ލަންކާގެ ބޭރުގެ ދަރަނީގެ އެއް ބިލިއަން ޑޮލަރު ދައްކާނީ ރިޒާވުން: މަރުކަޒީ ބޭންކް

ލަންކާގެ ބޭރުގެ ދަރަނީގެ އެއް ބިލިއަން ޑޮލަރު ދައްކާނީ މަރުކަޒީ ބޭންކުގެ ރިޒާވުން -- ފޮޓޯ: ޑެއިލީމިރާ

ކޮލަމްބޯ (ޖެނުއަރީ 15): ލަންކާގެ ބޭރުގެ ދަރަނީގެ އެއް ބިލިއަން ޑޮލަރު ދައްކާނީ ގައުމުގެ ރިޒާވުން ކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އިދުރަޖިތު ކޫމަރުސުވާމީ ވިދާޅުވެއްޖެ އެވެ.

ދެހާސްއެގާރަ ވަނަ އަހަރު މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ނެގި އެއް ބިލިއަން ޑޮލަރުގެ އެލޯނު ދައްކަން ޖެހޭ އެންމެ ފަހު ތާރީހަކީ އިއްޔެ އެވެ. އަދި އިއްޔެ ކޫމަރުސުވާމީ ވަނީ ދަރަނި ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާއިން މި އަހަރު ދައްކަން ޖެހޭ ބޭރުގެ ދަރަނީގެ އަދަދު 5.9 ބިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ޑޮލަރު ދައްކަން ޖެހެނީ ފުރަތަމަ ތިން މަސް ތެރޭގަ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ލަންކާގެ ފޮރިން ރިޒާވުގައި ހުރީ 6.9 ބިލިއަން ޑޮލަރެވެ. ނަމަވެސް އޮކްޓޯބަރު މަހު އެގައުމުގެ ސިޔާސީ ހަލަބޮލިކަން ފެށުމުގެ ކުރިން ފޮރިން ރިޒާވުގައި 7.9 ބިލިއަން ޑޮލަރު ހުއްޓެވެ.

ލަންކާގެ ބޮޑުވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް، އެމަގާމަށް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރުމާ ގުޅިގެން ގައުމުގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އެރި އެވެ. އަދި އޭގެ ސަބަބުން ލަންކާ ރުޕީސްގެ އަގު ވެއްޓި، ފަތުރުވެރިކަމަށް ވެސް އޭގެ އަސަރު ކުރި އެވެ.

comment ކޮމެންޓް