ފުޅާ ދާއިރާއެއްގައި ކޯސްތައް ހިންގަމުން އަންނަ މަންދު ކޮލެޖަށް ބަޔަކު ދިން ހަމަލާ އަކީ ރާއްޖޭގައި އިލްމު ފެތުރުމަށް ހުރަސް އެޅުމަށް ބަޔަކު ހިންގި ފިޑި އަމަލެއް ކަމަށް އެ ކޮލެޖުން ސިފަ ކޮށްފި އެވެ.
މަންދު ކޮލެޖްގެ މަސްއޫލު ވެރިޔާ، އިބްރާހިމް އިސްމާއިލު (އިބްރާ) ދީނާ ދެކޮޅު ވާހަކަތައް ދައްކާ ކަމަށް ބުނެ ބަޔަކު ވަނީ މިދިޔަ ހޯމަ ދުވަހު ވަނީ މުޒާހަރާ ކޮށްފަ އެވެ. އަދި ހަމަ އެ ދުވަހުގެ ރޭ އެ ކޮލެޖުގެ ބިއްލޫރިގަނޑެއް ވަނީ ތަޅާލައިފަ އެވެ.
އެކަމާ ގުޅިގެން އިއްޔެ އެ ކޮލެޖުން ނެރުނު ބަޔާނުގައި ބުނީ، ބަޔެއްގެ ވަކި ބޭނުމެއްގައި އެ ކޮލެޖަށް އަމާޒުކޮށް އެ ބާވަތުގެ ކަންކަން ހިންގާ ކަމީ އެ ކޮލެޖުން އިންތިހާއަށް ހިތާމަކުރާ ކަމެއް ކަމަށާއި އެ ފަދަ އަމަލުތަކަކީ ރާއްޖޭގައި އިލްމު ފެތުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅުން ކަމަށް ބަޔަކު ހިންގާ ފިޑި އަމަލެއް ކަމަށް ކޮލެޖުން ދެކޭ ކަމަށެވެ.
"މި ފަދަ ކަންކަން ތަކުރާރު ނުރުމަށާއި، ދަރިވަރުންގެ އުނގެނުމަށް ހުރަސް އަޅައި، ރާއްޖޭގެ މަތީ ތައުލީމު ދޭތާ އެންމެ ގިނަ ދުވަސްވީ މުއަސަސާގެ ނަމާއި ގަދަރު ކިލަނބު ކުރުމަށް ބަޔަކު ރާވައިގެން ހިންގާ މި ކަންތައްތައް ހުއްޓާލުމަށާއި އިލްމަށް ލޯބި އިތުރުކުރުމަށް މަސައްކަތް ކުރުމަށް،" އެ ކޮލެޖުން ނެރުނު ބަޔާނުގައި އިލްތިމާސް ކުރި އެވެ.
ބަޔާނުގައި ބުނީ، އެ މުއަސަސާ އަކީ ތައުލީމީ މުއަސަސާއެއް ކަމަށާއި އެއްވެސް ހާލެއްގައި ގައުމުގައި ހިނގާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ޝާމިލުވި އަދި ޝާމިލުވާ މުއަސާސާއެއް ނޫން ކަމަށެވެ.
"ރާއްޖޭގެ އިޖްތިމާއީ އަދި ސިޔާސީ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސް، އެކި ކަހަލަ ހަލަބޮލިކަން މި ކޮލެޖުން ދެކިއްޖައީމު. އެހެނަސް، އެއްވެސް އިރެއްގައި މި ކޮލެޖަކީ ސިޔާސީ ގޮތުން ވަކި ފަޅިއެއް އިހްތިޔާރު ކުރާ ކޮލެޖެއް ނޫން. މި ކޮލެޖަކީ އިލްމު ފެތުރުމުގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުންދާ ކޮލެޖެއް،" ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނީ، މާތްﷲގެ ރަހްމަތްފުޅާ އެކު ކޮލެޖުގެ އެންމެހައި ދަރިވަރުންނާއި އަލަށް ކޮލެޖާއި ގުޅުމަށް އެޕްލިކޭޝަން ފޯމް ހުށަހަލާއިވާ އެންމެހާ ދަރިވަރުންނަށް އުނގެނުމަށް ހުއްޓުމެއް ނައިސް ކޮލެޖުން ފަސްޖެހުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުކަން ވެސް ކޮށްފައިވާ އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކުރީގެ ރައީސް އިބުރާ ވަނީ، މިދިޔަ އާދިއްތަ ދުވަހު ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށްފަ އެވެ.
ފުލުހުން ބުނީ އިބުރާ އެ އިދާރާ އަށް ހާޒިރުކޮށްފައި ވަނީ، ފުލުހުންގެ މިހާރު ތަހުގީގު ކުރަމުން އަންނަ އިސްލާމްދީނާ ދެކޮޅު ވާހަކަތައް ސޯޝަލް މީިޑިއާގައި ދެއްކުމާއި އެފަދަ މީހުންނަށް އިންޒާރުދޭ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރަން ކަމަށެވެ.