ސައުދީ ކުއްޖާއަށް ކެނެޑާއިން ހޫނު މަރުހަބާއެއް ކިޔައިފި

ރަހަފް އަލް ގުނޫނަށް ކެނެޑާގެ ފޮރިން މިނިސްޓަރު މަރުހަބާ ވިދާޅުވަނީ -- ފޮޓޯ: ރޮއިޓާސް

އޮޓަވާ (ޖެނުއަރީ 13): އާއިލާއަށް ފިލައިގެން ތައިލޭންޑަށް ދިޔަ ސައުދީ އަރަބިއާގެ ރަހަފް މުހައްމަދު އަލް ގުނޫނަށް ކެނެޑާއިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރަހަފްއަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ކެނެޑާގެ ފޮރިން މިނިސްޓަރު ކްރިސްޓިއާ ފްރީލޭންޑް އެވެ. އޭނާ ވަނީ ރަހަފްއަކީ 'ވަރަށް ހިތްވަރުގަދަ' ކުއްޖެއް ކަމަށާއި އޭނާއަށް ކެނެޑާއިން ހިމާޔަތް ދިނީ އެގައުމުން "ދުނިޔޭގެ ހުރިހާ އަންހެނުންނަށްވެސް އެހީވުމަށް ގެންގުޅޭ ސިޔާސަތު"ގެ ދަށުން ކަމަށް ވިދާޅުވެފަ އެވެ.

އދ.ގެ އެދުމުގެ މަތިން ރަހަފްއަށް ކެނެޑާއިން ހިމާޔަތް ދޭން ނިންމިކަން ހުކުރު ދުވަހު އިއުލާން ކުރެއްވީ އެގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އެވެ.

ރަހަފްގެ އާއިލާއަކީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރާ ބައެއް ކަމަށް ބުނެ، އޭނާ މިމަހުގެ ފަހެއްގައި ތައިލޭންޑަށް ދިޔައީ އާއިލާއާ އެކު ކުވޭތުގައި ހުރުމަށް ފަހުގަ އެވެ. އަދި ތައިލޭންޑުން ރަހަފް އަނބުރާ ކުވޭތަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ ބޭންކޮކުން ފުރަން ދެކޮޅު ހަދައި، އޭނާގެ ތަޖުރިބާ ޓުވިޓާގައި ހިއްސާކޮށްފަ އެވެ.

އޭގެ ސަބަބުން އެތައް ހާސް މީހުން ވަނީ ރަހަފް އަނބުރާ ސައުދީއަށް ފޮނުވާ ނުލުމަށް އެދި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތައިލޭންޑުން ވަނީ ރަހަފްއަށް އެގައުމުގައި ހުރުމަށް ހުއްދަ ދީފަ އެވެ. އަދި އދ.އިން ވަނީ ރަހަފްއަކީ ރެފިއުޖީ ކަމަށް ކަނޑައަޅާފަ އެވެ.

ރަހަފްގެ ބައްޕަ ވަނީ އޭނާގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި ތައިލޭންޑަށް ގޮސް ރަހަފްއާ ބައްދަލު ކުރަން މަސައްކަތް ކުރި ނަމަވެސް، ރަހަފް ވަނީ އެކަމަށް ދެކޮޅު ހަދާފަ އެވެ.

comment ކޮމެންޓް