ރޮނާލްޑޯ ނަޒާރިއޯ ސްޕެނިޝް ލީގުގެ ކްލަބެއް ގަނެފި

ރޮނާލްޑޯ ރެއާލް ވެލަޑޮލިޑްގެ މެޖޯރިޓީ ހިއްސާ ގަތްކަން ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--

ބްރެޒިލްގެ ގައުމީ ޓީމުގެ ލެޖެންޑު ރޮނާލްޑޮ ނަޒާރިއޯ، ސްޕެނިޝް ލީގުގެ ކްލަބެއް ކަމަށްވާ ރެއާލް ވެލަޑޮލިޑްގެ 51 ޕަސެންޓު ހިއްސާ ގަނެފިއެވެ.

މިދިޔަ މަހު ނިއުމޯނިއާ ޖެހި އެޑްމިޓު ކުރި ރޮނާލްޑޯ، ރެއާލް ވެލަޑޮލިޑްގެ މެޖޯރިޓީ ހިއްސާ ގަނެފައިވާ އިރު މިހާރު އޭނާއަށް ވަނީ އެ ކްލަބުގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ރައީސްކަން ލިބިފައެވެ. ނަމަަވެސް އެ ކްލަބުގެ ރައީސް ކަމުގެ މަގާމުގައި ހުންނާނީ ކުރިންވެސް އެ މަގާމުގައި ހުރި ކާލޯސް ސުއާރޭޒް އެވެ.

"ރޮނާލްޑޯ އައުމާއެކު ރެއާލް ވެލަޑޮލިޑް މިވަނީ ފުޓުބޯޅައިގެ ޗާޓަށް އަރާފައި. މިކަމުގެ ސަބަބުން ކްލަބުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ،" ރޮނާލްޑޯ ކްލަބުގެ މެޖޯރިޓީ ހިއްސާ ގަތްކަން ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއާރޭޒް ބުންޏެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޮނާލްޑޯ ބުނީ އޭނާގެ ފުޓުބޯޅައިގެ ހަޔާތުގައި ލިބުނު ތަޖުރިބާތަކުގެ ސަބަބުން ކްލަބެއް ހިންގުމަށް އޭނާ ތައްޔާރުވެފައިވާ ކަމަށެވެ.

ވެލަޑޮލިޑްއަށް މި ސީޒަނުގައި އަދ މެޗަކުން މޮޅުވެފައި ނުވެއެވެ. އެ ޓީމު މިވަގުތު އޮތީ ލީގުގެ 16 ވަނައިގައެވެ.

ރޮނާލްޑޯއަކީ ކްލަބު ކެރިއަރުގައި ދުނިޔޭގެ އެންމެ ބޮޑެތި ކްލަބުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ އިންޓަ މިލާން، ބާސެލޯނާ، ރެއާލް މެޑްރިޑް އަދި އޭސީ މިލާނަށް ކުޅެފައިވެ އެވެ. 18 އަހަރަށް ދެމިގެން ދިޔަ ރޮނާލްޑޯގެ ކްލަބް ކެރިއަރުގައި އޭނާ ވަނީ ރެއާލް ވެލަޑޮލިޑްއާ ދެކޮޅަށް ކުޅުނު ހަ މެޗުގައި ހަ ގޯލު ޖަހާފައެވެ.

ރޮނާލްޑޯއަކީ ބްރެޒިލް ގައުމީ ޓީމަށް 98 މެޗު ކުޅެ 62 ގޯލް ޖަހައިދިން ކުޅުންތެރިއެކެވެ. ބްރެޒިލްގެ ގައުމީ ޓީމާ އެކު އޭނާ ވަނީ 1994 ވަނަ އަހަރު އަދި 2002 ވަނަ އަހަރު ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އެ އަހަރު އޭނާ އަށް ވަނީ ބެލޮންޑޯ އެވޯޑުވެސް ލިބިފައެވެ.

comment ކޮމެންޓް