އެމެރިކާގެ ވިސްނުން އަދިވެސްހުރީ އެކަހެރި ގޮތެއްގައި ދުނިޔެ ކޮންޓްރޯލްކުރުމަށް: ރަޝިޔާ

ގޯބަޗެވް އާއި ރޭގަން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު ސަލާމް ކުރައްވަނީ

މޮސްކޯ (އޮކްޓޯބަރު 23): އެމެރިކާގެ ލީޑަރުންގެ ވިސްނުން އަދިވެސް ހުރީ އެކަހެރި ގޮތެއްގައި ދުނިޔެ ކޮންޓްރޯލްކޮށް އިންޕީރިއަލިސްޓް އުސޫލުން ދުނިޔެއަށް އަތްގަދަ ކުރުމަށްކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަކާ ހަވާލާދީ އެގައުމުގެ ރިޔާ ނޮވެސްޓީ ނޫސްއެޖެންސީ ބުނީ އެމެރިކާ އެކަނި ދުނިޔެ ކޮންޓްރޯލް ކުރަން އަދިވެސް އެމެރިކާގެ ލީޑަރުން ބޭނުންވާކަމަށާ ނަމަވެސް އެފުރްސަތު މިހާރު އެމެރިކާއަށް ގެއްލިފައިވާކަމުގައެވެ.

"އެމެރިކާ އެކަނި ދުނިޔެ ކޮންޓްރޯލްކުރި ޒަމާން މާޒީވެއްޖެ،" ރަޝިޔާގެ ބަޔާނުގައިވެއެވެ.

ރަޝިޔާ މިހެން ބުނެފައިމިވަނީ ކުރީގެ ސޮވިއެޓް ޔުނިޔަން (ރޫސީ ވިލާތް) އާއި އެމެރިކާއާ ދެމެދު 1987 ވަނަ އަހަރު ސޮއިކޮށްފައިވާ މެދުރާސްތާގެ ނިއުކްލިޔަރ މިސައިލް ކޮންޓްރޯލް ކުރުމާބެހޭ މުއާހަދާއިން އެމެރިކާ ވަކިވާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރެއްވުމާ ގުޅިގެންނެވެ. އެ މުއާހަދާއިން ވަކިވަން ޓްރަމްޕްގެ ސަރުކާރު ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ރަޝިޔާއިން އެ މުއާހަދާއަށް އަމަލުނުކުރާތާ އެތަށް އަހަރެއްވުމާއި އެއަށްވުރެ ބާރުގަދަ ނިއުކްލިޔަރ މިސައިލްތައް ރަޝިޔާއިން މިހާރު އުފައްދާފައިވުން ހިމެނޭކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ރަޝިޔާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބައިނަލްއަގްވާމީ އެކިއެކި މުއާހަދާއިން އެމެރިކާ ވަކިވާ ކަމަށްބުނެ އެކަމުގެ ސަބަބުން ބައިނަލްއަގްވާމީ މުޖްތަމައުގައި އެމެރިކާ އެކަހެރިވަމުންދާކަން ފާހަގަ ކޮށްފައިވެއެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ވަނީ ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޕެރިސް މުއާހަދާއިންނާއި ޓްރާންސް އެޓްލާންޓިކް ޓްރޭޑް މުއާހަދާއިންނާއި ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް މުޢާހަދާއިންނާ އަދި އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމުން ވަކިވެފައެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ބައިވެރިން ކަމަށްވާ ޔޫރަޕްގެ ގައުމުތަކާއި އެމެރިކާއާ ދެމެދު ބޮޑު ނުތަނަވަސްކަމެއްވަނީ އުފެދިފައެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން މި ހަފްތާގައި ރަޝިޔާއަށް ކުރައްވާ ޒިޔާރަތުގައި މެދުރާސްތާގެ ނިއުކްލިޔަރ މިސައިލް ކޮންޓްރޯލް ކުރުމާބެހޭ މުއާހަދާއިން އެމެރިކާ ވަކިވާނެކަން ރަޝިޔާގެ މަސްއޫލުވެރިންނަށް އަންގަވާނެ ކަމަށް ވައިޓް ހައުސް އިންބުނެއެވެ. އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ރޮނަލްޑް ރޭގަން އާއި ކުރީގެ ސޮވިއެޓް ޔުނިޔަންގެ އެންމެ ފަހުގެ ރައީސް މިޚައިލް ގޯބަޗެވް 1987 ވަނަ އަހަރު ސޮއިކުރެއްވި އެ މުޢާހަދާ އެމެރިކާގެ ކޮންގްރެސްއިން ތަސްދީގުކޮށްފައިވަނީ 1988 ވަނައަހަރުގައެވެ. (އޭއެފްޕީ)

comment ކޮމެންޓް