އުރީދޫއަށް މިދިޔަ އަހަރު 545 މިލިޔަން ރުފިޔާގެ ފައިދާ

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ޚާން ---

އުރީދޫ މޯލްޑިވްސްއަށް ނިމިދިޔަ 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 545 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫއިން މިއަދު ވަނީ ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް އާންމުކޮށްފައެވެ.

އެ ރިޕޯޓުގައިވާ މާލީ ހިސާބުތައް ދައްކާ ގޮތުން އުރީދޫ މޯލްޑިވްސްއަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ވަނީ 1.95 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ހަ ޕަސަންޓުގެ ކުރިއެރުމެކެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ ރާއްޖޭގެ ވާދަވެރި މާކެޓުގައިވެސް އުރީދޫ އަހަރުން އަހަރަށް އާމްދަނީ އިތުރުކުރެވުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިދާޅުވީ ވޮއިސް ކޯލްސް އަދި ރޯމިންގް ފަދަ ހިދުމަތްތަކުން ލިބޭ އާމްދަނީ މަދުވަމުންދާ ކަމަށެވެ. އެހެން ނަމަވެސް މިދިޔަ އަހަރު އުރީދޫއަށް ލިބުނު އާމްދަނީ އިތުރުކުރެވިފައިވަނީ ކުންފުނީގެ ކަސްޓަމާ ބޭސް އިތުރުވުމާއެކު، ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށް އީޖާދީ އާ ޕްރޮޑަކްޓުތަކެއް ތައާރަފުކުރަމުން ގެންދިއުމުގެ ސަބަބުން ކަމަށް ސީއީއޯ ނަޖީބު ވިދާޅުވިއެވެ.

ހަރަދުތައް ކެނޑުމަށްފަހު ޓެކްސްގެ ގޮތުގައި 100.3 މިލިއަން ރުފިޔާ ދައްކާފައިވާ އިރު، ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު އުރީދޫއަށް ލިބިފައިވަނީ 544.72 މިލިއަން ރުފިޔާއެވެ. މިއީ ކުރީ އަހަރާ އަޅާ ބަލާއިރު ހަ ޕަސަންޓު ދަށް އަދަދެކެވެ.

އުރީދޫ މޯލްޑިވްސް ގްރޫޕުގައި ހިމެނެނީ އުރީދޫ މޯލްޑިވްސްގެ އިތުރުން އުރީދޫގެ ސަބްސިޑަރީއެއް ކަމުގައިވާ ވާފް ޓެލެކޮމް އިންޓަނޭޝަނަލްއެވެ. ވާފްއަކީ އުރީދޫއާއި ރާއްޖެ އޮންލައިން ގުޅިގެން ސަބްމެރިން ކޭބަލް އެޅުމަށް އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ. އުރީދޫ މޯލްޑިވްސްއިން ބުނީ ވާފް މެދުވެރިކޮށް އުރީދޫއަށް އާމްދަނީގެ ގޮތުގައި 77.3 މިލިއަން ރުފިޔާ ލިބުު ކަމަށާއި، އަދި އަހަރު ނިމުނު އިރު ހަރަދުތަކާއި ޓެކްސް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 19 މިލިއަން ރުފިޔާގެ ސާފު ފައިދާ ލިބުނު ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މާކެޓް ކެޕިޓަލައިޒޭޝަންއަކީ 5.1 ބިލިއަން ރުފިޔާއެވެ.

comment ކޮމެންޓް