ފަސްޓް ލޭޑީ (8)

"ކީއްވެ ތިހެން ބުނީ؟ " ހަޔާތީގެ ހިތުގެ ތެޅުން އަވަސްވިއެވެ. މިކާލް އެހެން ބުނީ ކޮންކަމެއް އެނގިގެން ހެއްޔެވެ؟ ވަށައިގެން ހޯދައިލެވުނީ ކެމެރާއެއް އެއްޗެއް ހަރުކޮށްފައި ހުރިތޯބަލާށެވެ. މިކާލްގެ ހުނަރު އޭނަވަނީ ދެކެފައެވެ. ތަސްވީރެއްގެ ފުރަގަހުގައި ފާރުގައި ތިޖޫރީއެއް ހަދާފައިވާ ޒުވާނަކަށް ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެއެވެ. ކޮޅަށް ތެދުވުމާއިއެކު ހާސްކަމާއިއެކު ބަލަންފެށުނީ ސިއްރު ކެމެރާއެއް ހަރުކޮށްފައިވާ ތޯ ބެލުމަށެވެ. އެހެންވެއްޖެއްޔާ އޭނަ މިކާލް މަރާލާނެއެވެ. އެތަން މިތަން ހޯދާފައި ސްކްރީނަށް ބަލައިލެވުނުއިރު މިކާލް ވީޑިއޯ ކޯލް ކަނޑާލައިފިއެވެ. އޭނަ ކަންފަތުން ހެޑްސެޓް ނެގިއެވެ.

"ސޮރީ ލަވް..." މިކާލް ފަހަތުން އައިގޮތަށް ހަޔާތީގެ މޫނުގައި އަތް އެޅުމުން ލިބުނު ބިރުވެރި ސިހުމާއިއެކު ހަޔާތީއަށް ތޫނުކޮށް ހަޅޭއްލަވައިގަނެވިއްޖެއެވެ. މިކާލް ދޫކޮށްލުމުން އެނބުރުނުއިރު ދެލޯ ބޮޑުވިއިރު ލަދުންގޮސް ރޮވޭގޮތްވެއްޖެއެވެ. އަނބުރައިގެން ހުރިތަނަށް ތަންޑާވީނަމަ މާ ރަގަޅޭ ހިތަށް އެރިއެވެ. ބިންގަނޑު ފަޅާލާ އަޑިއަށް ދާނެނަމައެވެ. އެހާވެސް އޭނަ ލަދުގަނެއްޖެއެވެ. އުމުރުދުވަހުވެސް މިގޮތަށް ލަދުގަތް ހަދާނެއްނުވެއެވެ. އެންމެ އުދަގޫކުރި އަމްރާންއަށްވެސް އޭނައަށް މިހާ ބޮޑު ލަނޑެއްނުދެވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟

މިކާލް އޭނަ ޖެއްސިހާ ވައްތަރެއް ބަލަން މަޖާވެފައި ހުރީ ބެލްކަނީގައެވެ. ބެލްކަނީގައި އެންމެ ކުރިން ހުރި ހުދު ތުނި ފަރުދާތައް ނަގާފައި ބޯ ލެވެންޑާ އަދި ހުދުކުލަ އެކުލެވޭ ފޮތިގަނޑެއް ދެމީ ރީތިވެގެންނެވެ. ނަމަވެސް އެ ރީތިކަން އޭނަ ލަދުގަންނަވާލާފަދަ އެއްޗެއް ކަމުގައި ވެއްޖެއެވެ. ބޯ ފޮތީގެ ސަބަބުން އެތާ މީހަކު ހުރިކަމެއް ހަޔާތީއަކަށް ނޭގުނެވެ. ފެންވަރަން ވަންއިރު އަދި ބެލްކަނި ތަޅުލާފައި ހުރިތޯ ބެލުންވެސް ހަނދާނުން ކައްސައިލީއެވެ. މިކާލް ބަލަން ބޭނުންނަމަ ކިތަންމެ ރަގަޅަށްވެސް މަންޒަރު ހުންނާނީ ފެނިފައެވެ.

"ސޮރީއޭ ބުނެފީމެއްނު. އަހަރެންވެސް ބެލްކަނީގައި ހުރެފައި ވަންނަން އައިއިރު ހަޔާ ޓޮއިލެޓުން ނުކުތީ. ސޮރީ. ގަސްތުގައެއްނޫން. ނުދަންނަން ހަޔާ ތިހާ މޮޅަށް ލަވަކިޔާ ނަށާކުއްޖެއްކަމެއް. އެހާ ތުއިކޮށް ސެލްފީ ނަގާކަމެއް........." މިކާލް ދެއަތް އުފުލައިލީ އަމާންދޭ ގޮތަށެވެ.

"މިކާ......އައި ވޯންޓް ފޮގިވް.." ހަޔާތީ ކަޅިއަޅައިގަތީ ގަތްލަދު ފޮރުވުމުގެ ގޮތުންނެވެ.

ހަޔާތީ އެއައިގޮތަށް އޭނަގެ މޭގައި ދެއަތުން ތަޅައިގަތެވެ. މިކާލް ހެމުން ހަޔާތީއަށް ދޫކޮށްލައިގެން ހުރީއެވެ.

"އައި ވިލް ކިލް ޔޫ ސީރިޔަސްކޮށް.." ހަޔާތީގެ ލޮލުން ކަރުން ތިއްކެއް ވެއްޓުނެވެ.

"އިނަފް ނައު.." މިކާލް ހީލާފައި ހަޔާތީގެ ދެއަތުގައި ހިފާ ހުއްޓުވިއެވެ. " އެހާ ލަދުން އުޅޭވަރު ކަމެއް ހަޔާ ނުކުރަމެއްނު. ނޯމަލް ގާލްއެއްހެން އުޅުނީ"

ހަޔާތީ މިކާލްގެ އަތް ފޮޅުވާލާފައި ބާރުބާރަށް ނުކުމެގެން ދާން ހިނގައިގަތެވެ.

"ބާގަންޑީ ޗެރީއެއް ފްރިޖްގައި އިގޭ. ނިއު ފްލޭވާއެއްނު....." މިކާލް ބޯދަށަށް ކުޝަން ލައްވައިގެން ސޯފާގައި ހަށިގަނޑު ދަމައިލިއެވެ. ހަޔާތީގެ ރީތިކަން އެހާ މިނިވަންކަމާއިއެކު ފެނުމުން އޭނައަށް ދުރަށް ނުދެވުނީއެވެ. ވަޔާއި އުދުހެމުން ދިޔަ ފަރުދާތަކުގެ ތެރެއިން ފެނުނު މަންޒަރު ލޮލާއި ވަކިކުރާކަށް ހިތެއް ނޭދުނެވެ. އެއީ ފާފައެއް ނޫނެވެ. އެހައްގު އެބައޮތް ނޫންހެއްޔެވެ. ނަމަވެސް އޭނަ ދުރުން އުޅެނީ ހަމަ ހަޔާތީއަށްޓަކައެވެ. ކޮންމެވެސް ދުވަހަކުން ހަޔާތީ އެކަން ގަބޫލުކުރާނެއެވެ. މިކާލް ވަގުތުން ހުރިހާ ޚިޔާލުތަކެއް އެއްފަރާތްކޮށްލާފައި ސިކުނޑި ހުސްކޮށްލައިފިއެވެ. ހުރިހާ ޚިޔާލްތައް އެއްފަރާތްކުރަން އޭނަ ސިކުނޑިއަށް ތަމްރީނު ދީ އަމިއްލަ ނަފުސްގެ ކޮންޓްރޯލް ކިތަންމެހާވެސް މޮޅަށް ހޯދަން ދަސްކޮށްފައިވެއެވެ. އޭނަގެ ސިކުނޑި އޭނަ ކޮންޓްރޯލް ކުރިޔަނުދީ އޭނަ އަމިއްލަ ސިކުނޑިއަށް ބާރު ހޯދާފައިވެއެވެ. އިހުސާސްތައް ލައްވާފައިނެތިއްޔާ އިންސާނުންނަށް ނުވާނެނޫންހެއްޔެވެ؟ އޭރުންވާނީ ރޮބޮޓަކަށެވެ. ނަމަވެސް އިހުސާސްތައް އެއްފަރާތްކޮށްލާފައި ސިކުނޑި ހިމޭންކޮށްލަން އޭނަ ދަނެއެވެ. ސިކުނޑި ޚިޔާލުތަކުން ފުރާލާ ހަލަބޮލިކޮށްލައިގެން އޭނަ ބޭނުންވާ ލަނޑުދަޑި ހާސިލެއްނުކުރެވޭނެއެވެ.

"އައިސްކޯން. ހޫމް ދެން މިކާ ލަދުގަންނަވާލިޔަސް އައިސްކޯނެއް ގެނައިމަ ނުކައެއް ނުހުރެވޭނެ..." ހަޔާތީ ފްރިޖް ހުޅުވާލައިގެން އައިސްކޯންނެގިއެވެ. ކުޅުދިޔާވާހާ ދަހިގޮތެއް ކޯނުގައި ހުއްޓެވެ. ސޯފާގައި ހަމަޖެހިލާފައި ކާންފެށުމާއިއެކު އައިސްކްރީމް އަނގައިގެ ތެރެއަށް ވިރުނެވެ. ލިބުނު އަރާމާއެކު ދެލޯވެސް މަރާލެވުނެވެ. އިރުކޮޅަކުން އަނެއްކާވެސް މިކާލްގެ ޚިޔާލުތައް އައުމުން ފައި ތަޅައިގަތުމުން ސޯފާގައި ޖެހި ތަދުވެސްވިއެވެ. "މިކާ ކިހާ ގޯސް. ހަމަ ބަލަން ހުރީމައެއްނު ސެލްފީނެގިކަން އެނގުނީ. ސިއްރުން ބަލަންޖެހޭތަ؟ އަޅެ ހާދަ ލަދެއް ގަނެއޭ.... "

މިކާލްގެ ކުރިމައްޗަށް ދާނެ ހިތްވަރު ނުލިބުމުން ހިނގާލަން ދާންކަމަށް ގަސްތުކޮށް ނުކުތެވެ. ލިފްޓަށް އަރާފައި މިޝާގެ ކުދިން ދެކެލާ ހިތްވިއެވެ. ފިތައިލެވުނީ ހަވަނަ ފިތަށެވެ. އެގެއަށް ވަދެފައި ލިބުނު ޝޮކްގެ ސަބަބުން ނުވަދެވުނުނަމައޭ ހިތަށް އެރިއެވެ. ޒެއިންއާއި ޒުހަލް ކޮމްޕިއުޓަރަށް ގެއްލިފައި ތިބިތަން ފެނިފަ އޭނައަށް ބަލައިލެވުނުއިރު ކަމުދާކަށް ނެތެވެ. މިކުދިން ބަލަން ތިބީ އައިއެސްގެ ވީޑިއޯއެކެވެ.

"ކޮބާ މަންމަ؟ " ހަޔާތީ ވަށައިގެން ހޯދައިލިއެވެ.

"މަންމަ ޕޭޝަންޓެއް އައިސްގެން ހިޖާމާ ޖަހަން.." ޒުހަލް ދެ އިނގިލިން ދައްކައިލީ އައި އެސްގެ ނިޝާނެވެ." ސެލްފީއެއް ނަގާބަލަ ދޮންބެދައްތީ. މިގޮތަށް"

ހަޔާތީ ސެލްފީއެއް ނަގާފައި އެކުދިންނަށް ދައްކާލިތަނާހެން މިޝާ އަނެއްފަޅީގައި ހުރި ކޮޓަރިން ނުކުމެފާ ހިޖާމާ ޖަހަން ދެންމެ ތައްޔާރުވަނީކަމުގައި ބުނެލިއެވެ. އެކުދިން ބަލަން ތިބީ އެއުމުރުގެ ކުދިންނާއި ނުގުޅޭ އަނިޔާވެރި މަންޒަރުތައް ދައްކާ ވީޑިއޯއެއްކަން އެނގުނުއިރުވެސް މިޝާ އަކަމާއި އަޅާނުލާތީ ހަޔާތީ ހައިރާންވެ އަންތަރީސްވިއެވެ. މުޅި މިއާއިލާގެ ޅަދަރިންނަށްދާންދެން މިއޮތީ މިފިކުރުބާވައެވެ. ހާދަހާ ދެރައެވެ. އޭނަވެސް ސަލާމަތްނުވާނެހެއްޔެވެ. ކުރިން އެނގުނުނަމައެވެ. އެފިކުރު ފޮހެލަން ދެން ފަސޭހަވާނެކަމެއް ނޭގެއެވެ. މަސައްކަތްކުރާނީއެވެ.

މުފުތިހާ ހޮސްޕިޓަލުން ދޫކޮށްލުމަށްފަހުވެސް މިކާލް ކޮންމެ ދުވަހަކު އޭނަގެ މަންމައާއިއެކު ޚާއްސަކޮށް ވަގުތުހޭދަކުރެއެވެ. އިޝާކޮށްގެން ބައްޕައާއި މަންމައާއި އެކު ވާހަކަދައްކާލަން ސިޓިންރޫމްގައި އިނުން އޭނަގެ ދުވާލުގެ ތާވަލްގެ ބަޔަކަށް ހެދިއެވެ. އެގޮތަށް ވާހަކަދައްކަން އިނުމުން މައިންބަފައިންގެ މޫނުމަތިން ފެންނަ އުފާވެރިކަން މިކާލްއަށް ހުރިހާ ކަމަކަށްވުރެ ބޮޑެވެ. މިކާލް އިޝާކުރީ އާދައިގެ މަތިން ކޮޓަރީގައެވެ. އެއްގޮތަކަށްވެސް މިސްކިތަށްދާކަށް މިކާލް ނޫޅެއެވެ. އެކަމާއި ހަޔާތީ ފިކުރުބޮޑުވެއެވެ. މިކާލް ޑޮޓުންގެ މީހެއް ބާވައޭ ހިތަށްއެރިއެވެ. ވަކިބަޔެއްގެ ފަހަތުގައި ނަމާދުނުކުރެވޭ މީހުންގެ ތެރެއިން އެކަކަށް މިކާލްވެއްޖެކަން އެނގޭއިރު އެކަމާއި ވާހަކަދައްކަން ނުކެރެނީ މިކާލް ހިތްހަމަނުޖެހިދާނެތީއެވެ.

މިކާލް ކޮޓަރިން ނުކުމެގެން އައިއިރު ތާޒާކަމުން ހަޔާތީއަށް ބަލަން އިނދެވުނެވެ. މުށިކުލައިގެ ގަމީހަކާއި ޖިންސެއްލާފައި ފުނާ އަޅާފައި ހުރިއިރު ތުންފަތްމަތީގައި އުފާވެރިކަމެވެ. މިކާލް ސޯފާގައި އިށީނެވެ.

"ދަރިފުޅާ. އަދިވެސް ސަމާގެ ޚަބަރެއްނުވޭތަ؟ " ޔާސިރު އަހައިލިއެވެ.

"އަދި ނުގުޅޭ...."

"ހަޔާތީއަށް އެންމެ ފަސޭހަވާނީ. ހަޔާތީގެ ބައްޕަ ސިފައިންގެ މަތީ މަގާމެއްގައި ހުންނަ ވާހަކަ ޒުލޭޚާ ކުރީ ދުވަހު ބުނި. އަހަންނަށް އަދި ކިރިޔާ ޖަނާހުއަކީ ހަޔާތީގެ ބައްޕަކަން މިއެނގުނީ. ހަޔާތީގެ ބައްޕައަށް އެހީއެއް ނުވެވޭނެތަ؟ " މުފުތިހާގެ ނަޒަރު ހަޔާތީގެ މޫނަށް ދަތުރުކުރިއެވެ. ހަޔާތީ ހެދުންއަޅާގޮތާއިމެދު ހިތްހަމަނުޖެހޭވަރުން ކުރާ އެއްވެސް ކަމެއް މުފުތިހާއަށް ކަމަކުނުދެއެވެ. ކޮންމެކަމަކަށް ފާޑުކިޔާނެއެވެ. މުފުތިހާއަށް ކަމުދާ ގޮތަކަށް ރިހައެއް ނެހެދޭނެއެވެ. މާ ލޮނުގަދަވާނެއެވެ. ބަތް ކައްކައިފިއްޔާ ޗަސްވެފައެވެ. މޮޕްޖަހާގޮތާއި ތަންތަން ސާފުކުރާގޮތް ކަމުނުގޮސްގެން މައްސަލަ ޖައްސައެވެ. ހުރިހާ ކަމަކަށް ކެތްކުރަމުން ދިރިއުޅުން ހަލަބޮލިނުކޮށް ކުރިއަށް ދާން ހަޔާތީ މަސައްކަތްކުރެއެވެ. މައިދައިތަ ޅީދަރިއަކަށް ހިތް ހެވެއް ނުވާނެއެވެ.

"އަޅުގަނޑު ބުނެފާނަން.." ހަޔާތީ ބޮލުން ނައްޓާލަން ބުނެލިއެވެ.

އޭނަގެ ބައްޕަ މުހައްމަދު ޖަނާހުއަކީ ހިޓްލަރޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އެހާ ހަރުކަށި ގޮތްދޫނުކުރާ މިޒާޖެއްގެ ވެރިއެކެވެ. އޭނައާއި މިކާލްގެ ކައިވެންޏަށް ރުހުންދިނީ ބައްޕަ ކީކޭ ހިތަށް އަރައިގެން ބާވައޭ އެވަގުތުކޮޅުވެސް ހިތަށް އެރިއެވެ. މިކާލްގެ ގެއެއް މާލޭގައި ހުންނަކަން އެނގުމުން ބައްޕަ އެހެން އިތުރުކަމެއް ބަލައިލުމެއްނެތި ވަލީދިނީ ނޫންބާވައެވެ. ބައްޕަ އެހެރަ މަގާމުގައި ހުރެގެން ތިމާގެ ދަނބިދަރިއަކީ އިސްލާމިކް ސްޓޭޓްގެ ހަގުރާމަވެރިއެއްކަން އެނގިއްޖެއްޔާ ބައްޕަ ހޭނެތިދާނެކަމާއިމެދު ޝައްކެއްނެތެވެ.

"މިކާ އައިއެސް ފައިޓަރެއްނޫނޭ ބުނާނީ ކިތައްފަހަރުތަ. އެހެން ހިތަށް ނާރުވާށޭ. މިކާ ކިހާ ހޮޓް. ކިހާ ސްވީޓް. ކިހާ އުފާވެރިކޮށް އުޅެނީ. އެތަނަށް ދާނީ ލޫޒާސްއިން. މިކާއެއް ނުދާނެ........." ހަޔާތީ އަމިއްލަ ނަފުސަށް އަޑުލިޔަސް އެހެން މީހަކަށް އެ ލަފުޒުތަކެއް ނީވޭނެއެވެ. އިއްވާކަށްވެސް ނުކެރޭނެއެވެ. ނަމަވެސް އޭނަގެ ލޯބިވާ މިކާލްއާއިމެދު ކުރެވޭ ޝައްކުތައް އިތުރުވަނީއެވެ. އެފުން ދެލޮލުގައި ފޮރުވިފައިވާ ސިއްރުތައް އަތުލަން ފީނަން އުޅުނަސް އެކަމެއްނުވެއެވެ.

މިކާލް އޭނައަށް ބަލާލާފައި ދިން ރީތި ހިނިތުންވުމުން ހަޔާތީގެ ހިތް ތެޅިލައިފިއެވެ. އަބަދު މިކާލްގެ ރީތި ދެލޮލުން އެހެން ބަލަން އިންނާނެނަމައެވެ.

މައިދައިތަ ކައިރީ ވެވުނު ވައުދަށްޓަކާ ހަޔާތީ އޭނަގެ ބައްޕަ ދިރިއުޅޭ އިމާރާތަށް ދިޔައިރު އިރުއޮއްސި ރަތްވިލާ ލާންފަށައިފިއެވެ. އުދަރެސް ހުޅުދާންވެގެން ދިޔަފަދައެވެ. އިސާހިތަކު މަޑުމަޑުން ކުލަތައް ފޭދެމުންގޮސް އަނދިރިކަން ވަށާލިއިރު މާލޭގެ ގެތައް ބޮކިތަކުން ދިއްލާ އަނދިރިކަމަށް ކުރި ހޯދައިފިއެވެ. ބައްޕައާއި ދޮންމަންމަ ދިރިއުޅެނީ ހިތްގައިމު އެޕާޓްމެންޓެއްގައެވެ. ބަލައިލާ ކޮންމެ ދިމާލަކުން މުއްސަދިކަމާއި ޝާހީކަން ފެނެއެވެ. ދޮންމަންމަވެސް މާލޭ މީހަކަށްވިކަމީ ބައްޕަގެ ހެޔޮ ނަސީބެވެ.

"މޭރީ. އަވަހަށް މައިލޯއަކާއި ހެދިކާ ގެނެސްބަލަ. ޕިއްޒާއާއި ޗީޒްކޭކުވެސް ގެންނާތި.." ދޮންމަންމަ އެގޭގައި ގެންގުޅޭ އަންހެންކުއްޖާއަށް ގޮވައިލިއެވެ.

ފަނަރަވަރަކަށް މިނިޓްތެރޭ ހަޔާތީ އޭނަގެ ބައްޕައާއިއެކު ކާކޮޓަރީގައި ވާހަކަދައްކާލަން އިށީދެލައިގެން ތިބިއިރު ކުރިމަތީ ހުރި މައިލޯތަށިވެސް ހުސްވަމުން ދިޔައެވެ.

"ތި އާއިލާއަށް ހަޔާތީއަށް ވަދެވުނުކަމީ ބަދުނަސީބު. ޓެރަރިޒަމްއަށް ހަރުކަށި ގާނޫނެއް ފާސްކޮށްފައިވޭ. ތިތަނަށް ގޮސްފައި އަންނަ މީހެއްވެސް ޖަލަށްދާން ޖެހޭނީ. އެތަނަށްދާ މީހުންނަކަށް ދިވެހި އަދި ސީރިޔާ ސަރުކާރުގެ ބާރެއް ނުފޯރާ. އެހެންމީހުންނަށް އޮޅުވާލާ އަމިއްލަ ރިސްކު ނަގައިގެން އެތަނަށް ދާ މީހުން އެދަނީ. ހަޔާތީ. ބައްޕައަކަށް ތިކަމެއް ނުވާނެ. ބައްޕަމެންނަށް ސީރިޔާއަށް ދާ ދިވެހިންނެއް އަނބުރާ ގެނެވޭނެ އެއްވެސްގޮތެއް ނެތް. ޓެރަރިސްޓުންނަށް މި ގައުމުގައި ޖާގައެއް ނުދެވޭނެ. އަޔަސް ހުކުމެއް އަންނާނީ....."

"އޯ....." ހަޔާތީ މާޔޫސްވިއެވެ. ބައްޕަގެ ވާހަކަ ހުރިގޮތުން ބައްޕަފަދަ މަތީ މަގާމެއްގައި ހުރި މީހަކަށްވެސް ސަމާ ރާއްޖެ ގެނެވޭނެ ގޮތެއް ނުވާނެކަން ޔަގީންވިއެވެ. އަމިއްލައަށް ފުންމާލައިގަތް ވަޅުގަނޑަކުން އަމިއްލައަށް އަރާށެވެ. ސަމާއާއިމެދު ކިތަންމެ ވަރަކަށް ހަމްދަރުދީވިޔަސް ސަލާމަތްކުރުން ފަސޭހަކަމަކަށް ނުވާނެކަން ނޫސްތަކަށް ބަލައިލުމުން ސާބިތުވެއެވެ. އެތަނަށް ގޮސްފައި ފިލައިގެން އާދެވޭނީ އުމުރުގައި ތަންހުރި މީހަކަށެވެ.

ހަޔާތީ ފިހާރައަށްވަދެ ގެއަށް ބޭނުންވާ ސާމާނު ގަނެ ނިމުނުއިރު ކޮތަޅުތައް ބަރުކަމުން ގެންދަން އުދަގޫވިއެވެ. ކާރެއް ލިބޭނީއެއް ނޫނެވެ. ފެހި ބޯޑު އަޅުވައިގެން ދާ ކާރަކަށް އަތް ނެގިޔަސް މަޑުކުރާގޮތެއްނުވިއެވެ. ދެތިން ކާރު މަޑުކޮށްނުލާ ދިޔުމުން ރުޅިގަދަވެފާ މިކާލްއަށް ގުޅަންފެށިއެވެ. މިކާލްވެސް ފޯނު ނެގީއެއް ނޫނެވެ.

"ދޮންތާ......" ކުއްލިއަކަށް ދަންނަ އަޑެއް އިވުމުން ހިތް އުފަލުން ފުންމައިގަތްހެން ހީވިއެވެ. އެނބުރި ބަލައިލިއިރު ކައިރީގައި ހުރީ އޭނަގެ ފިރިހެންކޮއްކޮ އިޝްކަން އެވެ. ހަޔާތީއަށް ޖޯޝާއިއެކު ކޮއްކޮ ގައިގާ ބައްދާލެވުނެވެ. އިޝްކަން އާއި އޭނައާއި ދޭތެރޭ ހުންނާނީ ދެއަހަރެއްހާ ދުވަހުގެ ތަފާތެވެ. އިޝްކަން މާލެއިން ފެނިދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. މަންމަމެން ޖަވާހިރެއް ފަދައިން ގެންގުޅުނު ލޯބިވާ ފިރިހެން ދަރިފުޅެވެ.

"މަންމަމެންގެ ހާލު ކިހިނެއްތަ. ކޮބާ ހުރިހާ ކުދިން. ކީއްކުރަން ޝޭން މާލޭގައި؟ "

"އެންމެން އޯކޭ. މިކޮޅުން ޑިގްރީ ހަދާނެ ޗާންސްލިބުނީމަ އައީ. ފްރެންޑެއްގެ ގޭގައި މިހުންނަނީ.." އިޝްކަން ހަޔާތީ އަތުން ކޮތަޅުތައް އަތުލިއެވެ. އާއިލާއާއި ގުޅުން ކަނޑާލުމަށްފަހު މިވީ ދެތިން މަސްދުވަސްތެރޭ އާއިލާގެ އެއްވެސް މީހަކަށް ހަޔާތީއާއި ވާހަކަދެއްކުމުގެ ހުއްދަ މަންމަ ނުދިނީއެވެ. ނަމަވެސް ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާލެވޭނެހެއްޔެވެ؟ އިޝްކަން އަށްވެސް ހަޔާތީ ފެނުމުން މަންމަ މަނާކޮށްފައި އޮތަސް އަނގައިން ނުބުނެ ނުހުރެވުނީއެވެ.

އިޝްކަން ވަރަށް ފަސޭހައިން ކާރެއްނެގިއެވެ. ހަޔާތީ އަރުވަން ދޮރު ހުޅުވާލަދިނެވެ. ގެއާއި ހަމަޔަށް ގޮސްފައި އިޝްކަން ނުވަންނާން އުޅުމުން ހަޔާތީ ކުރުނުކޮށް އަތުގައި ހިފާ އެގެއަށް ވެއްދިއެވެ.

"ޝޭން ހުންނާނީ މިގޭގައި. މާލޭގައި ގޮޅިއެއްހާ ކުޑަ ތަންކޮޅެއްގައި އުޅެން ޖެހުނަސް ދޮންތަ ބިންމަތީގައި ނިދައިގެންވެސް ޝޭން ބަހައްޓާނަމޭ ބުނި ހަދާނެއް ނުވޭތަ. އަވަހަށް ޝޭންގެ ސާމާނު ގެނުވާ. މިބައިގާ އެހެން އެޕާޓްމެންޓެއް އެބަހުރި. އެތަނުން އެއް ރޫމް ރެންޓަށް ހިފާފައި ޝޭން އެކޮޓަރީގައި ބަހައްޓާނީ. މަންމައަށް އެނގިގެން ނުވާނެ. ނޫނީ މަންމަ ޝޭންއާއިވެސް ގުޅުން ކަނޑާލަފާނެ. މަންމަ ސްޓަބްންކަމުން ގޮސް. މާޒީގައި ހިނގާފައިވާކަންތަކަށް މާފުކޮށްފައި ކުރިއަށް ދާން މަންމަވެސް ދަސްކުރަންވާނެ...." ހަޔާތީ ބުނެލިއެވެ. އޭނަ އެއްގޮތަކަށްވެސް ކޮއްކޮ ދުރުގައި ބަހައްޓާކަށް ހިތްހަމައެއް ނުޖެހުނެވެ. އައިޓީ ކިޔަވާ ކުއްޖެއްވީމަ ލިބޭ ހުސްވަގުތުގައި އެޗްއެމް އޮފީސްގައި މަސައްކަތްކޮށް އާމްދަނީ ހޯދޭނެއެވެ. އިޝްކަން އައިޓީގެ އިތުރުން ސޯޝަމް މީޑިއާގައި ފާހަގަކުރެވޭ ސިޔާސީ އެކްޓިވިސްޓެކެވެ. އިޝްކަންވެސް ސަރުކާރަށް ތާއީދުކުރާތީ ދެމީހުން ގުޅިން ނޫސް މިއަށްވުރެ ފެންވަރު ރަގަޅުކުރެވޭނެއެވެ.

ވައިލެޓާއި ހުދުކުލައިގެ އެކި ޝޭޑްތަކުން ޒީނަތްތެރިވެފައިވާ އެކޮޓަރީގެ ހިތްގައިމުކަން އެންމެބޮޑަށް އިތުރުކޮށްދީފައިވަނީ ބޮޑެތި ލެވެންޑާ އަދި ލައިލެކް އުއްބައްތިތަކުންނެވެ. ބެލްކަނީގެ ދޮރުތައް ކަހާލާފައި ހުރުމުން ފިނި ފިނި ވައިރޯޅިތައް ހުރަހެއްނެތި ކޮޓަރިތެރެއަށް ވަންނަމުން ދިޔައެވެ. އޭސީ ނިވާލާފައި ހުއްޓަސް ކޮޓަރިތެރެ ފިންޏެވެ. އުއްބައްތީގެ އިޝްގީ އަލިން ކޮޓަރި ފެންވަރުވާލާފައިވާއިރު ވަޔާއިއެކު ހުޅުކޮޅު ނަށާލައެވެ. އޭރު މިކާލް އިނީ ލެޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. ހަޔާތީ ފެންވަރާލައިގެން ނުކުތީ އަތްކުރު ޓޮޕްކޮޅަކާއި ސްކިނީއެއް ލައިގެންނެވެ. އޮމާން އަތާއި ކަނދުރާ ހާމައަށެވެ. ޝޭމްޕޫގެ މީރުވަސް އަރަ އަރާހުރި އިސްތަށިގަނޑު ކޮނޑުމައްޗަށް ވިހުރުވާލާފައެވެ. ހަޔާތީ މިކާލްގެ ފަން އިސްތަށިގަނޑާއި ކުޅެލިއެވެ. ހަޔާތީ އޭނަގެ ކޮއްކޮ މާލޭގައި ހުރި ޚަބަރު ދިނީ ހެވިލާފައެވެ. އިޝްކަން އެ ފްލޯގައި ހުންނަ އަނެއް އެޕާޓްމެންޓްގެ ކޮޓަރިއެއްގައި ކުއްޔަށް ބަހައްޓާ ވާހަކަ ބުނުމުން މިކާލް އުފާވިކަން އެނގުނެވެ.

"ހަޔާގެ ފެމިލީ މިގޭގައި އުޅޭނީ ކުއްޔަކަށް ނޫން. މިއީ ހަޔާގެ ވެސް ގެ..." މިކާލް ހުއްދަދިނެވެ.

"ރެންޓް ނުނަގާކަން އެނގިއްޖެއްޔާ މިކާ މަންމަ މައްސަލަ ޖައްސާނެ. އާމްދަނީ ލިބޭލެއް މަދުވެގެން މަންމަ އެވާހަކަ ދައްކާ........."

"ދުނިޔެއާއިހެދި އެހާ އުޅޭކަށް ނުވާނެ..."

"މިކާ........ދެން ވަރަށް ފޫހިވޭ ތިކަހަލަ ވާހަކަދައްކާތީ. ހީވާ ކަހަލަ މިކާ ވެސް މަރުވާ ހިތުން އުޅޭހެން..." ހަޔާތީ ނުރުހޭގޮތްވިއެވެ.

"ޝޭން ކައިރީ ބުނޭ ރެޑީވެގެން ހުންނާށޭ. ބަލާދާނަން..."މިކާލް ލެޕް ނިވާލާފައި ތެދުވެގެންގޮސް ރީތިވާ މޭޒުދޮށުގައި ހުއްޓުނެވެ. އިސްތަށިގަނޑާއި ކުޅެ ހާވާލަފައިވާތީ އިސްތަށިގަނޑު އަތުން ރީތިކޮށްލިއެވެ.

"ކޮންއިރަކުން" " ހަޔާ އެހިއެވެ.

"މާދަން...." މިކާލް ހަޔާތީ ކައިރިން އިޝްކަން އުޅޭ އެޑްރެސް އަތުލިއެވެ.

މިކާލް އެކުވެރިއަކާ އެކު ބޭރަށް ދިޔަފަހުން އިޝްކަން ގުޅާފައި އަންނަނީކަމުގައި ހަޔާތީ ކައިރީ ބުނެލިއެވެ. ކޮއްކޮ އަންނަންވާއިރަށް ތެޅިފޮޅިގެން ރޮށްޓާ ކުޅިމަސްހެދިއެވެ. ތަށިބަރި ތައްޔާރުކުރަން ހުއްޓާ މުފުތިހާ ނުކުމެ އަހާލުމުން ހަޔާތީއަށް އޮޅުވާލާކަށް ނުކެރުނެވެ. އޭނަގެ ފިރިހެންކޮއްކޮ އެޕާޓްމެންޓުން ރޫމެއް ކުއްޔަށް ހިފައިގެން މިރޭ ބަދަލުވަނީކަމަށް ބުނުމުން މުފުތިހާ ވަކި އެއްޗެކޭ ނުބުނެއެވެ. ހަޔާތީ ބުނީ ކޮއްކޮއަކީ އައިޓީ ޓެކްނިޝަނެއްކަމުގައެވެ. އެންމެ ގިނަ ފައިސާވަންނާނީ އެކަހަލަ ކުދިން ޖީބަށް ކަމުގައެވެ. މިޒަމާނުގައި ކޮމްޕިއުޓަރާއި ނުލާއި އުޅެވޭނީ ކޮންބަޔަކަށްހެއްޔެވެ؟ އޮކްސިޖަން ބޭނުންވާފަދައިން އެއެއްޗިއްސާއި ނުލާ ނޫޅެވޭނެ މީހުން ގިނައީއެވެ. އިޝްކަން އައުމުން ގެނެސް މުފުތިހާއަށް ތައާރަފުކޮށްދިނެވެ. ހެދުން އަޅާފައިވާ ގޮތުން ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން އެނގުނެވެ. އިސްތަށިގަނޑުގައި ޖައްސާފައި ހުރީ ސީދާ ޕްލެޓިނަމް ކުލައެވެ. މުފުތިހާ އަނބުރައިގެންފާނެހެން ހީވިއެވެ. މޫނަށް އެރި ކުލަވަރުން ހަޔާތީވެސް ބިރުގަތެވެ. އިތުރު އެއްޗެކޭ ނުބުނެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ހަޔާތީ ކޮއްކޮ ގޮވައިގެން ގޮސް ޖެހިގެން ހުރި އެޕާޓްމެންޓަށް ވަނެވެ.

"ކީއްވެ ޕްލެޓިނަމް ކުލަޖެއްސީ. ޒެއިން މާލިކްއާއި ވައްތަރީ. އެކަމަކު ހަމަ ވަރަށް ކިއުޓް. ޝޭންގެ ގަދަ ބުމައާއި ޕްލެޓިނަމް ކުލައިގެ ޖާދޫގައި ޖެހި މާލޭ އަންހެންކުދިން މޮޔަކޮށްލާނެ......" ހަޔާތީ ހެމުން ކޮއްކޮގެ އިސްތަށިގަނޑުގައި އަތްލިއެވެ. އިޝްކަން ފޮނި ހިނިގަނޑެއް ޖަހައިލިއެވެ. އަމިއްލަ ރީތިކަމަށް ފަޚުރުވެރިވާފަދައެވެ.

"ދޮންތަ މަމް އިން ލޯ ޕްރެކްޓިކަލީ ތްރޫ ޑެގާސް އެޓް މީ. ލޮލުން މީހަކު ފިއްސާލެވޭނީ އެހާވަރަށް. ލޮލް.." އިޝްކަން އެނދަށް ވެއްޓިގަތެވެ. އައިޕޮޑުން ޖަހާފައި ހުރި އިނގިރޭސި ލަވައިގެ އަޑު ބޭރަށް އިވިއިވި ހުއްޓެވެ.

"މިފެމިލީ ވަރަށް ދީނީ. އައިމް ހޭވިން އެ ހާޑް ޓައިމް އެމީހުންނާއިއެކު އުޅެން. އަހަރެމެން އުޅުނުގޮތެއްނޫން. މަންމަމެންގެ އަޚުލާގު ކިތަންމެ ރަގަޅަސް އަހަރެމެން ދީނަށް ލަންބަން ނަމާދުކުރަންވެސް މަންމަ ބުނި ހަދާނެއްނެތް. އެނގޭތަ ޝޭން. މިގޭ ސަމާވެސް ޖިހާދުކުރަން ސީރިޔާގައި ވީ. މީ ސިކްރެޓެއް އިނގޭ ނުކިޔައްޗޭ..."

"ވަޓް؟ "އިޝްކަން ދެލޯ ބޮޑުކޮށްލިއެވެ.

"އާނއެކޭ. ސަމާގެ ހަޒްބެންޑް އެކޮޅަށްގޮސް މަރު....އައި މީން ޝަހީދުވެއްޖެ. މިކާ ރުޅިއަންނާނެ މަރުވީއޭ ބުނީމަ......"

"ހަހަހަ. ސަހީދުންނޯ. އެތަނަށް ދާ މީހުން އަހަރެމެންނަށް އެނގެޔޭ. ޝައުން ޝަހީދުވިއޭ ބުނިނަމަ މާ އެކްސެޕްޓަބްލް. އޭނަ މަރައިލި ގޭންގްކުދިންކޮޅު މިހާރު ގޮއްސި ތި ބުނާ ޖިހާދަށް. ހިލޭރިއަސް......." އިޝްކަން ހޭންފެށިއެވެ. ލޯގަނޑު ކައިރީ ހުއްޓި އިސްތަށިގަނޑާއި ކުޅެލިއެވެ. ކަރުގައި އޮތް ރިހި ފަށާއި އަތުގައި އޮތް އަގުބޮޑު ގަޑިންވެސް ފެޝަން އައިކަންއަކާ ވައްތަރެވެ.

"ޝޭން. ކައިބަލަ..."

"ދޮންތަ ކެއީތަ؟ " އިޝްކަން އަހާލިއެވެ.

"ނޫން އަދި ނުކަން...."

"ހިނގާ ދެމީހުން އެއްކޮށްކާން. ކޮން ދުވަހެއް ދޮންތައާއިއެކު ނުކާތާ. މިސްޑް ޔޫ މަޗް..."

ހަޔާތީ މޭޒުމަތީގައި ތަށިތައް އަތުރާފައި ކާން ތައްޔާރުކޮށްލުމަށްފަހު ދެކުދިން އެކީ ކާންތިބިއިރު އެދެބެންގެ ދޭތެރޭ އޮތް ލޯތްބާއި ގާތްކަން ސާބިތުކޮށްދިނީ ދެކުދިންނަށް ލިބިފައިވާ އުފާވެރިކަމާއި އެ ހުނުމުގެ އަޑުންނެވެ. އާއިލާގެ މުހިއްމުކަން ހަޔާތީއަށް ވަޒަންކުރެވުނެވެ. މާ ބޮޑަށް މަންމަމެން މަތިން ހަދާންވާންފެށިއެވެ. ބައްޕައާއި މަންމައާއިއެކު އުޅޭނެނަމައެވެ. ނަމަވެސް އެކުދިންނަށް އެ އުފާކޮޅުވެސް ލިބޭނެގޮތެއް ނުވިއެވެ. ހަޔާތީ މިރޭ އިނީ ބުނަން ނޭގެހާ އުފާވެފައެވެ. ކޮއްކޮ އައިފަދައިން އާއިލާގެ އެހެން މެމްބަރުން އައިސް އެންމެން އެކީ އުޅޭނެ ދުވަހެއް ފެންނާނެކަމަށް ހަޔާތީ އުއްމީދުކުރިއެވެ. ޝޭންވެސް އެންމެފަހުން އައީއެވެ. މަންމައަށް ސިއްރުން ކޮއްކޮ އެގޭގައި ގެންގުޅުމަކީ އުމުރު ދުވަހުގެ ހުކުމެއް އަންނާނެ ބޮޑު ކުށެއްކަން އެނގުނަސް އޭނަ އިޝްކަން ދުރަށް ދެވުނަކަ ނުދޭނެއެވެ. މަންމަ ޔާސިރުދެކެ ރުޅި އަންނަނީ އެންމެ ސަބަބަކާހެދިއެވެ. ޔާސިރު މަންމައަށް ކެހިދީފައި އޮޅުވާލާފައި މުފުތިހާއާއި ކައިވެނިކޮށްގެން ދިޔައިރުވެސް މަންމައަށް އެކަން އެނގުނުކަމަކަށް ނުވިއެވެ. ޔާސިރު އެރަށަށް ކުރި ދަތުރެއްގައި މަޖަލަކަށް މަންމައައި ރައްޓެހިވީއެވެ. އެކަމުގެ ނިޝާނެއްގެ ގޮތުން އަންހެންދަރިއަކު ދީފައެވެ. މަންމަ ނަހަލާލަށް ބަލިވެއިންކަން އެނގުނު ދުވަހު ކާފަ ހާޓްއެޓޭކެއް ޖެހިފައި ނިޔާވީއެވެ. ދެން ހުރީ މާމައެވެ. މާމަވެސް އެހިތާމައިގާ މޮޔަވާވަރުވިއެވެ. ހިތާމައިގެ ކަނޑެއްގައި ޣަރަގުވެގެން ދަނިކޮށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލި މީހަކީ ޖަނާހުއެވެ. ނަމަވެސް ޖަނާހުވެސް މަންމަގެ ހިތް ހަލާކުކުރީއެވެ. އެއްވެސް ފިރިހެނަކަށް އިތުބާރުކުރެވޭނީ ކިހިނެއްހެއްޔެވެ؟ މާލެއަށް ޖަނާހު ވަޒީފާ ބަދަލުވީފަހުން އެހެން ލޯބިވެރިއަކު ހޯދިއެވެ. އުމުރު ދުވަހުވެސް މަންމަ ހުރީ ޖަނާހުއާއި ޔާސިރުއަށް މާފުނުދޭން ނިންމައިގެންނެވެ. ވީއިރު މަންމަ ދުޝްމިނަކަށް ދެކޭ މީހެއްގެ ދަރިއަކާއި ހަޔާތީ ކައިވެނިކުރަން ރުހޭނީ ކިހިނެއްހެއްޔެވެ؟ މިކާލްއަކީ ޔާސިރުގެ ލެއެވެ.

ދަންވަރު އެކެއްޖަހާ ބޮޑުވެއްޖެއެވެ. ހަޔާތީ އޮތީ ނުނިދިފައެވެ. ސީލިންއަށް ބަލަހައްޓައިގެން އޮތްއިރު މަންމައާއިމެދު ފިކުރު ކުރެވުނެވެ. މަންމަ އެހާ ރުޅި އަންނަ މީހެއްގެ އާއިލާއެއްގެ ޅީދަރިއަކަށްވެގެން އައުމަކީ ކުރެވުނު ރަގަޅުކަމެއް ހެއްޔެވެ؟ މަންމަގެ ހިތާމައިގެ ސިލްސިލާއަށް އަމިއްލަ އަންހެންދަރިފުޅުވެސް ބޮޅެއް އިތުރުކޮށްލީއެވެ. އޭނައަކީ ކޮންކަހަލަ އަންހެންކުއްޖެއް ހެއްޔެވެ؟ މަންމައަށް އެހާ ބޮޑު ހިތާމައެއް ޖެއްސި އެހާ ދެރަކޮށް ބަދުނާމުކޮށްލި ޔާސިރުގެ ދަރިފުޅު މިކާލްއާއި ކައިވެނިކޮށްގެން މަންމައަށް މިދެވުނީ ދަރިއަކު މަޔަކަށް ނުދޭވަރުގެ އަނިޔާއެކެވެ.

"މަންމާ.އަޅުގަނޑަށް މާފުކޮށްދީ.....މިހާރު ވިސްނެނީ މަންމަ ދެރަވާނެ ވަރު. ބައްޕަވެސް މަންމައަށް ދިނީ އަނިޔާ. އަދި މިކާ ބައްޕަވެސް..އައިމް ސޮރީ މަންމާ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން މަންމަ އުފާވާފަދަ ކަމެއްކޮށްދޭނަން. ނޭގެނީ އެއީ ކޮންކަމެއްކަން. އެކަމަކު މަންމަ އުފާކޮށްދޭން ބޭނުން. މިކާގެ މައްސަލައިގަ ދެރަވެ ހިތުގައި ޖެހުނުވަރަށް މަންމައަށް އުފާ ލިބޭނީ ކޮންކަމެއް ކޮށްދިނީމަ............." ހަޔާތީގެ ލޮލުން ކަރުނައިގެ ތިކިތައް ވިދަންފެށިއެވެ.

ކުއްލިއަކަށް އިޝްކާންގެ ހަޅޭކުގެ އަޑު ގޭތެރޭ ގުގުމާލުމާއެކު ހަޔާތީގެ ޚިޔާލުގެ ވާފަށް ކަނޑައިގެން ހިގައްޖެއެވެ. މެޔަށް ފިނި ފެން އެއްޗެއް އޮއްސާލިފަދަ އިހުސާސެއް ކުރެވުނެވެ. މުޅި ހަށިގަނޑުވެސް ގަނޑުފެންކޮޅަކަށް ހަދާލިއެވެ. ފުންމައިގެން ތެދުވުނުއިރު ގައިގާ ވާ ހާ ލޯލިތައް ހުރީ ކޮޅަށެވެ. ދުއްވައިގަނެވުނުއިރު ހޭވެރިކަންވެސް ނެތެވެ. އިޝްކާންއަށް މީހަކު ހަމަލާދިނީހެއްޔެވެ. ވައްތަރުވީ ހަމަ ހަމަލާއަކާއެވެ. މީހުންނަށް ތޫނު އެއްޗެހިން ހަމަލަދިނުން އާއްމުކަމަކަށްވެފައިވާކަން ހަދާންވުމުން ހަޔާތީގެ ހިތް ފަޅައިގެންދާވަރުވިއެވެ.

(ނުނިމޭ...)

https://sun.mv/112303

comment ކޮމެންޓް
ގުޅޭ ޚަބަރު