ވައުދުތައް ފުއްދުމަށް 16 ބިލެއް، 6 ބިލު މަޖިލީހަށް ހުށަހަޅައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމުގެ ގޮތުން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް 16 ބިލެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވައުދުތައް ފުއްދުމަށް މަގު ކޮށުމުގެ ގޮތުން، 16 ބިލެއް އެކުލަވާލުމުގެ މަސައްކަތް އެ އޮފީހުން ކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން މުޅިން އަލަށް ފަސް ބިލެއް، އަދި އަމަލު ކުރަމުންދާ ގާނޫނުތައް އިސްލާހު ކުރުމަށް 11 ބިލު އެކުލަވާލުމުގެ މަސައްކަތް އެ އޮފީހުން ކުރަމުންދާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އޭގެ ތެރެއިން ހަ ބިލެއްގެ މަސައްކަތް ނިންމައި، މިހާރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި ދެން ހުރި ބިލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ދިނުމަށް ހަދާފައިވާ ގާނޫނުތައް ބަލައި މުރާޖާ ކުރުމަށް ވެސް އެ އޮފީހުގެ ތެރެއިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތައް، އިސްލާމީ ޝަރީއަތާ ހިލާފު ނުވާ ގޮތަށް، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ އެއްގޮތް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް