ޏ. ފުވައްމުލަކުގައި ރޭ ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ކުއްޖާއަށް ހަމަލާދިނުމުގެ ކުރިން އެގޭގެ ގޯތިތެރޭގައި މީހަކު ފާރައަށް ހުރި ކަމަށް އެކުއްޖާގެ ބައްޕަ ބުނެފިއެވެ.
ރޭ 8:50 އެހައިކަންހާއިރު، ފުވައްމުލަކު މާދަޑު، އަލްޓްރާގޭގެ ކޮޓަރިއެއްގެ ތެރޭގައި ވަޅިހަރައި ޒަޚަމްކޮށްލާފައި ވަނީ އެގޭ އުމުރުން 17 އަހަރުގެ އަހްމަދު އިނާން އިބްރާހިމްގެ ގަޔަށެވެ.
އިނާންގެ ބައްޕަ އިބްރާހިމް މުހައްމަދު "ސަން" އަށް ބުނީ އޭނާގެ ދަރިފުޅަށް ހަމަލާދިނުމުގެ ކުރިން އެގޭ ގޯތިތެރޭގައި މީހަކު ފާރައަށް ހުރި ކަމަށެވެ. އިނާނަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވީ ހޯދަޑު އަވަށަށް ނިސްބަތްވާ ދެ މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"އެމީހަކު ފާރައަށް ހުރީ މިގޭ ގޯތިތެެރޭގައި ހުރި އަނބުގަހެއްގެ ކައިރީ. އެތަނުގައި ހުންނައިރު އިނާންގެ ކޮޓަރި ތެރޭގައި އޮންނަ މަންޒަރު ސާފުކޮށް ފެންނާނެ،" އިނާންގެ ބައްޕަ ބުންޏެވެ.
"އިނާނުގެ ރައްޓެހި ދެ ކުއްޖަކާ އެކު ކޮޓަރީގައި އޮތީ. އޮއްވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ގޮސް އޭނައަށް ހަމަލާދިނީ. އެވަގުތު އެތާ ތިބި ދެ ކުދިން އެބަބުނޭ ތިމަންނަމެންނަށް އެނގެއޭ އެ ދެ މީހުންގެ ތެރެއިން އެކަކު،" އިނާނުގެ ބައްޕަ ކިޔައިދިނެވެ.
އިނާނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އިބްރާހިމް މުހައްމަދު ބުނީ އިނާނަށް ހަމަލާދިންއިރު، އޭނާގެ މަންމަ އެހެން ކޮޓަރިއެއްގައި އިތުރު ބަޔަކާއެކު ގޭގައި ތިބިކަމަށެވެ.
"އިނާނުގެ މަންމައަކީ ގުރުއާން ކިޔަވައިދޭ މީހެއް. އަދި ގާރީކޯސް ހަދަމުންދަނީ. އޭނަގެ މަންމަ އެވަގުތު ހުރީ ގާރީކޯސް ހަދާ ގިނަ އަދަދެއްގެ ބަޔަކާ އެކު އެހެން ކޮޓަރިއެއްގައި. ދެން އެ މައުލޫމާތު ލިބުމާއެކު އަންހެނުން ވަގުތުން އަޅުގަނޑަށް ގުޅައި އެންގި،" އިބްރާހިމް މުހައްމަދު ކިޔައިދިނެވެ.
"އަޅުގަނޑުގެ އަންހެނުން ގުޅާފަ މިބުނަނީ އިނާނު މަރައިފިއޭ ހޯދަޑު ގްރޫޕެއް އަރާ. ގޭގެ ކޮޓަރީގައި އޮއްވައި. ދެން އަޅުގަނޑު ގެއަށް އައިސް ބެލިއިރު، އެބަ އެނގޭ ވަޅިހެރިއިރު ދަރިފުޅު އޮތީ ލެޕް ހުޅުވައިގެން ލެޕާ ކުޅެންކަން،"
އިބްރާހިމް މުހައްމަދު ކިޔައިދިންގޮތުގައި އޭނާ ގެއަށް ދިޔައިރު ފުލުހުންވެސް ދިޔައީ އެގެއަށް ވަންނަމުންނެވެ. އަދި އެވަގުތު މަންޒަރު ފެނިފައި ދެފަހަރު އޭނާ ވެއްޓުނު ކަމަށް ވެސް އިބްރާހިމް މުހައްމަދު ބުންޏެވެ.
"އަޅުގަނޑަށް ގޮސް ވަދެވުނުއިރު ދަރިފުޅު އޮތީ ލެޕުމައްޗަން އުއްޑުން ވެއްޓުނުގޮތަށް އެލިފަ. މަހެއް ބޭނީމަ ތެޅިފަ މަރުވާ އުސޫލުން ނިމިފަ އޮތީ. ދެން ޕޮލިހުން އެބައި ކުރިއަށް ގެންދިޔައީ. ދެން އަޅުގަނޑަށް އެ މަންޒަރު ފެނުމުން ވެއްޓިއްޖެ. ވީނުވީއެއްވެސް ނޭނގުނު،" އިބްރާހިމް މުހައްމަދު ކިޔައިދިނެވެ.
އިނާންގެ ބައްޕަ ކިޔައިދިންގޮތުގައި މީގެހަތަރު ވަރަކަށް ދުވަސްކުރިން ފުނާޑު އަވަށު ބަޔަކު އެގޭކައިރީ މީހެއްގެ ގަޔަށް ވަޅިހެރިއެވެ. އެ ހަމަލާގައި ޒަޚަމްވި މީހާ ސަލާމަތްވާންވެގެން ވަނީ އެގެއަށް ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް އެއީ މިކަމާ ގުޅުމެއް ހުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް އިބްރާހިމް މުހައްމަދު ބުންޏެވެ.
އިބްރާހިމް މުހައްމަދު ބުނިގޮތުގައި ހޯދަޑު އަވަށު ކުއްޖަކާ އީނާނު ކުރިން ލޯބީގެގޮތުން ގުޅުނެވެ. އިނާނަށް ހަމަލާދިނުމުގައި އެ އަންހެން ކުއްޖާއާ ގުޅުމެއްވާ ކަމަށް ތުހުމަތުކޮށް އަޑުތައް ވެސް ފެތުރޭ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއީ ތެދެއްކަން ނުވަތަ ނޫންކަން އެނގޭނީ ތަހުގީގު ކުރުމުންނެވެ.
"މިގެއަށްވެސް އައިސް އެ އަންހެން ކުއްޖާ އުޅޭ. އިނާނުގެ މަންމަ އާއި ބައްޕައަށް، މަންމަ ބައްޕަ ކިޔައި އެ ކުއްޖާ އުޅުނީ. ރުޅިވިފަހުން އިނާނު ބުނި ދެން ތިމަންނަ އެކުއްޖާއާ ވާހަކައެއް ނުދައްކާނަމޭ. މިހާރު އަޑުތައް އެބަ ފެތުރޭ އެ އަންހެން ކުއްޖާއާ މިކަމާ ގުޅުމެއް އޮތް ކަމަށް. ނަމަވެސް އެކަމުގެ ހަގީގަތް އެނގޭނީ ފުލުހުން ތަހުގީގު ކުރީމަ ދެއްތޯ،" އިބްރާހިމް މުހައްމަދު ކިޔައިދިނެވެ.
އިނާނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ކުއްޖާ އޭގެކުރިން ލައިގެން ހުރި ގަމީސް ފަހުން ބަދަލުކޮށްފައިވާ ކަމަށް އެކުއްޖާގެ ބައްޕަ ބުނި ކަމަށް ވެސް އިބްރާހިމް މުހައްމަދު ކިޔައިދިނެވެ.
"އެކުއްޖާގެ ބައްޕަ ފުލުހުންގެ ހާޒިރުގައި އަޅުގަނޑު ގާތު ބުނި އިނާނަށް ހަމަލާދިނުމުގެ ކުރިން އެކުއްޖާއާ ދިމާވި ކަމަށް. އެކުއްޖާއާ ވާހަކަ ދައްކަން ހުއްޓައި އިތުރު މީހަކު ސައިކަލްގައި އައިސް ބުންޏޭ އަވަހަށް އަރާށޭ. ދެން އެކުއްޖާ ސައިކަލްގައި ނައްޓާލީއޭ. އޭގެފަހުން ދިހަ މިނިޓްވެސް ނުވަނީސް އިނާނަށް ހަމަލާދިނީ،" އިނާންގެ ބައްޕަ ކިޔައިދިނެވެ.
"ދެން އިނާނަށް ހަމަލާދިން ފަހުން އެ ކުއްޖާ ފެނުނުއިރު، ލައިގެން ހުރީ މުޅިން އެހެން ގަމީހެއް ކަމަށް އެ ކުއްޖާގެ ބައްޕަ ބުނަނީ،"
އެ ހަމަލާގައި އިނާންގެ ބޮލުގެ ފަސް ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ. އެ ފަސް ތަނުން ކަށިގަނޑު ފަޅައިގެން ގޮސްފައިވާއިރު، އަތާއި ފައިގެ ބައެއް ތަންތަނަށް ވަޅި ހަރާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަ އިނާނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ޑޮކްޓަރު ވަނީ ލަފާދީފައެވެ.