ހަޔާތީ މަންމައަށްޓަކާ ލޮނުމަޑުކޮށް ބީޓުރޫޓު ބަތް ހަދާ ތަރުކާރީކޮޅެއް ތައްޔާރުކޮށްލުމަށްފަހު އޭނަ ކާންވެގެން ހިކިމަހުން ހިކިކޮށް ރިހަހެދިއެވެ. ރޮށިފިހެން ހުރެފަ ފިކުރުގެ ދާވަނި އެހެން ދިމާލަކަށް ދޫކޮށްލެވިއްޖެއެވެ. ކޮންމެވެސް ވަރަކަށް ސްވިމިންޕޫލްގެ ހާދިސާ ލޮލުގެ ކުރިމަތީ ނިއުޅެންފެށިއެވެ. ސްލޯ މޯޝަންގައި ފެނުނުފަދައިންނެވެ. އޭނަގެ ގައިގާ އަމްރާން ހިފެހެއްޓިތަންކޮޅު ފޮހެލަން ބޭނުންވިއެވެ.

"ހައު ޑެއާ ހީ ޓަޗް މީ..." ހަޔާތީ މޫނު ހަދައިލިއެވެ. މަސައްކަތްކޮށް ނިމިގެން ކާން ހަދާފައި މަންމަ ކޮބައިތޯ ބަލައިލިއިރު މަންމަ ގެއަށް ވަނީ ބޭރުން އައިހެވެ. މަންމަ އޭނައަށް ބަލަން ހުރި ނަޒަރު ފެނިފައި ހަޔާތީގެ ހިތުގައި ބިރުވެރި ރާގެއްކުޅެވެން ފެށިއެވެ. މަންމަގެ ނަޒަރުން ނަގަންވީ އެއްޗެއް ނޭގިފައި ހުއްޓާ މަންމަ ގާތަށް އައުމަށްފަހު ހަޔާތީގެ ބުރަކަށީގައި ފިރުމައިލީ ނިކަން އޯގާތެރިކޮށެވެ.

"ދުވަހަކު މަންމައަށް ކަމެއް ކޮށްދެންޏާ މަންމައަށް އުފަލެއް ދެންޏާ މަންމަ ބުނާ މީހަކާއި ކައިވެނިކޮށްފާނަންތަ؟ " މަންމަގެ ޖުމްލައިން ހަޔާތީ ވަކިން ބޮޑަށް ސިހިއްޖެއެވެ. މަންމަ އޭނަގެ ކައިވެނިކުރުވަން މިއުޅެނީ ކާކާބާވައެވެ. އޭނަ މިހާރު މިއޮތީ ކައިވެންޏަކަށް އެއްބަސްވެފައެވެ. ލޮލުގެ ކޮޅުން ބަލައިލެވުނީ ކުޑަދޮރު ދާރަމަތީ ފެންފުޅިއަކަށް އޭނަ ލާފައި އިން ތާޒާ ފިނިފެންމަލަށެވެ. އަމްރާންއާއި ކައިވެނި ކުރުމުން އޭނައަށް އޮތް ފައިދާ ތަކެއް ކުޑައެއްނޫނެވެ. ބައެއްފަހަރު ދުޝްމިނުންނާއިއެކު ވެސް އެއްބަސްވުމަކަށް ދާންޖެހިދެއެވެ. ލިބިދާނެ ފައިދާއަށްޓަކައެވެ. ހިތުގައި ކޮންމެފަދަ ދެކޮޅުވެރިކަމެއް އޮތަސް އިންސާނުންނަކީ އަމިއްލަ އެދުން ބޮޑުވެސް ބަޔަކީއެވެ.

"މަންމާ.....އެކަމަކު...." ހަޔާތީ އެއްޗެކޭ ބުނަން އުޅެފައިވެސް މަންމަގެ މޫނަށް ބަލާފައި މިފަހަރު މަންމައަށްޓަކާ މަންމަ ބުނާ މީހަކާއި އިންނަން ނިންމިއެވެ. ލިބެން އޮތްހާ ފައިދާތައް ފައިދަށުލާ ފުނޑުކޮށްލާފައިވެސް މަންމަގެ އުފަލަށްޓަކާ އޭނަ އާއެކޭ ބުނަން ނިންމިއެވެ.

"އޯކޭ މަންމާ. މަންމައާއި ދެކޮޅަށް މިކާލްއާއި އިނީމަ ބްލެސިން ގެއްލުނީ. މިފަހަރު ބީސްޓަކާއި އިންނަން ޖެހުނަސް އިންނާނަން........އެއީ ކާކުތަ މަންމާ.." ހަޔާތީ މާޔޫސްވި ނަމަވެސް ހިނިތުންވެލީ މަންމައަށްޓަކައެވެ.

"ރާއްޖޭގެ ނާއިބު ރައީސް..." މަންމަގެ ޖުމްލައާއިއެކު ހަޔާތީގެ އަތުގައި ހުރި ތަށިވެސް ނުވެއްޓުނީ ކިރިޔާއެވެ. މަންމައާއި ހަމަޔަށް އެ ޚަބަރު އައިގޮތެއް ވިސްނުމަކަށް ނައެވެ.

"އެ ބޭފުޅާ ފޮނުއްވައިގެން ފިރިހެންކުއްޖަކު އައީ. ކައިވެންޏަށް އަހަން...." މަންމަ ހުރިހާ ދަތްތައް ފެންނަވަރަށް ހީލަމުން ހަޔާތީ މޭގައި ޖައްސާ ބާރުކޮށްލައިފިއެވެ. އެކަނިވެރި ހަޔާތެއްގައި ހިތާމައާއި މޮޅިވެރިކަމުގެ ދިރިއުޅުމެއް ވޭތިކުރި މަންމަގެ މޫނުން މިއަދު މިފެނުނު އުފާވެރިކަމުގެ ސަބަބުން ހަޔާތީގެ ހިތަށްވެސް ބަޔާން ނުކުރެވޭވަރުގެ އުފަލެއް ލިބިއްޖެއެވެ. އާޚިރުގައި ހުރިހާ ޑީލްތައް އެއްފަރާތަށް ޖައްސާލުމަށްފަހު މަންމައަށްޓަކާ އަމްރާންއާއި ކައިވެނިކުރަން އޭނަ ތައްޔާރުވެއްޖެއެވެ. މަންމަގެ ދަނބިދަރިފުޅަށް ރާއްޖޭގެ ނާއިބު ރައީސް ވީމަ މަންމައަށް ލިބޭ ފަޚުރަކަށް ވީކަން ނޭގެއެވެ. މިހުރިހާ ދުވަހު ނުފެންނަ ފަދަ ހިނތުންވުމެއް މަންމަގެ ތުންފަތުން ނުފިލާ ހުއްޓެވެ. ދުވަހަކު މަންމަގެ މޫނުން ހަޔާތީ މިފަދަ އުފާވެރިކަމެއް ނުދެކެއެވެ. ދުނިޔޭގެ ހުރިހާ އުފާތަކަކުން މަންމަގެ ދާވަނި ފުރާލެވިފައިވާފަދައެވެ.

އިރުއޮއްސުމުގެ މާ ކުރީއްސުރެން ދުނިޔެ މަތި އަނދިރިކޮށްލީ ބޯމަތިވަމުން އައި ކަޅު ވިލާތަކުންނެވެ. ފަރުބަދަފަޅިވަރުގެ ވިލާތައް ފުރޭތަތަކެއް ފަދައިން އެކަތި އަނެކަތި ފަހާދުވާފަދަ މަންޒަރުތައް އުޑުމަތިން ސިފަވާފަދައެވެ ފްރެންޗް ސްޓައިލަށް ހަދާފައިވާ ފުޅާދޮރު ކައިރީ ފަޓުލޫނުގެ ޖީބަށް އަތް ޖަހާލަމުން އަމްރާން ހުއްޓުނެވެ. ކޮޓަރީގެ މެދުގައި ބަހައްޓާފައި ހުރި މާބްލް މޭޒުމަތީގައި ހުރި ވާސްގައި ޖަހާފައި ހުރި ފިނިފެންމާ އޯކިޑް އަދި ގާޑްނިއާ މަލުގެ މީރުވަހާއި އަމްރާންގެ ސެންޓުގެ ވަހުން ތަނުގައި ހިފާލާފައިވަނީ ބުނަން ނޭގޭފަދަ ހިތްގައިމު ވަހެކެވެ. އަބުދުލްއަޒީޒު ސޯފާސެޓްގައި އިށީދެފައި ދަރިފުޅަށް ގޮވާލުމުން އަމްރާން އައިސް އިށީނީ އެއްފަރާތުގައި ހުރި ސޯފާގައެވެ.

"ކިހިނެއްތަ އޮފީސްކަންތައް؟ ނައިބުރައީސްކަމަކީ ހީ ނުކުރާފަދަ ބޮޑު މަސައްކަތެއް ދޯ ދަރިފުޅާ. ދެން ދައުރެއްގައި ގައުމުގެ ރައީސްގެ ގޮތުގައި ދުށުމަކީ ބައްޕަގެ ޑްރީމް. ދަރިފުޅު ކުޑައިރުއްސުރެން ބުނާ ވާހަކައެއްނު. ރެން ވާނީ ރާއްޖޭގެ ޕްރެޒިޑެންޓަށޭ. އެހާ ކުޑައިރުއްސުރެން ދެވަނަ ގޮތަކަށް ނުބުނޭ........." އަބުދުލްއަޒީޒު ހީލިއެވެ.

"އަނެއްހެން ބުރައެއްނޫން. ކުރާހިތުން ކުރާ މަސައްކަތެއްވީމަ...."

"ތި މަގާމުގައި ހުރެގެން ނަގަންޖެހޭ ޒިންމާތަކަށް ފަރުވާ ކުޑަ ނުކުރައްޗޭ. ކޮރަޕްޝަންއާއި ގާތް ނުވައްޗޭ. ކޮންމެގޮތެއްވިޔަސް އަމާނާތްތެރިކަމާއި އެކު ރައްޔިތުންނަށް އޯގާތެރި ރަގަޅު ވެރިޔަކަށް ވާންވާނީ......" އަބުދުލްއަޒީޒު ހަދާން ކޮށްލަދިނެވެ.

"ބައްޕާ. އަޅުގަނޑު އަދި ވާހަކައެއް ދައްކަން އެބައޮތް...." އަމްރާން ބައްޕައައި ހަތަރުކަޅި ހަމަކޮށްލަމުން ހިނިތުންވެލިއެވެ.

"އަވަހަށް ބުނޭ ސްވީޓްހާޓް..."

"އަޅުގަނޑު ބޭނުން ކައިވެންޏެއްކުރަން. އެކަމަކު އެލީންއަކާއި ނޫން...އެހެން ގާލްއެއް އެބަހުރި. އަޅުގަނޑު ކޮންމެހެންވެސް އެބަޖެހޭ މިކަން ކުރަން...." އަމްރާންގެ ވާހަކަތަކުން އަބުދުލްއަޒީޒު ކުޑަކޮށް ސިހުނެވެ. ނަމަވެސް ހިތަށް ލިބުނު ނުތަނަސްވަކަން އޭނަ އެއްފަރާތްކޮށްލީ ބަސްބުނާ ހިދުކޮޅުތެރޭގައެވެ. އިއްޒަތާއި ގަދަރާއި މުދަލަށްވުރެ އޭނަ އިސްކަން ދެނީ ފުރާނަފަދަ ދަރިފުޅުގެ އުފާތަކަށެވެ.

"މަޖުބޫރުވެގެން އިންނަނީ އެކުއްޖާ ބަލިވެއިނީތަ؟ އެހާ ބޮޑުކަމެއް ވީމައެއްނު އެހާ އަވަސް އަރުވާލައިގެން އިންނާނީ......... " އަބުދުލްއަޒީޒުގެ ނުތަނަވަސްކަން ހުނުމަކުން ފޮރުވައިލިއެވެ.

"ނޫން ބައްޕާ އެކަހަލަ ކަމެއްނޫން..."

"އިޓްސް އޯކޭ. ދަރިފުޅު ކުރާ އެއްވެސް ކަމަކަށް ހުރަސް އަޅާކަށް ނެތިން. ފައިސާއިން ގަނެދެވޭނެ ކޮންމެ އެއްޗެ ގަނެދޭން ތައްޔާރަށް މިހިރީ. އެކަމަކު ދަރިފުޅު ބައްޕައަށްވެސް ކަމެއްކޮށްދޭންވާނެ. އެލީން ބާކީކޮށްނުލާ އޭނަ ދެވަނަ އަންބަކަށް ނަމަވެސް ހަދަންވާނެ. ފަސްޓް ލޭޑީސް ގެ މަގާމަށް ދެ އަންހެން ކުދިން ގެނަޔަސް އޯކޭވާނެ. އެހެން ރައީސުންނާއި ތަފާތުކޮށްލަން ކޮންމެހެންވެސް ވާނެ ދޯ ......." އަބުދުލްއަޒީޒު މިހާރުއްސުރެން ޔަގީނާއި ގާތަށް އެކަން އެނގޭފަދައެވެ. އޭނަގެ ފިރިހެންދަރިފުޅަކީ ޝަޚުސިއްޔަތު ވަރުގަދަ މާތް މީހެކެވެ. އެހެން ރައީސުންނާއި ބަލާއިރު ހުރިހާ ގޮތަކުންވެސް އެއްވަނަދެވޭހާ ވެއެވެ.

އަމްރާން ވިސްނުމަކާއި ނުލާ ބައްޕަގެ އަތުގައި ހިފަހައްޓާލަމުން އެކަމަށް ވައުދުވިއެވެ.

އަމްރާންގެ އުފަލަށްޓަކާ އެކައިވެންޏާއި ގަބޫލުވެ ރުހުން ދިނަސް އަބުދުލްއަޒީޒު އެ އަންހެންކުއްޖާއާއި ބެހޭ މައުލޫމާތު ހޯދިއެވެ. އޭނަ ހީކުރިފަދަ އަންހެންކުއްޖަކަށް ނުވިއެވެ. އެއީ ރާއްޖެތެރެއަށް ނިސްބަތްވާ އާދައިގެ އަންހެންކުއްޖެވެ. ނޫސްވެރިޔެކެވެ. ބައްޕަ ސިފައިންގެ މަތީ މަގާމެއް ފުރިޔަސް އަބުދުލްއަޒީޒުމެންނާއި ބަލާއިރު ދަށް ފަންތީގެ އާއިލާއެކެވެ. އެކަމައި އޭނަގެ އެހާ ޝަކުޥާއެއް ނެތަސް އޭނަގެ އާއިލާގެ އިސް މީހުންނަށް ހަސަބާއި ނަސަބުވެސް މުހިއްމެވެ. ދަރިންނާއި އެކަށީގެންވާފަދަ ބައިވެރިން ނުހޯދައިފިއްޔާ ޖެހޭނެ އިތުރު މައްސަލަތައް އޮވެދާނެކަމަށް އެމީހުން ގަބޫލުކުރެއެވެ. އެމީހުންގެ މުއްސަދިކަމުގެ ފައިދާ ނަގަންވެގެން ފަހަތުން އުޅޭނެ އަންހެންކުދިން މަދެއްނުވާނެއެވެ. އާއިލާ މީހުން ރުއްސުމަކީ އެހާ ފަސޭހަކަމެއްނޫނެވެ. ނަމަވެސް އަބުދުލްއަޒިޒު ގަބޫލުކުރީ އަމްރާންގެ މަޖުބޫރީ ފިލާ އަވަހަށް އެކުއްޖާގެ ފަރާތުން ސަލާމަތްވެ އެލީންއާއި ކައިވެނިކުރާނެކަމަށެވެ. އެލީން އެހާ ޅައިރުވެސް އެކުއްޖާގެ މައިންބަފައިންގެ ފަރާތުން ވާރުތަވި މުދަލާއި ފައިސާ އަދި ކުންފުނިތައް އަމްރާންއާއި އެކަށީގެންވާވަރު ކުއްޖެއްކަން ސާބިތުކޮށްދީފިއެވެ. ހިތާހިތުން ކަރުނަ އޮއްސިޔަސް އެކަން ސިއްރުކުރީ ލޯބިވާ ދަރިފުޅުގެ ހައްގުގައެވެ. އަމްރާން ބޭނުންވީ އާދައިގެ ހަފްލާއެކެވެ. ދެއްކުންތެރިކަމުގެ މިންވަރެއް އޭނަ ބޭނުމެއްނޫނެވެ. ނަމަވެސް އަބުދުލްއަޒީޒު ދަރިފުޅުގެ ފުރަތަމަ ކައިވެނި އެހާ އާދައިގެ ކޮށް ކުރެވުނަދޭނީ ކިހިނެއްހެއްޔެވެ؟ ކޮންމެ ކައިވެންޏެއްވެސް ކުރެވެންވާނީ ފުރިހަމައަށެވެ. ކުލަގަދަކޮށެވެ. ހުރިހާ އެކުވެރިންނާއި މުޅި އާއިލާއާއި ހެޔޮއެދޭ މީހުންވެސް ޝާމިލްކުރެވެންވާނެއެވެ. އަމްރާންއަށްޓަކާ ދުނިޔޭގެ ނިސްބަތުން ވަރުގަދަ ފާހަގަކުރެވޭވަރުގެ ކައިވެނި ޕާޓީ ބާއްވަދޭން އަބުދުލްއަޒީޒު ހިތާ ހިތުން ވައުދުވިއެވެ.

ހަޔާތީ ސަޖަލްއާއިގެން ރެސްޓޯރެންޓަކަށްގޮސް އެ ޚަބަރު ކިޔަދިނުމުން ސަޖަލް އުފަލުންގޮސް ރޮވޭގޮތްވިއެވެ. ގޮނޑިން ތެދުވެފައި ހަޔާތީގެ ގައިގާ އަތްވަށައިލިއެވެ.

"ކޮންގްރާ ޑާލިން. ޔޫ ޑިޒަވް ދިސް"

"މި މެރިޖަށްފަހު އަހަރެމެންގެ އެޗްއެމް އަނބުރާ ލިބޭނެ. މިކާ ބޭނުންވިގޮތަށް އެޗެނެލް ދީނީ ޗެނެލްއަކަށް ހަދާނަން. މިކާގެ ފިކުރާއި އެއްބައި ނުވެވުނަސް މިކާގެ މަސައްކަތުން ކުރިކަމެއްގެ ފޮނިކަން ލިބެންޖެހޭނެ. އަމްރާންއާއި ކައިވެނިކުރިޔަސް އަބަދަށްޓަކާ މިހިތުގައިވާނީ ހަމައެކަނި މިކާ. ވަރަށް ލޯބިވޭ. ދުވަހަކު އެހެން މީހަކު ދެކެ ލޯބިނުވެވޭވަރަށް. ކޮންމެގޮތެއްވިޔަސް މިކާ ގެއްލުނުތާ އަހަރުތަކެއްވުމުން އަހަންނަށް މެރީކުރުމުގައި އުޒުރެއްނެތް. އަދި އެހެން އެއްވެސް މީހަކަށް ނޭގޭ އަހަރެން ކުރިން މެރީކުރިކަމެއް. އައި ވިލް ޓޭކް ދެޓް ސިކްރެޓް ޓު މައި ގްރޭވް. އެކަމަކު އެކަން ފޮރުވިފައި އޮތަސް މި ކައިވެނި ކުރަން އެބަޖެހޭ....." ހަޔާތީގެ ލޮލުގައި ކަރުނަތިކިތައް ވިދަންފެށިއެވެ. އެވަގުތުކޮޅު ސަޖަލްއަށްވެސް ހަޔާތީ މިކާލްދެކެ ލޯބިވާވަރު ޔަގީންވިއެވެ.

"ޑޯންޓް ކްރައި ލަވް. އެޓްލީސްޓް ހަޔާ ދެރަކޮށް ނިކަމެތިކޮށްލި މީހުންނަށް އިބުރަތަކަށް މި ކައިވެނިވާނީ. ހަޔާ ހާލުގައި ޖެހުނު ދުވަހު ދޫކޮށްލާފައި ދިޔަމީހުން އަދި އުޅޭނެ ގާތްވާ ހިތުން. ރިގްރެޓްކުރާނެ. ދެރަވާނެ. މާފަށް އެދި ފަސްފަހަތުން އަދި އުޅޭނެ. ޒީކްއާއި މިނާވެސް ހިތަށް އަރާނެ ހަޔާއާއި އެކީ އުޅެވުނު ނަމައޭ. ބަޔަކަށް ދެރަގޮތެއް ވާކަށް ނޭދެން އެކަމަކު ހަޔާފަދަ ރަގަޅު އެކުވެރިޔަކަށް ހެދިގޮތުން ވަރަށް ފޫހިވެއްޖެ. ގޯ އެހެޑް ލަވް. ދުވަސްކޮޅަކަށް ނަމަވެސް ހަޔާގެ ނަސީބުގެ ތަރި މެދު އުޑުގައި ފިޔަޖަހަން ތިފެށީ. އައިމް ސޯ ހެޕީ ފޯ ޔޫ............" ސަޖަލް ހަޔާތީގެ ކޮލުގައި ހިފައިލިއެވެ.

"ކީޕް ސްމައިލިން.....ތީ އެންމެ ބަސް އަހާ އެންމެ ސްޓްރޯންގް ކުއްޖާ. އައި ލަވްޔޫ..." ސަޖަލް ހިނިތުންވެލިއިރު އުފަލުންގޮސް ހިތް ފުންމާލަފާނެފަދައެވެ. ހަޔާތީއަށް ލިބުނު އުފާވެރިކަމުގައި ސަޖަލް ބައިވެރިވީލެއް ބޮޑުކަމުން މީހަކާއި އިންނަން އުޅެނީ ސަޖަލްފަދައެވެ. އެހާވެސް ފޯރިއަކާއި ޖޯޝެއް ލިބި މިހާރުއްސުރެ ކައިވެނީގެ ޕްލޭންތައް ރާވަން އޭނަ ފެށިއެވެ. ކުލައާއި ތީމް އަދި ކައިވެނީގެ ހެދުމަށްދާންދެން ހޮވުމުގައި ސަޖަލް އުޅޭގޮތް ފެނި ހަޔާތީއަށް އަސަރުކުރިއެވެ. ސަޖަލް ހާދަ ރަގަޅޭ ހިތަށް އެރިއެވެ.

ހަޔާތީ ދެކެލަންވެގެން އަމްރާންގެ އާއިލާއިން ބޭނުންވާކަމަށް ބުނެ އެގެއަށް އަންނާން ދައުވަތު ލިބުނެވެ. މެންދުރު ކެއުމަކަށެވެ. ހަޔާތީއާއި އޭނަގެ މަންމަ ތައްޔާރުވަމުން ދިޔައިރު ސަޖަލް ހަޔާތީގެ ޝޯލް އަޅާލަދިނުމުގައި އަވަދިނެތި އުޅުނެވެ. އޭނައައީ އޭނަގެ މޭކަޕް ސެޓްވެސް ހިފައިގެންނެވެ.

"އެކަމަކު ކީއްވެ ހަޔާ ހެދުން ބަދަލުކޮށްލީ. އަބާޔާ ލީމަވެސް ޝޮކިން. ދެން އިން ލޯސް އިންނާއި ބައްދަލުކުރާންދާއިރު މިހާ ބޮޑު ކަޅު ޝޯލެއްއަޅައިގެން ފޮރުވެން ޖެހޭތަ؟ " ސަޖަލް އަހައިލިއެވެ. ސަޖަލްއަކަށް ހަޔާތީގެ މަގުސަދެއް ނުވިސްނުނެވެ. އެމީހުންގެ ލާދީނީ ފިރިހެންދަރިފުޅު އިންނަން އުޅެނީ "ދީނީ" ކުއްޖަކާއިކަން އެނގިއްޖެއްޔާ އެމީހުންނަށް ހާދަ ވަރެއްގެ ސިހުމެއް ލިބޭނެއެވެ. ހަޔާތީއަށް އޭނަ ހެދުން އެޅި ނިޔަތް ރަގަޅުނޫންކަން އެނގެއެވެ. ނަމަވެސް އޭނަ އަމްރާންއަށް ޖެއްސުމަށްވެސް ލާނީ މިކަހަލަ ހެދުމެވެ. އެހެންނޫނަސް ފޮރުވިގެން ހުރުމުގެ މުހިއްމުކަން އޭނައަށްވަނީ ތަޖުރިބާވެފައެވެ.

"ރޯޔަލް އާއިލާއަކާއި މީޓްކުރާއިރު ރަސްމީކޮށް ދާންވާނީ. މިހެދުން ލީމަ ރަސްމީކަން ފީލްވޭ...." ހަޔާތީ ލޯގަނޑުން މޫނު ބަލާލައިފިއެވެ. އޭނަ މޭކަޕްކޮށް ނޫޅުނަސް ސަޖަލް އޭނަގެ ލޯ އަނދުން ފަވައިލުމުން ލޮލުގެ ރީތިކަމާއި ޒީނަތްތެރިކަން ފައުޅުވެ ދެލޮލުން ވިދުން ގަދަވެފައިވިއެވެ. ތުންފަތުގައި ލިޕްގްލޮސްއެއްލާފައި މޫނު މޮއިސްޗަރައިޒްކޮށްލުމުން ރީތީ ރީތި އަންހެންކުއްޖެކޭ ބުނެވޭނެކަމާއިމެދު ޝައްކެއްނެތެވެ.

"ޔޫ ލުކް ބިއުޓިފުލް. ވައިސްޕްރެޒިޑެންޓް ވިލް ފޯލް ފޯ ޔޫ..." ސަޖަލް ހަޔާތީގެ ކޮލުގައި މަޑުމަޑުން އަތުން ޖަހައިލިއެވެ.

"ނޫން ސިފަގެއްލޭވަރަށް މޭކަޕްކޮށްލައިގެން ދާންވާނީ. ތަންކޮޅެއް ވަރުގަދަ ކަޅު ކުލައެއް ތުންފަތުގައި ހާކާލާފައި ބުމަވެސް ގޮތަކަށް ހަދާބަލަ....." ހަޔާތީ ހެމުން ބުނެލިއެވެ.

"ޖޯކަރަކަށްވެގެން ދިޔަސް ތިކުއްޖާގެ ރީތިކަމެއް ނުފޮރުވޭނެ.." ސަޖަލް ހޭންފެށިއެވެ.

އޯޓަމް ބްލޭޒަށް ދިޔުމުން އަބުދުލްއަޒީޒުގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުން އަދި ދަރިންތަކާއި ބައްދަލުވިއެވެ. އެންމެންވެސް ތިބީ ސްޓައިލިޝްކޮށް ހެދުން އަޅައިގެންނެވެ. އަބުދުލްއަޒީޒުގެ މަންމަވެސް ކުއީން އެލިޒަބަތުފަދައެވެ. ހުދު އިސްތަށިގަނޑު ކޮށާލާފައި ނެތަސް ހުޅިއެއް ޖަހާފައި ކުޑަކޮށް މޭކަޕްކޮށް ރަންމުތުގެ ހާރަކާއި ގަހަނާ އަޅައިގެން އަގުބޮޑު ސޫޓެއްލައިގެން ހުރިއިރު ހައިބަތުކަން ފެންނާންހުއްޓެވެ. މަންމަ އުޅުނުގޮތުން ހަޔާތީ ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. މަންމައަށް މިފަދަ ރީތި ގަޑުވަރަކާއިއެކު ޝާހީ ބަޔަކާއި ބައްދަލު ވެވުމުން އުފަލުން ވާނުވާ ވެސް ނޭގޭވަރުވިއެވެ. ވަރަކަށް ތައުރީފުކުރިއެވެ. އަނެއްކޮޅުން އެ އާއިލާ މީހުން ހަޔާތީއާއި މަންމައަށް ބަލަން ތިބީ ގަބޫލުކުރަން ދަތި ނަޒަރަކުންނެވެ. އެމީހުންގެ އަމްރާން އިންނަން އުޅެނީ މިފަދަ ރަށްފުށު ކުއްޖަކާހެއްޔެވެ؟ ބޮޑު ބުރުގާއެއް އަޅާފައި ގަޔަށް ދޫ ގޯންޏެއްހެން ހުރި ހެދުމެއް ނާއިބު ރައީސްއާއިއެކު ފެނުމުން މީހުން ދެކޭނެ ގޮތެއްވެސް ނޭނގެއެވެ. އެކެއްގެ މޫނުމަތިންވެސް އުފާވެރިކަމެއް ނުފެނުނެވެ. ނުސީދާކޮށް މަލާމާތް ކުރިހެންވެސް ހަޔާތީއަށް ހީވިއެވެ. ނަސީބަކުން އެލީން އަދި އަމްރާންވެސް ފެންނާކަށް ނެތެވެ. ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ ގެއަށް ދައުވަތު ދީފައި އޭނަ ކޮންމެހެން ދާން ޖެހޭ ދަތުރަކު ދިޔައީއޭ ބުންޏަސް ހަޔާތިއަށް އެއީ ކުރީއްސުރެން އަމްރާން ޕްލޭންކޮށްފައިވާ ގޮތްކަން އެނގުނެވެ. އަމްރާން އެލީންއަށް އޮޅުވާލަން ހަދައިގެން އާއިލާމީހުންގެ ލޮލުގައިވެސް އަނދުން އަޅުވައިފިއެވެ.

ކާކޮޓަރިވެސް ބޮޑުވެފައި ތަނަވަސްކަމުން ހައިރާންވެ ތަލިން ކުޅުހިކޭހާ ފުރިހަމައެވެ. ކެއުމުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. މަންމައަށް އުލުން ކާކަށް ނޭނގުނެވެ. ހަޔާތީވެސް މަންމައާއި އެއްބައިވެގެން ކެއީ އަތުންނެވެ. އެހެން އެންމެން އުލުގައި ވައަތުން ހިފަހައްޓާލައިގެން ވަޅި ކަނާއަތުން ބޭނުންކޮށްގެން ހުޅަގު މީހުންގެ ވައްޓަފާޅިއަށެވެ.

"މި ފެމިލީ އެންމެންވެސް އަމްރާން ފަދައިން އެ ފިކުރު ގެންގުޅެނީތަ؟ ނޫނީ ސްޓައިލިޝްކޮށް ޑްރެސްކޮށްގެން ތިއްބަސް ހަމަ މުސްލިމުންތަ؟ މަންމަ އޭޖް މީހުންވެސް އިސްތަށިގަނޑު ޑައިކޮށް މޭކަޕްކޮށްގެންވިއްޔަ. މުސްލިމުން އުޅެންވާގޮތެއް ނޫން. މިހާ މުއްސަދިވީމަ ބޭރު ގައުމުތަކަށްގޮސް އެމީހުން އުޅޭގޮތަށް ލޯބިޖެހުނީމަ ދީނާއި ދުރުވަނީ ކަމަށްވާނީ. އެކަމަކު ކިތަންމެ މުއްސަންޖަސް މަރުވުމަށްފަހު ހަމަ ކަށްވަޅުގައި އެކަނި ތިބޭނީ. މުއްސަދި ފެމިލީއަކާއިއެކު އުޅެން ލިބުނީމަ އެހެން މީހުންނާއި ތަފާތުކޮށް ހަގީގަތް ވިސްނެން މިފެށީ....އެކިގޮތްގޮތަށް ކަން ނޭގޭ ހިދާޔަތް ލިބޭނީ...." ހަޔާތީގެ ހިތަށް އެކި ކަހަލަ އެއްޗެހި އަރާ ފައިބަމުން ދިޔައެވެ.

ކެއުން ނިމިގެން މަޑުކޮށްލުމެއްނެތި ހަޔާތީ އޭނަގެ މަންމަ ގޮވައިގެން ގެއަށްދާން ކާރަށް އެރިއެވެ. އެކިކަހަލަ ޚިޔާލުތައް އުދަގޫކުރަން ފެށުމުން ނުތަނަވަސްވެ މިކަމަށް އެއްބަސްނުވެވުނުނަމައޭ ހާސްފަހަރު ހިތަށް އަރައިފިއެވެ. އަމްރާންގެ އަމިއްލަ އެދުން ބޮޑުކަމުން އެހެން މީހުންނަށް އޮޅުވައިލަން އޭނަގެ ބޭނުންކުރަނީއެވެ. ފަހުން މި ކައިވެނި ރޫޅާލުމުން އޭނައަށް ލިބޭނެ ދެރަ ވަކިން ކުޑައެއްނުވާނެއެވެ. މަންމައަށް ލިބުނު އުފަލާއި ފަޚުރުވެސް ފައިދަށު މޮޑެވޭނެއެވެ. ހާދަ ދެރައެވެ. ވަގުތީ އުފަލަކަށްޓަކާ އޭނަގެ ޟަމީރު ވިއްކާނުލެވުނުނަމައެވެ.

ގެއަށްގޮސް ފާޚާނާއަށް ވަނުމާއެކު ހިފަހައްޓައިގެން ހުއްޓާ ހަޔާތީއަށް ރޮވިއްޖެއެވެ. މިކާލްގެ މަތިން މާ ބޮޑަށް ހަދާންވީއެވެ. އެހެން މީހަކާއި އިންނަން އޭނަ ހިތަށް އެރީތީ އަމިއްލަ ނަފުސަށް މަލާމާތްކޮށް ކުށްވެރިކުރިއެވެ.

