ދިވެހި ފިލްމީ ދާއިރާއަށް ވެސް ބޮޑެތި އިންގިލާބުތައް އަންނަ މަންޒަަރު ފެނިގެންދާތީ އެކަމާ އުފާކުރާނެ ބަޔަކު އެބަ ތިއްބެވެ. ހަމަ ޔަގީނުންވެސް ދާއިރާ މިހިސާބަށް އަންނާނީ ޕްރޮޑިސަރުންނާއި ޑައިރެކްޓަރުންގެ އިތުރުން ތަރިންގެ މިންނަތް މަސައްކަތުންކަން ކަށަވަރެވެ.
ދައްކަން މިއުޅެނީ މި ދާއިރާގައި ގިނަ އަހަރު ތަކެއް ވަންދެން މަސައްކަތް ކޮށް، އެތަކެއް ފިލްމު ތަކެއް ގެނެސްދީފައިވާ، ކުޅަދާނަ ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ)ގެ ހިތްވަރުގަދަ މަސައްކަތުން ފިލްމީ ދާއިރާއަށް ގެންނަން އުޅޭ "ތަފާތެއް"ގެ ވާހަކައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެބް ސީރީޒް އެއް ވުޖޫދު ކުރަނީ އެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި ރިޝްފާ...
ނަހޫގެ އަމިއްލަ ވާހަކަ އަކަށް ތައްޔާރު ކުރާ އެ ވެބް ސީރީޒްގެ ނަމަކީ "ހުވާ" އެވެ. ނަމަށް ވިސްނާލި ކަމުގައި ވިޔަސް އެ ސީރީޒުން ވެސް ނަހޫ ސްޓައިލް ވަރަށް ރަނގަޅަށް ފެންނާނެ ކަން ގައިމެވެ. ނަހޫ އަކީ އޭނާގެ ހުރިހާ ފިލްމެއްގައި ވެސް ބެލުންތެރިން ޝައުގުވެރިވާ ގޮތަށް މަންޒަރުތައް ގެނެސްދޭ ފަރާތެކެވެ.
"ހުވާ"ގަ ވާނީ ކިހިނެއްބާ؟
ފިލްމަކަށް ވުރެ މި ސީރީޒް ވަރުގަދަ ވާނެއެވެ. ސިރީޒްގެ މަސައްކަތް ފަށައިގެން ނިމުނު އިރު މަސް ތަކަކަށް ދެމިގެންދާނެހާދިގެވެ. ނަހޫ ބުނަނީ އެއީ ތަފާތު ވާހަކަ އެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ބޮޑު އަދި އެހާމެ ބުރަ މަސައްކަތެއް ކަމަށެވެ.
ނަަހޫ ބުނީ، "ހުވާ" އަކީ އައިލީ އަދި އިޖުތިމާއީ ވަރަށް ގިނަ މަސައްލަ ތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސީރީޒެއް ކަމަށެވެ.
"އަނެއްހެން ބުނާ ނަމަ މަސާލާ ގަނޑެއް އެއީ، ބެލުންތެރިންނަށް ކަމުދާނެ ގޮތަށް ވާހަކަ ބިނާކޮށްފަ ވާނީވެސް، ވަރަށް ވަރުގަދަ ވާނެ ކޮންމެ މަންޒަރެއްވެސް، އަދި ހަމަ ކޮންމެ އެޕިސޯޑެއް ވެސް ނިންމާލާނީ ބެލުންތެރިން ޝައުގުވެރިވާ ގޮތަށް،" ނަހޫ ފާހަގަ ކުރިއެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި ޔޫއްޕެ...
ވަރުގަދަ ކާސްޓަކާއެކު ބޮޑު ބަޖެޓަކުން!
"ހުވާ"ގައި ބޮޑު ކާސްޓެއް ހިމެނެއެވެ. ސާޅީހަކަށް އެކްޓަރުންނާ އެކު ފެބްރުއަރި މަހުގެ ތެރޭގައި ފެށި ޝޫޓިން ނިމުނީ ނިމިދިޔަ އޯގަސްޓު މަހުގެ ތެރޭގައެވެ.
"ހުވާ"ގައި މިހާރު ފިލްމު އިންޑަސްޓްރީގައި ތިބި ކުޅަދާނަ ތަރިންގެ އިތުރުން އައު ކުދިން ވެސް ފެނިގެންދާނެއެވެ. ނަހޫ ބުނީ ހުރިހާ އެކްޓަރުންގެ ފަރާތުން ވެސް މިހާ ބުރަ މަސައްކަތެއް ނިންމާލި އިރު ލިބުނު އެހީތެރިކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"ހުވާ"ގެ ރޯލްތަކުން ފައިސަލް އާއި ޔޫއްޕެ ފެންނާނެ އެވެ. އަދި އިތުރު ކާސްޓުންގެ ތެރޭގައި މަރިޔަމް އައްޒަ، ޝީލާ ނަޖީބު، އަލީ (ދޮންއައްޔަ) އާޒިމު، އައިމިނަތު ރިޝްފާ، އިބްރާހީމް (ޖިމީ) ޖިހާދު އަދި ރަވީ ފާރޫގް އާއި އާރިފާ ކަހަލަ ކުޅަދާނަ އެތަކެއް ތަރިންގެ މޮޅު ހުނަރު ފެންނާނެއެވެ.
"މިއީ ބުރަ މަސައްކަތެކޭ މި ބުނަނީ އަސްލު ބޮޑު ބަޖެޓަކުން މީތި ހަދާފައި އެޔާ އެއްވަރަށް ގިނަ މަސައްކަތް ތަކެއް ކުރީމަ، އެ ސީރީޒް ގަ އިންނާނެ ގެޔެެއް، އެއީ ހަމަ ރާއްޖެއިން ބޭރުން އެއްޗެހި ގެނެސްގެން ހަަދާފަ އިންނާނެ ސެޓެއް،" ލޯބީގެ އެތައް ޓީވީ ޑްރާމާ ތަކެއް މީގެ ކުރިން ގެނެސްދީފައިވާ ނަހޫ ބުންޏެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި އައްޒަ...
ނަހޫ ބުނަނީ އެހާ ގިނަ ތަރިން ގޮވައިގެން މަސައްކަތް ކުރި ޕްރޮޖެކްތަކަށް ވުމުން ބޮޑެތި ހަރަދުތަކެއް ވެސް ކޮށްފައި ހުންނާނެ ކަމަށެވެ.
"ހުވާ" ގެ ޑައިރެކްޝަންގެ މަސައްކަތް ކޮށްފައިވަނީ ނަހޫގެ ޑްރާމާ ސީރީޒް އެއް ކަމަށްވާ "އުމުރަށް ސަލާން" ޑައިރެކްޓްކޮށްދީފައިވާ މުހައްމަދު ފައިސަލް އާއި ނުހޫ ދެމީހުން އެކުގައެވެ.
"ފައިސަލް އަށް އަބަދުވެސް ޓްރަސްޓް ކުރެވޭ، އެއީ އަހަންނާ އެކީ ގިނަ މަސައްކަތްތަކެއް ކޮށްފަ ހުރީމަ، ފައިސަލްގެ މަސައްކަތަކަށް ހަމަ ވަރަށް ހިތްހަމަޖެހޭ، ދެން ޔޫއްޕެ އަދި ރަވީގެ އެހީތެރިކަން ހުންނާނެ ވަރަށް ގިނަ ވަގުތު ލިބިފަ،" ނަހޫ ބުންޏެވެ.
މި ސީރީޒްގެ މަންޒަރުތައް ނަގާފައިވަނީ ކ. ގުރައިދޫގެ އިތުރުން މާލެ އަދި ވިލިމާލޭގައެވެ. "ހުވާ"ގެ ބޮޑު ބައެއް ގުރައިދޫ ގައި ނަގާފައިވާއިރު އެރަށުގެ ބައެއް މީހުންވެސް ސީރީޒުން ފެނިގެންދާނެ ކަމަށް ނަހޫ ބުންޏެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި ފައިސަލް...
"މިހާރު ކުރިޔަށް ދަނީ ޑަބިންގއާއި ބެކް މިޔުޒިކްގެ މަސައްކަތް، 70 ވަރަކަށް އެޕިސޯޑު އެބަ އުޅޭ، ކޮންމެ އެޕިސޯޑެއްގެ ދިގުމިނުގަ އިންނާނީ ދިހަ މިނެޓް ވަރު، އެކަމަކު އެ ދިހަ މިނެޓް ތެރޭގައިވެސް ވަރަށް ކަންތައްތައް ހިނގާނެ،" ނަހޫ ފާހަގަކުރިއެވެ.
"ހުވާ" ދައްކާނީ އަލަށް ތައާރަފްކުރާ އެޕެެއް ކަމަށްވާ ބައިސްކޯފުންނެވެ. އަންނަ މަހުގެ ފަހުކޮޅު އެ އެޕް ލޯންޗުކުރަން އަންނަނީ ތައްޔާރުވަމުންނެވެ. އެޕް ލޯންޗުކުރާތާ ކުޑަ ދުވަސް ކޮޅެއްތެރޭގައި "ހުވާ" ދައްކަން ފަށާނެ ކަމަށް ނަހޫ ބުންޏެވެ.
މި ސީރީޒް ވެގެން މިދަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެދި ވެބް ސީރީޒަށެވެ. ނަހޫ ގެ ޕްރޮޑަކްޓްތަކަށް ލޯބި ކުރާ މީހުން މިހާރު ތިބޭނީ "ހުވާ" ގެ އިންްތިޒާރުގައެވެ. "ހުވާ" ރީތިވެފަ ކަމުދާނެ ކަމުގެ ޔަގީންކަން ނަހޫ ދެއެވެ.