ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ތިން މެމްބަރަކަށް ޓިކެޓް ޔަގީން ވެއްޖެ

ބިގޭ، އީވާ، އަދި އިންތި

އަންނަ އެޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ތިން މެންބަރަކަށް ޔަގީން ވެއްޖެ އެވެ.

އެމްޑީޕީގެ ސެކްރެޓޭރިއަޓުން މިއަދު ބުނީ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބުނީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތިޔާޒު ފަހުމީ އަށާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަށް ކަމަށެވެ.

އެ ބޭފުޅުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބުނީ އެ ދާއިރާތަކުގެ ޕްރައިމަރީގައި ބައިވެރިވާން އިތުރު ބޭފުޅުން ބައިވެރިވެފައިނުވާތީ ކަމަށް އެމްޑީޕީން ބުންޏެވެ.

އެ ތިން ބޭފުޅުންގެ ދާއިރާތަކުގެ އިތުރުން ދެން ޕްރައިމަރީ ނޯންނަ ދައިރާތަކަކީ:

  • ހޯރަފުށި ދާއިރާ
  • ބާރަށް ދާއިރާ
  • ދިއްދޫ ދާއިރާ
  • މިލަންދޫ ދާއިރާ
  • މަހިނބަދޫ ދާއިރާ
  • ފުވައްމުލަށް އުތުރު ދާއިރާ

އެމްޑީޕީ އިން ބުނެފައި ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް އެ ޕާޓީ ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަރީގައި 86 ދާއިރާއަކަށް ޖުމްލަ 280 ކެންޑިޑެޓުން ކުރިމަތިލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 21 އަންހެނުނާއި 289 ފިރިހެނުންނެވެ.

ފ. ނިލަންދޫ ދާއިރާ އެއްވެސް ކެންޑިޑޭޓަކު ކުރިމަތި ލާފައެއް ނުވެ އެވެ.

މިމަހުގެ އަށް ވަނަ ދުވަހު ކުރިމަތިލުމަށް ހުޅުވާޅި އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ އިއްޔެއެވެ. އެޕާޓީ ގައުމީ މަޖިލީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވެސް ވާދަކުރުމަށް ނިންމައިފަ އެވެ.

comment ކޮމެންޓް