އަނާލް ކުރާ ކަމެއް ބަލަން ވެގެން އިސް އުފުލާލި އިޒިއަން އަށް އަނާލް ހެދި ގޮތް ފެނި ކޮޅަށް ތެދުވެވުނެވެ. ގޮނޑިއަށް އަންނަމުން ދިޔަ ބަދަލް އާއި އެއްއަރިވަމުން ދިޔަ ގޮނޑި ފެނި އިޒިއަން އަށް އެދިމާލަށް ދުއްވައިގަނެވުނެވެ. އަތުގައި އޮތް ގަނޑުތައް މުޅިތަނަށް ވެރިގެން ދިޔަޔަސް އެއިން އެއްވެސް ކަމަކަށް އިޒިއަން އަށް ސަމާލް ކަން ދެވޭގޮތެއްނުވިއެވެ. އަނާލް އަށް ވެސް ގޮނޑި ވެއްޓެމުން ދާ ކަހަލަ އިހްސާސް ކުރެވުމާއެކު ހަޅޭއްލަވައިގަނެވުނެވެ. ދެލޯ މަރާ ފިއްތާލީ ވެއްޓޭނޭކަން ޔަގީން ވާ ހާލުގައެވެ.

އެހެންނަމަވެސް ކުއްލިއަކަށް ގޮނޑީގައި މީހަކު ހިފައްޓާލާ އިހު ހުރި ގޮތަށް ބަހައްޓާލުމާއެކު އަނާލް އަށް ލޯ ހުޅުވާލެވުނެވެ. ކަބަޑުގައި ލާފައި ހުރި ކަޅު ބިއްލޫރިތަކުގެ ފަހަތުން އިޒިއަން ފެނުމާއެކު އަނާލް އަށް ހުއްޓި ހުރެވުނީއެވެ. އޭރުވެސް އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އާދަޔާ ހިލާފަށް އޭނާގެ ނޭވާ އަވަސް ވެފައި ވެއެވެ. މީހާ ހަމައަކަށް އަޅުވަން އަނާލް މަސައްކަތް ކުރަމުން ދިޔައެވެ. އިންގޮތަށް އިންދާ އަނާލް ސިހުނީ އިޒިއަން އޭނާ އާ ދިމާލަށް ވީ ގޮތަށް ގޮނޑި އަނބުރާލުމުންނެވެ.

އަނާލް ގެ ފައި ގޮނޑީގެ ފައިލާތަނުން ނެއްޓިފައި އިން ކަން ވެސް އަނާލް އަށް އިޙްސާސް ނުވާކަހަލައެވެ. އޭނާ އަށް ބެލެނީ އިޒިއަން އާ ދިމާލަށެވެ. އެ ބެލުމުގައި ހުރި ތޫނުކަމުން އޭނާގެ ގައިން ހީބިހި ހަލުވައިލިއެވެ. ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. މީހާގެ ހަށިގަނޑު އެއްކޮށް ފިނިވެ ނޭވާ އަވަސް ވެގެން ދިޔައެވެ. އިޒިއަން ކުއްލިއަކަށް ގޮނޑިއާ ދިމާލުގައި އިށީނުމާއެކު އަނާލް އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާ އަށް އިޒިއަން ގެ އެ ގާތް ކަމުން އުނދަގޫ ވަމުން ދިޔައެވެ. ދެލޯ މަރާ ފިއްތާލީ އިޒިއަން ކުރާ ކަމެއް ނޭނގޭތީއެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު މަޑު މަޑުން އެސްފިޔަތައް ދުރުކޮށްލާ އޭނާ ދެލޯ ހުޅުވާލިއެވެ. އެއާއެކު އަނާލްއަށް ފެނުނީ އިޒިއަން އޭނާގެ ފައިގައި ހިފާ ގޮނޑީގެ ފައިލާ ތަނުގައި ރީތިކޮށް ބޭންދިތަނެވެ.

އަނާލް ގެ ފައިގައި ހިފާ އުފުއްލާލި އިޒިއަން ގެ ލޮލުގައި އަނާލް ގެ ފައިގައި އިން ބޮޑު ލަކުނު އަޅައިގަތެވެ. ދިގު ދިގަށް ހަލާކުވެފައި އިން އެ ލަކުނު ފެނުމާއެކު އޭނާ އަށް ލޯ މަރާލެވުނެވެ. ހީވާގޮތުން އެއީ ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ތަނެކެވެ. އިޒިއަން ތުންފަތުގައި ދަތް އަޅާލަމުން އަނާލް އަށް ބަލާލިއެވެ. "ތެންކިޔު....." އަނާލް އިޒިއަން އަށް ބަލަން ހުރެ އެހެން ބުނެލުމަށްފަހު ފަހަތަށް ގޮނޑި ދުއްވާލިއެވެ. އެހެންނަމަވެސް ސިހުނީ ކުއްލިއަކަށް އިޒިއަން ހިފެއްޓުމުންނެވެ. "ކެއާރފުލް....." ކަބަޑުގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުރި އަނާލް އަށް ވީ ގޮތް ނަގައިގަނެވުނެވެ.

އޭނާ އަވަސް އަވަހަށް އިޒިއަން އާ ދުރަށް ގޮނޑި ދުއްވާލިއެވެ. އަނާލް ދިޔަ ދިމާލަށް ބަލަން ހުރި އިޒިއަން ވެސް މިފަހަރު އަނާލް ފަހަތުން ދާ ޚިޔާލެއް ނުކުރިއެވެ. އަނާލް ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުމާއެކު އިޒިއަން އަށް އަނާލް އަށް ބަލަން ހުރެވުނުވެ. އެހެން ހުރެފައި އޭނާ އައިސް ކުރިން އިން ތަނުގައި އިށީނެވެ. ވިސްނުމަކަށް ގެއްލިފައި އިން ކަހަލަ ގޮތަކަށް އިޒިއަން އަށް ވެސް އިނދެވުނީއެވެ. އިރުކޮޅަކު އެހެން ހުރެލާފައި އަނާލް އައި އިރު އެ މޫނުމަތިން ހަމަޖެހުމުގެ އަސަރުތައް ފެންނަމުން ދިޔައެވެ.

"ސޮރީ....." އަނާލް ބުނެލިއެވެ. އޭރު އޭނާ ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ފެނުނު އަސަރުތައް އެ މޫނުމަތިން ފޮރުވާލާ ފައިވާލެއް ނުހަނު ކުޅަދާނައެވެ.

"ސޮރީ....." އިޒިއަން ވެސް ދެމާނަ އެކުލެވޭ ގޮތަކަށް މާޢާފަށް އެދުނެވެ. އަނާލް ހިނިތުންވެލާ އެއީ އެވަރުކަމެއް ނޫނޭ ބުނެލިއިރު އަދިވެސް ހިސާބެއްގެ މާޔޫސް ކަމެއް އޭނާގެ އަޑުގައި ވިއެވެ.

