"ހުވާ"ގެ ފުރަތަމަ އެޕިސޯޑަށް ވެސް ބޮޑު ތަރުހީބެއް!

"ހުވާ"ގެ ޕޯސްޓަރެއް...

ދިވެހި ފިލްމީ ދާއިރާއަށް އަލަށް ވުޖޫދުކުރި ދިވެހި ވެބްސީރީޒްގެ ފުރަތަމަ އެޕިސޯޑު ރޭ "ބައިސްކޯފު" އެޕުން ދެއްކި އިރު އެ އެޕިސޯޑަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ރޭ ނުވައެއް ޖެހިއިރު "ހުވާ" ދައްކާނެ ކަން ކުރިން އިއުލާން ކުރުމާ ގުޅިގެން އެ ސީރީޒް ބަލަން އެވަގުތު އެތައް ހާސް ބަޔަކު އެޕް ހުޅުވާގެން ތިބުމުން އެވަގުތު ވަނީ "ބައިސްކޯފު" އެޕްގެ ސާވާއަށް ވެސް ނުކުޅަދާނަ ވެފައެވެ.

"ސަން" އަށް ވާހަކަ ދައްކަމުން "ބައިސްކޯފު" އިން ބުނީ އެ ސީރީޒް ބެލުމަށް ނުވައެއް ޖެހިއިރު 16،000 އަށް ވުރެއް ގިނަ މީހުން އެޕް ބޭނުން ކުރަމުންދިޔަ ކަމަށެވެ. އަދި އެވަގުތު އެތައް ބަޔަކު އެޕް ސްލޯ ވެގެން ޝަކުވާ ވެސް ކުރަމުންދިޔަ ކަމަށެވެ.

"ހުވާ" ގެ މަންޒަރެއްހަައި އިރޫ....

ބާރަ ވަރަކަށް މިނެޓް ދިގުމިނުގައި ހުރި "ހުވާ"ގެ ފުރަތަމަ އެޕިސޯޑު ރޭ ދެއްކި އިރު މިހާރު އެ އެޕިސޯޑު "ބައިސްކޯފު" އެޕްގެ ޓީވީ ޝޯ ކެޓަގަރީން ބަލާލެވޭނެއެވެ.

ފުރަތަމަ އެޕިސޯޑަށް ލިބުނު ތަރުހީބާ ބެހޭގޮތުން "ހުވާ"ގެ ޑައިރެކްޓަރ ފާތިމަތު ނަހުލާ ބުނީ ހީކުރި ވަރަށް ވުރެއް ބޮޑު ތަރުހީބެއް އެ އެޕިސޯޑަށް ލިބުނު ކަމަށާއި ގިނަ ބަޔަކު "ހުވާ" ބަލަން ކެތްމަދުވެފައި ތިބިކަން ހާމަވެގެން ދިޔަ ކަމަށެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި ރަވީ އާއި އައްޒަ...

އެ ސީރީޒްގެ ކޯޑައިރެކްޓަރު މުހައްމަދު ފައިސަލް ބުނީ "ހުވާ" ބެލުމަށްފަހު ގިނަ ބަޔަކު ތައުރީފު ކުރަމުން ދާއިރު ކުރިޔަށް އޮތްތާގައި ދިވެހި ފިލްމު އިންޑަސްޓްރީން މިފަދަ ސީރީޒްތައް ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ހުވާ" އަކީ 40 އަށް ވުރެ ގިނަ އެކްޓަރުން ބައިވެރިކޮށްގެން ހެދި ވެބްސީރީޒެކެވެ. އެ ސީރީޒްގެ އާ އެޕިސޯޑެއް ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހުގެ ރޭ "ބައިސްކޯފު"ން ސްޓްރީމް ކުރާނެއެވެ.

comment ކޮމެންޓް