"ހުވާ"ގެ ޓްރެއިލާ: ބެލުންތެރިން ރޮއްވާލާނެހާ އަސަރުގަދަ!

"ހުވާ" ގެ ޕޯސްޓަރެއްގައި ރަވީ އާއި އައްޒަ...

މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ ފާތިމަތު ނަހުލާ ޑައިރެކްޓްކޮށް ރާއްޖޭގައި އަލަށް ވުޖޫދުކުރާ ވެބް ސީރީޒް "ހުވާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އެ ޓްރެއިލާ އާންމުކޮށްފައިވަނީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ އެޕްލިކޭޝަން "ބައިސްކޯފު" ރިލީޒް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާގެ ތެރެއިންނެވެ.

ރޭގެ ހަފްލާގެ ބައިވެރިން ބުނިގޮތުގައި "ހުވާ"ގެ އެ ޓްރެއިލާ ވަރަށް ވެސް އަސަރުގަދައެވެ. ނަޙޫ ސްޓައިލްގެ ސީރީޒަކަށް ވާނެ ކަން ހަމަ ޔަގީނެވެ. ބެލުންތެރިންގެ ހިތްދަތި ކޮށްލައި، ރޮއްވާލާ ވަރުގެ ކިތަންމެ މަންޒަރެއް އެ ޓްރެއިލާ ވެސް ފެނިގެން ދިޔައެވެ. ލޯބީގެ ބައިވެސް ޓްރެއިލާއިން ފެނުނު އިރު އަނިޔާކޮށް މީހުންނަށް އެކި ވަރުގެ ޒަހަމްތައް ވެފައިވާ ތަން ވެސް "ހުވާ"ގެ ޓްރެއިލާއިން ފެނުނެވެ. މި ޝައުގުވެރި ޓްރެއިލާ ބަލާލާށެވެ.

"ހުވާ" ގެ ޓްރެއިލާ....

ޓްރެއިލާ އިން ސިރީޒް އާ ދޭތެރޭ ކުރެވޭނެ އުންމީދު ބޮޑު ވާނެކަން ގައިމެވެ. އާއިލީ ތެރޭގައި އުފެދޭ މައްސަލަ ތަކާއި މުޖުތަމައުގެ ކުށުގެ ވެށި ވެސް ދައްކުވައިދޭނެ "ހުވާ" ދައްކަން ފަށާނީ މި މަހުގެ 29 ވަނަ ދުވަހުން ފެށިިގެންނެވެ.

އެ ސީރީޒް ބަލާލަން ލިބޭނީ ހަމަ އެކަނި "ބައިސްކޯފު" އެޕުންނެވެ. އެޕިސޯޑު ތަކަކަށް ބަހާލައިގެން ކޮންމެ ހަފްތާ އަކުވެސް "ހުވާ"ގެ މަންޒަރުތައް އެ އެޕުން ބަލާލެވޭނެއެވެ.

ޓްރެއިލާ ލޯންޗުކުރުމަށްފަހު ނަހޫ ބުނީ، އެއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތް ކަމަށާއި އެފަދަ ބޮޑު މަސައްކަތެއް ކުރުމަށް އެހީތަކެއް ވެދެއްވި "ބައިސްކޯފު" ގެ ޓީމަށް ހިތުގެ ފުނުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެ މަސައްކަތް ނަހޫ އާއި ހަވާލުކުރި ދުވަހުން ފެށިގެން "ބައިސްކޯފު"ގެ ބާނީ މުހައްމަދު މިރުޝާދާއި ބެލުންތެރިން މާޔޫސް ނުކޮށްލަން ނިންމައިގެން "ހުވާ"ގެ މަަސައްކަތް ފޯރީގައި ކުރި ކަމަށެވެ.

ނޮވެމްބަރ 12، 2018: މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ އެޕްލިކޭޝަން "ބައިސްކޯފް" ލޯންޗުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ފިލްމު އިންޑަސްޓްރީގައި ގުނާލެވޭ މަޝްހޫރު ގިނަ އެކްޓަރުން ތަކެއް ހިމަނައިގެން ހެދި "ހުވާ"ގައި ޖުމަލް 40 އަށް ވުރެއް ގިނަ ތަރިންގެ އެކްޓިން ފެންނާނެއެވެ. ދިވެހި ރާއްޖޭގައި ފުރަތަމަ ހެދި ވެބް ސީރީޒަށް ވުމުން، އެ ސީރީޒުން ގިނަ އެކްޓަރުންނަށް ފުރުސަތު ދީފައިވާނެ ކަމަށް ނަހޫ ބުންޏެވެ.

"ހުވާ"ގެ މަންޒަރުތައް ނަގާފައިވަނީ މާލޭ، ވިލިމާލެ އަދި ކ. ގުރައިދޫގައެވެ. ޓްރެއިލާ އިން ޝައުގުވެރިވާ ކިތަންމެ މަންޒަރެއް ދައްކުވައިދިން އިރު "ހުވާ" އަށް އިންތިޒާރުގައި ގިނަ ބަޔަކު އެބަ ތިއްބެވެ.

comment ކޮމެންޓް