ފަސްޓް ލޭޑީ (4)

"ކޮލެޖުން ކެނޑުނީތަ ދެން.." ހަޔާތީ އަހައިލިއެވެ.

"އަދި ނޭގޭ. ދޮންބެދައްތީ. ފަހަރެއްގައި ބޭރު ގައުމެއްގައި ކިޔަވާގޮތަށް ހިޖުރަ ކުރާ ކަހަލަ ވާހަކައެއްވެސް އާދު ބުނި........." ސަމާ މައުސޫމްގޮތަކަށް އެހެން ބުންޏަސް ހަޔާތީއަށް ސިހުމެއްލިބި މިކާލްއާއި ހަތަރުކަޅި ހަމަކޮށްލެވުނުއިރު މިކާލް ނިކަން އަވަހަށް ނުދެނެހުރިކަމަށް ހަދާލާފައި ދުރަށް ބަލަންފެށިއެވެ.

"ހިޖުރަ؟ ކޮންތާކަށް ސަމާ." ހަޔާތީގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ. ކިޔަވަން ވިސާ ހޯދައިގެން ދާ ދިވެހި ދަރިވަރުން ހިޖުރަކުރާ ވާހަކަ ބުނީމަ ހަދާނަށް އައީ އަދި އެހެން ހިޖުރައެކެވެ. މިފަހަކަށް އައިސް ނޫސްތަކުގައާއި ސޯޝަލް މީޑިއާތަކުގެ ފަލަ ސުރުޚީއަށް އަރަނީ ޝާމްގެ ބިމަށް ހަގުރާމައަށްދާ ދިވެހިން ގިނަކަމުން އެ ޚަބަރެވެ. އާއިލާއަށްވެސް ސިއްރުން އަންހެންކުދިންވެސް ފިރިންނާއެކު ހިޖުރަކުރާލެއް އިތުރުވަނީއެވެ. ބައެއްފަހަރު އޮޅުވާލައިގެން ކަމުގައި އެކުދިން ކިޔައެވެ. އަނބުރާ އަންނަން ބޭނުންކަމުގައި ވިޔަސް އެފުރުސަތު ލިބޭނެ ގޮތެއް ވަނީ ހާލަކުން ފަހަރަކުއެވެ.

"އާދުއަށް މަދީނާ ޔުނިވާސިޓީއިން ޖާގަ ލިބިފައި އޮތީ.." ސަމާ ބުނެލިއެވެ.

"ކޮންގްރާ. ހިޖުރައޭ ބުނީމަ......ކިރިޔާ ބިރުން ހަލާކުނުވީ." ހަޔާތީގެ ހުނުމުގައި ހާސްކަމެއްވިއެވެ.

"އެއީ ކީއްވެ؟ " ސަމާ ހައިރާންވި ކަހަލައެވެ.

"ސަމާވެސް ނޫސް ކިޔަމެއްނު. ހިޖުރަ ކުރާށޭ ކިޔާފައި އަންހެންކުދިން އަރަބިގައުމުތަކަށް ގެންދާކަން އެނގޭނެ. އެހިސާބަށް ދާއިރު ޕާސްޕޯޓް ނައްތާލާފައި އެކުދިންނަށް އަނބުރާ އާދެވެނީއެއްނޫން. އެހެންވެ ހީކުރީ ސަމާވެސް އެއްކޮށް ހިޖުރަކުރަން އުޅެނީކަމަށް. އެކުދިން އުޅޭ ހާލު އަހާފައި ހުރީމަ އެނގޭ. އެކަހަލަ ކަންތައްތަކާ ވިސްނައްޗޭ. ބީ ކެއާފުލް.." ހަޔާތީ ވިސްނާދޭފަދަ ގޮތަކަށްދެއްކި ވާހަކަ ފަރުވާތެރިކަމާއިއެކު އަހަން ސަމާ އިނަސް އެކުއްޖާ ބިރުގަތްހެނެއް ހިޔެއްނުވެއެވެ.

"އާއިދު އެހެނެއްނުވާނެ. އަހަރެމެން ފެމިލީ އެއްވެސް މީހަކު އެފިކުރެއް ނުގެންގުޅޭ. ޑޯންޓްވޮރީ ދޮންބެ ދައްތީ......"

"ރަގަޅަށް ކިޔަވައްޗޭ. ބަސް އަހައްޗޭ.."ހަޔާތީ ސަމާގެ ގައިގާ ކުޑަކޮށް ބައްދައިލަމުން ހިނިތުންވެލިއެވެ. މީގެ ހަތަރުވަރަކަށް އަހަރުކުރިން އޭނަ ސަމާގެ އުމުރެވެ. އޭރު އޭނަ އުޅުނީ ވަރަށް ހަލަނިކޮށެވެ. ސަކަރާތްޖެހުމުގެ ހައްދެއް ނުހުރެއެވެ. ގަސްގަހަށް އެރުމާއި ދަތުރުދިޔުންކަހަލަ ކަންތައްތަކަކީ ދިރިއުޅުމުގެ އެއްބަޔެވެ. އަމިއްލަ އާއިލާއާއިއެކު ޚިޔާލެއް ފިކުރެއްނެތި އުޅެމުންދަނިކޮށް މިކާލްއާއި ދިމާވެ ކައިވެންޏާއި ހަމަޔަށް އައިއިރު ކޮންމެވެސް ވަރަކަށް ކުރީގެ އުޅުން ދޫކޮށްލާ ހަރުވާން ބޭނުންވީއެވެ. ނަމަވެސް ސަމާ ހުންނަހެން ބުދެއްހެން ހުންނަވެއްޖެއްޔާ މީހާގެ ހުންނާނީ ކޮން ރޫހެއް ހެއްޔެވެ؟ އެހާ ބަސްމަދު ލަދުރަކި އަންހެންކުއްޖެކެވެ.

"އިންޝާﷲ......" ސަމާގެ ދެލިކޮޅެއްފަދަ ދެލޮލުގެ ވިދުން ގަދަވިއެވެ.

އަމްރާނު އަބުދުލްއަޒީޒު ތާއީދުކުރަނީ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ ނުވަތަ އެލްޑީޕީއަށެވެ. އެޕާޓީގެ ވެރިޔާ އަހުމަދު އިމާދުއްދީންގެ ނައިބަކަށް ހޮވޭނީ އަމްރާނުކަމަށް ގިނަ ނޫސްތަކުގައިވާ ލިޔުންތަކުގައި ޔަގީކޮށްފައިވެއެވެ. އެހާ އަމްރާނުގެ ނުފޫޒުގަދައެވެ. މިހާރު ސަރުކާރުގެ ވެރިކަން ނިމެން އަދި ބާކީ ތިން އަހަރު އޮތުމުން އަމްރާން ރާއްޖެ ނައިސް ދުރުގައި ހުއްޓަސް އޭނަ ޕާޓީ ކުރިއަރުވަން މަސައްކަތްކުރެއެވެ. އެމީހުންގެ ޕާޓީއަށް ތާއީދު ހޯދަން ނުކުރާކަށް ކަމެއްނެތެވެ. ސޯޝަލް މީޑިއާގައި އެހާ އެކްޓިވްވުމުގެ އިތުރުން ދޭތެރެއަކުން ދޭ އޯޑިއޯ އިންޓަވިއުތަކުން ގިނަބަޔެއްގެ ހިތްތަށް އަތުލައިގަނެއެވެ. މިހާރުގެ ވެރިކަމަށް އެންމެ ބޮޑަށް ފާޑުކިޔާ މީހުންގެ ތެރޭ އިސްމީހަކީ އަމްރާންއެވެ. ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކައާއި ތަރައްގީއަށް އެއްވެސް މަސައްކަތެއް ކޮށް ނުދީ ވެރިން ފައިސާކާލާ ވާހަކައަކީ ކޮންމެ ސަރުކާރަކާއެކުވެސް ރައްޔިތުންގެ ޝަކުވާއެވެ. މިނިވަންކަމާއިއެކު އަމާން ވެއްޓެއްގައި އުޅެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އިންސާފުން މަސައްކަތްކޮށްދެވޭނެ ގާބިލު ސަރުކާރެއްގެ ފޮނި ހުވަފެންތައް އަމްރާން ދައްކައެވެ. މުޅި ރާއްޖެ އެއް ހަމައަކުން ތަރައްގީކޮށް ޓެކްސްނެގުންވެސް އޭގައި ހިމެނެއެވެ. ދީނީ މިނިވަންކަން އޮންނަން ޖެހޭނެކަމަށް އޭނަ ދެކެއެވެ. އަމްރާންގެ އުމުރުން އަދި ކިރިޔާ ވީ ހަތާވީސްއަހަރެވެ. އެހާ ޅައިރު އެފަދަ ތަސައްވުރެއް ހަގީގަތަކަށް ހަދަން އޭނައަށް ވެރިކަމާއި ހަމަޔަށް އާދެވޭނެތޯ ކުރާ ސުވާލުތަކަށް އަމްރާން ބުނަނީ "އިމްޕޮޒިބަލް" އޭނަގެ ޑިކްޝްނަރީގައި ނޯންކަމުގައެވެ. ކުޑައިރު ޓީޗަރަކު އޭނަ ބޮޑުވެގެން ކުރާ ހިތްވާ މަސައްކަތަކާއި ބެހޭގޮތުން އެހިއެވެ. އޭނަ ބުނީ ދުނިޔޭގެ ލީޑަރަކަށްވާނެ ކަމުގައެވެ. ކޮންމެވެސް ދުވަހަކުން އޭނަގެ ވެރިކަމުގައި ރާއްޖެ އާ އުސްމިނަކަށް ގޮސް ރައްޔިތުން ބޭނުންވާފަދަ ވެރިކަމެއް ކޮށްދެވޭނެކަމުގެ އިންތިޒާރުގައި ހުންނާނެކަމުގައި އަމްރާނު ބުނެލިއެވެ. އަމްރާންގެ މިފަދަ އިންޓަވިއުތަކުން އެ ޕާޓީގެ ވެރިޔާގެ ހިތުގައި ބިރުވެރިކަން ނުއުފެދޭނެބާވައެވެ. ވެރިކަމަކީ އެފަދަ އެއްޗެކެވެ. އޭގެ ފޮނި މީރުކަން އަރުތެރޭ ލައިފި މީހަކަށް ދުވަހަކުވެސް ދުރަކަށް ނުދެވޭނެއެވެ. އަމްރާން ޕާޓީގެ ލީޑަރަކަށްވާން ބޭނުމިއްޔާ އަހުމަދު އިމާދުއްދީންގެ މަގާމަށް ލޮޅުމެއް އަރާފާނެތީ އޭނަވެސް ވިސްނާނެ ނޫންހެއްޔެވެ. ނަމަވެސް ފައިސާގެ ބާރު އެހެން ހުރިހާކަމަކާއި ނުބައްދަލެވެ. ކިޔާ އުޅެނީވެސް އެ ޕާޓީގެ ގިނަކަންތައްތަކަށް އަމްރާން ޚަރަދުކުރާކަމަށެވެ. އުމުރުގެ ހަނގުކަމުން އަދި އަމްރާންއަށް ފުރުސަތު ލިބެން އޮންނާނީ އަހުމަދު އިމާދުއްދީން ދެ ދައުރު ވަރަކަށް އަދާކުރީކަމަކަން ނޭގެއެވެ.

އަމްރާންގެ އާޓިކަލްތައް ކިޔުމުން ކުރީގެ ހަނދާންތައް ހިތުގައި ހޭލައިގަތުމުން އަވަހަށް ދުވެ އައީ މިކާލް ހުރިތަނަކަށެވެ. އަމްރާންގެ މަތިން މުޅިން ހަދާންނައްތައިލުމުގައި އެހީވެވޭނީ މިކާލްއަށެވެ. ނަމަވެސް މިކާލް އުޅެނީ ހާދަ ދުރުންނެވެ. އެހެން ހިތަށް އެރުމާއިއެކު ހަޔާތީ ކުއްލިއަކަށް ކަންބޮޑުވެއްޖެއެވެ. އެދުރުމިން ނެތިކޮށްލައިގެން ނޫނީ އަމްރާން އޭނަގެ ސިކުނޑިއަކުން ނޭރޭނެއެވެ. "ޑެވިލް" އެއްފަދައިން ސިކުނޑިއަށް ވެރިވެގެންފައި އިނުމުން އޭނައަށް އޭނަގެ ވާޖިބު އަދާކުރުމުގައި ހުރަސް އެބަ އެޅެއެވެ.

ހަޔާތީ މިކާލް އޮފީސްބައިގާ އިންދާ ދޮރުމައްޗަށް އެރިއެވެ.

"ފިނިވާތީ މިއުޅެނީ. ކެން އައި ކަޑްލް ޔޫ؟...." ހަޔާތީ އަނގަ ވަށްކޮށްލަމުން އެތެރެއަށް ފިޔަވަޅެއް އެޅިއެވެ. ގެއަށް އައިގޮތަށް އޮފީސް ހެދުން ބަދަލުކޮށްލާފައި ކޮޓްން ހަރުވާޅަކާއި ވަނާތައް ފާޅުވާހާ ބާރު ޓޮޕެއްގައި ހުރިއިރު މެދުހަށި ހިމަވެފައި ބައްޓަން ރީއްޗެވެ. ލޯތައް ހުއްޓޭވަރުވެއެވެ.

"އޮފްކޯޒް...ކަމް އެން ސިޓް ހިއާ މަފިން.." މިކާލް ވަގުތުން ކޮމްޕިއުޓަރު "ސްލީޕް"އަށް ލީކަން ހަޔާތީ ދެނެގަތެވެ. އެއާއިއެކު އޭނަ އެތަނަށް އައި ބޭނުން ހަދާންވެސްނެތިއްޖެއެވެ. މިކާލްގެ އެހާ ސިއްރު ޕްރޮޖެކްޓަކީ ކޮބާހެއްޔެވެ؟ މޭޒުމަތީ އޮތް ބައޯކެމިސްޓްރީގެ ބޯ އެޑިޝަނެއް ލޮލުގައި އަޅައިގަތެވެ. ބައޯކެމިސްޓަކީ އާއިދުހެއްޔެވެ؟ އެމީހުންނަށް ބޮން ހަދަން އެނގޭނެބާވައެވެ. ބޮމެއް ގޮއްވައިލީވެސް އެނގޭތީ ނޫންހެއްޔެވެ. އެދާއިރާއާއި ބެހޭގޮތުން ހަޔާތީއަށް މާ ބޮޑު އެއްޗެއް އެނގިފައެއްނުވެއެވެ. ހަޔާތީ މިކާލްގެ ފައިމަތީ އިށީދެލަމުން މޫނާއި މޫނު ޖައްސައިލިއެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅި އޭނަގެ އޮމާން މޫނުގައި ބީހިލުމުން ހީލިކަރުވާގޮތްވިއެވެ.

ހަޔާތީ މިކާލްގެ އިސްތަށިގަނޑާއި ކުޅެންފެށިއެވެ.

"ޔޫ އޯކޭ؟ ޕްރިންސެސް އެއްޗެކޭ ބުނަން އުޅޭހެން ހީވޭ.."

"ނޫސް ބަލައިލީމަ ފޫހިވީ. މިކާ. ސަމާމެންގެ ޚަބަރެއްނުވޭތަ؟ "

"އާދު ނުގުޅާ. އަދި އެމީހުންނަށް ކިރިޔާ އެކޮޅަށް ފޯރާވަރުވާނީ. ސޯ ވަޓް އާ ޔޯ ޕްލޭންސް ފޯ ޓުޑޭ.." މިކާލް އަހައިލިއެވެ.

"ޝޮޕިން. އެއްޗެއް ކައްކާލާހިތްވެސް އެބަވޭ. ދޮންތައާއި ތުއްތީ މަންމައާއި ބައްޕައަށް ކާން ފޮނުވިއެކޭ ކިޔާފައި އަހަރެމެން އެމީހުންނަށް ޑިޕެންޑްވެގެން ނުވާނެއެއްނު. ހިތަށް އަރާ އުދަގޫވިޔަސް ކައްކަން ފަށަންވީއޭ. އެހެންވެ ތަންކޮޅެއް ރަގަޅަށް ޝޮޕިންކޮށްލާފައި މިކާއަށް މީރުކޮށްކައްކާދޭން ބޭނުން..........." ހަޔާތީ އެހެން ބުނުމުން މިކާލް އެމޫނުގައި ބޮސްދީ ތައުރީފުކުރިއެވެ. މީހަކަށް ލިބޭނެ އެންމެ ރަގަޅު އަންހެނުން ކަމަށާއި އެކަމާއި ފަޚުރުވެރިވާކަމަށް ބުނެލިއިރު ދެމީހުންގެ ނޭފަތު ކިރިޔާ ނުޖެހޭކަމެވެ. އެ ގާތްކަމުން މިކާލްއަށްވެސް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. ކައިވެނީގެ ކުރީކޮޅުކަމުން އެދޭތެރޭގައިވާ ފަރުދާ އުފުލައިލާކަށް އަދިވެސް މިކާލްއަކަށް ނުކެރެއެވެ. ހަޔާތީގެ ހުންނަ ޅަކަމުންނެވެ. ބާވީސް އަހަރު ފުރުނަސް އެހާ ހަރުކަމެއް ނުހުރެއެވެ. ވީއިރު އަދިވެސް އިންތިޒާރުކުރެވޭނެ ނޫންހެއްޔެވެ؟ މިކާލް ކެތްތެރިވާން ދަނެއެވެ. އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަށެވެ. ބޭރުފުށުން ކޮންމެގޮތެއް ދައްކައިގެން މަޑުމަޑުން ހުއްޓަސް އޭނަގެ ހިތްވަރާއި ކެރޭކަން ފޮރުވިފައި އޮތީއެވެ. ނުކެރެނީއެއް ނޫނެވެ. ދެކޭގޮތް ތަފާތީއެވެ. ހަޔާތީގެ ހިތުގައި އެޅިފައިވާ ކޫރުންތައް އިތުރަށް ފުންކުރަން އޭނަ ނޭދެއެވެ. އޭނަ ބޭނުމީ އެހިތަށް ތަސައްލީ ދިނުމަށެވެ.

އާއިދުއާއި ސަމާ ފުރިތާ ހަފްތާއެއްފަހުން ނޫހުގެ ހެޑްލައިންތަކަށް އެރީ އެދެމީހުން ތުރުކީ މަގުން ސީރިޔާއަށް ވަދެފައިވާ ކަމަށެވެ. އޮފީހުގައި އެހެން ނޫސްތައް ރިފްރެޝްކޮށްލަން އިންދާ ލިބުނު ޚަބަރުން ހަޔާތީގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެން ހީވިއެވެ. ސަޖަލްގެ ދެލޮލުން އައި ކަރުނަތިކިތައް އޭނަ ފޮހެލައިފިއެވެ. މިވަރުންވެސް އާއިދު ބޮން ހަދާނެކަމަށް ގަބޫލުނުކުރަންވީ ހެއްޔޭ ސަޖަލްއަށް އަހާލެވުނެވެ. އެ ޚަބަރު ލިބުމުން މަންމަމެންނަށް ވާނީ ކިހިނެއްހެއްޔެވެ؟ މިކާލްއަށް ޝޮކެއް ލިބޭނެއެވެ. ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ ދެރަވީ ވަރުން ގޮސް ލޮލުން ކަރުނަ ހިލުނެވެ.

"އަހަންނަށް އާއިދު ގެއްލުނީބާ...ދެން ނުވެސް ފެންނާނެކަން ނޭގޭ.." ސަޖަލްއަށް ބުނެވުނެވެ.

"ހީޒް ނޮޓް ޔޯސް. މީހެއްގެ ފިރިއަކާމެދު ނުވިސްނާށޭ ނުބުނަންތަ..." ހަޔާތީ ސަޖަލްގެ ކޮލުގައި ހިފައިލިއެވެ. "ފޮގެޓް ހިމް........"

"އަހަރެންވެސް ބޭނުން މިކާލް ކައިރިއަށް ދާން. ވަރަށް ދެރަވާނެ. މިކާ ވަރަށް ލޯބިވޭ ކޮއްކޮދެކެ. އަދި ރިގްރެޓްވެސް ކުރާނެ އެ މެރިޖަށް އެއްބަސްވެވުނީމަ. އެންމެ ކުރިންވެސް ބުނީމޭ. ހަނދާންކޮށްދިނީމޭ އާދު ބޮންގޮއްވިކަމާ ނޯމަލް ނޫންކަން.............." ހަޔާތީ މިކާލްއަށްނުވެސް ގުޅާ ވާރޭކޯޓު ބޮލަށް މަހާލައިގެން ނުކުތްއިރު ވާރޭ ތަންކޮޅެއް ބޯކޮށްލައިފިއެވެ. ވާރޭގެ ތިކިތައް ކޯޓުގައި ޖެހިގަތުމާއިއެކު ގަޔަށް ފިނިވެލިހެން ހީވިއެވެ. ޕޭވްމެންޓްމަތިން އަވަސް ފިޔަވަޅުތަކެގައި ހިނގަމުން ދިޔައިރު ހިތުގެ ތެޅުން ބާރެވެ. ކުރިއަށްވުރެ އަވަސްކުރަންވެގެން ދުވަން ފެށުނެވެ. ގެއާއި ހަމަޔަށް ފޯރިއިރު މިކާލް ގޭގައި އުޅޭނެކަން ޔަގީންކުރިއެވެ. ނަމަވެސް ސިޓިންރޫމުން ފެނުނީ އެހެން މަންޒަރެކެވެ. މުފުތިހާއާއި ޝައިޚާ ސޯފާތަކުގައި ޖައްސާލާފައި ތިބިއިރު ޝައިޚާ އިނީ މޫނު ނިވާކޮށްގެންނެވެ. ދެލޯ ފެންނަން ހުރުމުން ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފެނުނެވެ.

"އައްސަލާމް އަލައިކުމް..." ހަޔާތީ ސަލާމް ގޮވުމުން ދެމީހުން ސަލާމް ބަލައިގަތެވެ.

"ހަޔާތީ ކޮބާ މިކާލް ފޯނަކަށް ނުގުޅޭ މިއުޅެނީ ބޮޑު ހާދިސާއެއް ދިމާވެގެން..." މުފުތިހާ މަޑުން ބުނެލިއެވެ.

"އަޅުގަނޑަށް އެނގޭ. ހުރިހާ ނޫހެއްގެ ބްރޭކިން ނިއުސްގައި އޮތީ އެވާހަކަ. ޕާކުގައި ބޮންގޮއްވި އާއިދު އަންހެނުންނާއިގެން ސީރިޔާއަށް ހަގުރާމަކުރަން ދިޔަކަމަށް. ޝައިޚާދައްތައަށް ނުވެސް އަންގާ އާއިދު ދިޔައީ؟ " ހަޔާތީ ވާރޭ ކޯޓު ހެންގަރެއްގައި އަޅުވާލާފައި މަޑު ހިނގުމެއްގައި އައިސް އިށީނީ އެއްފަރާތުގައި ވަކިން ހުރި ސޯފާ ގޮނޑީގައެވެ. ދެމީހުންނަށް މޫނު ފެންނާނެހެންނެވެ. ސޫޓެއްގޮތަށް ފަހާފައިވާ ހެދުމަކާއި އެކު ހަރުވާޅެއްގައި ގުޅޭ ގޮތަށްޝޯލް އަޅާފައިވާއިރު މޫނުމަތިން ފެންނަނީ ކެރޭކަމެވެ. އަމިއްލަ ނަފުސަށް އިތުބާރު އޮތް މިންވަރެވެ.

ޝައިޚާގެ ޖަވާބަކަށްވީ ދެލޮލުގައި ތާޒާ ކަރުނަތައް ގިނަވުމެވެ. މީހުންނަށް ހަމްދަރުދީވެ ހިތްވަރުދިނުމަކީ ހަޔާތީއަށް ފަސޭހަކަމެއްނޫނެވެ. ތަޖުރިބާ ކުރެވިފައެއް ނެތެވެ. ނަމަވެސް ހަޔާތީ ޝައިޚާގެ ކޮނޑުމަތީ އަތް ބޭއްވިއެވެ.

"ވަރަށް ދެރަވި އެ ޚަބަރު އަހާފައި. އާދުފަދަ ރަގަޅު ކުއްޖެއް އެގޮތަށް ބްރެއިން ވޮޝްވީމަ ވަރަށް ދެރަވެއްޖެ. އިރާދަކުރެއްވިއްޔާ ރަގަޅުގޮތް ވިސްނި އެނބުރި އަންނާނެ ދައްތަ ދެރަނުވައްޗޭ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެކުދިން މިކޮޅަށް ގެނުވާނީ. ޖަލަށް ލިޔަސް އެއަށްވުރެ މާ ރަގަޅުވާނެކަން ނޭގޭ.........." ހަޔާތީގެ ވާހަކަތަކުން ޝައިޚާގެ ހިތަށް މާ އަސަރުކުރިކަން ނޭގެއެވެ. ޓިޝޫއަކުން ދެލޯ ފޮހެލިއެވެ.

ޝައިޚާ ބުނީ އާއިދުއާއި މިކާލްފަދަ ކުދިންނަކީ މައިންބަފައިން އެންމެ ފަޚުރުވެރިވާނެފަދަ ދަރިންކަމުގައެވެ. އާއިދުގެ ކިޔަމަންތެރިކަމުގެ މިސާލެއް ޝައިޚާދެއްކިއެވެ. އާއިދުކައިރީ އޭނަ ކަމަކު ބުނާއިރަށް ކުރަން އިންކަމެއް ހުއްޓާލާފައި ވަގުތުން މަންމައަށް އިޖާބަދޭނެއެވެ. ދެވަނަފަހަރަށް ބުނުވާކަށް ނަހަދާނެއެވެ. އޭނަ ކިބިއްސެއް އަޅާލިޔަސް އާއިދު ވަގުތުން ޑޮކްޓަރަށް ގެންދާނެއެވެ. ގޮވައިގެން ދާނީ އަމިއްލައަށެވެ. ދެތިންފަހަރެއްގެ މަތިން ޗެކަޕަށް ބޭރަށް ގެންދިޔައީވެސް އާއިދު އަމިއްލައަށެވެ. އަނގައިގާ ލަވާ ކާންދޭނެއެވެ. އެހާ ރަގަޅު ފިރިހެންދަރިއަކަށްޓަކާ ޝައިޚާއަށް ކޮށްދެވޭނެކަމަކީ ހެޔޮ ދުޢާކޮށްދިނުމެވެ.

"އާދު ޖިހާދާއި ބެހޭގޮތުން ވާހަކަދައްކާތާ ދުވަސްކޮޅެއްވެއްޖެ. ވަރަށް ފަހުން ޕާކިސްތާނަށް ދިޔަކަން އެނގޭ. އާދުބުނާގޮތުން ޝަހީދެއްގެ ގޮތުގައި މަރުވުމަށްވުރެ ބޮޑު އުފަލެއްނެތޭ....." ޝައިޚާ ކަރުނަތައްފޮހެލިއެވެ. ހީލިކަން ލޮލަށް އަރައިލި ކުދިކުދި ރޫތަކުން އެނގުނެވެ.

ޝައިޚާގެ ވިސްނުން ކިލަބުކޮށްލާފައި ވަނީކަމުގައި ހަޔާތީ ޔަގީންކުރިއެވެ.

"ޝައިޚާ ދައްތާ އެތަންތާ ހިނގަނީ ދާޚިލީ ހަގުރާމަ. ހަގުރާމަވެރި ޖަމާއަތްތަކުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަކުރާކަމަށް ނޫސްތަކުގައި އެއޮންނަނީ. އެއީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައިވާ ގްރޫޕްތަކެއް ނު. އެކަހަލަ ބަޔަކާއި ގުޅިގެން ދީނަށް ނަސްރު ދެވޭނީއެއްވެސް ނޫން. ގިނަ ދީނީ އިލްމުވެރިންވެސް ބުނާގޮތުން އެއީ ޚަވާރިޖުން.........." ހަޔާތީ އަމިއްލަ ޚިޔާލު ފާޅުކުރުމުން ޝައިޚާ ހިތްހަމަނުޖެހުނެވެ. ނަމަވެސް އެކަމަށް ރައްދުދިނީ މުފުތިހާއެވެ.

"އިހަށް ތި ވާހަކަ ހުއްޓާލާ. މިކަހަލަ ހިތާމައިގެ ދަނޑިވަޅެއްގައި ދީނީ ބަހުސްކުރާކަށް ހަޔާތީއަކީވެސް އިލްމުވެރިއެއް ނޫނެއްނު. އާއިދުގެ ބައްޕަފަދަ ޝޭޚަކަށް އެކަމާބެހޭގޮތުން ފަތަވާއެއް ދެވޭނީ. އަހަރެމެންގެ ދަރިން އުޅޭ ހާލެއް ނޭގޭތީ ކަންބޮޑުވެގެން މިއުޅެނީ. އެކުދިން ހަގުރާމައަށް ދިޔަކަމެއް ނުދާކަމެއް ހަޔާތީއަށް އެނގެނީ ކިހިނެއް. މިކާލްއަށް ގުޅޭތޯ ބަލައިލަބަލަ. ދޭ ކޮޓަރިއަށް........." މުފުތިހާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔުމާއިއެކު ހަރުކަށިގޮތަކަށް ވާހަކަދެއްކިއެވެ. އެމީހުންގެ ފިކުރާއި ދެކޮޅުވެއްޖެއްޔާ ހަޔާތީއަށް މިގޭތެރޭ ނޫޅެވޭވަރުކޮށްލަފާނެއެވެ. ހަޔާތީ އަމިއްލަ ނަފުސާއިގެން ސަލާމަތްވާން އަވަސް އަރުވަން ހަދައިގެން އަތުން ޖެހި އެއްފަރާތުގައި ހުރި ދުފާ އެތި ބަންޑުންނުވީ ހަމަ ކިރިޔާއެވެ.

"ކިރިޔާ ސަލާމަތްވީ. ދުފާދަޅަކީ މަންމަގެ ފުރާނަ..." ހަޔާތީ ހިތާހިތުން ކިޔައިލިއެވެ.

ކޮޓަރިއަށްވަދެފައި ބޮޑު އެނދަށް ވެއްޓިގަތްގޮތަށް ސީލިންއަށް ބަލަންއޮތްއިރު އެކިޚިޔާލުތަކުން ސިކުނޑި ފުނިޖެހި ބޮލަށް ވާންވެ ރިހުމެއް ހުއްޓެވެ. އޭނަގެ އާއިލާގެ އިތުރުން ސަމާ އަދި އާއިދުއާއި މެދުވެސް ވިސްނުނެވެ. އެދެމީހުންނަށް ގެއްލުމެއް ވެއްޖެއްޔާ މަންމައާއި ޝައިޚާ ކަރުނަ އަޅާފައި އެހިސާބުން ނިންމާލާނީހެއްޔެވެ؟ އެހާ ލޯބިން ދަރިން ގެންގުޅެފައި ހަގުރާމައަށް ފޮނުވާލައިގެން މަންމައަކަށް ލޮލު ފިޔަޖަހައިލެވޭނެކަމަކަށް ހަޔާތީ ގަބޫލެއްނުކުރެއެވެ. ނުވީތާކަށް އަމްރާންގެ ހަނދާންތައްވެސް މަޑިކިލަބުގައި ކޮށްޓާލުމުން ފުންމައިގެން ތެދުވެ ބޮލުގައި ދެއަތުން ހިފާލެވިއްޖެއެވެ. އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް ލައްވާލާފައި އިސްތަށިތަކަށް ދަމައިލެވުނެވެ. އޭނަ މޮޔަވީހެއްޔެވެ؟ އެ ނުލަފާ އަމްރާންއަށްޓަކާ މީހަކު މޮޔަވާވަރެއްނޫނެވެ. ހަޔާތީ ކުޑަކޮށް ހީލާފައި އެނދަށް ވެއްޓިގަތެވެ.

"އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އަދި އަމްރާން ރިގްރެޓްކުރާނެ. އަހަރެންގެ ހިތަށް ތަދުކޮށްލިވަރަށް ރޯނެ ދުވަސް އަންނާނެކަމަށް ދުޢާވެސް ކުރާނަން. އަހަންނަކީ ތިހީކުރާހާ ނަސީބު ދެރަމީހެއްނޫން. އިރާދަކުރެއްވިއްޔާ އެދުވަސް ދެކެފައި ނިމިގެންދާނީ......" ހަޔާތީގެ ހިނިތުންވުން ފުޅާވިއެވެ.

މީހަކު ދޮރު ހުޅުވައިލުމުން ބަލައިލިއިރު ވަދެގެން އައި މިކާލް އެނދުގައި ދެއަތް ވިއްދާލައިގެން އިށީންއިރު އެހާ ހާސްކަމެއް ނުފެނެއެވެ. މިކާލްއަށް އެ ޚަބަރު ލިބިފައިވާނެކަމާއިމެދު އޭނަ ޝައްކެއް ނުކުރެއެވެ. މިކާލްގެ ހިތަށް ކިތަންމެ ފުން އަސަރުތަކެއްކުރިޔަސް އޭނަގެ ފިރިހެންވަންތަކަން ފަނޑުވެދާނެތީ އެކަން ނުދައްކަން އުޅެނީއެވެ. ނޫނެކެވެ. މިކާލް އެހާ ފިރިހެންވެގެން އުޅުނީ ވަކި ކޮންއިރެއްގައި ހެއްޔެވެ؟ މީހަކު ބަލާލިޔަސް ރުޅިއަންނާނެއެވެ. ލަދުވެސް ގަންނަލެއް އެހާ ބޮޑެވެ. ކައިރިން ބަލާލާ މީހަކަށް ލަދުން ފެންކަޅިވާތަން ފެންނާނެއެވެ. ހީލާއިރުވެސް ދަތްތައް ނުދައްކާ ފޮރުވަން އުޅެނީ ކީއްވެބާވައޭ އަބަދުވެސް ހަޔާތީގެ ހިތަށް އަރައެވެ. ދުވަހަކު ޕަބްލިކްގައި ދަތްތައް ދައްކާލައިގެން ނުހޭނެއެވެ. މިކާލްގެ ތަފާތު މިޒާޖާއި ހަޔާތީ ގަޔާވެއެވެ. އަންހެންކުދިންނާއިހެދި ނޫޅޭތީ އަދި ވަކިން ލޯބިވެއެވެ. އަމްރާންއާއި އަޅާކިޔެނީވެސް އެހެންވެއެވެ. އަމްރާން މުއްސަދިވެފައި ރީތިވީމަ އެހުންނަ ބޮޑާކަމަކާއި ފޮނިކަމުން ހަޔާތީ ނަފްރަތުކުރެއެވެ. ނަފްރަތު ނުކުރިޔަސް ކުރާން މަސައްކަތްކުރިއެވެ. ނަމަވެސް......

"މިކާ....ބޭބީ ކިހިނެއްވެފަ؟ " ހަޔާތީ ތެދުވެގެން އައިސް އެނދުގައި ކުޑަކަކޫ ޖެއްސިގޮތަށް ދަތްދޮޅި އަޅުވައިލީ ކޮނޑުގައެވެ. މިކާލް ގެ މޭގައި އަތް ޖައްސައިލިއިރު އެހެން ދުވަހާއި ޚިލާފަށް ތަންކޮޅެއް ބާރަށް ވިންދުޖަހައެވެ. ޖިމަށްގޮސްފައި އައުމުން ނޫނީ ކަމަކާއި ހާސްވިޔަސް ވާނީ އެވަރެވެ. ކައިރިވެލުމުން ދުވި ސެންޓުގެ ލުއިވަހުން ބަނޑުފުރިގެން އައެވެ.

(ނުނިމޭ...)

http://sun.mv/111676

comment ކޮމެންޓް
ގުޅޭ ޚަބަރު