އެދުވަހުގެ މަސައްކަތްތައް ނިންމާލުމަށް ފަހު އިޒިއަން އަނާލްއާ ވަކިވީ މާދަމާވެސް ބައްދަލުވުން ބާއްވަން ތާވަލް ކޮށްފައެވެ. އަނާލް ބަލާ ޝާހީން ކާރުގައި އައުމާއެކު އޭނާ ގެއަށް ދާން މިސްރާބުޖެހިއެވެ. ކާރުގެ ސީޓުގައި ލެނގިލައިގެން އިން އަނާލް އިނީ ދެލޯ މަރާލައިގެންނެވެ. ހީވާގޮތުން އޭނާގެ ސިކުނޑީގައި އޭރު ބައިވަރު އެއްޗެހި ދައުރުވަމުން ދަނީއެވެ.

"ނާލް... އެބަ ޖެހޭ ވާހަކައެއް ދައްކަން..." ޝާހީން ވާހަކަ ދައްކަމުން އަނާލް ގެ ސަމާލުކަން އަތުލިއެވެ.

"ޔާ ކީކޭ ކުޑަބޭ....." އަނާލް ލޯ ހުޅުވާލަމުން ޝާހީން އަށް ބަލާލިއެވެ.

"ނާލް..... " ދެވަނަ ފަހަރަށް ވެސް އަނާލްއަށް ގޮވާލުން ފިޔަވާ އިތުރު ކަމެއް ޝާހީން އަށް ނުކުރެވުނީ އޭނާ ބުނާ ވާހަކައިން އަނާލް އަށް އަންނާނީ ކޮންފަދަ ބަދަލެއްކަން ނޭނގޭތީއެވެ.

"ބުނެބަލަ ދެން....." އަނާލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ވައި ޑޯންޓް ޔޫ ސްޓާރޓް ދި ޓްރީޓްމެންޓް އެގެއިން....." ބުނަން ނުބުނަން އިނދެފައި ޝާހީން ވާހަކަ ދެއްކުމާއެކު އަނާލް ގެ ދެ ބުމަ ކުޑަކޮށް ކައިރިވެލިތަން ފެނުނެވެ. މޫނުމަތިން ހިސާބެއްގެ ހިންހަމަ ނުޖެހުމަކާއި ނުތަނަވަސްކަމެއް ފެނިގެން ދިޔައެވެ.

"އެ ކީކުރަން....." އަނާލް ފަރުވާ ކުޑަގޮތަކަށް ބުނެލި ކަމުގައި ވިނަމަވެސް އޭނާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ރިހުމެއް ވިއެވެ.

"ނާލް... އެއީ ނާލް ގެ ބެޓާރމެންޓަކަށް... ނާލް އަށް ފަސޭހައަކަށް....." ޝާހީން އަނާލްއާ ވަހަކަދައްކާ ވިސްނައިދޭން މަސައްކަތް ކުރިއެވެ. އަނާލް އެއްވެސް އެއްޗެއް ނުބުނުމާއެކު ޝާހީން ވެސް އިތުރަށް އެވާހަކަ ނުދެއްކީ އޭނާ އާއި ދޮންބެ ރަކީން އާއި ރާވާފައިވާ ގޮތަކަށް އައްމާރު އާ ވާހަކަ ދެއްކުމަށެވެ. ގެއާ ހިސާބަށް ދެވެން ދެންވެސް ކާރު ތެރޭގައި އޮތީ މަރުފަދަ ހިމޭން ކަމެކެވެ.

ގެއަށް ދިޔުމާއެކު އަނާލް ކާރުން ބާލާ ގޮނޑިއަށް އެރުމަށް އެހީތެރިވެދޭން މަޒާޔާ އައެވެ. ގޮނޑިއަށް އަނާލް އެރުވުމާއެކު އޭނާ ލަސް ނުކޮށް ގޮނޑި ދުއްވާލިއެވެ.

"ކިހިނެތް ވީ ނާލް އަށް....." މަޒާޔާ އަށް ޝާހީން އާ ސުވާލުކޮށްލެވުނެވެ. ޝާހީން ވީ ގޮތް ކިޔައި ދިނުމާއެކު މަޒާޔާ ފުން ނޭވާއަކާއެކު އަނާލް ދިޔަ ދިމާލަށް ބަލާލިއެވެ.

"މަންމަ ބައްޕަ އާ ވެސް ވާހަކަ ދައްކާލާނަން... ނާލް މި ވަގުތު ދެރަވީ ކަމަށް ވާނީ... އެންމެން ވެސް އުފާކުރަން ޖެހޭނެ މިހާރު އެވަރަށް ވެސް ނާލް ހިނިތުންވާތީ... ނާލް ހިތް ވަރާއެކު ކުރިއަށް ދާން މަސައްކަތް ކުރާތީ... ނާލް އާ ދިމާލަށް ކިތަންމެ ކުޑަ އެއްޗެއް ބުންޏަސް އަދިވެސް މާ ބޮޑަށް ޖަޒުބާތީ ވަނީ... އިންޝާ ﷲ އަދި އެކަން ވެސް ރަނގަޅުވާނެ... މަންމަ ގެ ނާލް ގެ ގައިގަ އެހާ ހިތް ވަރު ހުންނާނެ....." މަޒާޔާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ ލޯ ވެސް ދިޔައީ ތާޒާ ކަރުނައިން ފުރެމުންނެވެ. ޝާހީން ގެ މޫނުމަތިންވެސް ހިތްދަތިކަން ފެނިގެން ދިޔައެވެ. މަންމަ ގެ ގާތަށް ޖެހިލާ މަންމަ އަށްބަލާލާ ބޯ ޖަހާލީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ބުނަމުންނެވެ.

މަޒާޔާ ކަރުނަތައް ފޮހެމުން ފުންނޭވާއެއް ދޫކޮށްލިއެވެ. މޭގައި އަތް އަޅާލާ ހެއްދެވި ފަރާތަށް ދުޢާ ކުރެވުނީ ހެޔޮ ހާލުގައި އަނާލް ލެއްވުމަށެވެ.

*****

ރޭގަނޑުގެ ވަގުތެވެ. އައްމާރު އާއި ފަހީމް އާއި ދެމީހުން ތިބީ ފަހީމް ގެ ކެބިންގައެވެ. ކެބިންގެ ތަނަވަސްކަމާއި މުއްސަނދިކަން ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައެވެ. އައްމާރު އަކީވެސް ރާއްޖޭގެ ބޮޑު މުއްސަންޖެކެވެ. ގެއާއި އޮފީހަކީވެސް ތަނަވަސް ދެތަނެވެ. އެހެންނަމަވެސް ސްޓާރ ހޯލްޑާރސް ގެ އޮފީސް އެމީހުންގެ އޮފީހަށް ވުރެވެސް ތަނަވަސް ވެފައި ބޮޑެވެ. ސޯފާތަކުގެ އެއްފަރާތުގައި ހުރި ވަށް މޭޒެއްގެ ދޮށުގައި ދެމީހުން ވާހަކަ ދައްކަން ތިބިއިރު މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.

"ވަރަށް އުފާވެއްޖެ މިކަމަށް ތި އާއިލާގެ ފަރާތުން އެހީތެރިކަން ދިނީމަ... ރިހެބިލިޓޭޝަން އާއި ކައުންސެލިން އާއި ސައިކޭޓްރީގެ މައްސަލަތަކާއި އަދިވެސް ފިޒިއޯތެރަޕީގެ ހިދުމަތް ފުޅާކުރުމަށް އަޅުގަނޑާއެކު އެއްބާރުލުން ދިނީތީ....." އައްމާރު ޝުކުރު އަދާކުރިއެވެ.

"އަސްލު މި މަސައްކަތް ކުރަން ނިންމާ ބައިވެރިވާނެ ބަޔަކު ހޯދަން އިއުލާން ކުރި ފަހުން ވެސް ރަނގަޅު ހުށައެޅުމެއް ނައި... މިހާ ތަނަށް ރާއްޖޭގައި މިފަދަ ގޮތަކަށް ހިންގާ އެންމެ ފުރަތަމަ މަސައްކަތް ވީމަ ހަމަގައިމުވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާނެ. މުވައްޒަފުން ތަމްރީނު ކުރުމަށް ވެސް އެތަކެއް ހަރަދެއް ދާނެ... އަދިވެސް އެއްފަހަރު ޝުކުރު އަދާކުރަން އަޅުގަނޑުމެން ފޮނުވާލި ނޯޓިސްއަކަށް އެހާ އަވަސް މުއްދަތެއްގައި ޖަވާބު ދީ އެއްބާރުލުން ދިނީތީ....." އައްމާރު އަނެއްކާވެސް ޝުކުރު އަދާކުރިއެވެ.

އަނާލް ފުރަތަމަ މި ފަދަ މަސައްކަތެއްގެ ވާހަކަ ދެއްކުމާއެކު މިފަދަ ކަމެއް ކުރަން ޕާރޓްނަރޝިޕް ހަދަން އެމީހުން އިއުލާން ވެސް ކުރިއެވެ. އެހެންނަމަވެސް ޕޮރޮޖެކްޓް ގެ ބިޔަ ކަމާއި ދާނެ ހަރަދަށް ބަލާ ރާއްޖޭން އެއްވެސް ބަޔަކު އެމީހުންނާ ބައިވެރި އެއްނުވިއެވެ.

އައްމާރު އެކި ތަންތަނަށް ގުޅާ ހޯދި މައުލޫމާތުގެ އަލީގައި މި މަސައްކަތުގައި އެއްބާރުލުން ދޭތޯ ފަހީމްމެނަށް ސިޓީ ފޮނުވީ މަސައްކަތުގެ ތަފްސީލާ އެކުގައެވެ. މެއިލް ފޮނުވިތާ ހަފްތާއެއް ވެސް ނުވަނީސް ފަހީމް ގެ ޖަވާބު ލިބިގެން ދިޔައެވެ. ރާއްޖޭން ބޭރުގައި އިގިރޭސިވިލާތުގައި ފަހީމްގެ ބޮޑު ހޮސްޕިޓަލެއް ހުންނަ އިރު އެތަނަކީ ފުނިޔޭގެ އެކި ހިސާބުތަކުން މީހުން ޑޮކްޓަރަށް ދައްކަން ގޮސް އުޅޭ ހޮސްޕިޓަލެލެވެ. ކޮންމެ ޑިޕާރޓްމެންޓެއްވެސް އެހާ ފުޅަލެވެ. ސައިކޮލޮޖީއާއި ސައިކޭޓްރީގެ ހިދުމަތް ވެސް ވަރަށް ފުޅާދާއިރާއެއްގައި އެ ހޮސްޕިޓަލް ގައި ދެމުން ގެންދާއިރު ކައުންސެލިން އާއި ޑްރަގް ގެ އަވައިގައި ޖެހިފައި ތިބޭ މީހުންނަށް ވެސް ފަރުވާ ކުރަމުން ގެންދެއެވެ. އައްމާރު ފަހީމް ގެ ގާތުން އެހީތެރިކަމަށް އެދުނު އެންމެ ބޮޑު ސަބަބަކީ އެއީއެވެ.

އައްމާރު މީޓިން ނިންމާލާފައި ގެއަށް ގޮސް ވަތް އިރު ގޭތެރޭގައި އާދަޔާހިލާފް ހަމަހިމޭންކަމެއް ރަސްކަން ކުރަމުން ދިޔައެވެ. އޭނާ ގެ މިސްރާބުހުރީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ.

"މަޒާ ކިހިނެތް ވެފަ ތި އޮތީ ހާދަ ފިކުރު ބޮޑުވެފަ؟" އައްމާރު ކޮޓަރިއަށް ވަންނަމުން މަޒާޔާ އާ ވާހަކަ ދެއްކިއެވެ. ހިޔާލަށް ގެއްލިފައި އޮތް ލެއް ބޮޑުކަމުން ދޮރުހުޅުވާލިއިރުވެސް މަޒާޔާ އަށް ރޭކާ ނުލިއެވެ. އޭނާ ސިހުނީ އައްމާރު ވާހަކަ ދެއްކި އަޑަށެވެ. އެނދުން ތެދުވަމުން އޭނާ އެނދުގެ އެއް އަރިއަކަށް ވާގޮތަށް އިށީނެވެ. އައްމާރުވެސް އައިސް މަޒާޔާ ގާތު އިށީނެވެ.

"ނާލް އާ ދޭތެރޭ ވިސްނެނީ....." މަޒާޔާ ބުނެލިއެވެ. އެ އަޑުގައިވި މާޔޫސްކަން އައްމާރު އަށް ވެސް ނަގައިގަނެވުނެވެ.

"ޑޯންޓް ވޮރީ... ނާލް އަދި އެއްކޮށް ނޯމަލް ވާނެ... އެއްކޮށް ރަނގަޅުވާނެ... ޝީ ޖަސްޓް ނީޑްސް އަވަރ ސަޕޯޓް..." އައްމާރު އޭނާގެ ލޯބިވާ އަނބިމީހާ އަށް ހިތްވަރު ދިނެވެ. އަދި މަޒާޔާގެ އަތުގައި ހިފާ އެއަތަށް ބާރުކޮށްލިއެވެ. މަޒާޔާ އައްމާރު އާ ދިމާލަށް ބަލާލަމުން ހިނިތުންވާން މަސައްކަތް ކުރިނަމަވެސް އެކަން އޭނާ އަށް ކާމިޔާބު ނުވީ ކަރުނަތައް ދެ ލޮލުން އޮހޮރެން ފެށުމުންނެވެ. " ކީއްވެތަ އެހެން ވާންވީ..." މަޒާޔާ އަށް ބުނެވުނެވެ.

"މަޒާޔާ ހިތްވަރު ކުރަން ވާނެއެއްނު!... މަޒާ ތިހާ ބަލިކަށި ވީމަ ކާކުތަ އަހަރެމެންގެ ނާލް އަށް އެހީތެރިވާނީ... ހިތްވަރު ދޭން ހުންނާނީ... ނާލް އަދިވެސް އަހަރެމެން އެންމެންގެ އެހީތެރިކަން ކުރިއެކޭ އެއްގޮތަށް ބޭނުންވޭ... މިހާރު ވެސް ނާލް ފެނި އަހަރެން ފަޚުރު ވެރިވޭ... މިހާރު ފަށައިގެން މިއުޅޭ މަސައްކަތް ވެސް އެންމެ ފުރިހަމަ ވާން ބޭނުންވަނީ ނާލް އަށް ޓަކާ... ނާލް ގެ ތުންފަތް މަތިން ކުޑަ ނަމަވެސް ހިނިތުންވުމެއް ދުށުމަށްޓަކާ ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް އަހަރެން ވާނަން... ހަމަގައިމުވެސް ނާލް ގެ ގާތުގަ އަބަދުވެސް އަހަރެން ހުންނާނަން... އިންޝާ ﷲ... ދެވަނަ ފަހަރަށް އެ ހިތާމަ ނާލް އަށް ކުރާކަށް ނުޖެހޭނެ..." އައްމާރު ބުނެލިއެވެ. ދައްކަން ފެށުނު ވާހަކަ އަކުން އޭނާ ވެސް ޖަޒުބާތުގެ އޮއިވަރުގައި ޖެހި ހިތްދަތި ވެއްޖެއެވެ.

*****

އަނާލް އެނދުގައި ރީތިކޮށް ބޭއްވުމަށް ފަހު ދީމް ހިންދެމިލިއެވެ. އަދި އަނާލް ގެ ފައި ކޮޅުގައި ރަޖާ އަޅާލަ ދިނެވެ.

"ނާލް ކޮން ވިސްނުމަކަށް ގެއްލިފަ؟" ދީމް ސުވާލުކޮށްލިއެވެ. އެއާއެކު އަނާލް ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ ދީމް އަށް މަޑު މަޑުން ގޮވާލިއެވެ.

"ކީކޭ ނާލް؟" ދީމް ވަގުތުން އޭނާގެ ސަމާލް ކަން އަނާލް އަށް އަނބުރާލިއެވެ.

"އަހަރެން އަލުން ފަރުވާ ފަށަން ވީތަ؟" އަނާލް ދީމް އަށް ބަލަން އިނީ ޖަވާބެއް ބޭނުންވެފައި އިންފަދަ ގޮތަކަށެވެ.

"މި ބުނީ ޑޮކްޓަރ ރަމްޔާ ގާތުން އަލުން ޝެޝަން ތައް ނަގަން ފަށަންވީހޭ؟..." ދީމް ސުވާލުގެ ނަޒަރަކުން ބަލަން ހުންނަން ފެށުމުން އަނާލް ތަފްސީލް ކޮށްލަދިނެވެ.

"ނާލް... ވީ އޯލް އާރ ވިތް ޔޫ އިން ދިސް.... ވީ ވިލް އޯލްވޭޒް ބީ ދެއަރ ފޯރ ޔޫ... ނޯ މެޓާރ ވަޓް ހެޕެންސް... އިންޝާ ﷲ....." ދީމް ވާހަކަ ފެށީ އަނާލް އަށް ހިތްވަރު ދެމުންނެވެ.

"ނާލް ބޭނުން ވެގެން ހުއްޓާލީ..... ނާލް ގެ ޑޭޑް ވެސް، ދޮންބެވެސް އަދި މީގެ އިތުރުން ފެމެލީ އެއްވެސް މީހެއް ބޭނުމެއް ނުވި އެކަން ނާލް އަދި ހުއްޓާލާކަށް..... އެކަމަކު ނާލް ބޭނުންވެގެން ބުނީމަ ނާލް އިތުރަށް އެކަންތައް ކުރިއަށް ގެންދަން ބޭނުންނުވީމަ އަންކަލް ވެސް އަޅާނުލީ... އެކަމަކު މިހާރު އަނެއްކާ ނާލް ސަކަރާތް ވާކަން އެންމެނަށް ވެސް ފާހަގަ ކުރެވޭ... އެންމެން ވެސް ބޭނުންވަނީ ނާލް ގެ އުފާވެރިކަން... އެކަކުވެސް ބޭނުމެއް ނުވޭ ނާލް ކުރިން ހުރި ހާލަށް ވެއްޓޭކަށް..." ދީމް އަނާލް ގެ ގާތުގައި އިށީނދެ އެ އަތުގައި ހިފާލިއެވެ. އެއާއެކު އަނާލް ބޯ ޖަހާލިއެވެ. އޭނާ ދީމް އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

*****

އަނެއްދުވަހު ހެނދުނުގެ ވަގުތުގައި އިޒިއަން އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. ބައްޕަ އާއެކު އޮފީހުގައި އުޅެފައި އިޒިއަން ގްރޭންޑް ކޮންޕެނީގެ އޮފީހަށް ދިޔައީ މިއަދަކީ އޭނާ އާއި އަނާލް ހޮސްޕިޓަލް ގެ އިސްފަރާތްތަކާ އެމީހުންނަށް އެކަމުގައި އެހީތެރިވާ ހުރިހާ ޑިޕާރޓްމެންޓް ތަކެއްގެ އިސްވެރިންނާ ބައްދަލުކުރާ ދުވަހަށް ވީމައެވެ. ހޮސްޕިޓަލަށް ވަދެގެން އިޒިއަން ދިޔައިރު އޭނާ އާއި ދާދި އެއްވަރަކަށް އަނާލް ވެސް ގޮނޑި ދުއްވަމުން ދިޔައެވެ. އެތަނުގައި ތިބި ގިނަ މުވައްޒަފުންނާއި ބަލިމީހުންގެ ނަޒަރު ވެސް އެމީހުންނަށް ހުއްޓިގެން ދިޔައެވެ. އިޒިއަން އާއި އަނާލް ގެ އިތުރުން އަދިވެސް ދެމީހަކު ތިއްބެވެ. ހޮސްޕިޓަލުން އެމީހުންނަށް މަރުހަބާ ކީ އެތަނުގެ މީޑިއާ ޑިޕާރޓްމެންޓް ގެ އިސްވެރިޔާ އެވެ.

ތަނުގެ ބޮޑެތި މީހުންނާއެކު މަޝްވަރާތަށް ކުރެވުމަށް ފަހު އިޒިއަން އާއި އަނާލް ގެ މައިގަނޑު މަސައްކަތަކަށް ވީ އެ ޕްރޮޖެކްޓާ ބެހޭގޮތުން ޑިޕާރޓްމެންޓްތަކުގެ އިސްވެރިންނާ ވަކިން ބައްދަލުކުރުމެވެ. އެގޮތުން އެތަނުގެ މީޓިން ރޫމްގައި އެ ޕޮރޮޖެކްޓްގެ ކުޑަ ތައާރަފެއް އަނާލް ދިނެވެ.

އަނާލް ގެ އިޝާރާތާއެކު އިޒިއަން ޕްރޮޖެކްޓަރ ހުޅުވާލާ ޕްރެސެންޓޭޝަން ފެށިއެވެ.

"އެ ގޮތުން މި ކޮންސެޕްޓަކީ އަޅުގަނޑުމެން ވަރަށް ވިސްނުމަށް ފަހު ނިންމާފައިވާ ކޮންސެޕްޓެއް... މިތަން ވެގެން ދާނީ މުޅި އޭޝިއާ ސަރަހައްދުގައިވެސް ފާހަގަ ކޮށްލެވޭ ތަނަކަށް ކަން ޔަގީން..." ވާހަކަ ނިންމާލުމުގެ ކުރިން އިޒިއަން ބުނެލިއެވެ. ޕްރެސެންޓޭޝަން ދައްކާ ނިމުމާއެކު އެންމެންގެ އަތް ތިލަ ބަޑިން އެތަން ގުގުމައިގެން ދިޔައެވެ. އަނާލް ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު އޭނާގެ ދެލޯ ފެންކަޅި ވެގެން ދިޔައީ އުފަލުންނެވެ. އިޒިއަން އަށް ޝުކުރުވެރި ބެލުމަކުންބަލަން އިން އަނާލް ތުންފަތުގައި ދަތް އަޅާލިއެވެ. އިޒިއަން ބޯ ޖަހާލަމުން ރައްދުގައި ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

މީޓިން ނިމި އެންމެން އެތަނުން ނުކުންނަން ދިޔައީ ސަލާމްކޮށް ހަދާފައެވެ. އިޒިއަން އަށް ފޯނެއް އައުމާއެކު އޭނާ އެތަނުން ނުކުތް އިރު އެތަނުގައި ތިބީ އަނާލް އާއި ރަމްޔާ އެކަންޏެވެ. ރަމްޔާ އަކީ އެތަނުގެ ސައިކޭޓްރީ ޑިޕާރޓްމެންޓް ގެ އެކްޓިން އެޗް.އޯ.ޑީ އެވެ. "ނާލް... އައި އެމް ޕްރައުޑް އޮފް ޔޫ....." ރަމްޔާ އަށް ބުނެވުނެވެ. ފާއިތުވެގެން މި ދިޔަ އަހަރުތަކުގައި އަނާލް ގެ ޑޮކްޓަރެއްގެ ގޮތުގައި ހުރެ އޭނާ ނަގައިދިން ޝެޝަން ތަކުން ހަމަ ގައިމުވެސް އަނާލް އަށް ބޮޑު އަސަރެއް ކޮށްފިތާއެވެ.

މީހަކާ ދިމާލަށް އިސްއުފުލާލާ ބަލާލަން ނުކެރޭ އަނާލް މިއަދު އެ ނުކުންނަނީ މުޖްތަމަޢުއަށް ފައިދާ ވާނޭފަދަ ބޮޑު މަސައްކަތެއް ކުރުމަށެވެ. ޑިޕްރެޝަން އާއި އެންޒައިޓީ އަދި ތަފާތު ގިނަ ސައިކޮލޮޖިކަލް މައްސަލަ ތަކެއްގެ ޝިކާރަކަށް ވެ މުޅި ދިރިއުޅުން އެ އަނދިރިކަމުގައި ވީ އަނާލް މިއަދު އެ ނުކުންނަނީ އޭނާގެ ހަޔާތުން ލިބުނު ފިލާވަޅުތަކާ ލިބުނު ހިތްވަރު ގެ އަލީގައި އެތައް ބަޔެއްގެ މުސްތަޤްބަލް އުޖާލާ ކޮށްދޭށެވެ. ރަމްޔާގެ ތުންފަތް މަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ.

"ތެންކިޔު ޑޮކްޓަރ ރަމްޔާ..." އަނާލް ބުނެލިއެވެ. ރަމްޔާ ހިނިތުންވެލިއެވެ.

"ހާދަ ދުރު ކޮށްލީ ކުއްލިއަކަށް... ވަރަށް އުފާވެއްޖެ ހަޤީގަތުގައިވެސް... އެއީ ތަ މި މަސައްކަތުގައި ނާލް އާއެކު ބައިވެރިވާ ކުއްޖަކީ؟ " ރަމްޔާ ބޭރު ދޮރާ ދިމާލަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

"ޔެސް" އަނާލް ވާހަކަ ދެއްކިއެވެ.

"ރަމް..." އަނާލް ހާސްކަން އެކުލެވިގެންވީ އަޑަކުން ރަމްޔާ އަށް ގޮވާލިއެވެ. "ޔާ" ރަމްޔާ އަނާލް އަށް އަށް ސަމާލުކަން ދިނެވެ.

"އައި ވޯންޓު ސްޓާރޓް މައި ސެޝަންސް އެގެއިން... ހީވަނީ އަނެއްކާ ވެސް މާ ބޮޑަށް ސަކަރާތް ވަނީހެން... މިހާރު އަނެއްކާ ރޭގަނޑުވެސް ނުނިދޭ... ހޭލާ އޮވެވެނީ... ނިދިވެސް ނާދޭ... ކުރިއާ ހިލާފަށް އެ ހަނދާން ތައް އާވަނީ... މާ ބޮޑަށް ބިރުގަންނަނީ..." އަނާލް ބުނެލިއެވެ.

"ޑޯންޓް ވޮރީ" ރަމްޔާ ބުނެލިއެވެ.

"އެ ކީއްވެތަ؟....." އަނާލް އަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ. އޭނާގެ އަރު ބެދޭ ގޮތް ވިއެވެ. އިސްޖަހާލެވުނެވެ. "ނާލް... ވަޓް ހެޕެންޑް... އަނެއްކާ ސަކަރާތް ވާން ކަމެއް ދިމާވީތަ؟" ރަމްޔާ އަހާލީ އޯގާތެރިކަމާއެކުގައެވެ.

"ނޫން... ނޭނގެ ކީއްވެ ކަމެއް... އަނެއްކާ ވެސް އެކަން މަތިން މާ ބޮޑަށް ހަނދާން ވަނީ... އެކަމަކު ހަނދާން ކުރާކަށް ބޭނުމެއްވެސް ނޫން..." ގޮތް ހުސްވެފައިވާ މީހެއް ފަދައިން އަނާލް ވާހަކަ ދެއްކިއެވެ.

"އަހަރެން ނަކަށް ނޭނގެ ރަމް... ވަރަށް ވަރަށް ވަރަށް ދެރަވޭ..... މުޅި އާއިލާ އެ ތިބީ ނާލް އާއެކު ކަން އެނގޭ އެކަމަކުވެސް އެއިން އެއްވެސް ކަމެއް ހަނދާން ނައްތާލުމަކީ ފަސޭހަ ކަމެއްނޫން....." އަނާލް ވާހަކަ ދެއްކިއިރު އޭނާގެ އަޑު އައީ ކެނޑެމުން ކެނޑެމުން ކަހަލަ ގޮތަކަށެވެ.

"ނާލް އަށް މާ ބޮޑަށް އުނދަގޫ ވަންޏާ ބޭހެއްވެސް ފަށަން ޖެހިދާނެ..... އެކަމަކު ރަނގަޅުވިފަހުން އެވަރު ވެފަ ހުރި ކަމަކަށް ނުފެނޭ..... އިހަށް ޝެޝަން ތައް ނަގައިގެން ބަލަމާ ދެން ވާނެ ގޮތެއް! ޔޫ އާރ ބްރޭވް ނާލް!..... ސޯ ބްރޭވް!..... އެހެންނޫން ނަމަ ނާލް އެއް މިއަދު މިތަނުގައި ނިއިނީމުސް... އައި އެމް ޕްރައުޑް އޮފް ޔޫ" ރަމްޔާ އަނާލް އާއި ގާތަށް ގޮނޑިއެއް ދަމާލަމުން އިށީނެވެ. އަނާލް ހިނިތުންވާން މަސައްކަތް ކުރިއަސް އެކަން ކާމިޔާބް ވާގޮތެއް ނުވިއެވެ.

"ޑޯންޓް ވޮރީ އިނގޭ" ރަމްޔާ ދެންވެސް އަނާލް އަށް ހިތްވަރު ދިނެވެ. ދެމީހުން ސިހުނީ ދޮރު ހުޅުވާލާފައި ވަތް އިޒިއަން ފެނުމުންނެވެ.

ފޯން ކޯލް ނިންމާލާފައި އެތެރެއަށް ވަތް އިޒިއަން ގެ ލޮލުގައި އަނާލް ކަރުނަތަށް ފޮހެލި ތަން އަޅައިގަތެވެ. އޭނާ ގެ ހިތަށް ބަޔާން ކުރަން ދަތި އަސަރުތަކެއް ވެރިވެ ގަތުމާއެކު މޫނުމައްޗަށް ހިތާމަވެރިކަމުގެ ކުލަވަރު އެރިއެވެ. އެހެންނަމަވެސް ވީހާވެސް އަވަހަކަށް އެ އަސަރުތައް ފުހެލަމުން އޭނާ ހިނިތުންވާން މަސައްކަތް ކުރިއެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުމުގައި ކާބިޔާބު ހޯދި އިޒިއަން އެ ދިމާލަށް ލަސް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ.

"އޯކޭ ނާލް! ނީޑް ޓް ގޯ ނައު....." ރަމްޔާ ފޯނަށް ނަޒަރު ހުއްޓާލަމުން އެހެން ބުނެލިއެވެ. އަދި އަނެއްފަހަރު އަނާލް އަށް ބަލާލަމުން ބޯ ޖަހާލީ އަދިވެސް ހުރިހާ ކަމެއް ރަނގަޅުވާނޭ ބުނަމުންނެވެ. ރަމްޔާ ނުކުތް ދިމާލަށް އިޒިއަން ބަލަން ހުއްޓެވެ. އޭނާ އަނާލް ގެ މޫނަށް ބަލާލިއެވެ. ހިނިތުންވެގެން އިންނަމަވެސް ހިތްދަތި އަސަރުތައް އެ މޫނުމަތިން ފެނުނެވެ. އިޒިއަން އަށް ދެބުމަ ގާތް ކޮށްލެވުނެވެ. އަނާލް ގެ މޫނުމަތީގައި ވިއަސަރުތައް ދެނެގަންނަން މަސައްކަތް ކުރާ ފަދައެވެ.

"ލެޓްސް ގޯ!..." އަނާލް ދޮރާ ދިމާލަށް ގޮނޑި ދުއްވާލިއެވެ.

އާއްމުކޮށް އޭނާ އާއެކު އުޅޭ ޒައުނާ މިއަދު ނެތީ އޭނާ ގެ މާމަ ބަލިވެގެން އޮފް ނެގީމައެވެ. އެހެންނޫން ނަމަ އަނާލް ދާ ކޮންމެ ތަނަކަށް ޒައުނާ ދާނެއެވެ. އަނާލް ދޮރާ ހިސާބަށް އަރާ ހަމަވުމާއެކު އެ ދޮރު އޮޓޯއިން ހުޅުވިގެން ދިޔައެވެ. އޭނާ ބޭރަށް ނުކުތް އިރު އެ ހޯލްވޭ ގައި އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ހިސާބެއްގެ ބިރުވެރިކަމެއް ހިތަށް ވެރިވެގެން ދިޔުމާއެކު މޫނުމައްޗަށް އަންނަމުން ދިޔަ ކުލަވަރު ފަނޑުކޮށްލެވޭ ގޮތެއްނުވިއެވެ. މީހާ ހަމަޖެހެމުން އޭނާ ގޮނޑި ދުއްވާލިއިރު އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް އިޒިއަން ވެސް ހިނގައިގަތެވެ. އިޒިއަން ހުރީ އަނާލް ގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެއެވެ. އަނާލް ގެ ސިއްރުވެރިކަން މިވީ ދެދުވަހެއްގެ ތެރޭގައި އޭނަ އަށް ވަނީ ރަނގަޅަށް ފެނިފައެވެ.

އެދުވަހު އަނާލް އާއެކު ކުރަން ހުރި މަސައްކަތް ތައް ކޮށްލާފައި އައި އިޒިއަން ގެއަށް ގޮސް ވަނެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް ގޭގެ ޚާދިމުންތައް އަތްމަތި އަވަސް ކޮށްލާފައި އުޅޭތަން ފެނެއެވެ.

"އާންޓީ... ކިހިނެތް މި ވަނީ" އިޒިއަން އެގޭގައި ގެންގުޅޭ ޚާދިމުންގެ އިސްމީހާ އަށް ގޮވާލަމުން ވާހަކަ ދެއްކިއެވެ. އޮލީވިއާ އަކީ ފެށުނީއްސުރެ އެމީހުންނާއެކު މަސައްކަތް ކުރާ މީހަކަށް ވުމާއެކު އިޒިއަން މެން ކުޑައިރުވެސްއެގޭގައި އޭނާ މަސައްކަތް ކުރިއެވެ. އެގޭގެ އެހެން މީހުންނާ ހިލާފަށް އޮލީވިއާ އާ އޮންނަ ގުޅުން ބޮޑެވެ. އޭނާ އާއި ކުޑަ އަށް ތިބޭ ހުރިހާ ކުދިންވެސް އޮލީވިއާ އާ މުޚާތަބް ކުރަނީ އާންޓީގެ ނަމުންނެވެ. އޮލީވިއާގެ އުމުރުން ސާޅީހަކަށް އަހަރު ވާން ގާތް ވެފައި ވާއިރު ބަލާބެލުމަށް އަދިވެސް ފަންސަވީސް އަހަރުގެ ކުއްޖެއް ހެން ހީވެއެވެ. އޭނާގެ ރާޅުބާނީ އިސްތަށިގަނޑު ބްލޮންޑް ކުލައިގައި ހުރި އިރު ރާއްޖޭގެ ކުދިންނާ ހިލާފް ދޮނެއް ގައިގައި ވެއެވެ. ހަންގަނޑުން މަޑު ރަތް ކަމެއް ފާޅުވާން ހުއްޓެވެ. ގިނަ އިރު މަސައްކަތުގައި އުޅުމުގެ ސަބަބުން ވަރުބަލިވީ ކަންނޭގެއެވެ.

"އަޅުގަނޑަކަށް ނޭނގެ... ބޮސް ބުނުއްވައިގެން ސާފު ކުރަނީ" އޮލީވިއާގެ މޫނުމަތިން ކޮންމެވެސް ކަމެއް ފޮރުވަން އުޅޭފަދަ އަސަރުތައް ފެނުނަސް އިޒިއަން އަށް އެކަމަށް މާބޮޑު ސަމާލް ކަމެއް ދެވޭ ގޮތް ނުވީ މާ ބޮޑަށް ވަރުބަލި ވެފައި ހުރީތީއެވެ. އޭނާ ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަދެ ސޯފާ މައްޗަށް ވެއްޓިގަނެވުމާއެކު ދެލޯ މަރާލެވިއްޖެއެވެ. ހިޔާލުގެ ލޯގަނޑަށް ސިފަވީ އަނާލް އެވެ. އަނާލް އިން ގޮތެވެ. އެ މައުސޫމް މޫނެވެ. ގޮނޑީގައި އަނާލް އިން ގޮތެވެ. އެންމެ ފުރަތަމަ ފަހަރަށް އޭނާ އަށް އަނާލް ފެނުނު ގޮތެވެ. ނުވެސް އެނގި ހުއްޓާ އޭނާގެ ލޮލުގެ ހިމަ ކޮޅުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

އަނާލް އިން ގޮތުން އޭނާ ހަނދާން ކުރަން ބޭނުންނުވާ މާޒީއެއް ހަނދާން ވީ ކަންނޭގެއެވެ. ދެއަތުން ބޮލުގައި ހިފައްޓާލުމާއެކު އޭނާ ތެދުވެ ސޯފާގައި އިށީނެވެ. އިސްޖަހާލައިގެން އިން އިރު ސިކުނޑިއަށް ބާރުވަމުން ދިޔަ ފަދަ އިޙްސާސްއެއްކުރެވުނެވެ. މިވަރުން ދަންޏާ އަދި އޭނާ މޮޔަވެދާނެއެވެ. އިޒިއަން އަށް ހަޅޭއްލަވައިގަނެވުނެވެ. އެވަރުންވެސް ނަފްސަށް ހަމަޖެހުމެއް ނުލިބުނެވެ. ސޯފާމަތީގައި އޮތް ކުޝަން އަތުގެ ކޮޅަށް ހޫރާލެވުމާއެކު އެ ގޮސް އެތަނުގައި ބަހައްޓާފައި ހުރި ވާޒް އެއްގައި ޖެހި ވެއްޓި ތެޅިއްޖެއެވެ. ހަމަހޭވެރިކަން ވީ ދެނެވެ. ތެޅިފައިވާ ވާޒް އަށް ބަލަހައްޓައިގެން އިރުކޮޅަކު އިޒިއަން ހުރުމަށް ފަހު ދެ އަތުން މޫނު ފޮރުވާލިއެވެ. އަދި އެއަށް ފަހު ފުންނޭވާ އެއް ދޫކޮށްލިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓި ހުރެ އޭނާ އަމިއްލަ މީހާގެ ސޫރައަށް ބަލާލިއެވެ. ހޭވިފައިވާ އިސްތަށިގަނޑާ އެކު އޭނާގެ މޫނުމަތިން ވެސް އެއްވެސް ކަހަލަ ދިރުމެއް ނުފެނެއެވެ.

އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން އެބައިގައި އެވަގުތު ހަރަކާތްތެރިވަމުން ދިޔަ މެއިޑަށް ގޮވާލިއެވެ. އަދި ކޮޓަރި ސާފުކޮށްދިނުމަށް އެދިފައި އޭނާ ސިޑިން ތިރިއަށް ފޭބީ ފަހީމް ހޯދުމުގެ ނިޔަތުގައެވެ. އޮލީވިއާ ގާތުން އޮޅުން ފިލުވާލުމުން އަދިވެސް މިއަދު ފަހީމް ގެއަށް ނާންނަކަން އެނގުނެވެ. އިޒިއަން ކާކޮޓަރިއާ ދިމާލަށް މިސްރާބުޖެހީ ފެންބޮވައިގަނެފައި ހުރިލެއް ބޮޑުކަމުންނެވެ. އޭރު ކާގެތެރޭގައި އެމިލީ ހަރަކާތްތެރިވަމުން ދިޔަ ތަން ފެނުނެވެ. އޭނާ އެމިލީ އަށް ގޮވާލުމަށް ފަހު ކާން އެއްޗެއް ތައްޔާރު ކޮށްދިނުމަށް އެދުނެވެ. އެމިލީ ވަގުތުން އޭނާ ކުރަން ހުރި ކަންތައް ބަހައްޓާލުމަށްފަހު އުނދުން ކައިރިއަށް ޖެހިލިއެވެ.

"ކީކުރަން ކޮށާ ހާ ތަރުކާރިއެއް؟ ޖަސްޓް ސޫޕެއް ތައްޔާރު ކޮށްލަދީ!" އިޒިއަން ބުނެލިއެވެ. އޭނާގެ ނަޒަރު އެމިލީ ކޮށާފައި ހުރި ތަރުކާރީތަކަށް ހުއްޓުނެވެ. އެމިލީ ހިނިތުންވުން ފިޔަވާ އިތުރު ކަމެއް ނުކުރިއެވެ. އެމިލީ ގާތު ތައްޔާރުވުމުން ގޮވާލަން ބުނެފައި އިޒިއަން ބޮޑުކޮޓަރީގައި ހުރި ސޯފާގައި އިށީންނަމުން ފޯނުން ގޭމެއް އަޅުވާލީ ހިޔާލް ތަކުން އެއްފަރާތް ވެލާށެވެ. އެހެން އިންދާ އެމިލީ ނިމުމުން އިޒިއަން އަށް ގޮވާލުމާއެކު އޭނާ ދިޔައެވެ. ކައިގެން އަނެއްކާވެސް އޭނާ މިސްރާބުޖެހީ ކޮޓަރިއަށެވެ. އޭރު ކޮޓަރިތެރޭން މަޑު މަޑު މީރުވަހެއް ދުވަމުން ދިޔައެވެ. މޮޕްލާ ސްޕްރޭ ޖަހާފައި ހުރުމުން ހަށިގަނޑަށް އަރާމް ވިއެވެ. ތެޅުނު ވާޒް ގެ ހިލަމެއް ނެތެވެ. އިޒިއަން އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނާ ގޮސް ފާހާނާއަށް ވަދެ ފެންވަރާލިއެވެ.

ރީތިވެގެން ތިރިއަށް ދިޔައީ މިސްކިތަށް ދިޔުމުގެ ބޭނުމުގައެވެ. ގަޑިން ހަޔެއް ޖަހާފައި ވުމުންނާއި ނުލާހިކު އަވަހަށް މިހާރު ބަންގި ގޮވާތީއެވެ.

އަތް ކުރި އޮޅަމުން ހަލުވި ކަމާއެކު ސިޑިން ފެއިބި އިޒިއަން އަށް ކުރިމައްޗަށް ބަލާލެވުނެވެ. އެއާއެކު އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނީ ހައިރާންވީވަރު ބޮޑުކަމުންނެވެ.

" މޯމް!...." އިޒިއަން އަށް ބުނެވުނެވެ. އޭނާގެ ނަޒަރު ކައިރީގައި ހުރި ފަހީމް އަށް ވެސް ހުއްޓުނެވެ. އަކްނިޒާ އަށް ވެސް އޭނާގެ ދަރިފުޅު ފެނުމުން ވީ އެވަރެވެ. އޭނާ އެދިޔަބާރުމިނުގައި ގޮސް އެ ދަރިފުޅު ގަޔާ ކައިރިކޮށްލައިފިއެވެ. އޭރު އެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ.

"މޯމް.... ޑޭޑް އަންގާވެސް ނުލާ... އާންޓް މެން އެއްވެސް މީހެއް ނާދޭތަ؟... އަޅެ ނާނު ވެސް ނާދޭ؟" ހިތްއަވަސްވެފައި ހުރި ވަރުން އިޒިއަން އަށް އެންމެންގެ ނަން އެއްފަހަރާ އަހާލެވުނެވެ.

"ޔެސް ނާދޭ... މަންމަ ބުނީމޭ އަންނަން ވެސް... އެކަމަކު އެކަކުވެސް އަދި އަންނާކަށް އެއްބަހެއް ނުވި... " އަކްނިޒާ އިޒިއަން އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

"ދެން ނާނު؟" އިޒިއަން އަހާލިއެވެ.

"ނާނު ބުނީ ފަހުން އަންނާނަމޯ... އަދި ކޮލެޖް ވެސް ބަންދު ނުވާތީ އާއެކީ" އަކްނިޒާ ބުނެލިއެވެ. އެއާއެކު އިޒިއަން ބޯ ޖަހާލިއެވެ.

އިޒިއަން އަކީ އަކްނިޒާ އާއި ފަހީމް ގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ފަހީމް އަކީ މާލޭ މީހަކަށް ވިޔަސް އަކްނިޒާ އަކީ ރަޝިއާ އަށް ނިސްބަތްވާ މީހެކެވެ. ފަހީމް އާއި ދިމާވީ އޭނާގެ އާއިލާއާއެކު ކިޔަވަން ޔޫކޭ ގައި ދިރިއުޅެމުން ދިޔަ ދުވަސް ވަރުގައެވެ.

އަކްނިޒާގެ ލޮލުގެ ކުލަ މަޑު މުށި ކުލައިގައި ހުރި އިރު ހަމުގައި ވަނީ ހުދު ދޮނެކެވެ. ގަޔަށް ދޫކޮށް ކަޅުހެދުމެއް ލާފައި ހުރިއިރު އޭނާގެ އިސްތަށިގަނޑު ވަނީ ޝޯލް އަކުން ފޮރުވާލެވިފައެވެ. އެއްވެސް ކަހަލަ ދެއްކުން ތެރިކަމެއް ނެތެވެ. މޫނުގައި އެއްޗެއްނުލާ ހުރިއިރުވެސް ހަންގަނޑު އޮމާނެވެ. އިޒިއަން އަށް ލިބިފައިވާ އަޅި ކުލައިގެ ކަޅި އަކީ އަކްނިޒާގެ އާއިލާގެ ފަރާތުން ވާރުތަކޮށްފައިވާ ކަމެއް ކަންނޭގެއެވެ. އެއާއިލާގައި އެކަހަލަ ދެތިން ކުއްޖަކު އުޅެއެވެ.

ފަހީމް އާއި އިނީއްސުރެ އަކްނިޒާ އުޅެމުން ދިޔައީ ރާއްޖޭގައެވެ. އެހެންނަމަވެސް ދިމާވި ބޮޑު ސަބަބަކާހެދި މުޅި އެ އާއިލާ ޔޫކޭއަށް ދިރިއުޅުން ބަދަލް ކުރި މީގެ ފަސްވަރަކަށް އަހަރުކުރިންނެވެ. އެހެންކަމުން އަކްނިޒާ އަށް ފަރިތަކަމާއެކު ވާހަކަ ދައްކަން އިނގެއެވެ. ދިވެއްސެއްގެ ގައިގައި ހުންނަ ހުރިހާ ސިފަތަކެއް އޭނާގެ ގައިގައި ހުރެއެވެ. އުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެވެ.

އަކްނިޒާ އެ ރޭ އިޒިއަން ނަމާދުން އައުމުން ބޭރަށް ދިޔަޔަކާވެސް ނުދިނެވެ. އަބަދު ބޭނުންވަނީ ލޯބިވާ ދަރިފުޅު ކައިރީގައި ހުންނާށެވެ. އަކްނިޒާ އާއެކު މުޅި ދުވަސް ހޭދަކުރެވުމާއެކު އިޒިއަން ވެސް ހުރީ ހިންހަމަޖެހިފައެވެ.

ނިދަން އޮށޯވެ އޮތް އިޒިއަން ގެ ލޮލުން ކަރުނަ އޮހޮރެން ފެށީ އޭނާގެ ސަބަބުން އެ މަންމަ ކަރުނަ އޮހޮރާނީ ކިތަށް ރޭކަން ނޭގޭ ހާލުގައެވެ. ކިތަންމެ ވަރަކަށް މާފަށް އެދުނަސް އެއީ އަނބުރާ ގެނެވޭނޭ ދުވަސްތަކެއްނޫނެވެ. މަންމަ ގެ ދެފައި ބުޑަށް ވެއްޓި އާދޭސް ކުރިއަސް އޭނާ އަށް މާފު ހައްގެއް ނޫން ކަންނޭގެއެވެ. އެމަންމަގެ ހިތުގައި އޭނާ އާ މެދު އެންމެ ކުރީއްސުރެ އޮތް ލޯބިއަދިވެސް އެބަ އޮތެވެ. ހަމަ އެގޮތުގައެވެ. ނުނިދިގެން އެންމެ ފަހުން އޭނާ ނުކުތީ ބެލްކަންޏަށެވެ. ތާޒާ ވައިރޯޅިން ހަށިގަނޑަށް އަރާމް ވިއެވެ.

ހުސްގަޔާ ހަމައެކަނި ސޯޓެއްގައި ހުރިއިރު އެ މާމަތި ފުޅާ ހަށިގަނޑު ހުރީ ހާމަ އަށެވެ. ދެލޯ މަރާލީ ހިންހަމަޖެހުން ހޯދާލުމަށެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ އަނެއްކާވެސް ކޮޓަރިއަށް ވަނީ މާދަމާއަކީ ވަރަށް ބުރަ ދުވަހަކަށް ވީމައެވެ.

******

އަނެއްދުވަހެވެ. އޮފީހުގައި ފައިލް ތައް ހުޅުވާލައިގެން އިން އަނާލް ގެ ކެބިންގައި ޓަކި ޖަހާލިއެވެ. އަނާލް ވަންނާށޭ ބުނެލުމާއެކު ޒައުނާ ވަނެވެ. އޭނާގެ ފަހަތުގައި ކަހަލަ ގޮތަކަށް އިޒިއަން ވެސް ހުއްޓެވެ. އަނާލް ހިނިތުންވަމުން އައުމަށް އިޝާރާތް ކޮށްލުމަށްފަހު ޒައުނާ ގާތު ދިޔަޔަސް އެންމެ ރަނގަޅޭ ބުނެލިއެވެ. ޒައުނާ ވެސް އޭނާގެ އަތުގައި އޭރު ހުރި ކަރުދާސްތައް އަނާލް އަތަށް ދިނެވެ. "ވަޓް ހެޕެންޑް؟" ޒައުނާގެ މޫނުމަތިން ހާސްކަން ފެނުނުހެން ހީވެގެން އަނާލް އަހާލިއެވެ.

"މާމަ އަނެއްކާ ހޮޑުލާން ފަށައިގެން ގުޅީމަ....." ޒައުނާ ބުނެލިއެވެ.

'ޒައޫ... ތީ އަހާކަހަލަ ވާހަކަ އެއްވެސް ނޫނެއްނު... މިއަދު ދެން ދޭ ގެއަށް... އައި ކޭން މެނޭޖް" އަނާލް ހިނިތުންވެލިއެވެ. ޒައުނާ ވެސް ޝުކުރު އަދާކޮށްފައި ގެއަށް ދާން ނުކުތެވެ.

ޒައުނާ ދިޔަތާ މާ ގިނައިރެއްނުވިއެވެ. މުޅިތަނުން ކަރަންޓް ކެނޑުމާއެކު އަނާލް އަށް ހަޅޭއްލަވައިގަނެވުނެވެ.

(ނުނިމޭ)

https://sun.mv/113427

comment ކޮމެންޓް