"ހަޔާތީ ނުރޮއި. މީ ދުވަސްކޮޅެއްގެ ކަމެއް. އޭގެ ފަހުން ފްރީވާނެ. އޭގެ ފަހުން މާ ރަގަޅުގޮތެއްވެސް މެދުވެރި ވެދާނެ. ކިޔަވަން ބޭރު ގައުމަކަށްގޮސް ޖޮބެއް ހޯދައިގެން އެންމެނާއި ވަކިން އުޅެންފަށާނީ. އޭރުން މަލާމާތާއި އެހެންމީހުންގެ ބަދު ބަސްތަކުން ސަލާމަތްވެވޭނެ. މިކާ ބުނާހެން ޕޮޒިޓިވްވާންޖެހޭނެ ފަހަރެއްގައި ހަމަ ބީބީސީ ކަހަލަ ތަނަކުން ޖޮބް ލިބިދާނެއްނު. ކާކަށް އެނގޭނީ. އިރާދަކުރެއްވިއްޔާ ވާނީ ރަގަޅަށް......" ހަޔާތީގެ ސިކުނޑީގެ ކަނަކުން ވިސްނައިދިނެވެ.

ހަޔާތީ އަށް މިފަހަރު އަމްރާންގެ ދައުވަތު ލިބުނީ ރޭގަނޑުގެ ކެއުމަކަށެވެ. އަމްރާންގެ ބައްޕަގެ ރިޒޯޓުގައެވެ. މިފަހަރުވެސް ހަޔާތީ ކުރީފަހަރު ލީ ކަޅުކުލައިގެ ދޫ އަބާޔާއާއި ބޮޑު ބުރުގާއަކުން މޭމައްޗާއިއެކު ބޮޑުބަޔެއް ފޮރުވާލިއެވެ. ކާރަށް އެރިތަނުން ސަޖަލްގެ ވައިބާ މެސެޖެއް އައިސްގެން ބަލައިލުމުން ބުމަގޮށްޖެހުނެވެ. އަވަހަށް އެފްބީއަށް ވަދެ ސޯލްޖާސް އޮފް މަހުދީ ޕޭޖުގައި އެބުނާ ފޮޓޯ ބަލައިލިއެވެ. އަމްރާން ކޮށްފައިވާ ޓްވީޓެއް ޓެގްކޮށްފައި އެޕޭޖުގައި އިނެވެ. ނާއިބު ރައީސް މިއޮތީ ޑެތްޕެނަލްޓީއާއި ދެކޮޅު ކަމަށާއި އޭނަގެ ސަރުކާރުގައި އެއްވެސް މީހަކަށް މަރުގެ އަދަބު ނުދޭނެކަމުގައި ބުނެ ޓްވީޓްކޮށްފައެވެ. އިހު ޒަމާނުގައި ކާބަފައިން އުޅުނުގޮތަށް އުޅެގެން އެ ފިކުރުހުރެގެން ތަރައްގީގެ އެންމެ އުހާއި ހަމަޔަށް ވާސިލު ނުވެވޭނެކަމަށާއި މިނިވަންކަން ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭނެ ކަމުގައި ބުނެފައިވިއެވެ. "އެގެއިންސްޓް ހޯމޯފޯބިއާ" ކިޔާ ގްރޫޕެއް ފޮލޯ ކޮށްފައި އޮތުމުން އެކަންވެސް ސަމާލުކަމަށް ގެނެސްފާ އޮތެވެ. ގިނަ މީހުން ރަތަށް އަރާފައި އަމްރާންއާއި ދެކޮޅަށް ވާހަކަދައްކާފައި ހުއްޓަސް އަންހެންކުދިންނަށް އެކަން ބޮޑުކަމަކަށްނުވިއެވެ. އެވަރުންވެސް އަމްރާންއަށް ހިތާއި އެއްޗެހި ފޮނުވާފައި ނިކަން ލޯބިންނެވެ. އަމްރާން "ގޭއި" މީހަކަށް ވިޔަސް ލޯބިވާނެކަމުގައެވެ. އަމްރާންއަކީ ލަވް ކަމުގައެވެ. ހަޔާތީ އިނީ މޫނު ހެދިފައެވެ. އަމްރާން ފައުޅުގައި ޓްވީޓްކުރަންފެށީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ގިނަ ދިވެހިން ބޭނުމީ ހަމަ މެދުމިނަށް އުޅުމެވެ. ލާދީނީ ކަމާއި ހައްދު ފަނަހަޅާ ދިޔުމަށް މަދު ބަޔަކު ލޯބިކުރިޔަސް ގިނަ ދިވެހިންނަކީ އޭނަފަދަ މީހުންނޭ ހަޔާތީ ހިތަށް އެރިއެވެ. ހަޔާތީ އެކިގޮތްގޮތަށް ވިސްނަން އިންދާ ލޯންޗު ޓާމިނަލަށް އާދެވުނެވެ.

އެތަނުން ބައްދަލުކުރީ އަޒިކިއަލްއެވެ. އޭނަ ލޯންޗަށް އަރަން ވުމުން އެހީތެރިވާން އަތްދިއްކޮށްލިއެވެ.

"މީހެއްގެ އެހީނެތަސް އަހަންނަށް އުޅެވިދާނެ..."

"ދިގުވާން ވެގެންނޭ ކިޔާފައިވެސް ހީލްސްއަކަށް އެރުން ސޭފްއެއްނޫން. ހަމަ ބުނެލީ......." އަޒިކިއަލް ލޯންޗުގެ ސީޓުގައި ހަމަޖެހިލަމުން ކިޔައިލިއެވެ.

