މިކަން ރެގިއުލޭޓު ކުރާނެ ބަޔަކު ނެތީތޯއެވެ؟

ސިނަމާލެ ބްރިޖްމަތީން ކުރާ ދަތުރުތަކަށް ޓެކްސީ ކާރު އަދި ޕިކަޕުތަކުން ދަނީ ބޮޑެތި އަގުތައް ނަގަމުން-- ސަން ފައިލް ފޮޓޯ

ހުޅުމާލެ- ހުޅުލެ ބްރިޖު އާންމު ޓްރެފިކަށް ހުޅުވާލުމާއެކު އެންމެ ބޮޑު އީދެއް އައީ ޓެކްސީ ޑްރައިވަރުންނަށެވެ. ބްރިޖު މަތިން ކުރި ދަތުރުތަކަށް އަގު ނަގަން ފެށީ އަނެކާގެ މޫނަށް ކަނދުރާ އަކަށް ބެލުމެއް ނެތިއެވެ. 10 ވަރަކަށް މިނެޓުގެ ދަތުރަކަށް 300 ރުފިޔާ، 200 ރުފިޔާއިން ޗާޖު ކުރަން ފެށިއެވެ. މިކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ނޫސްތަކުގައި ހަބަރުތައް ޖެހިއެވެ. ސޯޝަލް މީޑިއާގައި އާންމުން އެވާހަކަ ދެއްކިއެވެ.

އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައީ އުސޫލެއް ނެތި ބޮޑު އަގުގައި ދަތުރު ކުރަމުންދާތާ ތިން ހަތަރު ދުވަސް ފަހުންނެވެ. އޭރު އަގުތައް އުޅެނީ އާންމު ރައްޔިތަކަށް ދަތުުރު ކުރެވޭ ވަރަށްވުރެ ބޮޑުކޮށެވެ. ޓްރާންސްޕޯޓު އޮތޯރިޓީން އަގުތައް ކަނޑައަޅައި އިއުލާނު ކުރީ "ވާނެއެއްޗެ ވެ ނިމުނު ފަހުން" ނެވެ.

ނިމިދިޔަ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީން އޭރު ކަނޑައެޅި އަގުތަކަކީ މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކޮޅަކަށް 40 ރުފިޔާއެވެ. އަދި މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެއަށް، ހުޅުމާލެއިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެއަށް 35 ރުފިޔާއެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރިއެކޭ އެއްފަދައިން 25 ރުފިޔާ އެވެ. ޑިކީއަށް ދާގީނާ ލާނަމަ އަދި ރޭގަނޑު 12ގެ ފަހުން ދަތުރު ކުރާނަމަ އިތުރު ފަސް ރުފިޔާ ނެގިދާނެ ކަމަށް ވެއެވެ.

ޓެކްސީ ކާރުގެ އިތުރުން ސައިކަލު ޓެކްސީގެ އަގުތައްވެސް ޓްރާންސްޕޯޓުން ކަނޑައެޅިއެވެ. މިއީ އާންމުންގެ މެދުގައި މާ މަގުބޫލު ހިދުމަތަކަށް ނުވިނަމަވެސް ކޮންމެވެސް ވަރަކަށް ސައިލަކު ޓެކްސީގެ ހިދުމަތް ހޯދާމީހުން އުޅެއެވެ. ސައިކަލު ޓެކްސީގެ އަގު ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު މާލެ - ހުޅުމާލެ ދަތުރުގެ އަގަކީ ކޮޅަކަށް 20 ރުފިޔާއެވެ. ހުޅުލެއަށް ކުރާ ދަތުރުތަކުގައި 15 ރުފިޔާއެވެ. މާލެ އަދު ހުޅުމާލެ އެތެރޭގައި 10 ރުފިޔާއެވެ.

ސައިކަލް ޓެކްސީގެ ހިދުމަތް ފެށި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފައިލް ފޮޓޯ/ އަހުމަދު ސާއިލް އަލީ

މި އަގުތައް ކަނޑައަޅައި ޓްރާންސްޕޯޓު މިނިސްޓްރީ އިން އިއުލާނު ކުރީ ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ. މި އިއުލާނަށް މިހާރު ތިން މަސްވެފައިވާއިރު، އިއުލާނުގައި ބަޔާންކޮށްފައިވާ އަގުތަކުގެ މަތިން ހަނދާން ހުރީ ކޮން ބައެއްތޯ އެވެ؟ މި އަގުތަކަށް އޭރުގެ ސަރުކާރުންވެސް އަދި އަދުގެ ސަރުކާރުންވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުންގެ އަގުތައް ހުރީ ހަމަ އެމީހުން ކަނޑައެޅި ހިސާބުގައެވެ.

ހުޅުމާލެއިން މާލެއަށް ދަތުރެއްގެ އަގަކީ 40 ރުފިޔާ ކަމަށް ކަނޑައަޅާފައި ވީނަމަވެސް އެ އަގަށް ދަތުރު ކުރަނީ ކޮން ސެންޓަރެއްގެ ކޮން ނަންބަރެއްގެ ޓެކްސީއެއް ހެއްޔެވެ؟ 100 ރުފިޔާއަށްވުރެ ދަށްކޮށް މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ދަތުރެއް ނުކޮށްދެއެވެ.

ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގަށްވުރެ އަގުބޮޑުކޮށް ދަތުރުކުރާނަމަ އެ ޓެކްސީއެއްގެ މައުލޫމާތު ރިޕޯޓު ކުރުމަށް ޓްރާންސްޕޯޓު އޮތޯރިޓީއިން ވަނީ އެދިފައެވެ. އަދި އެ އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަކީ ޓެކްސީ ސެންޓަރުތަކާ މަޝްވަރާ ކުރުމަށްފަހު ކަނޑައެޅި އަގުތަކެއް ކަމަށާއި ބޮޑުއަގުގައި ދަތުރު ކުރާނަމަ ޓެކްސީ ހުއްދަ ބާތިލް ކުރާނެކަމަށްވެސް ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު 10 ވަނަ ދުވަހު ޓެކްސީ ގަވައިދަށް ގެނައި ފަސް ވަނަަ އިސްލާހުގައި ބުނެފައިވަނީ ޓެކްސީ ހިދުމަތުގެ އަގު ނަގަންވާނީ ޓްރާންސްޕޯޓު އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު ނުވާނެހެންނެވެ.

ޓެކްސީ ޑްރައިވަރުން އެކަމާ ފަރުވާލެއް ނުބަހައްޓައެވެ. ޓެކްސީއަށް އަރާ ފަސިންޖަރުން އެއަށްވުރެ ފަރުވާ ކުޑައެވެ. ޑްރައިވަރު ބުނާ އަގު ދީފައި ދަތުރު ކުރަނީ، ކަން ފަސޭހައަކަށެވެ. ގަވައިދުގައި ކަނޑައަޅާފައިވާ އަގު އަދާކުރުމަކީ ފަސިންޖަރުގެ ޒިންމާއެކެވެ. ބޮޑު އަގު ނަގާމީހާ އެކޭ އެއްވަރަށް އެ ދޭ މީހާވެސް މިކަމުގައި ކުށްވެރިވާނެއެވެ.

ޑްރައިވަރުން ބުނަނީ ޓެކްސީއިން ބޮޑު އަގުނަގަނީ ކަނޑައަޅާފައިވާ އަގަކީ ދެކޮޅު ޖެއްސޭ އަގަކަށް ނުވާތީ ކަމަށެވެ. މި ވާހަކައަށް ބަލާއިރު މާލެ ވަށައި ފަސް ކިލޯ މީޓަރު ހުންނައިރު ބްރިޖުގައި ދެ ކިލޯ މީޓަރު ހުރެއެވެ. ހުޅުލެ ހުޅުމާލެ ހައިވޭގައި ހުންނަނީ ހަތަރު ކިލޯ މީޓަރެވެ. ޑްރައިވަރުންގެ ޝަކުވާ އަކީ ތެލުގެ ހަރަދު ބޮޑުވުމެވެ. ނަމަވެސް ސައިކަލުގައި ދުއްވާ މީހުންނާއި އަމިއްލަ ކާރު ގެންގުޅޭ މީހުންގެ ނަޒަރުގައި ބްރިޖު ދަތުރުތަކަށް ޑްރައިވަރުން ބުނާހާ ބޮޑު ހަރަދެއް ތެލަށް ކުރާކަށް ނުޖެހެއެވެ.

ޓެކްސީ ޑްރައިވަރުންގެ އިތުރުން ޕިކަޕް ޑްރައިވަރުންވެސް ދަނީ ރައްޔިތުންގެ ފަރާތުން "ނާޖައިޒު" ފައިދާ ނަގަމުންނެވެ. އެއް ދާގީނާ އާއެކު ޕިކަޕު ދަތުރެއް ބްރިޖު މަތިން ކޮށްދެނީ 250 ރުފިޔާ އާއި 300 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ. ބައެއް ފަހަރު 500 ރުފިޔާއަށްވެސް އަގު ކިޔާފައި ހުރެއެވެ.

ފުލުހުން ޓެކްސީތައް ޗެކްކުރަނީ-- ފޮޓޯ: ފުލުހުން

ބޮޑު އަގެއްގައި ޓެކްސީއާއި ޕިކަޕުގެ ހިދުމަތް ރައްޔިތުން ހޯދަނީ އެކަމާ ގުޅޭގޮތުން މާބޮޑު ހޭލުންތެރިކަމެއް ނެތިއެވެ. މި މައްސަލައަކީ އަވަހަށް ހައްލު ބޭނުންވާ ކަމަކަށް ވާއިރު، އާ ސަރުކާރުން އެކުލަވައިލި ޓްރާންސްޕޯޓު މިނިސްޓްރީން، ޓެކްސީ ތަކުން ނަގާ އަގު ރެގިއުލޭޓު ކުރުމާ ގުޅޭގޮތުން ބުނީ އެކަމާ ގުޅޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ބޮޑު އަގުގައި ޓެކްސީ ކުރުން ހުއްޓުވުމަށް އޮތް ހައްލަކީ އެހެން ގައުމުތަކުގައިވެސް މިފަދަ ހިދުމަތްތައް ދޭފަދައިން މީޓަރު ބަހައްޓައިގެން ހިދުމަތް ދިނުމެވެ. ޓެކްސީތައް ރެގިއުލޭޓު ކުރަންޖެހޭ މުއައްސަސާތަކުން މިކަން ދޫކޮށްނުލައި، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބޮޑުއަގުގައި ދަތުރު ކުރާ މައްސަލަ ބެލުމަކީ މިހާރުން މިހާރަށް މުހިއްމު ކަމެކެވެ.

comment ކޮމެންޓް