ޖުޑިޝަރީ އޮތީ ގޭންގު ތަކުގެ ބާރުގެ ދަށުގައި: މަހްލޫފު

ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

ރާއްޖޭގެ ޖުޑިޝަރީ އޮތީ ގޭންގުތަކުގެ ބާރުގެ ދަށުގައި ކަމަށް ޔޫތު ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވީ ގޭންގުތައް ރާއްޖޭގައި އޮތް ކަމީ ހަގީގަތް ކަމަށާއި އެ ގޭންގުތައް ކަމަށް ކަނޑަނޭޅިގެން އުޅެނީ ޖުޑިޝަރީ ގޭންގުތަކުގެ ބާރުގެ ދަށުގައި އޮތީމަ ކަމަށެވެ.

"ރާއްޖޭގައި އެބައޮތޭ އިނގޭތޯ ގޭންގުތައް. މިއީ ހަގީގަތް. އެމިހުންނަކީ ގޭންގްތައްކަން ކަނޑަނޭޅި އޮންނަނީވެސް ޖުޑިޝަރީ އެމީހުންގެ ބާރުގެ ދަށުގައި އޮތީމަ. އެއީވެސް ހަގީގަތް." ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވި އެވެ.

ގޭންގުތަކާއެކު މަޝްވަރާ ކުރަނީ ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅު ކުރަން ކަމަށް މަހުލޫފު ވިދާޅުވި އެވެ. އަދި ގޭންގްތައް އިސްލާހުކޮށް ޖުޑިޝަރީ މިނިވަން ކުރެވޭނީވެސް މަޝްވަރާކޮށްގެން ކަމަށް މަހްލޫފު ވަނީ ވިދާޅުވެފަ އެވެ.

ގޭންގުތަކުގެ ބައެއް މީހުންނާ ޔޫތު މިނިސްޓަރު ބައްދަލުކުރުމުން ބައެއް މީހުންގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ. ތުހުމަތުތަކެއްވެސް ކުރި އެވެ. މަހުލޫފު ވިދާޅުވީ ގޭންގުގަތަކާ މަޝްވަރާ ކުރަނީ އެމީހުންނާ ޑީލްއެއް ހަދައިގެން ޖަލުތަކުގައި ތިބި އެމީހުންގެ މީހުން ދުރުކުރަން ނޫން ކަމަށެވެ.

ބޭނުންވަނީ ގޭންގްތަކާއެކު މަޝްވަރާކޮށް ގޭންގްތަކުން ހިންގާ ކުށަތައް މަދުކުރުމަށް ހައްލެއް ހޯދުން ކަމަށް މަހްލޫފު ވިދާޅުވި އެވެ. ގޭންގްތަކާއި މަޝްވަރާ ކުރަނީ ހެޔޮ ނިޔަތެއްގައި ކަންކަން ރަނގަޅު ކުރުމަށް ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.

"ބައެއް ފަރާތްތަކަށް ހީވި، އަޅުގަނޑު މިއުޅެނީ ޝައިނީމެން ގޭންގްތަކާއެކީ ފޮޓޯ ނެގި ގޮތަށް ނަގާށޭ. އެޔެއް ނޫން. އަޅުގަނޑު ދަންނަ ކުދިން އެބަތިއްބޭ ގޭންގްތަކުގައި. އެކަމަކު އަޅުގަނޑު ވަރަށް ކެރިގެން މިދަންނަަވަނީ އޭގެން އެއްވެސް މީހެއްގެ ދަށެއް ވެފައެއް ނޯންނާނެ." މިނިސްޓަރު މަހުލޫފު ވިދާޅުވި އެވެ.

ގޭންގުތަކަށް ދިމާވެފައިވާ ސަބަބުތައް ދެނެގަނެ އެމީހުން އެކަމުން ނެރެން މަސައްކަތް ކުރާނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ގޭންގްތަކުގެ ސަބަބުން މުޖުތަމައު ބޮޑު ބިރެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށާއި ދިރިހުރުމުގެ ހައްގު އެބައޮތްތޯ ސުވާލުކޮށްލެވޭ ހިސާބަށް ކަންކަން ދިޔަ ކަމަށެވެ.

"ޒުވާނުންގެ ކަންކަމާ ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން އެކަމުން [ގޭންގްތަކުން] ޒުވާނުން ދުރުކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް،" ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ އޭނާއަކީ ރާއްޖޭގައި ގޭންގު ކޮންޓްރޯލް ކުރާ މީހާއަށް ވާން ބޭނުން ނެތް ކަމަށެވެ. އޭނާގެ ނިޔަތަކީ ގައުމުގައި އޮތް ސީރިއަސް ބޮޑު މައްސަލައެއް ހައްލު ކުރުން ކަމަށް ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ވަޅިޖަހަން އުޅޭ ހައެއްކަ މީހުން ހައްޔަރުކުރީމަ އެކަން ނިމޭނެ ކަމަށް ބައެއް މީހުން ބުނަމުންދާ ކަމަށާއި އެކަމަކު އެއީ އެހެން ނިމޭ ކަމަކަށްވުރެ ފުޅާކޮށް ބޮޑުކޮށް އޮތް ކަމެއް ކަމަށެވެ.

ސިޔާސީ މީހުންނާ ގޭންގްތަކާ ބޮޑު ގުޅުމެއް އޮތް ކަމަށާއި އެމީހުންގެ ޖަރީމާތަށް ގޭންގްތަކުން ހިންގައިދީފައި ހުރި ކަމަށް މަހުލޫފު ވިދާޅުވި އެވެ. އެހެންނަމަވެސް އޭނާ އެކަހަލަ ކަމެއް ނުކުރާނެ ކަމަށާއި "ގޭންގްތައް ޔޫސްއެއް ނުކުރާނަން" ކަމަށް މަހުލޫފު ވިދާޅުވި އެވެ. އަދި އެދިލެއްވީ ރައްޔިތުން އޭނާއަށް އިތުބާރު ކުރުމަށެވެ.

comment ކޮމެންޓް