ފެނަކަ، އެސްޓީއޯ އަދި އެމްޑަބްލިއުއެސްސީގެ އެމްޑީން އިސްތިއުފާ ދެއްވައިިފި

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވަނީ ޝަހީރު އަދި ފަޒުލް އިސްތިއުފާ ދެއްވިކަން ޔަގީންކޮށްދެއްވައިފައެވެ.

އަދި ލަމްއާން އިސްތިއުފާ ހުށަހެޅުއްވިކަން ފެނަކައިން މިއަދު ބޭއްވި ނިއުސްކޮންފަރެންސްއެއްގައި އޭނާ ވަނީ ޔަގީން ކޮށްދެއްވައިފައެވެ.

ފެނަކަ ކޯޕަޜޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން---

ފަޒުލް އަދި ޝަހީރު މެނޭޖިން ޑައިރެކްޓަރުކަމުގެ މަގާމަށް އައްޔަނުކުރީ 2015 ވަނަ އަހަރުއެވެ. އަދި ލަމްއާން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.

އަންނަ ހޮނިހިރު ދުވަހު އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ކުރިން ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާދެއްވުމަށް އެމަނިކުފާނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު---ސަން ފޮޓޯ/އަފްރާހް

މިހާތަނަށް އިސްތިއުފާ ދެއްވާފައިވާ އިސް ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އާއިޝަތު އާޒިމާ ޝުކޫރާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ކަމުގައި ހުންނެވި އަބްދުއްރައްޒާގު ހަލީމާއި އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އަދި ރައީސް އޮފީހުގެ ސޯޝަލް އެފެއާޒް ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މުހައްމަދު ޣައްސާން މައުމޫން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

comment ކޮމެންޓް