ކޮންސިއުލޭޓުގެ ކެމެރާތައް ނައްޓަން ސައުދީން މަސައްކަތް ކުރި: ތުރުކީ މީޑިއާ

ސައުދީ ކޮންސިއުލޭޓު ތެރޭ މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ ހަށިގަނޑު އަދިވެސް ނުފެނޭ -- ފޮޓޯ: އޭޕީ

އަންކާރާ (ނޮވެމްބަރު 6): ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓުގެ މުވައްޒަފުން، އެކޮންސިއުލޭޓުގެ ސީސީޓީވީ ކެމެރާތައް ނައްޓަން މަސައްކަތް ކުރި ކަމަށް ތުރުކީ މީޑިއާއަކުން ބުނެފި އެވެ.

ތުރުކީ ސަރުކާރާ ގުޅުން ހުރި ސަބާހު ނޫހުން ބުނި ގޮތުގައި ސައުދީ ކޮންސިއުލޭޓުގެ މުވައްޒަފުން ކެމެރާތައް ނައްޓަން މަސައްކަތް ކުރީ މިދިޔަ މަހުގެ ދެވަނަ ދުވަހުގަ އެވެ. އެއީ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލި ދުވަހެވެ.

އަދި އެމުވައްޒަފުން ވަނީ ކޮންސިއުލޭޓުގެ ބޭރުގައި ހުންނަ ސެކިއުރިޓީ ބޫތުގެ ކެމެރާ ފުޓެޖް 'ލޮކް ކުރަން'ވެސް މަސައްކަތްކޮށްފައި ކަމަށް ސަބާހު ނޫހުގައިވެ އެވެ.

އެގޮތުން މިދިޔަ މަހުގެ ހަ ވަނަ ދުވަހު، ދަންވަރު އެކެއް ޖެހި އިރު ކޮންސިއުލޭޓުގެ މުވައްޒަފަކު ވަނީ ފުލުހުންގެ ބޫތު ތެރެއަށް ގޮސްފަ އެވެ. އަދި އެބޫތުގައި ހުންނަ ވީޑިއޯ ސިސްޓަމްގައި ލޮކް ކޯޑެއް ޖަހާފަ އެވެ. އެއީ އޭގައި ރެކޯޑުކޮށްފައިވާ ވީޑިއޯތައް ނުފެންނަ ގޮތް ހެދުމަށް ޖެހި ކޯޑެއް ކަމަށް ސަބާހު ނޫހުގައިވެ އެވެ.

ނަމަވެސް އަލް ޖަޒީރާގައިވާ ގޮތުން، ތުރުކީގެ އޮފިޝަލުން ވަނީ މާކުރިން އެސިސްޓަމްގެ ކޯޑު ދެނެގަނެ، ވީޑިއޯތަކުގެ ކޮޕީ ނަގާފަ އެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ހާޝުގްޖީ މަރާލާފައި ވަނީ ދުރާލާ ރާވައިގެން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހާޝުގްޖީ ކޮންސިއުލޭޓަށް ދިޔަ ދުވަހު އެތަނުގެ ކެމެރާތައް ޑީއެކްޓިވޭޓުކޮށްފައިވާ ކަމަށްވެސް މިދިޔަ މަހުގެ 28ގައި އުރުދުޣާން ވިދާޅުވި އެވެ.

comment ކޮމެންޓް