ތިމާވެއްޓާ ބެހޭ ކޮންފަރެންސްއަށް ރައީސް ނަޝީދު ފުރާވަޑައިގެންފި

ރައީސް މުހައްމަދު ނަޝީދު ތިމާވެއްޓާ ބެހޭ ސަމިޓަށް ފުރާ ވަޑަައިގަތުމުގެ ކުރިން ވެލާނާ އިންޓަަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ ޓުވިޓާ

ތިމާވެށީގެ ގޮތުން ހުރި މައްސަލަތަކުގެ މަޝްވާރަ ކުރައްވާ ނިންމުންތައް ނިންމާ ސަމިޓް، ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް)ގެ 24 ވަނަ ސަމިޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގެންފި އެވެ.

ޕޮލެންޑްގައި ބާއްވާ މި ކޮންފަރެންސަށް ފުރާ ވަޑައިގަތުމުގެ ކުރިން، މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލްގައި ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ފަހަރުގެ ސަމިޓްގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަށް ކުޑަކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުން ކަމަށެވެ.

އަދި އޭގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރާ އަސަރާއި ދިމާވާ ކަންކަމުން އެއްކިބާވުމަށް ކުރެވެން ހުރި މަސައްކަތަކީ ކޮބައިތޯ ބެލުމުގެ މަޝްވަރާތައް ވެސް މި ސަމިޓްގައި ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ވެރިކަމުގައި ހުންނެވި އިރުވެސް ތިމަވެށީގެ ގޮތުން ހުރި ގޮޖެހުންތަކަށް ބޮޑެތި ގައުމުތަކުގެ ސަމާލުކަން ރާއްޖެއަށް ހޯއްދަވާ ދެއްވި ނާޝީދު ވިދާޅުވީ، ސަމިޓްގައި މަޝްވަރާ ކުރެވޭނީ މައިގަނޑު އެ ދެ މައުޟޫއަށް ކަމަށެވެ.

"ސޮލާ ޕެނަލް ބޭނުން ކޮށްގެން އިރުގެ ދޯދިންނާއި ވައިން ކަރަންޓު އުފެއްދުން މިހާރު އެބަ ފެނޭ. މި ބާވަތުގެ ކަރަންޓްގެ އަގު މިހާރު ޑީސަލްގެ ކަރަންޓުގެެ އަގު މާބޮޑު ތަނުން އަގު ހެޔޮ. މިސާލަކަށް ރާއްޖޭގައި ހަތް ރުފިޔާއަށް އާންމު ރޭޓެއް ކަރަންޓު ޔުނިޓެއް. އަވީގެ ދޯދިން އުފައްދާ ކަރަންޓް އެންމެ އަގު ހެޔޮކޮށް ވެސް ދެ ރުފިޔާ ބަޔަށް އުފެއްދޭ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެހެން ބާވަތްތަކުގެ ވަސީލަތްތަށް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ މުހިންމު ކަމުގެ މައްޗަށް މި ސަމިޓްގައި އަލިއަޅުވާލެވޭނެ ކަމަށާއި، އެގޮތުން ޑީސަލް ނޫން ގޮތަކަށް ކަރަންޓް އުފެއްދުމުގެ މުހިންމު ކަމުގެ މައްޗަށް މަޝްވަރާކުރެވޭނެ ކަމަށެވެ.

އަމާޒަކީ މި ބާވަތުގެ ހަކަތަ އުފެއްދުމަށް ގިނަ ފާއިސާ ވެސް ލިބޭނެ ގޮތް މަގުފަހިވެގެން ދިއުމާއި ވަޔާއި އަވި ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ޓެކްނޮލިޖީ ތަރައްގީކުރުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބުމުގެ މަގު ކޮޕް ސަމިޓްތެރޭގައި ފަހިވެގެން ދިއުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިބައްދަލުވުމުގައި، ރާއްޖެއަށާއި ކުދި ގައުމުތަކަށް ދިމާވެފައިވާ މައްސަލަތައް ފާހަކަކޮށް އެހީތެރިކަންވެސް ހޯދާ ދިނުމުގެ މަގުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް