ބްރެޒިލްގެ އެމްބަސީވެސް ގުދުސަށް ބަދަލު ކުރަނީ

ބްރެޒިލްގެ އިންތިހާބީ ރައީސް ޖައިރު ބޮލްސޮނާރޯ -- ފޮޓޯ: ރޮއިޓާސް

ސައޮ ޕައުލޯ (ނޮވެމްބަރު 2): އިސްރާއީލުގައި ހުންނަ ބްރެޒިލްގެ އެމްބަސީ ތެލް އަވީވުން ގުދުސަށް ބަދަލު ކުރާނެ ކަމަށް ބްރެޒިލްގެ އިންތިހާބީ ރައީސް ޖައިރު ބޮލްސޮނާރޯ ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އެމެރިކާ އާއި ގުއާޓަމާލާއިންވެސް ވަނީ އެގައުމުގެ އެމްބަސީތައް ގުދުސަށް ބަދަލުކޮށްފަ އެވެ.

"ކެމްޕޭނުގައި ވެސް ބުނި ފަދައިން، އަޅުގަނޑުމެން ބްރެޒިލްގެ އެމްބަސީ ތެލް އަވީވުން ގުދުސަށް ބަދަލު ކުރާނަން. އަޅުގަނޑުމެން އިސްރާއިލުގެ އިސްތިގުލާލަށް އިހުތިރާމް ކުރާނަން،" ބޮލްސޮނާރޯގެ ޓުވީޓެއްގައިވެ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބޮލްސޮނާރޯގެ އެނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެއީ 'ތާރީހީ، ރަނގަޅު' ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.

ބޮލްސޮނާރޯ ރައީސް ކަމުގެ ހުވާ ކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ އެކެއްގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް