"ﷲ އަށް ފުރިހަމައަށް އީމާންވާ މީހަކު ނުބުނާނެ ބިރު ފަހަނައަޅައި ދާކަށެއް"

އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރު -- ފޮޓޯ// ރައީސް އޮފީސް

މާތް ﷲއަށް ފުރިހަމައަށް އީމާންވާ މީހަކު ބިރުފަހަނައަޅައި ދިޔުމަށް ގޮވާނުލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަޒު ޒިޔާދު ބާގިރުު ވިދާޅުވެއްