ޗައިނާ އިން ރާއްޖޭގައި ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

ފޮރިން މިނިސްޓަރު ޝާހިދު ޗައިނާ ސަފީރާ ބައްދަލު ކުރެއްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާ އިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖާންގް ލީޖޮންގް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

ފާއިތުވި ސަރުކާރުގައި ޗައިނާ އިން ވަނީ ރާއްޖޭގައި ބޮޑެތި ޕްރޮޖެކްޓުތައް ފަށައިފައެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖުގެ މަސައްކަތާއި މައި އެއާޕޯޓުގެ ރަންވޭގެ މަސައްކަތުގެއިތުރުން އެއާޕޯޓު ޕްރޮޖެކްޓުގެ އިތުރު ބޮޑެތި މަސައްކަތްތަކާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ މަޝްރޫއު ހިމެނެއެވެ.

މިއަދުގެ ބައްދަލުވުމުގައި ސަފިރާ މިނިސްޓަރު ޝާހިދު ވަނީ ޗައިނާ އިން ރާއްޖޭގައި ކުރިއަށް ގެންދާ އަދި ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާ ކުރަައްވައިފައެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ޗައިނާގެ ރައީސްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން 16 އިން 18 ނޮވެމްބަރ 2018 އަށް ރާއްޖެ ޒިޔާރަތްކުރެއްވި ޗައިނާގެ ކަލްޗަރ އެންޑް ޓުއަރިޒަމް މިނިސްޓަރު ލުއޯ ޝުގަންގްއަށް ދިވެހި ސަރުކާރުން އަދާކުރެއްވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރު ލުއޯގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމުަގއި މި އަހަރުގެ ފަހުކޮޅުގައި މިނިސްޓަރު ޝަހިދު ޗައިނާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ.

comment ކޮމެންޓް