ރާއްޖެއަށް މީހުން ފޮނުވުން މަޑުޖައްސާލަން ބަންގާޅު ސަރުކާރުން އިލްތިމާސްކޮށްފި

ބަންގްލަދޭޝްގެ ގައުމީ ފުޓުބޯޅަ ޓީމު ރާއްޖޭގައި ކުޅުނު މެޗެއް ބެލުމަށް ރާއްޖޭގައި އުޅޭ އެގައުމުގެ ރައްޔިތުންތަކެއް ގައުމީ ފުޓުބޯޅަ ދަނޑުގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި މަސައްކަތް ކުރުމަށް ބަންގްލަދޭޝްގެ ރައްޔިތުން ރާއްޖެ ނުދިއުމަށް އެގައުމުގެ ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެކްސްޕެޓްރިއޭޓް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓުގެ އޮފިޝަލުންނާ ހަވާލައިދީ، ބަންގްލަދޭޝްގެ ނިއު އޭޖް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، އެގައުމުގެ ރައްޔިތުން ވަޒީފާ އަދާކުރުމަށް ރާއްޖެ ނުދިއުމަށް އިލްތިމާސްކޮށްފައިވަނީ މާލޭގައި ހުންނަ ބަންގްލަދޭޝްގެ އެމްބަސީގެ ލަފާގެ މަތިންނެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ރާއްޖޭގައި މިވަގުތު ވަނީ ވަޒީފާ ނުލިބުމުގެ ބޮޑު މައްސަލައެއް އާންމުވެފައެވެ.

"މިހާރުވެސް ބަންގްލަދޭޝްގެ ގިނަ ރައްޔިތުން ވަޒީފާ ނެތި ރާއްޖޭގައި އެބައުޅޭ. އަޅުގަނޑުމެންގެ މަސައްކަތްތެރިން މިވަގުތު ރާއްޖެ ދިއުން ހުއްޓާލަން އެބަ ޖެހޭ،" ބަންގާޅުގެ އޯވަސީސް އެމްޕްލޯއިމަންޓް މިނިސްޓްރީގެ އޮފިޝަލަކު ބުނިިކަމަށް ނިއު އޭޖް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ބަންގްލަދޭޝަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަސައްކަތްތެރިން ރާއްޖޭގައި ދިރިއުޅެ، ވަޒީފާ އަދާކުރަމުން ގެންދާ އިރު އޭގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުންވެސް ހިމެނެއެވެ. އަދި ހިއުމަން ޓްރެފިކިންގްގެ ޝިކާރައަކަށް ވެފައިވާ މީހުންވެސް ހިމެނެއެވެ.

މި ފަހުން އިމިގްރޭޝަނުން ވަނީ އަންޑޮކިއުމެންޓެޑް ނުވަތަ ސައްހަ ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން މި މަހުގެ ކުރީކޮޅު މާލޭގައި ހިންގި އެފަދަ އޮޕަރޭޝަނެއްގައި ސައްހަ ލިޔެކިޔުމެއް ނެތް 80 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އިމިގްރޭޝަނުން ބުނީ އެމީހުން ސްކްރީން ކުރުމަށްފަހު ވަކި މުއްދަތަކަށް ރާއްޖެ ނާދެވޭ ގޮތަށް ފުރުވާލަންޖެހޭ މީހުން ފުރުވާލާނެ ކަމަށާއި، އެމީހުން ރާއްޖެ ގެނައުމުގައި މެދުވެރިވި ފަރާތުގެ އިހުމާލެއް އޮވެއްޖެނަމަ އިމިގްރޭޝަނުން އެންމެ ފުޅާ މިނެއްގައި އެމީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް