އދ ގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިންޑިޔާގައި 595 މިލިއަން މީހުން ގަޟާހާޖާތް ކުރަނީ ހާމަތަންތަނުގައެވެ. މިއީ އިންޑިއާގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ. އާންމު ތަންތަނަށް ފާޚާނާ ކުރުމުގެ ސަބަބުން ސާފުތާހިރުވުން ކުޑަވުމަކީ ޒަމާނުއްސުރެ އިންޑިއާގައި ކުރިމަތިވެފައިވާ މައްސަލައެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ އައި މިނިވަންދުވަހު ދެއްވި ތަގުރީރުގައި ވިދާޅުވީ އިންޑިއާގެ އަވަށްތަކުގައި ފާޚަނާތައް ބިނާކުރައްވާނެ ކަމަށެވެ. މިއީ މޯދީގެ ސަރުކާރު ފެށުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދިން މަސައްކަތްވެސް މެއެވެ.
އެއީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހެވެ. އޭގެ އެއް އަހަރު ފަހުން ސަރުކާރުން އިއުލާނުކުރީ އެ ޕްރޮޖެކްޓުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ. އެގޮތުން އިންޑިއާގެ ސަރުކާރު ސްކޫލުތަކުގައި އަންހެން ކުދިންނަށާއި ފިރިހެންކުދިންނަށް ވަކި ފާޚާނާ ބިނާ ކުރެވުނެވެ. "ކްލީން އިންޑިއާ" ޕްރޮޖެކްޓު" ގެ ދަށުން އަވަށް ތަކުގައި 800،000 އަށްވުރެ ގިނަ ފާޚާނާ ބިނާކުރެވިފައިވާކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ނަމަވެސް އިންޑިއާގެ މީޑިއާތައް ބުނާގޮތުން ގިނަ އަވަށްތަކުގައި ސަރުކާރުން ބިނާކުރި ފާޚާނާތައް ހުރީ ހުހަށެވެ. މީހުން ދިރިއުޅޭ ސަރަހައްދަށް ގަޟާހާޖާތް ކުރުމަކީ އެމީހުން ރުހޭ ކަމަކަށް ނުވެއެވެ.
އިންޑިއާގެ "ސަގާފަތުގައި" އޮތް މި ވިސްނުން ބަދަލުކުރުމަށް ނުކުތް އެއްފަރާތަކީ ޑރ. ބިންދޭޝްވަރު ޕަތަކް އެވެ. "ސުލާބް އިންޓަނޭޝަނަލް" ގެ ނަމުގައި ޖަމްއިއްޔާ އެއް އުފައްދައި އާންމު ސާފުތާހިރުކަމާމެދު މީހުން ހޭލުންތެރިކުރަން ޑރ. ބިންދޭޝްވަރު ނިކުންނެވީ 1970 ވަނަ އަހަރުގެ ތެރޭގައެވެ.
ޑރ. ބިންދޭޝްވަރު ވިދާޅުވާގޮތުގައި މީހުން ދިރިއުޅޭ ސަރަހައްދަށް ގަޟާހާޖަތް ކުރުމަކީ އިންޑިއާގެ ސަގާފަތުގައި އޮތް ގަބޫލުކުރުމެއް ނޫނެވެ. އެމީހުން ފާޚާނާ ކުރަނީ މީހުން ނޫޅޭ ސަރަހައްދުގައި ވަޅެއްކޮނެގެން އޭގެ ތެރެއަށް ފަތް އަދި ވިނަ އެޅުމަށްފަހުއެވެ. އިންޑިއާގެ މީހުން ގަބޫލުކުރާ ބައެއް ދީންތަކުގައި އާންމުތަންތަނަށް ގަޟާހާޖާތް ކުރުމަކީ ރަނަގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. މި ވިސްނުން ބަދަލުކޮށް އާންމު ސާފުތާހިރުކަން އިތުރުކޮށް އާންމު ތަންތަނަށް ގަޟާހާޖާތް ކުރުމުން ފެތުރޭ ބަލިތަކާމެދު ހޭލުންތެރިކުރުމަށް ޑރ. ބިންދޭޝްވަރު ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޑރ. ބިންދޭޝްވަރު ވިދާޅުވީ އެންމެ ފުރަތަމަ އާންމުންނާއެކު ފާޚާނާގެ ވާހަކަ ދެއްކުމަކީ އެމީހުން އޭނާދެކެ ރުޅިއަންނަ ކަމަކަށް ވިއެވެ. ނަމަވެސް ބޮޑުވަޒީރު މޯދީ ފެއްޓެވި މަޝްރޫއާއެކު އެއީ އެގައުމުގައި އާންމު މައުލޫއަކަށް ވެއްޖެއެވެ. މިހާރު އިންޑިއާގެ އެކި ކަންކޮޅުތަކުގައި ފާޚާނާތައް ބިނާ ކޮށްފައިވާއިރު، އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ އެތަންތަން ބޭނުންކުރުމަށް އާންމުންނަށް ބާރުއެޅުން ކަމަށް ޑރ. ބިންދޭޝްވަރު ވިދާޅުވިއެވެ.
"އެންމެ ކުޑައިރު ފެނުނު މަންޒަރަކީ އާއިލާގެ ހުރިހާ އަންހެނުން ހެނދުނު ހެނދުނާ ހޭލައިގެން ގޮސް އަވަށުން ބޭރުގައި މީހުން ނޫޅޭ ސަރަހައްދެއްގައި ފާޚާނާ ކުރަންދާ މަންޒަރު، މުޅި ދުވަހު އެއްކޮށް އެމީހުން އުޅެނީ ފާޚާނާ ނުކޮށް އަނެއް ދުވަހު ދަނީ. އެއީ އަހަންނަށް ގަބޫލުކުރެވޭ ކަމަކަށް ނުވި. ދެން އަނެއް ކަމަކީ އަހަރެމެން ގެއަށް ސާފު ކުރަން އަންނަ މީހާއާ ކައިރި ނުވާން މަންމަމެން އަންގާފައި އޮތުން. އަހަރެން އޭނާއާ ކައިރި ވެއްޖެނަމަ މާމަ އަހަރެއް ދީނީ ފެންވެރުވުމަކުން ފެންވަރުވާ. އެއީ އަހަންނަށް އެއްވެސް ގޮތަކަށް ގަބޫލު ނުކުރެވުނު ކަމެއް. އަހަރެން ބޭނުންވީ އެކަންތައް ބަދަލުކުރަން،"
ޑރ. ބިންދޭޝްވަރު ވިދާޅުވީ ގައުމުގައި އޮތް އެންމެ ބޮޑު އެއް މައްސަލައާ ދެކޮޅަށް ނިކުންނެވީ ރައްޔިތުންނަށްޓަކައި ކަމަށެވެ. އާންމު ތަންތަނުގައި ފާޚާނާ ބިނާކޮށް އެތަންތަން ބޭނުންކުރުމަށް ބާރުއެޅުމަށް އޭނާ ވަނީ ބުރަ މަސައްކަތެއް ކުރައްވައިފައެވެ. އާންމުތަންތަނަށް ފާޚާނާކޮށް ހެދުމުން ކުރިމަތިވާ ބަލިމަޑުކަމާމެދު ރައްޔިތުން ހޭލުންތެރި ކުރުމަށްވެސް އޭނާ ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ނަވާރަސަތޭކަ ހަތްދިހަވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ޑރ. ބިންދޭޝްވަރުގެ އެންޖީއޯ އިން ވަނޫ އިންޑިއާގެ 1.3 މިލިއަންް ގޭގައި ފާޚާނާ ބިނާކޮށްފައެވެ. އަދި އާންމު ފާޚާނާގެ ގޮތުގައި 8000 ފާޚާނާ ބިނާކޮށް ޕޭޓޮއިލެޓުގެ ގޮތުގައި އެތަންތަން ދަނީ ބަލަހައްޓަމުންނެވެ.
އަންހެނުންނަށް ގޭގައި ތިބެގެން ފާހާނާ ކުރެވޭގޮތް ހެދުމަކީ އިންޑިއާގެ ރޭޕްގެ ސަގާފަތް ނިމުމަކަށް ގެނައުމަށް އޮތް ހައްލެއްކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.