ދިރިހުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ދިވެހީން ކުރާނެ: ނަޝީދު

ޕޮލެންޑުގައި އޮތް ވޯލްޑް ކްލައިމެޓް ސަމިޓަށް ފަހު ކުރީގެ ރައީސް ނަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ގެޓީ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިން ތިބީ މަރުވާން ތައްޔާރަށް ނޫން ކަމަށާއި، ފެންމަތީގައި ތިބުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕޮލެންޑުގައި ކުރިއަށްދާ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ 24 ވަނަ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖޭގެ "ގައުމީ ސަލާމަތާ ގުޅުން ހުރި" މައްސަލައެއް ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މަރުވާން ތައްޔާރެއް ނޫން. މޫސުމީ ކާރިސާއެއްގެ ފުރަތަމަ ޝިކާރައަކަށް ވާން އަޅުގަނޑުމެންނެއް ނުތިބޭނަން. އޭގެ ބަދަލުގައި، ފެން މަތީގައި ތިބުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.

މި މަހުގެ ތިންވަނަ ދުވަހު ފެށި ކޮޕް24 ސަމިޓުގެ މައިގަނޑު މަގުސަދަކީ 2015 ވަނަ އަހަރު ހެދި ޕެރިސް އެގްރިމެންޓް ތަސްދީގުކުރާނެ ގޮތުގެ ގަވާއިދުތައް އެކުލަވާލުމެވެ. އެ ސަމިޓަށް ނަޝީދު ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަށެވެ.

ރައީސް ނަޝީދު އެންމެ ފަހުން އެސަމިޓުގައި ތަގުރީރު ކުރެއްވީ 2009 ވަނަ އަހަރެވެ. އޭގެ ފަހުން ގާތްގަނޑަކަށް 10 އަހަރު ވެފައިވާ އިރުވެސް، އެ ކޮންފަރެންސްގެ ބައިވެރިން ދައްކަމުން އަންނަނީ އޭރުވެސް ދެއްކި ވާހަކަތައް ކަމަށާއި، ބަސްމަގަށް މާ ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަނުކުރެވޭކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ޖައްވަށް ބޭރު ކުރާ ކާބަންގެ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް ސަމިޓުގެ ބައިވެރިން ކުރަމުންދާ ހަމައެކަނި ކަމަކީ އެ މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަން ތިބުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް