އުރީދޫއިން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރެންސް

އުރީދޫއިން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ތައާރަފްކުރި ލައިފް އިންޝުއަރެންސް ސްކީމްގެ ޕޯސްޓަރެއް

ރާއްޖޭގެ މުވާސަލާތީ ހިދުމަތްދޭ ކުންފުނި އުރީދޫއިން އެކުންފުނީގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރެންސް ތައާރަފްކޮށްފިއެވެ.

އެލައިޑް އިންުޝުއަރެންސްގެ 34 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް ތައާރަފްކޮށްދެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ހާންއެވެ.

މިއީ ރާއްޖޭގެ އިންޝުއަރެންސްގެ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި އެލައިޑް އިންޝުއަރެންސްއާ ގުޅިގެން ތައާރަފްކުރި ހިދުމަތެކެވެ. ޕްރިމިއާ ކަސްޓަމަރުންނަށް އެ ހިދުމަތް ހިލޭ ދިނަސް ވަރަށް އަވަހަށް އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވަރަށް ހެޔޮ އަގެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް އޭނާ ބުންޏެވެ.

އުރީދޫއިން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހިލޭ ލައިފް އިންޝުއަރެންސް ރޭ ތައާރަފް ކުރުމަށް ފަހު އެ ކުންފުނީގެ ސީއީއޯ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކްލަބް ޕްރިމިއާއަކީ އުރީދޫގެ އެންމެ އަގުހުރި ކަސްޓަމަރުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމަށް ތައާރަފްކުރި ސްކީމްއެއް ކަަމަށް އުރީދޫއިން ބުންޏެވެ. އަދި އެ ހިދުމަތް ބޭނުންވާ ކަސްްޓަމަރުން އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ކްލަބް ޕްރިމިއާ ލައުންޖަށް ޒިޔާރަތްކޮށްގެން ރަޖިސްޓްރީކުރެވޭނެ ކަމަަށްވެސް އުރީދޫއިން ބުންޏެވެ.

ފުރާނައަށް ގެއްލުންވާފަދަ ކުއްލި ހާލަތްތަކުގައި އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނީ ތިން ދަނޑިވަޅެއްގައި ކަމަށްވެސް އުރީދޫއިން ބުންޏެވެ. އޭގެ ތެރޭގައި ގުދުރަތީ ގޮތުން ނުވަތަ އެކްސިޑެންޓެއްގައި ފުރާނަ ގެއްލިގެން ދިއުން، އެކްސިޑެންޓެއްގައި އިއާދަނުކުރެވޭފަދަ ދާއިމީ ގެއްލުމެއް ލިބުން ނުވަތަ "ޕާޝިއަލް ޑިސްއެބިލިޓީ" އެއް ލިބުން ހިމެނެއެވެ.

comment ކޮމެންޓް