އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ޓިލަސަން އަކީ ވިސްނުންކޮށި ކަންނެތް ބޭފުޅެއް: ޓްރަމްޕް

ޓިލަސަން ޓްރަމްޕް އާއެކު

ވޮޝިންޓަން (ޑިސެމްބަރު 9): އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ރިކްސް ޓިލަސަން އަކީ އެމަގާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށާ ޓިލަސަން ޚާރިޖީ ވަޒީރުކަމުން ވަކިކުރަންޖެހުނީވެސް އެކަމުގެ ސަބަބުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓިލަސަން އަކީ ވިސްނުންކޮށި ކަންނެތް ބޭފުޅެއްކަމަށާ އެމެރިކާގެ ޚާރިޖީ ވަޒީރުކަން ކުރެވޭވަރުގެ ސިކުނޑީގެ ގާބިލްކަންވެސް ޓިލަސަންގެ ނެތްކަމުގައެވެ. ޓިލަސަންގެ އަގު ވައްޓާލުމުގެ ގޮތުން އޭނާ އާ ދެކޮޅަށް މިހާ ދަށްފެންވަރެއްގައި ޓްރަމްޕް ވާހަކަ ދައްކަވާފައި މިވަނީ އެމެރިކާގެ ގާނޫނުތަކާ ޚިލާފުކަންކަން ނުކުރެއްވުމަށް ޓިލަސަން ޓްރަމްޕަށް އިއްޒާރު ކުރެއްވުމާ ގުޅިގެން އެކަމާ ކޯފާވެގެންނެވެ.

ޓިލަސަން ޓްރަމްޕަށް އިންޒާރު ކުރެއްވީ އެމެރިކާގެ ގާނޫނުތަކާ ޚިލާފަށް އެތަށް ކަމެއް ކުރެއްވި ކަމުގެ ތުހުމަތު ކޮންގްރެސްގެ މެންބަރުން ޓްރަމްޕްގެ މައްޗަށް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ކޮންގްރެސްގައި ހިމެނޭ ސެނެޓްގެ ސީނިއަރ 11 މެންބަރަކު ހުކުރުދުވަހު ވަނީ ޓްރަމްޕްގެ ވިޔަފާރި ކުންފުންޏާއި ސައޫދީ އަރަބިޔާއާ ދެމެދުގައިވާ ހުރިހާ ގުޅުންތަކެއް ހާމަކުރުމަށް ޓްރަމްޕަށް ގޮވާލައްވާފައެވެ. ޓްރަމްޕްގެ ވިޔަފާރި ކުންފުންޏާއި ސައޫދީއާ ދެމެދުގައިވާ ގުޅުންތަކަކީ ޝައްކު ކުރެވޭފަދަ ގުޅުންތަކެއް ކަމަށް ބެލެވޭތީ އެގުޅުންތަކުގެ ހަގީގަތް ސާފުކޮށްނުދީފިނަމަ ކޮންގްރެސް މެދުވެރިކޮށް އެގުޅުންތަކުގެ ހަގީގަތް ބަލާނެކަމުގެ އިންޒާރުވެސް ސެނެޓްގެ ސީނިއަރ 11 މެންބަރުން ޓްރަމްޕަށްވަނީ ދެއްވާފައެވެ.

ޓިލަސަންގެ އަގު ވައްޓާލުމުގެ ގޮތުން ޓްރަމްޕް ދެއްކެވި މިވާހަކަ ތަކަކީ އެމެރިކާގެ ރައީސަކު އެބޭފުޅެއްގެ ވެރިކަމުގައި އައްޔަންކުރެއްވި ޚާރިޖީ ވަޒީރަކާ ދެކޮޅަށް މީގެކުރިން ދައްކަވާފައިނުވާފަދަ އަޚްލާގީ ގޮތުން ދަށުދަރަޖައިގެ ވާހަކަތަކެއް ކަމަށް އެމެރިކާގެ މީޑިޔާއިންވަނީ ސިފަކޮށްފައެވެ. އަދި މިއީ އެމެރިކާގެ ވެރިންގެ އަޚްލާގީ ސިފަތަކާއި އެމެރިކާގެ ޑިޕްލޮމަސީގެ އުސޫލުތަކާވެސް މުޅިން ޚިލާފު ކަމެއްކަމަށް އެމެރިކާގެ މީޑިޔާއިން ބުނެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި ޚާރިޖީ ވަޒީރު ކަމަށް އެންމެ ފުރަތަމަ އައްޔަން ކުރެއްވި ބޭފުޅަކީ ރިކްސް ޓިލަސަން އެވެ. އެދުވަސްވަރު ޓްރަމްޕް ވަނީ ޓިލަސަން އަށް ފަށްފަށުން ތައުރީފް ކުރައްވާފައެވެ. ނަމަވެސް ބައިނަލްއަގްވާމީ މައްސަލަތަކާ މުޢާމަލާތް ކުރުމުގައި ޓިލަސަން އާއި ޓްރަމްޕް ގެ ޚިޔާލު ތަފާތުވާން ފެށުމުން ޓްރަމްޕްވަނީ ޓިލަސަން އާމެދު ހިތްހަމަ ނުޖެހޭކަން އެކިފަހަރުމަތިން ނުސީދާގޮތްގޮތުން ފާޅު ކުރައްވާފައެވެ. ނަމަވެސް މަގާމުން ދުރުކުރަންދެން ޓިލަސަން އަމިއްލައަށް އިސްތިއުފާ ނުދެއްވައި އެމެރިކާގެ ޚާރިޖީ ވަޒީރުކަމުގައި ދެމިހުންނެވިއެވެ.

ޓްރަމްޕް ޓިލަސަން މަގާމުން ދުރުކުރެއްވީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި އޭނާ އާލާސްކަންފުޅާ އުޅުއްވަނިކޮށެވެ. މިއީ ޓިލަސަން އަށް ވަރަށް އަސަރު ކުރި ކަމެއްކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެފައިވެއެވެ.

ޓްރަމްޕަށް ބައިނަލްއަގްވާމީ މަސްރަހު އެނގިވަޑައި ނުގަތުމާއި އުތުރުކޮރެޔާއާއި ރަޝިޔާގެ މައްސަލަފަދަ އެމެރިކާއަށް ޙައްސާސް ބައިނަލްއަގްވާމީ މައްސަލަތަކުގައި ޓްރަމްޕްގެ ވިސްނުން އެކިފަހަރު އެކިގޮތަށް ހުންނާތީ ޓްރަމްޕަކީ މޮޔަ ބޭފުޅެއްކަމަށް ޓިލަސަން ސިފަކުރައްވާފައިވެއެވެ. ރިކްސް ޓިލަސަން އަކީ ސިވިލްއިންޖިނިއަރިން ގެ ދާއިރާއިން މަތީ ތައްލީމް ހާސިލް ކުރައްވާފައިވާ ވަރަށް ކުޅަދާނަ އެޑްމިނިސްޓްރޭޓަރ އެކެވެ.

އެމެރިކާގެ އެންމެ މަޝްހޫރު މަލްޓިނެޝަނަލް އެއްކުންފުނި ކަމަށްވާ "އެކްސޮން މޯބައިލް" ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަމުގެ މަގާމުގައި 10 އަހަރު ޓިލަސަން ހޭދަކުރައްވާފައި ވުމަކީ މީގެ ހެއްކެކެވެ. ޓިލަސަން އަކީ މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެކެވެ. (ރޮއިޓާސް)

comment ކޮމެންޓް