ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާތަކެއް ކަސްޓަމްސް އިން އަތުލާގެންފި އެވެ.
ފައިސާތައް އަތުލާގެންފައި ވަނީ މިދިޔަ އަދީއްތަ ދުވަހު، ސިންގަޕޫރަށް ފުރުމަށް ހަމަޖެހިފައިވާ އިންޑިއާގެ ތިން ރައްޔިތެއްގެ އަތުންނެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ކަސްޓަމްސްއަށް ރިޕޯޓްނުކޮށް ގިނަ ޢަދަދަކަށް ފައިސާ ރާއްޖެއިން ބޭރަށް ގެންދަން އުޅޭކަމުގެ މަޢުލޫމާތު ކަސްޓަމްސް އަށް ލިބިފައިވާތީ، އެމީހުންނާ ސުވާލުކޮށް އެމީހުން ޗެކްކުރިއިރު، އެމީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާ ތަކެއް ފެނިފައިވާ ކަމަށެވެ.
އެމީހުން ޗެކްކޮށްފައި ވަނީ ސިންގަޕޫރަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޗެކިން އަށް އައުމުންނެވެ.
އެމީހުން އަތުން ފެނިފައި ވަނީ ތަފާތު ގައުމުތަކުގެ ފައިސާގެ ނޫޓްތަކެކެވެ. އަތުލާގެންފައި ވަނީ ކިހާ އަދަދެއްގެ ފައިސާތެކެއް ކަސްޓަމްސް އިން ނުބުނެއެވެ.
ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ބޭރުކުރުމުގެ ގަވާއިދުގެ ދަށުން އެ ފައިސާތައް ހިފެހެއްޓުމަށް ފަހު، އެކަން އިތުރަށް ތަޙްޤީޤުކުރުމަށް ޓަކައި އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކާއި އެމީހުންގެ އަތުން ފެނުނު ފައިސާ، އާދިއްތަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމަތުދެ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިދިޔަ އާދިއްތަ ދުވަހު ގިނަ އަދަދެއްގެ ފައިސާތަކެއް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގެންފައިވާ އިރު، މިދިޔަ މަހު ރާއްޖެއިން ބޭރު ކުރަން އުޅުނު އެއް ކިލޯގެ ރަންގަނޑެއް ވެސް ކަސްޓަމްސް އިން ވަނީ އަތުލާގެންފަ އެވެ.