ޖުޑިޝަރީއަށް ނުފޫޒެއް ނުފޯރުވާނަން، އެއީ މިނިވަން ބާރެއް: އިންތިހާބީ ރައީސް

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑިޝަރީ މިނިވަން ނޫން ވާހަކައާއި އަދުލު އިންސާފުގެ ދާއިރާއަށް އިތުބާރު ނުކުރެވޭ ވާހަކައަކީ ރާއްޖޭގެ ރައްޔިތުން ކޮންމެ ދުވަހަކުހެން ދައްކާ ވާހަކަ އެވެ. ފަނޑިޔާރުންގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ. ޝަކުވާ ތަކުގެ ތެރެއިން އުންމީދުގެ ވާހަކަތަކެއް ގެނެސް ދެއްވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

އިންތިހާބަށް ކެމްޕެއިން ކުރިއިރު ވެސް އިބޫގެ އެންމެ ބޮޑު ވައުދަކަށްވީ ޖުޑިޝަރީ މިނިވަން ކުރުމެވެ. އިންތިހާބުވެ ވަޑައިގަތުމަށް ފަހު އިބޫ ވަނީ ޖުޑިޝަރީ އިސްލާހު ކުރުމަށް ހާއްސަކޮށްގެން ޓްރާންސިޝަން ކޮމިޓީތައް އެކުލައްވައިފަ އެވެ.

'ސަން' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ "ޖުޑިޝަރީގައި އިސްލާހު ކުރަން ޖެހޭ ކަންތައްތައް އެބަހުރި" ކަމަށެވެ. އަދި ކުރަން އުޅެނީ އާ ކަމެއް ނޫން ކަމަށާއި ޖުޑިޝަރީ މިނިވަންކަމާ އެކު ހިނގާ ގައުމުތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންތިހާބީ ރައީސް ވިދާޅުވީ ޖުޑިޝަރީ މިނިވަން ކުރަން ކުރާ މަސައްކަތުގައި އާ ކަންތައްތަކެއް އީޖާދު ނުކުރި ނަމަވެސް ގެނެވޭނެ ބަދަލުތައް އެބަހުރި ކަމަށެވެ. އެހެންވީމާ މިނިވަންކަމާ އެކު ޖުޑިޝަރީ ހިންގާ ގައުމުތަކުގެ މޮޑެލްއަކަށް އަނެއްކާ ވެސް މަސައްކަތް ކުރަންވީ ކަމަށް އިބޫ ވިދާޅުވި އެވެ.

މިހާރު އެކުލަވާލާފައި އޮތް މޮޑެލްއަށް ޖުޑިޝާރީ މިނިވަންކަމާ އެކު ފަންކްޝަން ކުރިތަން ފެނިގެން ނުދިޔަ ކަމަށް ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް މަސައްކަތް ކުރެއްވި އިބްރާހިމް މުހައްމަދި ސޯލިހު ވިދާޅުވި އެވެ.

"ވެދާނެ ދައުލަތުގެ އެންމެ މަތީ ވެރިއާގެ ހައިސިއްޔަތުން ނުފޯރުވަންވާ ބާރު [ޖުޑީޝަރީއަށް] ފޯރުވަނީ ކަމަށް. ހަމަގައިމު ވެސް އަޅުގަނޑު އެކަމެއް ނުކުރާނަން. އަޅުގަނޑު އެބާރުތައް ދޫކޮށްލާނަން. މިނިވަން ކަމާއެކީގައި ޖުޑީޝަރީ ވެސް ފަންކްޝަން ކުރާނެ." އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގާނޫނު އަސާސީ އެކުލަވާއިރު ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލަވާލަން ކުރެވުނު މަސައްކަތާއި ކަންކަން ހިނގައި ދިޔަ ގޮތް އިބޫ ހިއްސާކުރެއްވި އެވެ. ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލަވާލަން ނެންގެވީ ސައުތުއެފްރިކާގެ މޮޑެލް ކަމަށެވެ.

"އަނެއްހެން ލިޔެލާފައި އޮންނަ އިރު ވަރަށް ރީއްޗެއް ނޫންތޯ. އެއަށް ވުރެ ނަޒާހާތްތެރި ބައެއް ކޮންތާކުންތޯ ހޯދާނީ. ބަންޑާރަނައިބު އެބަ އިންނަވާ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އެބަ އިންނަވާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް އެބަ އިންނަވާ. ހައިކޯޓުގެ ފަނޑިޔާރެއް އެބަ އިންނަވާ. ދަށު ކޯޓުތަކުގެ ފަނޑިޔާރެއް އެބަ އިންނަވާ. ވަކީލެއް އެބަ އިންނަވާ." ޖޭއެސްސީ އެކުލަވާލާފައިވާ ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވި އެވެ.

ރަނގަޅަށް އެކުލަވާލާފައިވީ ނަމަވެސް ޖުޑިޝަލް ސާވިސް ކޮމިޝަން ރަނގަޅަށް ފަންކްޝަން ކުރާތަން ނުފެންނަ ކަމަށް އިބޫ ވިދާޅުވި އެވެ. އެހެންވީމާ އެއަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު ވިސްނަމުންދާ ކަމަށް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ ވެރިޔާ ކަމަށް ބުނާ ބުނުން ނަހަމަގޮތުގައި ބޭނުން ހިފަމުންދާ ތަން ފެންނަ ކަމަށެވެ. އެހެން ބާރުތަކުގެ މައްޗަށް ވެރިމީހާ ނުފޫޒު ފޯރުވަމުން ދާތަން ފެންނަ ކަމަށް އިބޫ ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެބަހުރި ގާނޫނު އަސާސީގައި ލިބިދޭ ބާރުތަކެއް. ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި. ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަންތައްތައް އެބަހުރި. ގާނޫނުތަކާއި އެއްގޮތަށް ޝަރީއަތްތައް ކުރެވޭތޯ ބެލުމާއި. ރައްޔިތުންގެ މަޖިލީސް ހިނގަނީ ރަނގަޅަށްތޯ ބެލުން ފަދަ ކަންކަން." އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް މިއަދު ފެނިގެންދަނީ ދައުލަތުގެ ވެރިއެއްގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކޮށް ޖުޑިޝަރީއަށް ނުފޫޒު ފޯރުވާތަން ކަމަށް އިބޫ ވިދާޅުވި އެވެ. ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނަ ބޭފުޅަކު ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ހުއްޓާލުމަކީ ފުރަތަމަ ކަމަކަށް ކުރަން ޖެހޭ ކަމެއް ކަމަށް އިބޫ ވިދާޅުވި އެވެ.

" ތިމަންނާއަކީ އެއްބާރުގެ ވެރިއެއްކަމަށް ގަބޫލުކޮށްގެން ދައުލަތުގެ ވެރިއެއްގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ނާޖާއިޒު ގޮތުގައި ބޭނުން ނުކޮށް މިނިވަން ކަމާއެކުގައި ޖުޑިޝަރީއާއި ރައްޔިތުންގެ މަޖިލީސް ފަންކްޝަން ކުރުމަށް ޖާގަ ދެއްވަންވީ." އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މިހާރު ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންނާ ބެހޭ ގޮތުން ވެސް އިބޫ ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ ފަނޑިޔާރުންގެ ތެރޭގައި ވެސް ވަރަށް ކޮލިފައިޑް ރަނގަޅު ފަނޑިޔާރުން އެބަތިބި ކަމަށެވެ. އިސްލާހުތައް ގެންނަން އެބަ ހުރިކަން ފާހަގަކޮށް އިބޫ ވިދާޅުވީ އެކަން ކުރެވޭނީ މަޝްވަރާކޮށްގެން ކަމަށެވެ. އެގޮތުން ޖުޑިޝަރީގައި ތިއްބެވި ބޭފުޅުންނާ ވެސް މަޝްވަރާކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ވިދާޅުވީ ޖުޑިޝަރީއަށް ދިމާވެގެން އުޅޭ މައްސަލަ އެބޭފުޅުން އަމިއްލައަށް ވިދާޅުވެއްދެއްވަން ޖެހޭ ކަމަށެވެ. މައްސަލައަކީ މުސާރަތޯ ނުވަތަ ރައްކާތެރިކަން ނެތީތޯ ނުވަތަ ގާނޫނީ ހިމާޔަތް ނެތީތޯ އެބޭފުޅުން އަމިއްލަޔަށް ވިދާޅުވެއްދެއްވަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ.

"އެބަ ތިއްބެވި މަގާމުގތަކުގައި ތިއްބަވަން ނުޖެހޭ ވަރުގެ ބޭފުޅުންވެސް، ހަމަ ހަގީގަތެއް މިއީ. ދައްކާ ވާހަކަތައް މިއީ. އެހެންވީމާ ގެންނަންޖެހޭ ބަދަލުތައް އެބަހުރި. އެކަންކަން އަޅުގަނޑުމެން ކުރަން މަޝްވަރާކުރަން އެބަޖެހޭ. ޖުޑިޝަރީގައި ތިއްބެވި ބޭފުޅުންވެސް އެބަޖެހޭ މަޝްވަރާކުރަން،" އިންތިހާބީ ރައީސް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އިބޫ ވިދާޅުވީ އެބޭފުޅުން ގާނޫނު އަސާސީ އެކުލަވާލި އިރު އެކުލަވާލީ ކޮންމެ ކޯޓެއް ވަކިން ފަންކްޝަން ކުރާ ގޮތަށް ކަމަށެވެ. އެއްވެސް ކޯޓެއް އަނެއް ކޯޓެއްގެ މައްޗަށް ނުފޫޒު ނުފޯރުވޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މިނިވަންކަން ކޯޓުތަކަށް ދިނުމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ޖޭއެސްސީގެ ދަށަށް އޭރު ލީ ކަމަށް އިބޫ ވިދާޅުވި އެވެ.

އެގޮތުން މަގާމުތަކަށް މުސާރަތައް ކަނޑައެޅުމާއި މީހުން އައްޔަން ކުރުން ފަދަ ކަންކަން ކުރުމުގެ ބާރު ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ދީފައި އެ އެޑްމިނިސްޓްރޭޝަން، ޖޭއެސްސީގެ ދަށަށްލީ ކަން ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް ފުރަތަމަ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށި ހިސާބުން ސުޕްރީމް ކޯޓުން އެބާރު ސުޕްރީމް ކޯޓުގެ ދަށަށް ގެންދެވި ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ގަބޫލުފުޅު ކުރައްވާ ގޮތުން މުޅި ސިސްޓަމް ހަލާކުވެގެން ދިޔައީ އެހިސާބުންނެވެ.

"ސިސްޓަމެއް ހެދުނު އެހެންނަމަވެސް އޭގައި ނާޖާއިޒު އެހެން ބާރުތަކެއް އޭގެ ތެރެއަށް ވަދެގެން ގޮސް އެ ހަލާކުވީ." އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް