ހުކުރު ދުވަސްކަމުން ހަޔާތީއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އޭނަ ނާސްތާ ތައްޔާކުރަން އުޅުނުއިރު މިކާލް އިނީ ލެޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. ހަޔާތީ މިކާލްއަށް ކޮފީތަށްޓެއް ގެނެސް ކައިރީގައި ބަހައްޓާފައި ކުރަނީ ކޮންކަމެއްތޯ ބަލައިލަން ކައިރިވެލުމުން އަވަހަށް ލެޕް ލައްޕާލާފައި ހަޔާތީ ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ.

"އެބައޮތް ވާހަކައެއް ބުނެލަން....." މިކާލް ހަޔާތީގެ އިސްތަށިގަނޑާއި ކުޅެލަމުން ދެން ބުނެލި އެއްޗަކުން މޮޅިވެރިވެ ހިތް ގެނބޭފަދަގޮތެއްވިއެވެ. ހިތާމަވެރި ޚަބަރެކެވެ. މިއޮތް ހެދުނާ މިކާލް އެކަހަލަ އެއްޗެއް ބުނަން ޖެހޭހެއްޔެވެ؟ ނަމަވެސް ހަޔާތީ ކިތަންމެ ދެރަވިޔަސް ލޮލުން ކަރުނަ އޮހޮރުވާނުލާނެއެވެ. އެއަށްވުރެ މާ ހިތްވަރުގަދަ އަންހެންކުއްޖެކެވެ.

"އަހަރެން ސެމިނާރަކަށް ބޭރަށް ފުރަން ޖެހިއްޖެ. ގިނަ ދުވަހެއްނުވާނެ. ވިލް ބީ ބެކް ސޫން......" މިކާލް ބުނެލިއެވެ.

"ކޮންތާކަށްތަ؟ "

"މެލޭޝިއާއަށް......"

"ޑޯންޓް މޭކް ދެޓް ފޭސް. ބިޒިނަސް ޓްރިޕަކަށް ވީމަ ނުގެންދަން ނިންމީ. އެހެންކަހަލަ ޓްރިޕެއްނަމަ ޑެފިނިޓްލީ އައި ވުޑް ހޭވް ޓޭކެން ޔޫ ވިތު މީ ދެރަނުވައްޗޭ ލަވް މަފިން. މި ޓްރިޕް ނިމުނީމަ ދުނިޔޭގައި އޮތް އެންމެ ހިތްގައިމު އެއް މަންޒިލަށް ގެންގޮސްދޭނަން. އޯކޭތަ؟ ހެޕީ؟ " މިކާލް ހަޔާތީ ހިތްހަމަޖައްސައިލަން މަސައްކަތްކުރިއެވެ. ދެރަވުމާއިއެކު ހަޔާތީގެ ލޮލުގައި ހުންނަ ވިދުން ފަނޑުވެގެން ހިގައިދާނެއެވެ. އެހިތުގެ އުދާސްތައް މިކާލް ދެނެގަންނަނީ އެހެންނެވެ. އެލޮލުގެ ވިދުން ގެއްލިގެންދާގޮތް އެނގޭނީ މިކާލްފަދަ ގާތް މީހަކަށެވެ. ހިތް ކުދިކުދިވެގެން ފޭބިޔަސް ހަޔާތީ ހުންނާނީ ހީލައިގެންނެވެ. ކޮންމެފަދަ ހާލެއްގައިވެސް ޕޮޒިޓިވްއެވެ. ދެރަވިނަމަވެސް ހަޔާތީ މިކާލް ހުއްޓުވާކަށް ބޭނުމެއްނުވިއެވެ. މިކާލްގެ ކުރިމަގަށް ހުރަސް އަޅާ މީހަކަށް އެއްވެސް ހާލެއްގައި އޭނަ ނުވާނެއެވެ. އެންމެ ދުވަހަކަށްވެސް މިކާލް ނުފެނި އުޅޭނެގޮތެއް ޚިޔާލުކުރަން އުދަގުލެވެ. އެކަނި އޮފީހަށްދާނެ ގޮތެއްވެސް ނުވިސްނެއެވެ.

ފުރަންދަމުން މިކާލްއަށް ހަޔާތީ ދޮރުމަތީގައި ހުރިތަން ފެނި ގެނެސް މޭގައި ޖައްސާލީ ތަންކޮޅެއް ބާރަށެވެ. އަތުގެ ބާރު އިހުސާސްވާވަރަށެވެ.

"ވަރަށް ލޯބިވޭ ލޯބި ލޯބި ހަޔާތީ...." މިކާލް މަޑުމަޑުން ބުނެލިއެވެ.

"އަޅުގަނޑުވެސް ލޯބިވޭ. ބަލައިގެން އުޅެއްޗޭ. މިސްވާނެ ބޮޑުކޮށް...." ހަޔާތީވެސް މިކާލްގެ ހަށިގަނޑުގައި ދެއަތް ވަށައިލިއެވެ. ދެލޯ މަރާ ބާރުކޮށްލީ ރޮވިދާނެތީއެވެ. ކައިވެންޏަށްފަހު ފުރަތަމަ ފަހަރަށް ދެމީހުން ވަކިވާތީ އެދެހިތަށްވެސް ކުރާ އަސަރު މޫނުން ފާޅުވާން ހުއްޓެވެ. އިރުކޮޅެއްވާންދެން މިކާލް ހަޔާތީގެ މޫނަށް ބަލަން ހުރެފައި އަނެއްކާވެސް ގެނެސް މޭގައި ފޮރުވައިލިއެވެ. މިކާލް ދިޔަތަނާ ގަޑިއެއްހާއިރު ނުވަނީސް ބެލް އަޅާލުމުން ބަލައިލިއިރު މިކާލްގެ މަންމައާއި ބައްޕަ ދޮރުމަތީ ތިބިތަން ފެނިފާ ހަޔާތީ ކަންބޮޑުވާގޮތްވިއެވެ. މިކާލް ނޫޅޭއިރު އެދެމީހުން އޭނައާއި ބައްދަލުކުރާކަށް ނުވެސް ޖެހޭނެއެވެ. އޭނައާއި މައިދައިތަ އެހާ ގުޅުން ރަގަޅީއެއް ނޫނެވެ. ދޮރު ހުޅުވާލާފައި ފުޅާ ހިނިތުންވުމަކާއިއެކު އޭނަ ދެމީހުން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. މުފުތިހާ ބުނީ އެމީހުންގެ ފްލޯ އެއްކޮށް ކުއްޔަށް ދީފައި މިކާލްގެ ބަޔަށް ބަދަލުވީކަމުގައެވެ. މިކާލްގެ ބައްޕަ ނަގާފައިވާ ބޮޑު ދަރަނި އަދާކުރެވޭނީ އެންމެންވެސް ގުރުބާންވެގެން ކަމުގައެވެ. މެޔަށް ފިނި އެއްޗެއް އޮއްސާލެވުނު ހެން ހީވިއެވެ. ހުރިހާ މިނިވަންކަމެއް އެއްފަހަރާ ނެތިގެން ދިޔައީއެވެ. ހިންދިރުވާލިގޮތަށް ހުއްޓުން އަރާފައި އިރުކޮޅެއްވާންދެން ހަޔާތީއަށް ހުރެވުނެވެ. ކުރިން އުޅުނުގެ ހުރިހާގޮތަކުން ރަގަޅުހެން ހީވި ވަގުތުކޮޅެކެވެ.

ހަފްތާއެއްފަހުން މިކާލް އެނބުރި ގައުމަށް އައިއިރު ކުރިއަށް ވުރެ އުފާވެރިކޮށް ފެނުނެވެ. އޭނަ އެބުނާ ޕްރޮޖެކްޓެއް ނިމުނީހެއްޔެވެ؟ ގެއަށް ވަދެފާ މަންމަމެން އުޅޭކަން އެނގުމުން މިކާލްގެ މޫނުން އިތުރުކުލައެއް ނުފެނުނެވެ. ހަމައެ އުފާވެރިކަމެވެ. މަންމައާއި ބައްޕަގެ ރަންދަރިފުޅުކަމުން އެދެމީހުން ލޯބިވާވަރަށް މިކާލްވެސް އިހުތިރާމްކޮށް ގަދަކުރެއެވެ. މައިންބަފައިން ބަލަންޖެހޭނީ ފިރިހެން ދަރިފުޅު ކަމުގައި މިކާލް ގަބޫލުކޮށް އެހެން ހަޔާތީ ކައިރީ ބުނިދުވަހެއްވެސް އައެވެ. ވީއިރު މައިންބަފައިން އޭނަގެ ކައިރިއަށް އައުމުން ވާނީ އުފާ ނޫންހެއްޔެވެ؟ މިކާލް ހަޔާތީއަށް ދޭން ގެނައި ހަދިޔާތައް ވަރަށް ތަފާތެވެ. އެންމެ ކުރިން ދިނީ އަލިފާންފޮށްޓެކެވެ. އޭނަ ބުރަކަށީގައި މިކާލް އިނގިލިން އެޅި ލަފުޒު ދިމާކުރުމުން ދިން އެއްޗެކެވެ. ދެން އޮތީ ފުރަތަމަ ނަޒަރުން ގަޔާވެވުނެވެ ކެވެލި ގަނޑިއެކެވެ. ލެދައިން ހަދާފައިވާ ގަޑީގެ ދެފަރާތުގައި ދެކެވެލިކޮޅު ހަރުކޮށްފައިވާއިރު ހިތްގައިމެވެ. އެއް ކެވެލިކޮޅުގައި އިނގިރޭސިން ލަވް ޖަހާލާފައި އޮތެވެ. އަތުކުރި ފަޅުފިލާވަރުގެ ބޮޑު ކެވެލި ގަނޑެކެވެ. ހެދުމަކަށް ގެނައީ ޕާކިސްތާނުކުދިން ލާފަދަ ދިގު ހެދުމެކެވެ. އެއާއި ގުޅޭނެ ބުރުގާއަކާއި އެކުގައެވެ.

"އަހަންނަށް އެނގޭ މަފިން ވަރަށް ސްޓައިލިޝްކޮށް އުޅޭހިތްވާކަން....." މިކާލް ހަޔާތީގެ އަތުކުރީގައި އެ ގަޑި އަޅުވާލަދިނުމުން ހަޔާތީ އޭގައި ބޮސްދިނެވެ. މިކާލް އެހާ ލޯބިން ހިތަށް އެރި ނަމެއް ކިޔުމުން ހަޔާތީއަށް އުފަލުން އުދުހެވޭހެން ހީވާފަހަރު އާދެއެވެ. އެ ނަންތައްވެސް ރަމްޒުކޮށްދެނީ އޭނަގެ ފިރިމީހާގެ ހިތުގައި އޭނައަށްޓަކާ ވާ ލޯބިކަމުގައި ހިތުގެ ފުންމިނުން ގަބޫލުކުރެވުނެވެ. މިކާލް ހާދަ ރޮމެންޓިކްއޭ ހިތަށް އަރައެވެ.

"އިޓްސް ކިއުޓް...."

"އެކަމަކު ޕާކިސްތާނު ހެދުމެއްލައިގެން ހުންނަތަން ދެކޭ ހިތްވޭ. މިހާރުވެސް މިހާ ފެމިނިން ކުއްޖަކު ނުދެކެން. އަދި މިކަހަލަ ހެދުންތަކުގައި އަންހެންވަންތަކަން އިތުރުވާނީ. ބޭބީމަފިން މިހެދުން ލައިގެން އޮފީހަށް ގޮއްސިއްޔާ އަހަންނަށް ގެއްލޭނެކަން ޔަގީން. އެހާ ރީތިވާނެ......" މިކާލް ހަޔާތީގެ ގައިގާ ހެދުން ޖައްސާލިއިރު ގަޔަށް ހެޔޮވަރެވެ. ހަޔާތީ އަނގަޔަށް ގޮތެއް ހަދައިލިއެވެ. މިކާލް އޭނަ ހައްދަނީ ނޫންބާވައެވެ. މަންމަ ރުއްސަންވެގެން ދުރުދުރުން އޭނަގެ ހެދުމުގެ ސްޓައިލް އެމީހުން ބޭނުންވާގޮތަށް ބަދަލުކޮށްލަން އުޅެނީއެވެ. މަންމަ އޭނަ ފެންނަ ކޮންމެފަހަރަކު ކަޅުހެދުން ލާން ކިޔާތީ އެކަމާ އުދަގޫވާވަރުވެއްޖެއެވެ. ކޮންމެގޮތެއްވިޔަސް ހެދުން ލާށޭ އެބުނީ އޭނަގެ މިކާލް ނޫންހެއްޔެވެ. އޭނަ އެކަން ގަބޫލުކުރާނެއެވެ. މިކާލްއަށް ރީތިވިއްޔާ އެނިމުނީތާއެވެ. އޭނަ ރީތިކޮށް ހެދުން އަޅަނީ ގައިމު އެހެން ފިރިހެނުންގެ ސަމާލުކަން ހޯދާކަށް ނޫނެވެ. މޭކަޕްވެސް ކޮށްލެވެނީ މިކާލްއަށްޓަކާ ޒީނަތްތެރިވުމަށެވެ. އަދި އަމިއްލަ ހިތްހަމަޖެހުމަށެވެ. އަމިއްލައަށް ރީތިވެލުމުން ހިތަށް އުފާވެރިކަމެއް ލިބުމުގެ އިތުރުން އަމިއްލަ ނަފުސަށް އިތުބާރުކުރެވޭލެއް ބޮޑެވެ.

ހަޔާތީ އޮފީހަށް ވަނުމުން ސަޖަލް ތައުރީފުކުރިއެވެ. އަތުގައިވާ ކެވެލި ގަޑި ކަމުގޮސްގެން އުޅުނެވެ. އަތާއި ގުޅޭކަމުގައި ބުނެލިއެވެ. މިކާލްގެ އާއިލާގޮތަށް ހެދުން ބަދަލުކޮށްލަނީ ހެއްޔޭވެސް އެހިއެވެ.

"މިކާލް އެގޭ މީހުންނާއި ވަރަށް ތަފާތު. އެހާ އެކްސްޓްރީމް މީހެއްނޫން. ގަވާއިދުން ނަމާދުކުރާނެ. އަހަންނަށް ފަތިހުވެސް ގޮވާނެ. ގުރުއާންކޮށް ޒިކުރުކުރޭ ސުންނަތް ނަމާދުތައްވެސް ކުރާކަމަށް ފާހަގަވޭ. އެހެން އަންހެންކުދިންނަށް ނުބަލާ. އެހާ ވަރުން އަންހެންކުދިން މިކާލްއަށް ބަލާއިރު މިކާލް ސިއްރުންވެސް ބަލައެއްނުލާ. އެހެންވެ ވަރަށް ލޯބިވޭ އެންމެ ކަމުދާ ސިފައަކީ އަންހެނުންނާއިހެދި މޮޔަނުވާ ވައްތަރުވީމަ. އަހަންނަކީ މިކާގެ ފަސްޓް ލަވް. އެ ނަސީބު ލިބުނީތީ ފަޚުރުވެރިވަން........................." ހަޔާތީ ގޮނޑިއެއް ދަމާލައިގެން އިށީނެވެ.

"މިކާލް ތިހުރިހާ ރަގަޅު ސިފައާއިއެކުވެސް މަލާއިކަތެއް ނޫނެއްނު. އިންސާނެއް ވިއްޔަ ހުރިހާ ފުރިހަމަކަމާއިއެކު ޑެވިލިޝް ބަޔެއް ހުރެދާނެ. މިހެން ބުނަން ދެރަވެސް ވޭ. އަހަރެން އާއިދުގެ އެކުވެރިންނަށް ދާންދެން އެފްބީގައި ހާވަނިކޮށް ފެނުނު ފޮޓޯއެއް ބަލާލަބަ ހަޔާ. މިހިރީ އާއިދު. އޭނަ ކައިރި މިހިރީ މިކާލްއެއް ނޫންތަ؟ އޭރުވެސް ޕްރިޓީ އަދި އެހާ ލަދުރަކި އެކަމަކު ގޯޖަސް ފިރިހެނެއް ހުވާ....." ސަޖަލް ޒޫމްކޮށްފައި ދެއްކީ މިކާލްގެ މޫނެވެ. އެފޮޓޯގައިވަނީ ފިރިހެންކުދިންތަކެއް ޕިކްނިކް ގޮސްފައެވެ. ގިނަކުދިން އިސްތަށިގަނޑު ދިގުކޮށްލާފައެވެ. މިކާލްވެސް ހުރީ ހުދުކުލައިގެ ޓީޝާޓަކާއި ސޯޓެއްލައިގެން ހަށަން ބަދެލައިގެންނެވެ. ޓީޝާޓުމަތިން ކަރުގައި އަޅާފައިވާ ފަށް ފެންނާން އޮތެވެ.

"ތިބުނަނީ މިކާލްއަކީ ގޭންގްސްޓާރެކޭތަ. " ހަޔާތީ ކަންބޮޑުވިއެވެ.

"އެހެނެއް ނުބުނަމެއްނު ހަޔާ. އެކަމަކު މި ފޮޓޯއިން ކޮންމެވެސް އެއްޗެއް އެބަ ބުނެދޭ. ބޮޑު ގްރޫޕެއް އެކީ ނަގާފައިވާ ފޮޓޯއެއް. އަނެއްކާ މި ފޮޓޯލާފައި މިއިން ކުއްޖާގެ ޕްރޮފައިލް ބަލައިލީމަ އެނގޭ ގޭންގަކަށް ނިސްބަތްވާ ޒުވާނެއްކަން. އަދި މިމީހުންނަކީ މިކާލްގް ފްރެންޑުން. ހަޔާ މިކާލްއާއި މެރީކުރިއިރު ޕޭރެންޓުން ދެކޮޅުހެދީ މިކާލް ގޭންގެއްގައި އުޅުނީމަ ދޯ. ހަޔާ ފެމިލީއާއި ދެކޮޅަށް މެރީކޮށްގެން ތިއައީ މިކާލްދެކެ ހާދަ ލޯބިވާތީއޭ. އެހާ ބޮޑު ގުރުބާނީއެއް ވެވޭނީ ހާދަ ހިތްވަރުގަދަވީމައޭ. އަހަންނަކަށް ނުކެރޭނެ ލޯބިވާ މަންމަ ދޫކޮށްލާފައި އަންނަން. ހަމަ އާދެވޭނީ މޮޔަވާހާ ލޯބިވަންޏާ. ހަޔާ ތީ ހަމަ ޖޫލިއަޓް. ލައިލާ. ލިސްޓަށް ހަޔާގެ ނަންވެސް އަރަން ޖެހޭ. އެކަމަކު. މިކާލް. އެއޮތް މަޑުމައިތިރި މިކާލް ވާހަކަދައްކާހިތުން އުޅުނަސް އަނގައިން ނުބުނެ ހުންނަ މިކާލް..މޭބީ ހީ އިޒް ޗޭންޖްޑް ފޯ ގުޑް. ޅައިރު ނުވިސްނޭއިރު ގޮތްގޮތަށް އުޅެފައި ހުއްޓަސް ލޯބިވެވުނީމަ ފިރިހެނުން އިސްލާހުވެ ޒިންމާދާރުވޭ. ލޯބިވެރިޔާއާއިއެކު އުފާވެރި ރީތި ދިރިއުޅުމެއް ލިބޭނީ ޖޮބަކަށް ގޮސް އެހެން މީހުންގެ އިހުތިރާމް ލިބެވޭފަދަ މީހަކަށް ވީމަކަން އޭރަށް އެނގޭނީ. މީހެއްގެ އަގެއްވެސް އޮންނަންވާނެ ތާ. މޭބީ ދޭ އާ ނޮޓް ބޭޑް. އެމީހުން ތެރޭވެސް ރަގަޅު މީހުން އުޅެދާނެ.. ލައިކް އާދު. އަޅެ އަހަންނަށް ލިބޭނެނަމަ..........." ސަޖަލް އާއިދުގެ ފޮޓޯގައި އިނގިލިން ފިރުމައިލީ ކައިރީގައި ހުރިނަމަ ފިރުމާލާހާ އޯގާތެރިކަމާއި އެކުގައެވެ. ހަޔާތީގެ ތަބީއަތަށް އެވަގުތު ބަދަލެއް އައީ ސަޖަލް މިކާލްގެ ވާހަކަދައްކައިގެނެއް ނޫނެވެ. އޭނަގެ ކައިވެނި ކުރެވުނީ އާއިލާއާއި ދެކޮޅަށްކަން ހަދާންކޮށްދީގެންނެވެ. މިކާލްއާއިއެކު އޭނަ އައީ އާއިލާ ދޫކޮށްލާފައެވެ. އެމީހުންނަށްޓަކާ ހަޔާތީ އަބަދުގެ އަބަދަށްޓަކާ މަރުވީކަމަށް ނިންމާފައެވެ. ހަޔާތީގެ ހިތަށް ބާރުކުރިއެވެ. މާޒީގައި ހިނގާފައިވާ ކަމެއްގެ ސަބަބުން މިކާލްއާއި ހަޔާތީގެ ދިރިއުޅުމަށް އެކަމުގެ ހިޔަނި އެޅެން ޖެހިދާނެކަމަކަށް ހަޔާތީ ގަބޫލެއްނުކުރެއެވެ. ނަމަވެސް ކަންތައް ހިނގައިދިޔައީ ހަޔާތީ ހީނުކުރާގޮތަކަށެވެ. އެ މާޒީ އޭނައަށް ލިބުނު ކުޑަ ކުޑަ އުފާވެރިކަންވެސް ފޭރިގަތީއެވެ. މިކާލް ނެތްނަމަ އޭނައަށް ދިރިހުރުމުގެ ހިތްވަރު ލިބޭނެކަމެއްވެސް ނޭގެއެވެ. އަޑިނޭގޭ ކަޅު ކަނޑެއްގައި އޮޔާދަނިކޮށް ރަހުމަތެއް ފަދައިން އަތުގައި ހިފައިލި މީހަކީ މިކާލްއެވެ.

އާއިދުއާއި މިކާލްގެ ކޮއްކޮ ސަމާގެ ކައިވެނި ހަމަޖެހުނުކަން އެނގުމުން ހަޔާތީއަށް ސިހުމެއް ލިބުނެވެ. ސަމާގެ އުމުރުން އަދި ކިރިޔާ އަށާރަ އަހަރު ފުރުނީއެވެ. ގައުމީ ޔުނިވާސިޓީގައި ކިޔަވަން ފެށި މޮޅު ދަރިވަރެކެވެ. ފަހަރިން ގެ ތެރެއިން ހަޔާތީއާއި އެންމެ ގާތްކޮށް އުޅޭ ކުއްޖަކީ އެއީއެވެ. އެހެންނޫނަސް އާއިދު ކައިވެނިކުރަން އުޅުނީމަ ސަޖަލްއާއިމެދު ހަމްދަރުދީ ހީވިއެވެ. ސަޖަލް އެހާ މޮޔަވެގެން އުޅެނިކޮށް އާއިދު އަބަދަށްޓަކާ ގެއްލިއްޖެކަން އެނގޭ ވަގުތު ސަޖަލް ފަކީރުގެ ހިތް ހަލާކުވާނެއެވެ. ބަސް ހުއްޓި ދެލޯ ބޮޑުވެ އަތްތިލަ އުނގުޅައިލެވުނީ އެހެންވެއެވެ. ހަޔާތީގެ މޫނަށް ވެރިވިކުލަވަރުން ދެނެގަންނަންވީ އެއްޗެއް ނޭގިފައި މިކާލް ރަގަޅަށް އޮޅުން ފިލުވަން ބޭނުންވިއެވެ.

"ވަޓް؟ " މިކާލް އަހައިލިއެވެ.

"ހީޒް.....ހީ ލުކްސް ޑޭންޖަރަސް..." ހަޔާތީއަށް ބުނެވުނެވެ. " އޭނަގެ ކޮން ސިފައެއް ހުރެގެން ސަމާ އެއްބަސްވީ. މިކާ ހައްޔަރުކުރީ ޓެރަރިސްޓް އަމަލެއްގެ ތުހުމަތުގައި. ޓެރަރިސްޓެއްކަމަށް ހީކުރާގޮތަށް ނޫސްތަކުގައި ޖެހީ........"

"އެހެންވެ ބުނަނީ ނޫސްވެރިން ޒިންމާދާރުކުރުވަން އެބަޖެހެއޭ. އާދުގެ ކުށެއްނެތި ހިފާ ހައްޔަރުކޮށް އުޅޭއިރު މީހުންގެ ހައްގުތަކެއް ވާ ކަމެއްވެސް ނޭގޭ. އާދުގެ އަގު ވައްޓާލީ. އެކަމަކު އަހަންނަށް އާދު ރަގަޅަށް އެނގޭތީ ކޮއްކޮއާއި މެރީކުރަން އެއްބަސްވީ. ޓްރަސްޓްމީ. ސަމާއަށް އެހާ ރަގަޅު ބައިވެރިއެއް ނުލިބޭނެ. ސަމާއަށްޓަކާ އުފާކުރަންވީ......" މިކާލްގެ ވާހަކަތައް ގަބޫލުކުރަން ހަޔާތީ ފަހެއް ނުޖެހުނެވެ. މިކާލް އަމިއްލަ ކޮއްކޮއާއިމެދު ވިސްނާވަރަށް އެހެން މީހަކާއިމެދު ނުވިސްނާއެވެ. ކޮއްކޮއަށްޓަކާ އެންމެ ހެޔޮއެދޭ ބޭބެއަކަށް މިކާލްވާނެކަމާއިމެދު ޝައްކެއްނެތެވެ. ވީއިރު އާއިދުއާއިމެދު ކުށްހީއެއް ކުރުމަކީ އާއިދު އެއްވެސް ގޮތަކަށް ނުދަންނަ މީހެއްގެ ހައިސިއްޔަތުން ކޮށްގެންވާނެ ކަމެއްނޫނެވެ. އާއިދު އެންމެ ރަގަޅަށް އެނގޭނީ މިކާލްއަށެވެ.

ސަމާގެ ކައިވެނިއޮތް ރޭ ހަފްލާއޮތީ ފިރިހެނުންނާއި އަންހެނުނަށް ވަކިންނެވެ. ޕާކިސްތާނުގެ ސަގާފަތާއި އެއްގޮތްވާގޮތުގެ މަތިން އެ ފޭލިގެ ތަކުގައި ދޫލަތައް އަޅާ ސުފުރާގައި ކެވޭގޮތަށް ތައްޔާރުކޮށްލާފައެވެ. ކުކުޅު ބިރިޔާނިފަދަ މީރު ކެއުންގަނޑުގެ ވަހުން ފަޒާ އެއްވަސްވެލާފައެވެ. ހުދު ހެދުމަކާއިއެކު އެކުލައިގެ ބުރުގާ އެއް އަޅައިގެން ސަމާ އިންއިރު ދެއަތާއި ފައިގާ ހީނާފަތް އަޅާލާފައި ހުރީ ރީތި ޑިޒައިންއަކަށެވެ. އިރުމަތީ ލަދުރަކި ބްރައިޑެއްގެ ހުރިހާ ސިފަތަކެއް ސަމާގެ ދޮންމޫނުމަތިން ފާޅުވާން ހުއްޓެވެ. ސަމާގެ ނުތަނަވަސްކަން އިހުސާސްކުރެވި ކައިރީގައި ހަޔާތީ ވާހަކަދައްކާލަން އިށީނެވެ. އަންހެންވެރިންގެ ބައިގާ ތިބި އަންހެނުން ކެއުމަށްފަހުވެސް އަނގަ ތަޅާލަން ޖައްސާލައިގެން ތިބިއިރު އެންމެނަށްވުރެ މުފުތިހާގެ އަޑުގަދައެވެ. ދުވަހަކު ނުފެންނަފަދަ އުފާވެރިކަމެއް މުފުތިހާގެ މޫނުން ފައުޅުވެއެވެ. އެހެންނުވާންވީ ކިއްވެހެއްޔެވެ؟ ދަނބިދަރިއަކަށް ލިބުނީ މުފުތިހާއަށް އެންމެ ކަމުދާ ޝޭޚުގެ ފިރިހެންދަރިފުޅު އާއިދުއެވެ. އާއިދުގެ މަންމަ ޝައިޚާވެސް ހުރީ ހިޖާބުގައެވެ. ކޮއްކޮމެންވެސް އެފަދައެވެ. މުފުތިހާ އާއި ޝައިޚާ އުފާވެރިކަން އެންމެންގެ ހިތްތަކަށް ގެނެސްދެމުން އެ ހަފްލާ ނިންމާލުމަށްފަހު ބައިބަޔަށް އަންހެންވެރިން ނިކުންނާންފެށިއެވެ.

ޖެހިގެން އައި ދުވަހު އޮފީހަށް ނުކުމެފާ ހަޔާތީއާއި ސަޖަލް ކޮފީއެއް ބޯލަން ތިބެފައި އެ ޚަބަރު ދިނުމުން ސަޖަލްގެ ދެލޯ ކަރުނުން ފުރުނެވެ. ސަޖަލް މާ ޑްރެމެޓިކްވަނީ ބާވައޭ ހިތަށް އެރިނަމަވެސް ހަގީގަތުގައި ލޯބިވާ މީހެއްގެ ވަކިވުމަކީ ހިތަށް އަސަރުކުރާނެކަމެއްކަން އެނގުނެވެ. ސަޖަލް މިވަނީ ކޮންކަހަލަ ލޯތްބެއްހެއްޔެވެ؟ އާއިދުއަށް ނޭގިވެސް އޭނަދެކެ ހިތާއި ފުރާނައިން ލޯބިވާ އަޅާލާ އަންހެންކުއްޖެއް މިހިރީއެވެ.

"ސަމާ ވަރަށް ރީތިތަ؟ " ސަޖަލްއެހިއެވެ.

"ޝީޒް ރިއަލީ ޕްރިޓީ. އެހާ ޝައި ގާލްއެއް. އެ ފެމިލީއާއި ގުޅޭ. ހެޔޮއެދޭ ފްރެންޑެއްގެ ގޮތުން ބުނެފާނަން. އާއިދު ކިތަންމެ ހެނޑްސަމްވިޔަސް ސަޖަލްއަކާއި އެމީހުންގެ ފިކުރުނުގުޅޭ. ތަންކޮޅެއް އެކްސްޓްރީމް ވިއުއެއް އެމީހުން އެގެންގުޅެނީ. އެފެމިލީ އެންމެން ކަޅުހެދުމުގައި މޫނު ނިވާކޮށްގެންތިބީ. ސަޖަލްއަށް އެހެނެއް ނޫޅެވޭނެ. ޓްރަސްޓްމީ ދުވަސްކޮޅަކުން ފޫހިވެދާނެ. ފަހަރެއްގައި ސަޖަލް ނަސީބު ރަގަޅުކަމުން ކަންނޭގޭ އާއިދުއާއި ނުގުޅުނީ. މިހެން ބުނާއިރުވެސް އަދި އާޚިރަތުގައި ނަސީބުވެރިންނަކީ އެމީހުން ކަމުގައިވެދާނެ. އަހަރެމެންގެ އީމާންތެރިކަން އަދި އެހާ މައްޗަށް ނުދަނީ އެނގޭތަ. ސަމާއަކީ ކިޔެވުމަށް މޮޅު އިންޓެލިޖެންޓް ކުއްޖެއް. އެކަމަކު މެރީކުރުމަށްފަހު މޫނު އަޅައިގެން ގޭގައި ކަން ނޭގޭ އިންނާނީ. އެކަހަލަ ފިރިހެނުން އަނބިން ގެއްލިދާނެތީ ގެއިން ބޭރަށް ފިޔަވަޅެއް އަޅަން ހުއްދައެއް ނުދޭނެ. ސަޖަލް ބޭނުމީ އެލައިފްތަ؟ އަހަންނަކަށް އެހެނެއް ނޫޅެވޭނެ. ސަޖަލްއަށްވެސް އަދި އެގޮތަށް ހައުސްވައިފްއެއްގެ ގޮތުގައި ނުހުރެވޭނެ. ޔޫ އާ އެމްބިޝަސް އަދި ކިހާ ގިނަ ހުވަފެންތަކެއް ދެކެން. އެންމެކުރިން ސަޖަލްގެ ގޯލްތައް އެޗީވްކުރުމަށްފަހު އޭގެ ފަހުން އާއިދުއާއި ދެ އަންބަށް އިނަސް ހެޔޮ. ޑޯންޓް ކްރައި ލަވް. އިންތިޒާރުކުރުމަކީ މާތް ސިފައެއް. ވީކްނަސް އެއްނޫން. އެމީހެއްގެ ހަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި ލިޔުއްވާފައިވާ އިންސާނާ އަންނާން ކޮންމެ ތާކު ހުއްޓަސް..." ހަޔާތީ ސަޖަލްގެ ކޯތާފަތް މަތިން ތިރިއަށް ދެމިގަތް ކަރުނަތައް ފޮހެދިނެވެ.

"ޔޫ އާ ރައިޓް..އަހަރެން އެބަޖެހޭ ދޯ ކޯސް ނިންމާލާފައި އަމިއްލަ ފައި މައްޗަށް ތެދުވާން..." ސަޖަލް ހިނިތުންވެލަމުން ހަޔާތީގެ އަތުގައި ހިފައިލިއެވެ.

"މީ ޓޫ....." ހަޔާތީ ދެލޯ މަރައިލިއެވެ. ކުއްލިއަކަށް މާޒީގެ ހިތި ހަނދާންތައް ސިކުނޑީގެ ކަނެއްގައި ކޮށްޓައިލިއެވެ. ހަޔާތީ ބޭނުމީ އޭނަގެ ލިޔުންތަކުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ނުފޫޒުފޯރުވާފަދަ ގަލަމެއްގެ ވެރިޔަކަށް ވުމަށެވެ. އަދި އޭނަގެ އެޗްއެމް އޮންލައިން ނޫހަކީ ރާއްޖޭގެ އެންމެ މަގުބޫލް ނޫހަށް ވުމަށެވެ. މިކާލްގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު އިރާދަކުރެއްވިއްޔާ އޭނަ އެ މަސައްކަތް ކާމިޔާބުކުރާނެއެވެ. އެންމެ ކުރިން އަމްރާންގެ ފަތިފުށް ގައުމަށް ހާމަކުރާނީއެވެ. އަމްރާނު އަބުދުލްއަޒީޒުދެކެ ނަފްރަތުކުރާން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ހިތުގެ ކަނެއްގައި އެހެން ކަހަލަ ޖަޒުބާތެއް ފޮރުވިފައިވާކަން އޭނަ ދަނެއެވެ. ނަމަވެސް އަމްރާންގެ ފަރާތުން ބަދަލު ހިފަން ކުރާނެ ކަންތައްތަކުގެ ލިސްޓެއް އޭނަވަނީ ހަދާފައެވެ. އަމްރާންގެ ސަބަބުން އޭނަގެ ލޮލުން ކަރުނަ އޮއްސަން ނުޖެހޭ ދުވަހެއް ހަޔާތުގައި އައިކަމެއް ނޭގެއެވެ. މަރިޔަމް ހަޔާތީ ކިޔާތީ "ސަންތި މަރިޔަބު" ނޫންގޮތަކަށް ގޮވާލި ހަނދާނެއްނެތެވެ. އަމްރާނު ސްކޫލް ދައުރު އޭނައަށް ދިން ނަމުން ކުރި އަސަރު އަދިވެސް އަރުތެރެއިން ނުފިލައެވެ. ކުޑަކުދިން ގެންގުޅޭ ވާހަކައަކުން އެނަން ފެނުނަސް ހަދާންވަނީ އެބޮޑާ ފިރިހެނާއެވެ. އަމްރާން އޭނަގެ ދިރިއުޅުމާއި ވަކިވެގެން ދިޔަތާ އެތައް އަހަރެއް ފާއިތުވީއިރުވެސް އަމްރާން ދިން އަނިޔާތަކާއި ގޯނާތަކުން ޖިސްމާއި ހިތުގައި އެޅުނު ކޫރުންތައް އަދި ހުރީ ތާޒާކޮށެވެ.

ހަޔާތީ އޭނައާއި މިކާލް ދިރިއުޅޭ ތަނަވަސް ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ބެލްކަނީގެ ދޮރުގައި ދަމާފައިވާ ހުދު ފަރުދާތައް ފަންކާގެ ވަޔާއިއެކު ވިހުރިލަމުން ދެއެވެ. ހޫނުވާން ފެށުމުން ފަންކާ ނިއްވާލާފައި އޭނަ އޭސީ ޖެއްސުމުން އަރާމު ފިންޏެއް ކޮޓަރިތެރެއަށް ފެތުރިލައިފިއެވެ. ހަފްތާގެ ބަންދު ދުވަސްކަމުން އޭނަވަނީ ކޮޓަރީގައި ފެންފޮތިލާ ވެކިއުމްކޮށްލާފައެވެ. ބިންމަތީގައި ޖަހާފައިވާ މާބްލްތަކާއި ދޮރުގެ ބިއްލޫރިތަކަށް ދާންދެން އޮފް އަރައެވެ. މޮޕްކުރިއިރު މީރުވަސްދުވާ އެއްޗެއް ލާފައިވާތީ އެހާ އަރާމު ވަހެކެވެ. މަޑުމަޑު ލުއިވަހުން ހިތްތަކަށް ދިރުން ގެނެސްދޭނެއެވެ. އެނދުގައި އޮވެފައި ސައިޑް ޓޭބަލްމަތީގައި ހުރި ފުޅިން ޓޮފީއެއް އަނގަޔަށް ލިއެވެ. އަނގައިގެ ތެރެއަށް ވިރެންފެށުމުން ދިން މީރު ރަހައަކުން ދެލޯ މަރައިލެވުނެވެ. ކުޑައިރުއްސުރެން އޭނަ ޓޮފީއައިގެން އުޅުނުވަރު އެނގި މިކާލް ކޮންމެދުވަހަކުގެން އަންނައިރު ޓޮފީ ގެނެސްދޭނެއެވެ. އަނެއް ފުޅީގައި ހުރީ ފޮކްސް އާވި މެޓާއެވެ.

"ހީޒް ސޯ ސްވީޓް....އެ ބޮޑާ ނުލަފާ ފިރިހެނާ މިކާއާއި ދިމާ އިދިކޮޅު. އައި ހޭޓް އަމްރާން އަބުދުލްއަޒީޒު. އައި ޖަސްޓް ހޭޓް ހިމް. ނަސީބެއްނު މާލޭގައި ނޫޅޭކަން. އަހަރެމެން ދިވެހިންގެ ތެރެއަށް އަންނާނެކަމެއްނެތް. އެހާ ފަރަންޖީކޮށް އޭރުވެސް އުޅުނީ. އިންނާނީވެސް އެކަހަލަ މީހަކާއި ކަން ނޭގޭ. އަހަންނަށް ރަގަޅީ ދުވަހަކު އަމްރާން އަހަރެން ފެންނަ ހިސާބަށް ނައިއްޔާ އޭނަ ނޫޅޭތީ އުފަލުގައި އެބަ އުޅެވޭ......" ހަޔާތީ އެކަނިމާ އެކަނި އޮވެ ވާހަކަދެއްކިއެވެ. ކުއްލިއަކަށް ބެލް ޖެހި އަޑަށް ދުއްވައިގަތީ މިކާލް ކަމަށް ހީކޮށެވެ. ދޮރުމަތީގައި އެއްކޮށް ކަޅުކުލައިގައި ހުރި މީހަކު ހުރިތަން ފެނިފާ ބިރުގަންނަގޮތްވިއެވެ.

"ގޯސްޓެއްތަ؟ " ހަޔާތީ ދޮރު ހުޅުވައިލިއެވެ. މޫނު އަޅާފައި ހުރި އަންހެންކުއްޖާ އަތަށް އަންގި އަރުވާފައި ހުރިއިރު ލޯވެސް ނިވާކޮށްލާފައެވެ.

"އައްސަލާމް އަލައިކުމް. ދޮންބެ ދައްތީ. ސަމާއޭ..." ސަމާ ހީލާފައި މޫނުގައި އަޅާފައިވާ ފޮތިކޮޅު ނެގުމުން ހަޔާތީ ގަދަކަމުން ހިނިތުންވެލިއެވެ. ހީކުރިގޮތަށް ސަމާގެ މުސްތަގުބަލް އާއިދުގެ އަތްދަށުލީއެވެ. ސަމާ ކިޔެވިތަން ފެންނާނެ ލޮލެއް ދެނެއް ނެތެވެ.

"ދޮންބެ ކޮބާތަ؟ ވާހަކައެއް ބުނަން މިއައީ..." ސަމާ އެތެރެއަށް ވަނެވެ.

"ދޮންބެ ހީވަނީ އޮފީސްބައިގަހެން. މިގަޑީގައި ޖިމް ޖައްސާނީ. އެނގެއެއްނު ދޮންބެ ކަސްރަތުކުރަން ބޭނުންވާ ސާމާނު ގެނެސްގެން ގޭގައިކަން އެކަން ކުރާނީ. ބައެއްރޭ ފުޓްބޯޅަ ކުޅެން ގާތް އެކުވެރިންނާއިއެކު ދިޔަސް ދޮންބެ ވަރަށް ތަފާތު..........."ހަޔާތީ ހެވިލާފައި ސަމާގެ އަތުގައި ހިފާލައިގެން އެތެރެއަށް ދާން ހިނގައިގަތެވެ. "މަންމަވެސް ޟުހާ ނަމާދަށް ވަދެފައި ގުރުއާން ކިޔަވަންކަން ނޭގޭ މިގަޑީގައި. ސައި ބޮއިފިންތަ؟ "

މިކާލް އޮފީސްބައިން ނުކުތީ އެކުދިން ވާހަކަދައްކާ އަޑު އިވިފަކަން ނޭގެއެވެ. ކޮނޑުކެޑި ޓީޝާޓަކާއިއެކު ދިގު ސޯޓެއްލައިގެން ހުރިއިރު ޓީޝާޓު އޮތީ ގަޔާއި ތަތްލަވާފައެވެ. ކަސްރަތުކުރުމުގެ ސަބަބުން ހަށިގަނޑުގެ މަސްތައް އެތުރިފައިވާލެއް އެހާ ރީއްޗެވެ. ފަން ބޯ އިސްތަށިގަނޑު ރަންކުލައިން ހައިލައިޓްކޮށްފައިވާއިރު އެ މޫނާއި ކިތަންމެހާވެސް ގުޅެއެވެ. ސަލާމް ބަދަލުކުރުމަށްފަހު ސަމާ ބުނީ އޭނަ ފިރިމީހާއާއިއެކު މެލޭޝިއާއަށް ފުރަން އުޅޭ ވާހަކައެވެ.

"އާދު ބުނެފައި އޮތީ..." މިކާލް ހިނިތުންވެލިއެވެ.

"ހަނީމޫން ޓްރިޕްދޯ. މެލޭޝިއާއަށްވުރެ މާ ރީތި ވާނެ ފިނިތަނަކަށް ދިޔައްޔާ. ކިހިނެއްވާނެ ޝިމްލާ ކަޝްމީރު ކަހަލަތަނެއް. އެތަންތަނަށް ސްނޯފޯލްވާނެ......" ހަޔާތީ ޚިޔާލު ފާޅުކުރިއެވެ.

"ޓިކެޓްވެސް ނަގާފައޭ އާދު ބުނީ...." ސަމާ ބުނެލިއެވެ.

"އެހެންވިއްޔާ ދެރަ. މެލެޝިއާއަކަށް ވިންޓާއެއް ނާންނާނެ. އުސް އިމާރާތްތައް ގިނަތަންތާ ހަނީމޫން ހަދަން މަޖައެއް ނުވާނެ. ހޫމް ސަމާއާއި އާދު ވިއްޔަ ހަނީމޫން ހަދަނީ އެކަމަކު ދޮންބެ ދައްތީ އެބަޖެހޭ އެކަމުގެ ތެރެއަށް އަތް ބާނަން ހެހެ. ނާސްތާ ކޮށްގެން ހުއްޓަސް ކޮންމެވެސް އެއްޗެއް ކައިލައިގެން ދާންވާނީ. ޑްރައި ފްރުޓްސް ރަގަޅުވާނެދޯ......" ހަޔާތީ ކަބަޑްމަތީ ހުރި ދަޅުތަކެއް ނަގަންފެށިއެވެ. މިކާލްއާއި ސަމާ ސޯފާގައި ކޮންމެވެސް ވާހަކަތަކެއްގައި ތިއްބާ ހަޔާތީ އޮރެންޖް ޖޫހާއި ހިކި މޭވާ އަދި ނަޓްސްހުރި ތަބެއް މޭޒުމަތީ ބެހެއްޓިއެވެ.

"ކޮލެޖުން ކެނޑުނީތަ ދެން.." ހަޔާތީ އަހައިލިއެވެ.

"އަދި ނޭގޭ. ދޮންބެދައްތީ. ފަހަރެއްގައި ބޭރު ގައުމެއްގައި ކިޔަވާގޮތަށް ހިޖުރަ ކުރާ ކަހަލަ ވާހަކައެއްވެސް އާދު ބުނި........." ސަމާ މައުސޫމްގޮތަކަށް އެހެން ބުންޏަސް ހަޔާތީއަށް ސިހުމެއްލިބި މިކާލްއާއި ހަތަރުކަޅި ހަމަކޮށްލެވުނުއިރު މިކާލް ނިކަން އަވަހަށް ނުދެނެހުރިކަމަށް ހަދާލާފައި ދުރަށް ބަލަންފެށިއެވެ.

"ހިޖުރަ؟ ކޮންތާކަށް ސަމާ." ހަޔާތީގެ ހިތް ބާރުބާރަށް ތެޅިގަތެވެ.

(ނުނިމޭ...)

https://sun.mv/111544

comment ކޮމެންޓް