"ކަނޑު އިބިލީސް"އަންނަ މަހު 2ގައި، ފިލްމުގެ ފަހުގެ ތައްޔާރީތަކަށް ޓީމް ލަންކާގައި!

ކުޑަ ކުދީންނަށް ހާއްސަކޮށްގެން ހަދާފައިވާ ފިލްމު "ކަނޑު އިބިލީސް" އަންނަ މަހުގެ ދެވަނަ ދުވަހު ރިލީޒްކުރަން ނިންމައިފިއެވެ.

"ސަން" އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރެއް ކަމަށްވާ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ބުނީ، ޑިސެންބަރު މަހުގެ ދެވަނަ ދުވަހު ފިލްމު ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. މިވަގުތު އިއްސެ އާއި ފިލްމުގެ އިތުރު ޕްރޮޑިޔުސަރު ކަމަށްވާ އަހުމަދު ޒިޔާ ތިބީ ފަހުގެ ތައްޔާރީތައް ކުރުމަށް ސްރީލަންކާގައެވެ.

އިއްސެ ބުނީ، މިވަގުތު ލަންކާގައި ކުރިޔަށްދަނީ ޕޯސްޓަރުތައް ޕްރިންޓްކުރުމާއި ފިލްމުގެ ޕްރޮމޯޝަނަލް ބައިގެ ބައެއް މަންޒަރުތައް ނެގުން ކަމެވެ. އެ ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއް ބިދަބިން ބޮޑުބެރު ގްރޫޕުން ތައްޔާރުކޮށްފައިވާއިރު ދެވަނަ ލަވަ ތައްޔާރުކުރަނީ އިބްރާހިމް ނިފާރު (ތިއްތި) އެވެ.

ކޮޕީ އިއްސެ އާއި ޒިޔާ ތިއްތި އާއެކު ލަންކާގައި....

"ތިއްތި ހަދާ ލަވައިގެ ބައެއް މަންޒަރުތައް މިހާރު ޝޫޓް ކުރަނީމި، އަަދި ބައެއް ޕޯސްޓަރުތައް ހަދަން ލަންކާގައި މިވަގުތު މިތިބީ،" ފޯނުން ވާހަކަދައްކަމުން އިއްސެ ބުންޏެވެ.

"ކަނޑު އިބިލީސް" އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައެވެ. އަދި އެ ދުވަހު ލަންކާގެ ސިނަމާއެއް ގައި ވެސް ފިލްމު އަޅުވަން ނިންމާފައިވާއިރު ބ.އޭދަފުށީގައި ވެސް އަންނަ މަހުގެ ދެވަނަ ދުވަހު ފިލްމު އަޅުވަން ވާހަކަދެކެވެމުން އަންނަ ކަމަށް އިއްސެ ބުންޏެވެ.

"ކަނޑު އިބިލީސް" ގެ މަންޒަރެއް....

އަދި ފިލްމު އަތޮޅުތަކުގެ ބައެއް ރަށްތަކުގައި ދެއްކުމަށްފަހު މާލެ، ހުޅުމާލެ އަދި ޝްވެކް ސިނަމާގައި ވެސް އެޅުވުމަށް ހަމަޖެހިފައިވާކަމަށް އިއްސެ ބުންޏެވެ.

"އަހަރެން ފާހަގަކޮށްލާނަން މި ފިލްމަކީ މިހާ ބުރަ މަސައްކަތްތަކެއް ކޮށްގެން ސިނަމާތަކަށް އަންނާނެ ފުރަތަމަ ކުޑަ ކުދިންގެ ފިލްމުކަން،" ހެއްވާ މަޖާ ކިތައްމެ ފިލްމަކުން ފެނިގެންދިޔަ އިއްސެ ބުންޏެވެ.

"ކަނޑު އިބިލީސް"ގެ ހުރިހާ މަންޒަރުތަކެއް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އެ ފިލްމުން ކުޅުދުއްފުށީގެ ގިނަ ބަޔަކު ފެންނާނެއެވެ. އަދި އެރަށުގެ 100 އަށް ވުރެ ގިނަ ކުޑަ ކުދިން އެ ފިލްމުން ފެނިގެންދާނެއެވެ.

"ކަނޑު އިބިލީސް" ގެ މަންޒަރެއް....

ކުޅުދުއްފުށީ ކައުންސިލާ ގުޅިގެން އެ ރަށުގައި ފިލްމު އެޅުވުމުގެ އިންތިޒާމް ހަމަޖައްސަމުން އަންނަ އިރު އަންނަ މަހުގެ ދެވަނަ ދުވަހު ފިލްމު ރިލީޒްކުރަން ހަވީރު ރެޑް ކާޕެޓް އިވެންޓެއްވެސް ބޭއްވުމަށް "ކަނޑު އިބިލީސް" ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް