ގަވައިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލައިފި

ކަފި ހުރަސް މަތީގައި ޕާކް ކޮށްފައިވާ އުޅަދުތަކެއް: ފުލުހުން މިހާރު ވަނި ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލާފަ -- ސަން ފައިލް ފޮޓޯ

ގަވައިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ފުލުހުން ހުއްޓާލައިފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވީ، ސަރުކާރުން ސްޓިކާ ނުޖެހުމަށް އަންގާފައިވާތީ، ގައިވާދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން މިހާރު ފުލުހުން ހުއްޓާލައިފާވާ ކަމަށެވެ.

ޕާކް ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ހަމީދު ވިދާޅުވީ، އުޅަނދު ޕާކްކުރެވޭނެ އެކަށީގެންވާ އިންތިޒާމްތަކެއް ހަމަޖެއްސުމާއި، އުޅަނދުތައް ރާއްޖެ އެތެރެކުމާއި ގެންގުޅުމުގެ އުސޫލުތަކުގައި މައްސަލަތަކެއް އެބަހުރިކަމަށެވެ. އަދި އެފަދަ މައްސަލަތައް ހުރުމުން ޕާކްކުރާނެ ޖާގަ ތަނަވަސްކޮށްނުދީ ފުލުހުން ނިކުމެ ސްޓިކާ ޖެހުމަކީ ގަބޫލުކުރެވޭ އުސޫލެއް ނޫންކަމަށް އެނާ ވިދާޅުވި އެވެ.

"ދައުލަތުން ޕާކްކުރެވޭނެ މަގު ފަހިކޮށްފައި އޮންނަންޖެހުމާއި، އުޅަނދު އެތެރެކުރުމާއި، ގެންގުޅުމުގެ އުސޫލުގައި މައްސަލަތައް ހުންނައިރު އަމުދުން ޕާކްކުރާނެ ޖާގަ ނުހުންނައިރު ފުލުހުން ނިކުމެ ސްޓިކާ ޖެހުމަކީ ރައްޔިތުންގެ މަސްލަހަތު ނެގެއްޓުންކަމަކަށް ގަބޫލެއް ނުކުރެވޭ،" ހަމީދު ވިދާޅުވި އެވެ.

ގަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލާފައިވާއިރު، އުޅަދުތައް ޕާކް ކުރާނެ އިތުރު ތަންތަނާއި ޕްލޭންތަކެއް ހަދަން ފަށާއިފައިވާ ކަމަށް މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތައްކުގައި ދިޔައީ ސްޓިކާ ޖަހަމުންނެވެ. ފުރަތަމަ ސްޓިކާއަށް 250 ރުފިޔާ ޖޫރިމަނާ ކުރާ އިރު ދެން ޖަހާ ކޮންމެ ސްޓީކާ އަކަށް 750 ރުފިޔާ ޖޫރިމަނާ ކުރެއެވެ.

comment ކޮމެންޓް