ޕީޕީއެމް އެއްވެސް ބެލެނިވެރިއެއް ނެތް ގޮތަށް ވައިގެ ތެރެއަށް ދޫކޮށްލާފައި ވަކި ޕާޓީއެއް ހަދައިގެން ކުރިއަށް ދާން ފުރުސަތު ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އިސްވެ ހުންނަވައި ޕީއެންސީގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ. ޕީއެންސީ އުފައްދަން މަސައްކަތް ކުރަމުންދަނީ ޕީޕީއެމްގެ ދައްކަންޖެހޭ ދަރަނިވެސް އޮއްވަ އެވެ.
އެކަމާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ޕީއެންސީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދަރަންޏަށް ޕާޓީ ދޫކޮށް އާ ޕާޓީ ހެދުމަކީ ރާއްޖޭގައި ސަގާފަތެއް ކަަމަށެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން، އިލެކްޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ ޕީޕީއެމް ދޫކޮށް ލީޑަޝިޕުން އާ ޕާޓީއެއް އުފެއްދުމުން ޕީޕީއެމްގެ ދަރަންޏާއި އެހެން ކަންކަމަށް ޒިންމާ ވާނެ ފަރާތެއް ނުހުންނާނެ ކަމަށެވެ. އެއީ އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ.
" ގާނޫނުގައި ވަކި ނުކުތާއެއް ނުވަތަ ކަމެއް ނެތް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް ލިބިފައިވާ ގާނޫނީ ޒިންމާ ތެރޭން ޖަވާބުދާރީ ކުރެވޭނެ ގޮތްތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން." ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ޕާޓީތައް ހިންގަންޖެހޭނީ އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާ ގަވައިދެއްގެ ދަށުން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެންވީމަ ގަވައިދަށް ބަދަލު ގެނެސް އެފަދަ ގޮތަކަށް ވަޔަށް ޕާޓީ ދޫކޮށް ނުލެވޭ ގޮތް ހަދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ޕީޕީއެމްއަކީ ރާއްޖޭގެ ބޮޑު އާބާދީއެއް އޮތް ސިޔާސީ ޕާޓީއެއްކަން ފާހަގަކޮށް ޝަރީފު ވިދާޅުވީ އެގޮތަށް ޕާޓީ ދޫކޮށްލަން ފުރުސަތު ނުދޭނެ ކަމަށެވެ.
ޕީޕީއެމްގެ އިސްސަފުގައި ތިބި ބައެއް ފަރާތްތަކުން މިހާރު ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ. އިއްޔެ އެ ޕާޓީ އުފައްދަން 4000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ.