މިއީ ޑްރައިވަރުންގެ ކުރިމަތީގައި މިނިސްޓަރު ކުޑަކަކޫ ޖެހުން!

ބުރިޖުމަތީން ޓެކްސީ އާއި ސައިކަލްތައް ދަނީ -- ސަން ފައިލް ފޮޓޯ

މާލެއާއި ހުޅުލެ އަދި ހުޅުމާލެއަށް ބްރިޖު ހުރަސްކޮށް ދަތުރުކުރާ ކާރުތަކުން ނަގާ އަގުގެ ވާހަކައަކީ ބްރިޖު ހުޅުވުނީއްސުރެ ދައްކާ ވާހަކައެކެވެ. އެންމެ ފުރަތަމަ ބްރިޖުން ޓެކްސީތައް ދަތުރުކުރީ ޑްރައިވަރުން ހިތުހުރި އަގެއް ނަގައިގެންނެވެ. އޭރު ޓްރާންސްޕޯޓުން އެއްވެސް އަގެއް ކަނޑަނާޅާ އޮތީމައެވެ. އެކަމަކު، ބްރިޖުން ދަތުރުކުރާ ޓެކްސީތަކުން ރައްޔިތުން "ފެލަން" ފެށުމުން ސަރުކާރުން އެކަމަށް އެޅި ހަމައެކަނި ފިޔަވަޅަކީ ބްރިޖުން ދަތުރުކުރާ ޓެކްސީތަކުން ނަގާނެ ފީއެއް ކަނޑައެޅުމެވެ. އެކަން އެގޮތަށް ހިނގާތޯ ބަލައެއް ނުލައެވެ.

ބްރިޖު ހުޅުވުމަށް ފަހު ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައެޅި އަގުތަކަކީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކޮޅަކަށް 40 ރުފިޔާއެވެ. އަދި ދެ ރަށުން ވެސް ހުޅުލެއަށް ދަތުރުކުރުމަށް ކޮޅަކަށް 35 ރުފިޔާއެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރިއެކޭ އެއްފަދައިން 25 ރުފިޔާއެވެ. ޑިކީއަށް ދާގީނާ ލާ ނަމަ އަދި ރޭގަނޑު 12ގެ ފަހުން ދަތުރު ކުރާ ނަމަ އިތުރު ފަސް ރުފިޔާ ނެގިދާނެ ކަމަށް ވެއެވެ. ނަމަވެސް ޓެކްސީތަކުން ބްރިޖުމަތިން ކުރާ ކޮންމެ ދަތުރަކަށް 100 ރުފިޔާ ނަގައެވެ. ހުޅުލެއަށް ކުރާ ދަތުރަކަށް ވިޔަސް، ހުޅުމާލެ އަދި މާލެއަށް ކުރާ ދަތުރަކަށް ވިޔަސް ބްރިޖު ނުވަތަ ހައިވޭ ހުރަސްކުރާ ނަމަ 100 ރުފިޔާ ނަގައެވެ. ބައެއް ޓެކްސީތަކުން އެއަށްވުރެ އިތުރަށް، 150 ރުފިޔާވެސް ނަގައެވެ.

ޓެކްސީއިން ނަގާ ފީތަކަކީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައި އޮތް ކަމަކަށް ވިއެވެ. ޓެކްސީތަކުން ބޮޑު އަގު ނަގާ ކަމީ އެންމެންވެސް ދަންނަ، ގަވައިދާ ހިލާފަށް ކުރާ ކަމަކަށް ވިއެވެ. އެކަން ރެގިއުލޭޓު ކުރާނެ ބަޔަކު ނުވިއެވެ.

ޓެކްސީތަކުގެ އަގު ނެގުން ރެގިއުލޭޓު ކުރުމާ ގުޅޭގޮތުން މާބޮޑު އަޅާލުމެއް ނުލެވި އޮއްވައި، އެ މައްސަލަ ކުއްލިއަކަށް ހިލުނީ، ގަވައިދުގައި ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގެއް ދޭން ދެކޮޅުހެދި ފަސިންޖަރަކު މަގުމައްޗަށް ބަލާފައި ޑްރައިވަރަކު ދިޔަ ކަމަށްބުނެ ސޯޝަލް މީޑިއާގައި ވާހަކަ ހޫނުވި ފަހުންނެވެ. އޭގެ ކުރިން ޓެކްސީ އަގުތައް ރެގިއުލޭޓު ކުރުމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދާލުމަށް "ސަން" އިން ގުޅުމުން މިނިސްޓްރީ އިން ބުނެފައި ވަނީ އެކަމާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކޮންމެއަކަސް މަންމަ އަކާއި ދަރިޔަކު މަގުމައްޗަށް ބާލާފައި ޓެކްސީ ޑްރައިވަރު ދިޔުމުން އެކަން ޓްރާންސްޕޯޓް މިނިސްޓަރުގެ ސަމާލުކަމަށް ވެސް އައެވެ. ޓެކްސީތަކަށް އަރައި، ޑްރައިވަރުންގެ އަމަލުތައް ހުންނަގޮތް މޮނީޓާ ކުރަން ރޭވިއެވެ. އަދި ބްރިޖުން ދަތުރުކުރާ ކާރުތައް ހުއްޓުވައި، އެ ޓެކްސީ ތަކުން ނަގާ އަގާ ގުޅޭ ގޮތުން ފުލުހުން ސުވާލު ކުރަންވެސް ފެށި އެވެ. މި މަސައްކަތަށް 24 ގަޑިއިރު ނުވެ، ޑްރައިވަރުން ދިޔައީ ހަޅުތާލަކަށެވެ. ބްރިޖު ހުރަސްކޮށް ކުރަމުން އައި ދަތުރުތައް ހުއްޓާލައި، ޓެކްސީ ސެންޓަރު ތަކުން ފޯނު ނެގުންވެސް ހުއްޓާލި އެވެ.

ގަވައިދުގައި ކަނޑައަޅާފައިވާ އަގު މާ ކުޑަކަމަށް ބުނެ ޑްރައިވަރުންގެ ތެރެއިން ތިރީހަކަށް މީހުން ޓްރާންސްޕޯޓް މިނިސްޓަރާ ބައްދަލުކުރަން އިއްޔެ ދިޔަ އެވެ. މިނިސްޓަރަށް ޑްރައިވަރުންގެ ވާހަކަތައް އިއްވުމުން ޓްރާންސްޕޯޓު މިނިސްޓަރު ނިންމެވީ ޑްރައިވަރުން އަމިއްލައަށް ނަގަމުން ދިޔަ އަގު ނަގަން ފުރުސަތު ދިނުމަށެވެ. ރައްޔިތުންގެ ޖީބުން ކުރަންޖެހޭ ބޮޑު ހަރަދުގެ މަތިން ހަނދާން ނައްތާލައްވައި، މިނިސްޓަރު ނަހުލާ އިސްކަންދެއްވީ ހަމައެކަނި ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހައްލު ގެނެސްދެއްވުމަށެވެ.

ޓެކްސީ ޑްރައިވަރުން ބުނަމުން ދިޔަ ވާހަކައަކީ އެމީހުންގެ އަތުން ބޮޑު ހަރަދެއް ދާ ކަމަށާއި 40 ރުފިޔާއަށް ދަތުރުގެ އަގު ހަމަޖެއްސީ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ކަމަށެވެ.

ޓްރާސްޕޯޓު މިނިސްޓަރު ނަހުލާ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"މިއަދު 40 ވަރަކަށް ޓެކްސީ ޑްރައިވަރުން މިނިސްޓަރާ ބައްދަލު ކުރި، އެމީހުންގެ ކޮންސާން އަކީ މިހާރު ޓްރާންސްޕޯޓް އޮތޯރިޓީއިން ކަނޑައަޅާފައިވާ އަގުތައް މާ ކުޑަކަމަށް، އެ އަގަށް އެކަން ނުކުރެވޭނެ ކަމަށް. އެ މީހުންގެ ޝަކުވާތަކަށް ބަލައި، މިނިސްޓަރު ނިންމެވީ އަގުތައް މުރާޖައާ ކުރަން. އަދި މިހާރު ޓެކްސީތައް މޮނީޓާ ކުރަން ކުރާ މަސައްކަތް މަޑުޖައްސާލަން،" ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ ވިދާޅުވި އެވެ.

ސާޅީސް ރުފިޔާ ކުޑަކަމަށް ބުނެ ޝަކުވާކުރި ޑްރައިވަރުންނަށް މިނިސްޓަރު ނަހުލާ ދެއްވި ހަދިޔާ އާއެކު ރައްޔިތުން ވަނީ ނުތަނަވަސް ވެފައެވެ.

"މިކަންކަން ރާއްޖޭގައި ކުރަނީ އެއްވެސް އުސޫލަކަށް ނޫން، ނުވިތާކަށް މިހާރަކަށް އައިސް ޝެއާޑް ޓެކްސީ ވެސް ހަދާ. އެހެން ކަމަށް ވަނީނަމަ ވެސް ދަތުރެއްގެ ނޯމަލް އަގަށްވުރެ ޝެއާ ކުރާ ޓެކްސީގެ އަގު ހެޔޮވާން ޖެހޭމެ. ހުރިހާ ކަމެއް މި އޮންނަނީ ޑްރައިވަރުގެ ފަރާތަށް މޮޅުވާގޮތަށް،" ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ލިޔެފައިވެއެވެ.

https://sun.mv/112913

މިނިސްޓްރީން ނިންމާފައިވަނީ މިހާރުގެ އަގުތައް ރިވިއުކޮށް ޑްރައިވަރުންނާއި އާންމުންގެ ހިޔާލު ހިމަނައިގެން އާ އަގުތަކެއް ކަނޑައެޅުމަށެވެ. މިއަގުތައް އަންނަ އަހަރުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ޓްރާސްންޕޯޓުން ބުނެފައިވާއިރު، އަގުތައް ކަނޑައެޅެންދެން "ރައްޔިތުން ފެލަން" ޑްރައިވަރުންނަށް ހުއްދަ ދިނުން ގަބޫލު ނުކުރެވޭނެކަމަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި އެހެން މީހަކު ބުނެފައިވެއެވެ.

"މާލޭގައި 10 ރުފިޔާއަށް ޓެކްސީ ކުރި ހަނދާން އަހަރެން އެބަހުރި. އޭގެ ފަހުން 15 އަށް 20 އަށް ވެސް ކުރި. ތެލުގެ އަގަށް އަންނަ ބަދަލާއެކު ޑްރައިވަރުން ޕްރެޝަރު ކޮށްގެން ކޮންމެ ފަހަރަކު އަގަށް ބަދަލު ގެންނަނީ. ފަންސަވީސް ރުފިޔާ އަށް ވެެސް ހެދީ ޑްރައިވަރުންގެ ޕްރެޝަރާއެކު ތެލުގެ އަގު ބޮޑުވެގެންނޭ ބުނެ. އެކަމަކު ތެޔޮ އަގުހެޔޮވެގެން ވެސް އެ އަގު ހެވެއް ނުވޭ. އާންމު ރައްޔިތުންގެ އަތުން ބޮޑު އަގު ނެގޭތޯ މި ބަލަނީ. ޑްރައިވަރުންގެ ނުފޫޒު ރައްޔިތުންގެ އިހުސާސްތަކަށް ވުރެ އިސްކޮށްފައި އަބަދު އޮންނަނީ،" ޓެކްސީ އަގުތަކާ ގުޅޭ ގޮތުން ސަން އާ ވާހަކަދެއްކި އަންމު ރައްޔިތަކު ބުންޏެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ނިންމި ނިންމުމަކީ "މިނިސްޓަރު ޑްރައިވަރުންގެ ކުރިމަތީ ކުޑަކަކޫ ޖެހުން" ކަމަށް އެއްބަޔަކު ސިފަކުރާއިރު މިއީ ކަމާބެހޭ ފަރާތްތައް ޑްރައިވަރުންގެ ދަށުވެފައި ތިބި ކަމުގެ ހެއްކެއް ކަމަށް އަނެއް ބަޔަކު ބުނެއެވެ.

ފަސިންޖަރުންތަކެއް ޓެކްސީއެއްގެ ހިދުމަތް ހޯދަނީ -- ސަން ފޮޓޯ: މުއާވިއަތު އަންވަރު

"ޓެކްސީ ޑްރައިވަރުން އެކަނިތަ މިމާލެގައި އުޅެނީ ؟ ޕެޓްރޯލް ލިޓަރެއް 20 ރުފިޔާ އަށް ވިއްކިއަސް މާލެ، ހުޅުމާލެ، މާލެ ދަތުރަކަށް ދެ ލީޓަރު ޕެޓްރޯލެއް ޚަރަދެއް ނުވާނެ !ކޮން މުރާޖައާ އެއް ކުރާކަށް މިހާރު ސަރުކާރުން ކަޑައަޅާފަ އޮތް އަގަށް ދަތުރު ނުކުރާނެ ބައެއްގެ ހުއްދަ ބާތިލު ކުރަންވީ، ތިދާވަރުން ދަންޏާ ގަރާޖް ނެތް އުޅަދުތަކުގެ ހުއްދަވެސް ބާތިލެއް ނުކުރާނެ!" ޓްރާންސްޕޯޓުގެ ނިންމުމަށް ފާޑުކިޔައި ކިޔުންތެރިޔަކު ކޮށްފައިވާ ކޮމެންޓެއްގައިވެ އެވެ.

ބްރިޖު ހުރަސްކޮށް ކުރާ ދަތުރުތަކުގެ އަގު ރިވިއު ކުރާއިރު މާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގު ކުޑަކުރަންވެސް ބައެއް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް