"ކަނޑު އިބިލީސް"ގެ ޕްރޮމޯ ލަަވަ އަންނަ ހަފްތާގައި ރިލީޒްކުރަނީ!

"ކަނޑު އިބިލީސް" ގެ ޕޯސްޓަރެއް...

ކުޑަ ކުދިންނަށް ހާއްސަކޮށްގެން ހަދާފައިވާ "ކަނޑު އިބިލީސް"ގެ ޕްރޮމޯޝަނަލް ލަވަ އަންނަ ހަފްތާގެ ތެރޭގައި ރިލީޒްކުރާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

އެ ލަވައަކީ މަޝްހޫރު ބޮޑުބެރު ޓީމު ބިދަބިން ގްރޫޕުގެ ފަރާތުން ގެނެސްދޭ ލަވަ އެކެވެ. "އިބިލީހުގެ ވަސްވާސް" ލަވައަށް ކިޔާއިރު އެ ލަވައިން ފިލްމުގައި ވާ ވަރަށް ގިނަ ކަންތައް ދައްކުވައިދޭނެއެވެ.

"ކަނޑު އިބިލީސް" އަކީ މަޝްހޫރު އެކްޓަރު މަޝްހޫރު އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، މުހައްމަދު ރިއްފަތު އަދި އަހުމަދު ޒިޔާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

"ސަން" އާ ވާހަކަ ދައްކަމުން ކޮޕީ އިއްސެ ބުނީ އެ ލަވަ އަކީ ވަރަށް ހާއްސަ ލަވަ އަކަށް ވާނެ ކަމަށާއި ބިދަބިން ގްރޫޕަށް ތައުރީފު ހައްގު ކަމަށެވެ. އަދި އަންނަ ހަފްތާ އެ ލަވަ ޗެނަލް ތަކުން ދައްކަން ފަށާނެ ކަމަށާއި އެއާއެކު ފިލްމު ރިލީޒް ކުރާ ތާރީހް އިއުލާން ކުރާނެ ކަމަށެވެ.

"ޔަގީނުން ވެސް މި މަހު ފަހުކޮޅު ސިނަމާތަކަށް އަންނާނެ، ސީދާ ޑޭޓް އިއުލާން ވާނެ އެ ލަވަ އާންމުކޮށްފަ،" އިއްސެ ބުންޏެވެ.

"ކަނޑު އިބިލީސް" ގެ ޕްރޮމޯ ލަވައިން ފެންނާނެ ޒިޔާގެ ދަރިފުޅު ޒޭން....

"އިބިލީހުގެ ވަސްވާސް" ކިޔާފައިވަނީ އެ ގްރޫޕްގެ އަޑުގެ ވެރިޔެއް ކަމަށްވާ މުހައްމަދު ރީހާން އެވެ. ޒިޔާ ޕްރޮޑަކްޝަންގެ ދަށުން ގެންނަ އެ ލަވައިގެ ކެމެރާ ކޮށްފައިވަނީ އަޝްފާހުއެވެ. އަދި ހުރިހާ ޑްރޯން މަންޒަރުތަކެއް ނަގާފައިވަނީ މަނިކް އާރޓް އިންނެވެ. ވިލިމާލޭގައި ޝޫޓް ކޮށްފައިވާ އެ ލަވައިގެ އެންމެ ހާއްސަ ކަމަކަށް ވާނީ ޒިޔާގެ ދެ އަހަރުގެ ދަރިފުޅު ޒޭން ޒިޔާ އެ ލަވައިގައި ފެންނާނެ ކަމެވެ. ޒޭން ފެންނާނީ ޒިޔާ "ކަނޑު އިބިލީސް" ގައި ފެންނާނެ ކޮސްޓިއުމްގައެވެ.

ލަވަ އާ ބެހޭގޮތުން ބިދަބިންގެ މެނޭޖަރު މުހައްމަދު އާސިމް(އާއްކޮ) ބުނީ، އެ ލަވައަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އަދި "ކަނޑު އިބީލީސް" ގެ ޓީމުން އެ ގްރޫޕަށް މިކަހަލަ ފުރުސަތުތައް ދޭތީ އާއްކޮ ވަނީ އެ ފިލްމުގެ ޓީމަށް ޝުކުރު އަދާކޮށްފައެވެ.

"ކަނޑު އިބިލީސް"ގެ ހުރިހާ މަންޒަރުތަކެއް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އެ ފިލްމުން ކުޅުދުއްފުށީގެ ގިނަ ބަޔަކު ފެންނާނެއެވެ. އަދި އެރަށުގެ 100 އަށް ވުރެ ގިނަ ކުޑަ ކުދިން އެ ފިލްމުން ފެނިގެންދާނެއެވެ.

އެންމެ ފުރަތަމަ ފިލްމު ރިލީޒް ކުރުމަށް ވެސް ހަމަޖެހިފައިވަނީ އެރަށުގައެވެ. އެއަށްފަހު އަތޮޅުތަކުގައި ފިލްމު ދެއްކުމަށްފަހު އައިސް މާލޭގެ ސިނަމާ ތަކުގައި ފިލްމު ދައްކާގޮތަށް ހަމަޖެހިފައިވާ ކަމަށް "ކަނޑު އިބިލީސް" ގެ ޓީމުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް