ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތް ބެލުމަށް ކޮމިޓީ އެއް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލުމަށް ކޮމެޓީއެއް އެކުލަވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން މަސްވަން ކައިރިވެފައިވާއިރު، ރަނގަޅަށް ފަންކްޝަން ނުކުރާ މިނިސްޓަރުންތައް ބަދަލުވާނެތޯ "ސަން" އިން ސުވާލުކުރުމުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ މުޒާރާތަައް މަސައްކަތް ކުރާ މިންވަރު ވަޒަން ކުރައްވާނެ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިއަދު އެބަ އެކުލަވާލާ ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީ ކިޔާ. ކޮމެޓީ އެއް. އެ ކޮމިޝަނުން ބަލާނެ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތައްވެސް. އެއަށްފަހު ބަދަލެއް ގެންނަން ޖެހޭ ތަންތަނަށް ބަދަލު ގެންނާނަން،" މި ކޮމެޓީ އާ ގުޅޭ އިތުރު ތަފްސީލެއް، ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަމެއްވެސް ރައީސް ވިދާޅެއް ނުވެއެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ތިން މަސްވާން ކައިރިވެފައިވާއިރު ސަރުކާރުގެ މިނިސްޓްރީތަކުގެ މަސައްކަތް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށްދާތަން ނުފެންނާތީ އެކަމާ އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައީސް ސޯލިހުގެ ކެބިނެޓުގައި 19 މިނިސްޓަރުން ހިމެނިވަޑައިގަންނަވައެވެ. ކެބިނެޓުގައި ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީއެއް ތަމްސީލުވާގޮތަށް މިނިސްޓަރުން ތިއްބަވައެވެ.

comment ކޮމެންޓް