ދުރާލާ ރާވައިގެން، ލަންކާއަށް ގެނައީ ބަޣާވާތެއް: މަޖިލިސް ރައީސް

ރައީސް މައިތިރިޕާލާ ސިރިސޭނާ، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަދި މަޖިލީހުގެ ރައީސް ކަރޫ ޖަޔާސޫރިޔާ -- ފޮޓޯ: އައިލަންކާނިއުސް

ކޮލަމްބޯ (ނޮވެމްބަރު 7): ސްރީ ލަންކާގެ ސަރުކާރު ބަދަލު ކޮށްފައި ވަނީ ދުރާލާ ރާވައިގެން ގެނައި ބަޣާވާތަކުން ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރޫ ޖަޔާސޫރިޔާ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 26ގައި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އެގައުމުގެ ބޮޑުވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް، އެމަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވާފަ އެވެ.

"އެ ހާދިސާތައް ސިފަކުރެވޭނީ ބަޣާވާތެއްގެ ގޮތުގައި. ދުރާލާ ރާވައިގެން، ބަޑި އާއި ޓޭންކަރާ ނުލައި ގެނައި ބަޣާވާތެއްގެ ގޮތުގައި،" މިދިޔަ ހޯމަ ދުވަހު ޑިޕްލޮމެޓުންނަށް ފޮނުއްވި ސިޓީއެއްގައި ޖަޔާސޫރިޔާ ވިދާޅުވި އެވެ.

ޖަޔާސޫރިޔާ ވިދާޅުވި ގޮތުގައި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުން ގަބޫލު ކުރައްވަނީ ވިކްރަމަސިންހަ މަގާމުން ދުރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަދި ސިރިސޭނާ އާއި ރާޖަޕަކްސަގެ ކޯލިޝަނުން ވަނީ އާސަރުކާރަށް ތާއިދު ކުރުމަށް ޓަކައި ގިނަ އަދަދެއްގެ މެމްބަރުންނަށް ރިޝްވަތާއި މިނިސްޓަރުކަން ހުށަހަޅާފައި ކަމަށް ޖަޔާސޫރިޔާ ތުހުމަތު ކުރެއްވި އެވެ.

ލަންކާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބޭރުގެ ބައެއް މަންދޫބުން ވަނީ ރާޖަޕަކްސައަކީ ބޮޑުވަޒީރު ކަމަށް ބަލައިގަންނާނީ މަޖިލީހުގައި އަގުލަބިއްޔަތު ސާބިތުކޮށްދިނުމުން ކަމަށް ބުނެފަ އެވެ.

ރައީސް ސިރިސޭނާ ވަނީ ވިކްރަމަސިންހަ މަގާމުން ދުރު ކުރެއްވުމަށް ފަހު އެގައުމުގެ ގާނޫނު ހަދާ ސަސްޕެންޑު ކުރައްވާފަ އެވެ. އަދި މަޖިލިސް ދެން ހުޅުވާނީ މިމަހުގެ 16އިގައި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން ސިރިސޭނާ ވަނީ އަންނަ ބުދަ ދުވަހު މަޖިލިސް ބައްދަލުވުމެއް ބާއްވަން އަމުރު ކުރައްވާފަ އެވެ.

comment ކޮމެންޓް