"އަހަރެންވެސް މީ ކުރު މީހެކޭ ނުކިޔޭނެ. އެކަމަކު އަމްރާންމެން ދިވެހިންނާއި ބަލާފައި އެހާ ދިގުވީމަ ދެން މާ މޮޅުކަމެއް ނޫން ދޯ. ހައިހީލްއަށް އެރީ ކޮންމެހެން އަމްރާންހާ ދިގު މީހަކަށްވާ ހިތަކުން ނޫން. މިހެދުން ތަންކޮޅެއް ދިގުވެ ބިންމަތީގައި ހޭކޭތީ ފްރެންޑެއްގެ އަތުން ހީލްސް ބޮރޯކުރީ........" ހަޔާތި ދެރަނުވާންވެގެން ބުނެލިއެވެ. ރިޒޯޓަށް ފައިބާފައި އަޒިކިއަލްގެ ފަހަތުންގޮސް ނުކުމެވުނީ މޫދުގެ އައްސޭރިފަށަށެވެ. ހުދު ދޮންވެލިގަނޑު އެތައް ދުރުމިނަކަށް ފެތުރިފާ އޮތްއިރު އުޑުމަތިވަނީ ފިޔަޖަހާ ތަރިތަކުން ފުރިފައެވެ. ކަޅު ސާލަކަށް އެއްލާލާފައިވާ ހުދު ޖަވާހިރުތައް ފަދައިން ވިދާ މަންޒަރުން ހިތްތަކަށް ހަމަޖެހުން ގެނެސްދޭނެއެވެ. ވައިރޯޅިތަކުގެ ހިމޭންކަމައިއެކު ކަނޑުގެ ރާޅުތައް އެއްގަމަށް ބީއްސާލާ އަޑު ލުއި މިއުޒިކެއްފަދައެވެ. މޫދާއި ކައިރިފަށުފައި މޭޒެއް ބަހައްޓާފައި އުއްބައްތިތައް ދިއްލާލާފައިވާއިރު ދެމީހަކަށް ކެއުން ތައްޔާރަށް ހުއްޓެވެ.

އަމްރާން ހުރީ ކޯޓު ފަޓުލޫނުގައެވެ. އަންހެންކުދިން ހިތް އެދޭފަދަ ހިތްގައިމުކަމެކެވެ. ކޮންމެ އަދާއެއްގައި ފިރިހެން ކަމެކެވެ. ދިވެހިންގެ ތެރެއިން އާއްމުކޮށް ނުފެންނަހާ ރީތި ސިފަތަކެއް ދެއްވާފައިވުމާއިއެކު ނާއިބު ރައީސްކަމުގައި ވުމުން އަންހެންކުދިންގެ ޖަޒުބާތުތައް އޮބަހައްޓާކަށް ފަސޭހައެއްނުވިއެވެ. ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑުގޮތަކަށް އޭނައަށް އަންހެންކުދިން ބޭނުންވާކަން އަންގަމުން ދިޔައެވެ. އޭނަގެ ފޮޓޯތަކަށް ލިބޭ ކޮމެންޓުތައް ފުރިފައި ހުންނަނީ ތައުރީފުތަކުންނެވެ. އޭނަގެ ރީތިކަމަށް އޮހެމުންދާ ލަފުޒުތައް ކޮޅުން ލުމެއްނެތެވެ. ހަގީގަތުގައި އޭނަގެ ކުރިމަތީގައި މިހިރަ ޝަޚުސިއްޔަތުގެ ސަބަބުން އޭނަގެ ގައިންވެސް ހީބިހި ހަލުވާލާވަރުވިއެވެ. އެކަމާއި ރުޅިވެސް އާދެވުނެވެ. މިއީ މި މާހައުލުގެ ސަބަބުން ކަން ނޭގެއެވެ.

އަޒިކިއަލް ދިޔުމާއިއެކު ދެމީހުން އެކަނިވިއެވެ.

"އައި ތޯޓް އައިމް މީޓިން ޔޯ ފެމިލީ މިސްޓަރ ވައިސް ޕްރެޒިޑެންޓް...." ހަޔާތީ މަޑުމަޑުން ބުނެލިއެވެ.

"އަހަރެން އެދުވަހު ނުބުނަމެއްނު މަށާއެކު ޑޭޓަކަށޭ. އެކަމަކު މިރޭ ރަސްމީކޮށް ބުނީމެއްނު ޑިނާއަކަށޭ...."

"ޔޫ ލުކް....ރޭވިޝިން..." އަމްރާން ހަޔާތީގެ ކުރިމަތީގައި ހުއްޓިލައިގެން ހުރެ ބުނެލިއެވެ. އެބުނެލީ ތެދެއް ކަމަށް ނޫނީ މަލާމާތަކަށް ކަމެއްވެސް ހަޔާތީއަކަށް އެ މޫނަށް ބަލާފައި ދެނެގަންނާކަށް ނޭގުނެވެ. ނަމަވެސް އެކުރި ތައުރީފުން ހިތް އަވަސްވާގޮތްވިއެވެ. އުއްބައްތީގެ އޮރެންޖްއަލި އެ ޓޭން މޫނަށް އެޅިފައިވާއިރު މަޑު އަލީގެ ތެރެއިންވެސް އެލޮލުގެ ތޫނުކަމުން ހަޔާތީގެ ހިތަށް ބިރުވެރިކަންވެސް ވައްދާލިއެވެ.

(ނުނިމޭ...)

https://sun.mv/114647

comment ކޮމެންޓް