އަގުހެޔޮކޮށް ބޯހިޔާވަހިކަން ހޯދައިދޭން ކުންފުންޏެއް އުފެއްދުމަށް ނިންމައިފި

މާލޭ އިމާރާތްތައް: އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ކުންފުންޏެއް ހެދުމަށް ނިންމައިފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުންޏެއް އުފެއްދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

"ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި މި ކުންފުނި އުފެއްދުމަށް ރައީސް ސޯލިހް މިއަދު ނިންމެވީ، އިކޮނޮމިކް ކައުންސިލުގެ ލަފާފުޅާއި އެކުއެވެ.

ރައީސް އޮފީހުން ބުނީ، "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް"ގެ މައިގަނޑު މަގުސަދަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

"އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ މަސައްކަތްތައް ކުރިއަށް ގެންދާނީ މި ކޯޕަރޭޝަނުގެ ދަށުން. އަދި ކުރިމަގުގައި ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތައްވެސް ހިންގާނީ މި ކޯޕަރޭޝަނުގެ ދަށުން" ރައީސް އޮފީހުން ބުންޏެވެ.
މި ކޯޕަރޭޝަނުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ މިހާރު ސަރުކާރުން މަސައްކަތް ފައްޓަވާފައިވާ ހައުސިންގް ނީޑްސް އެސެސްމަންޓަށް ރިއާޔަތް ކުރެވިގެން، އަދުލުވެރި އަދި އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކަމަށް ރައީސް އޮފީހުން މައުލޫމަތު ދެއެވެ.
އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭއިރު، ފަހި ދިރިއުޅުމެއް އުޅެވޭނެފަދަ މާޙައުލެއް ޤާއިމުކުރުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ހަމަޖައްސައި ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
comment ކޮމެންޓް