ޑެނޯންގެ އުފެއްދުންތައް އެސްޓީއޯއިން ތައާރަފުކޮށްފި

ޑެނޯންގެ އުފެއްދުންތައް އެސްޓީއޯގައި -- ފޮޓޯ: އެސްޓީއޯ

ޑެނޯން ކުންފުނީގެ އުފެއްދުންތައް އެސްޓީއޯ އިން ބާޒާރަށް ނެރެފި އެވެ. ޑެނޯން އަކީ ސިއްޙަތައް ފައިދާހުރި އުފެއްދުންތައް ތައްޔާރުކުރުމުގައި 99 އަހަރުގެ ތަޖުރިބާލިބިފައިވާ ކުންފުންޏެކެވެ. އެކުންފުނިން ދަނީ 130 ގައުމެއްގައި ހަރަކާތްތެރިވަމުންނެވެ.

ފްރާންސްގެ ކޯބާތަކެތި އުފައްދާ އެންމެ ބޮޑު އެއް ކުފުނީގެ އުފެއްދުންތަކުގެ ތެރެއިން އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ތަޢާރަފުކޮށްފައި ވަނީ ޑެނޯން އިންޑިއާގެ "ޑެނޯން އާރލީ ލައިފް ނިއުޓްރިޝަން"ގެ އިން އުފެއްދުމެވެ.

"ޑެނޯން އާރލީ ލައިފް ނިއުޓްރިޝަން"ގެ އުފެއްދުންތަކަކީ ބަނޑުބޮޑު ވީއްސުރެ ދަރިފުޅަށް ދެ އަހަރު ވުމާއި ހަމައަށް ހޭދަވާ 1000 ދުވަހަށް މައިމީހާ އަދި ދަރިފުޅުގެ ދުޅަހެޔޮ ސިއްޙަތަށް ބޭނުންވާ މުހިންމު މާއްދާތައް ހިމަނައިގެން އުފައްދާފައިވާ އުފެއްދުންތަކެވެ.

ޑެނޯން އަޕްޓަމިލް

"ޑެނޯން އަޕްޓަމިލް" އަކީ ތުއްތު ދަރިފުޅުގެ އުމުރާ ގުޅޭ ގޮތުން ދަރިފުޅުގެ ހަށިގަނޑުގެ ހެދިބޮޑުވުމާއި، ސިކުނޑިއާއި ލޮލުގެ ފެނުން ތަރައްގީކޮށްދީ، ދިފާއީ ނިޒާމާއި، ނާރުތަކުގެ ނިޒާމަށް ބޭނުންތެރި މާއްދާތައް ލިބިގެންދާނޭ ފަދައިން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. ނަމަވެސް، ކުޑަދަރިފުޅަށް އެންމެ ރަނގަޅީ މައިމީހާގެ ގާތުންދޭ ކިރުކަމަށްވުމާ އެކު، "ޑެނޯން އަޕްޓަމިލް" އަދި އެހެނިހެން ފޯމިއުލާ ކިރު ތުއްތުދަރިފުޅަށް ދިނުން އެންމެ އެކަށީގެންވަނީ، ގާތުންދޭކިރު ނުދެވޭ ހާލަތުގަ އެވެ.

"ޑެނޯން އަޕްޓަމިލް" ބްރޭންޑުން ދަރިފުޅު އުފަންވީއްސުރެ އުމުރުން ދެ އަހަރު ފުރެންދެން ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހިމެނޭ ހަތަރު ބާވަތެއްގެ ފޯމިއުލާ ކިރު ލިބިވަޑައިގަންނަވާނެ އެވެ. އެއީ ދަރިފުޅު އުފަންވީއްސުރެ ހަ މަސް ފުރެންދެން ދިނުމަށް ޙާއްސަ ފޯރމިއުލާ (އިންފެންޓް ފޯރމިއުލަރ 1)، ހަ މަހުން ފެށިގެން އެއް އަހަރު ވަންދެން ދިނުމަށް ޙާއްސަ ފޯރމިއުލާ (ފޮލޯއަޕް ފޯރމިއުލަރ 2)، ތުއްތު ދަރިފުޅަށް 1 އަހަރާއި 2 އަހަރާއި ދެމެދު ދިނުމަށް ޙާއްސަ ފޯރމިއުލާ (ފޮލޯއަޕް ފޯރމިއުލަރ 3) އަދި ދުވަސް ނުފުރާވިހާ ދަރިފުޅަށް ޙާއްސަ ފޯރމިއުލާ (ޕްރީޓާރމް ފޯރމިއުލާ) އެވެ.

"ޑެނޯން އަޕްޓަމިލް" ފޯރމިއުލާ ކިރުގެ 400 ގްރާމުުގެ ޕެކެޓެއްގެ ރީޓެއިލް އަގަކީ 160 ރުފިޔާ އެވެ.

ޑެނޯން ޕްރޮޓިނެކްސް މަމާ

އުފަންނުވާ ދަރިފުޅަށް ސިއްޙީގޮތުން ބޭނުންވާ މާއްދާތައް ލިއްބައިދެނީ މައިމީހާގެ ހަށިގަނޑުން ކަމުގައިވުމާއިއެކު، "ޑެނޯން ޕްރޮޓިނެކްސް މަމާ" އުފައްދާފައި ވަނީ ޕްރޮޓީނުން ފައްކާކުރެވިފައިވާ އަދި ދަރިފުޅުގެ ހަށިގަނޑާއި ސިކުނޑި ތަރައްގީވެގެންދިއުމަށް ބޭނުންވާ "ޑީއެޗްއޭ" މާއްދާތައް ހިމެނޭ ގޮތަށެވެ. އެގޮތުން "ޑެނޯން ޕްރޮޓިނެކްސް މަމާ"ގައި ސޯއި ޕްރޮޓީން އާއި ބަނޑުބޮޑުއިރުގައި މައިމީހާއަށް ބޭނުންތެރި ފޯލިކް އެސިޑްގެ އިތުރުން ބޭނުންތެރި 23 ވިޓަމިން އަދި މިނަރަލްސް ހިމެނެ އެވެ. "ޑެނޯން ޕްރޮޓިނެކްސް މަމާ" ވެނީލާ އަދި ޗޮކްލެޓް ފްލޭވާ އިން ލިބެން ހުންނާނެ އެވެ. ދުއިސައްތަ ފަންސާސް ގްރާމުގެ ދަޅެއް ރީޓެއިލްކޮށް ވިއްކާ އަގަކީ 115 ރުފިޔާ އެވެ.

ޑެނޯން ޕްރޮޓިނެކްސް ޖޫނިއަރ/ ޑެނޯން ޕްރޮޓިނެކްސް ގުރޯ

ދަރިފުޅުގެ އުމުރުން ދެ އަހަރާއި އަށް އަހަރާ ދެމެދަކީ ހެދިބޮޑުވުމުގެ ނާޒުކު ދުވަސްވަރެކެވެ. އެގޮތުން ހަށިގަނޑުގެ ހެދިބޮޑުވުމަށް ޕްރޮޓީން އަދި ސިކުނޑި ތަރައްގީވުމަށް ޑީއެޗްއޭ، އަޔަން އަދި އަޔޮޑިން މުހިންމުވެގެންދެ އެވެ. "ޑެނޯން ޕްރޮޓިނެކްސް ޖޫނިއާ" ތައްޔާރުކުރެވިފައި ވަނީ މި މާއްދާތަކާއިއެކު ދުޅަހެޔޮ ސިއްޙަތަކަށް މުހިންމު 37 މާއްދާ އެކުލެވިގެންނެވެ. "ޑެނޯން ޕްރޮޓިނެކްސް ޖޫނިއަރ" ޗޮކޮލެޓް އަދި ވެނީލާ ފްލޭވާގައި ލިބެންހުންނައިރު 400 ގްރާމު ދަޅެއް ރީޓެއިލްކޮށް އެސްޓީއޯ އިން ވިއްކަނީ 175 ރުފިޔާ އަށެވެ.

ދަރިފުޅުގެ އުމުރުން އަށް އަހާރާއި 15 އަހަރަކީ ދަރިފުޅު ހެދިބޮޑުވުމުގެ ދެ ވަނަ މަރުހަލާ އެވެ. އެގޮތުން ބަރުދަނާއި އިސްކޮޅާއި ހަށިގަނޑުގެ ހެދިބޮޑުވުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އަދި މިއީ ދަރިފުޅުގެ ހަށިގަނޑު ފުރިހަމަ ހެދިބޮޑުވުމަށް ލިބިގެންދާ ފަހު ފުރުސަތުކަމުގައި ވުމާއިއެކު، ގިނަ އަދަދެއްގެ ޕްރޮޓީން ހަށިގަނޑަށް ބޭނުންވެއެވެ. "ޑެނޯން ޕްރޮޓިނެކްސް ގްރޯ" ތައްޔާރުކުރެވިފައިވަނީ ދަރިފުޅުގެ ހަށިގަނޑު ހެދިބޮޑުވުމުގައި ބޭނުންވާ ޕްރޮޓީންގެ އިތުރުން 27 މާއްދާއެއް ލިއްބައިދޭ ގޮތަށެވެ.

އެގޮތުން ދަރިފުޅުގެ ދިފާއިބާރު ގަދަކޮށްދޭ، ދުޅަހެޔޮ ސިއްޙަތެއްގައި ބަރުދަން އަދި އިސްކޮޅު އިތުރުކޮށްދޭ، ހަކަތަ ލިއްބައިދޭ، އަދި ދަތާއި ކަށި ވަރުގަދަކޮށްދޭ މާއްދާތައް "ޑެނޯން ޕްރޮޓިނެކްސް ގްރޯ" ގައި ހިމެނެއެވެ. "ޑެނޯން ޕްރޮޓިނެކްސް ގްރޯ" ޗޮކްލެޓް ފްލޭވަރގައި ކަސްޓަމަރުންނަށް ލިބެންހުންނައިރު 400 ގްރާމު ދަޅެއް ރީޓެއިލްކޮށް އެސްޓީއޯއިން ވިއްކަނީ 115 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ބުނީ ސިއްހަތަށް ފައިދާހުރި ބްރޭންޑުތައް ރާއްޖެއެތެރެކޮށް ހެޔޮ އަގުގައި ވިއްކުމަކީ އެސްޓީއޯ އިން އަބަދުވެސް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

ޑެނޯންގެ އުފެއްދުންތައް ރީޓެއިލްކޮށް އެސްޓީއޯ ސުޕަރމާޓްއިންނާއި، އެސްޓީއޯ ރީޖަނަލް ފިހާރަތަކުންނާއި، އެސްޓީއޯ ފާމަސީތަކުގެ އިތުރުން، މާލޭގެ ގިނަ ފިހާރަތަކުންނާއި ފާމަސީތަކުން ލިބެން ހުންނާނެ ކަމަށާއި މި އުފެއްދުންތައް ހޯލްސޭލްކޮށް ގަންނަންބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ސުޕަރމާޓް ހޯލްސޭލް ސެންޓަރުން ހޯލް ސޭލްކޮށް ލިބެން ހުންނާނެކަމަށް އެސްޓީއޯ އިން ބުނެއެވެ. ޑެނޯންގެ އުފެއްދުންތަކަކީ މިވަގުތު ބާޒާރުގައި ހުރި މޮޅު އަދި އެންމެ އަގުހެޔޮ ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭނެ އުފެއްދުންތަކެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

comment ކޮމެންޓް