ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުތާ ގަރުނެއް ވީއިރު ޔޫރަޕް ބޮޑު ބަދަލަކާ ދިމާއަށް

ފުރަތަމަ ބޮޑު ހަނގުރާމައިގެ މަންޒަރެއް

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައަށް އެއްގަރުނު ފުރުން ފާހަގަ ކުރުމުގެ ގޮތުން ފަރަންސޭސިވިލާތުގައި ކުރިޔަށްދާ އިޙްތިފާލްތަކުގައި ދުނިޔޭގެ 60 ގައުމެއްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނާނެއެވެ.

މީގެތެރޭގައި ޔޫރަޕްގެ ހުރިހާ ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިން ނޫނީ ދައުލަތުގެ އެންމެ އިސްވެރިންމާ އަދި އެނޫން އެތަށް ގައުމެއްވެސް ހިމެނޭގޮތަށް ޖުމްލަ 60 ގައުމެއްގެ އިސްވެރިން ބައިވެރިވެ އެ އިޙްތިފާލްތައް ޝަރަފުވެރި ކޮށްދެއްވާނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުކުރު ދުވަހު ޕެރިހަށް ވަޑައިގެން ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން އާ ބައްދަލުކުރައްވާފައެވެ.

ރޭގެ ވަގުތެއްގައި ޖަރުމަނުގެ ޗާނަސެލަރ އެންގެލާ މާކަލް ޕެރިހަށް ވަޑައިގެންފައިވާއިރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ޕެރިހަށް ވަޑައިގަންނަވާނެއެވެ. ޔޫރަޕްގެ ކުދި ބައެއް ގައުމުތަކުގެ ބޮޑުވަޒީރުން މިހާރުވެސް ޕެރިހުގައި އެބަތިއްބެވިއެވެ. ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައަކީ 28 ޖުލައި 1914 ން 11 ނޮވެމްބަރު 1918 އަށް މުޅި ޔޫރަޕްގައި ހިނގި ވަރަށް ބޮޑު އަދި ޝާމިލް ހަނގުރާމައެކެވެ.

ހަނގުރާމަ ފެށީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އޭރު އޮތް ހަތުރުވެރިކަމާއި ދުނިޔެއަށް އަތްގަދަކޮށް ތަންތަނަށް ވެރިވެގަތުމުގެ ދަހިވެތިކަމުގެ ތެރެއިންނެވެ. އެހަނގުރާމައިގެ ގެއްލުންތައް ޔޫރަޕްގެ އިތުރުން ޔޫރަޕްގެ އަވަށްޓެރި އަރަބި ގައުމުތަކަށް ކޮށްފައިވެއެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގާ 19 މިލިޔަން މީހުން މަރުވެ 23 މިލިޔަން މީހުން ޒަޚަމްވިއެވެ. މީގެތެރެއިން 90 އިންސައްތައަކީ ޔޫރަޕް މީހުންނެވެ.

އެލިޒޭގައި މެކްރޯން ޓްރަމްޕާ ބައްދަލުކުރައްވަނީ

ދުނިޔޭގެ ފުރަތަމަ އދ. ކަމަށްވާ "ލީގް އޮފް ނޭޝަންސް" އުފެދުނީ ފުރަތަމަ ބޮޑު ހަނގުރާމައަށްފަހުއެވެ. އިސްލާމީ އެންމެ ފަހުގެ ޚިލާފަތު ކަމަށްވާ ޢުޘްމާނީ ޚިލާފަތު ރޫޅިގެން ދިޔައީވެސް ފުރަތަމަ ބޮޑު ހަނގުރާމައިގާ ޢުޘްމާނީ ދައުލަތް (ތުރުކީގެ އިސްލާމީ ޚިލާފަތް) ބަލިވެގެން ދިޔުމުންނެވެ. ފުރަތަމަ ބޮޑުހަނގުރާމައިގާ ޝާމިލްވި އޭރުގެ ދުނިޔޭގެ ބާރުތަކަކީ އެއްކޮޅުން ޖަރުމަނާއި އޮސްޓްރޭލިޔާ ހަންގެރީ ގެ ރަސްކަމާއި ތުރުކީގެ ޢުޘްމާނީ ޚިލާފަތާއި ބަލްގޭރިޔާއެވެ. އަނެއްކޮޅުން އިއްތިޙާދީންގެ ގޮތުގައި މި ގްރޫޕާ ދެކޮޅަށް ހަނގުރާމަކުރީ ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، ރަޝިޔާ، ބެލްޖިޔަމް،ރޮމޭނިޔާ އަދި ސާބިޔާ ފަދަ ގައުމުތަކެވެ.

ހަތަރު އަހަރުގެ ހަނގުރާމައިގާ ކާމިޔާބު ހޯދީ އިއްތިޙާދީންނެވެ. ބަދަލު ހިފުމުގެ ރޫހެއްގައި ދެވަނަ ބޮޑުހަނގުރާމައަށް ޖަރުމަނު ތައްޔާރުވީ ފުރަތަމަ ބޮޑު ހަނގުރާމައިގާ ޖަރުމަނު ބަލިވުމާއެކު ގަދަވި ބާރުތަކުގެ އަތްދަށުން ޖަރުމަނަށް ލިބުނު އިހާނާތާއި ގެއްލުންތަކުގެ ސަބަބުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަރަންސޭސިވިލާތަށް ވަޑައިގެންނެވުމުގެ ކުރިންވަނީ ޔޫރަޕްގެ ގައުމުތަކަށް ޚާއްސަ ސިފައިން ގެ ލަޝްކަރެއް އުފެއްދުމަށް ރައީސް އެންމަނުއެލް މެކްރޯން ގޮވާލެއްވި ގޮވާލެއްވުމަށް ދެކޮޅު ހަދައި އެކަން ކުށްވެރި ކުރައްވާފައެވެ. ޓްރްމްޕާއި އޭނާގެ އަނބިކަނބަލުން މެލާނިޔާ ޕެރިހަށް ފުރާވަޑައިގަތުމުގެ ކުރިން ޓްރަޕްމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫރަޕަށް ޚާއްސަ ސިފައިން ގެ ލަޝްކަރެއް އުފެއްދުމަށް މެކްރޯން ހުށަހެޅުއްވި ހުށަހެޅުން ބަލައި ނުގަނެވޭނެ ކަމަށާ އެއީ އެމެރިކާއަށް ކުރި އިހާނާތެއް ކަމުގައެވެ.

ނޭޓޯ އާ ވަކިން ޔޫރަޕަށް ޚާއްސަ ސިފައިން ގެ ލަޝްކަރެއް އުފެއްދުމަށް މެކްރޯންގެ ދާދިފަހުން ހުށަހެޅުއްވި ހުށަހެޅުއްވުމަށް ނުރުހުން ފާޅުކުރައްވަމުން ޓްރަމްޕް ވިދާޅުވީ ޔޫރަޕުން ނޭޓޯއަށް ދައްކަންޖެހޭ ޗަންދާ ގެ ފައިސާ އަވަހަށް ދެއްކުމަށް ޔޫރަޕްގެ ގައުމުތަކަށް ގޮވާލައްވާ ކަމުގައެވެ. ޔޫރަޕްގެ ގައުމުތަކަށް ޚާއްސަ ސިފައިން ގެ ލަޝްކަރެއް އުފެއްދުމަށް ގޮވާލެއްވީ އަސްކަރީ ކަންކަމުގައި ޔޫރަޕުން އެމެރިކާއަށް ބާރޯސާވުން ހުއްޓާލައި ޔޫރަޕްގެ ދިފާއީ ކަންކަން ޔޫރަޕްގެ ގައުމުތައް އަމިއްލައަށް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށް މެކްރޯން ވަނީ ވިދާޅުވެފައެވެ.

އެމެރިކާއަކީ ދެވަނަ ބޮޑުހަނގުރާމައިގާ ޖަރުމަނު ބަލިކޮށް މާޝަލް ޕްލޭން ހަދައިގެން ޔޫރަޕް އަލުން ބިނާކޮށް އާރާސްތުކުރުމަށް އެހީތެރިވެ ދިނުމަށްފަހު އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ޔޫރަޕް އަތްދަށުލައިގެން އުޅޭ ގައުމެކެވެ. އެމެރިކާއިން ޔޫރަޕަށް ބާރާއި ނުފޫޒު ފޯރުވައި ޔޫރަޕް އަސްކަރީ ގޮތުން އަތްދަށުލުމަށްޓަކައި ޔޫރަޕްގެ އެތަށް ގައުމެއްގައި އަސްކަރީ ބޭސްތައް ހަދައި އެތަށް ސިފައިންގެ ލަޝްކަރުތައް ރުކުރުވާލާފައިވެއެވެ.

ޔޫރަޕަކީ އެމެރިކާއާ ނުލައި ބާރުގަދަ ރަޝިޔާއާ ކުރިމަތިނުލެވޭނެ ގައުމުތަކެއްކަން އެގައުމުތަކަށް ވިސްނައިދީ ބިރުދެއްކުމަށް އެމެރިކާ މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް މިގޮތް ޔޫރަޕަށް މިޙާރު ކަމުނުގޮސް އެމެރިކާގެ ކިބައިން ސަލާމަތްވެ އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން އަމިއްލަ ނަފްސަށް ބަރޯސާވުމަށް ގޮވާލެވޭ އަޑުތައް ޔޫރަޕްގެ ގައުމުތަކުގައިވަނީ ވަރަށް ބޮޑަށް ގަދަވާން ފަށާފައެވެ.

އެމެރިކާގެ ނުފޫޒުގެ ދާއިރާއިން ބޭރުނުވެ ޔޫރަޕަށް ހަގީގީ ކުރިއެރުން ނުލިބޭނެ ކަމަށް ޔޫރަޕްގެ ބޮޑެތި ގައުމުތަކުން މިހާރުވަނީ ދެކެންފަށާފައެވެ. މިކަމުގެ ސަބަބުން އެމެރިކާ ވަނީ ކަންބޮޑުވެފައެވެ. ޔޫރަޕާނުލައި ރަޝިޔާއާ ކުރިމަތިލާންވެސް އަދި ދުނިޔޭގައި ހަންފަތުރަންވެސް އެމެރިކާއަށް ދަތިކަމަކަށް ވާނެއެވެ. އަދި ޔުރަޕާނުލައި އެމެރިކާގެ ހައިބަތާއި ބާރާއި ނުފޫޒުވެސް ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް