީ ކޮލޮމްބިއާގެ ބޯޑަރުވެސް ބަންދު ކުރުމާ ބެހޭ ގޮތުން ވިސްނަމުން ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ކުރިން މަޑޫރޯ ވަނީ ކޮލޮމްބިއާއިން ވެނެޒުއޭލާއަށް އެހީގެ ގޮތުގައި ތަކެތި ގެންދިޔުން ހުއްޓުވުމަށްޓަކައި، ދެގައުމުގެ ބޯޑަރު ކައިރިއަށް ސިފައިން ފޮނުއްވާފަ އެވެ. މަޑޫރޯ ވިދާޅުވާ ގޮތުގައި އެމެރިކާއިން ވެނެޒުއޭލާއަށް އެހީ ފޮނުވަނީ އެގައުމަށް އަރައިގަތުމުގެ ބޭނުމުގަ އެވެ.

މިދިޔަ އަހަރު ވެނެޒުއޭލާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު މަޑޫރޯ ގެންދަވަނީ އެގައުމުގައި ދެވަނަ ދައުރަކަށް ވެރިކަން ކުރައްވަމުންނެވެ. ނަމަވެސް އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ވަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ގައުމުގެ އަސްލު ރައީސަކީ އޭނާ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން ގުއައިޑޯ އަކީ ރައީސްކަމަށް ބަލައިގަތް ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ބްރެޒިލްވެސް ހިމެނެ އެވެ.

comment ކޮމެންޓް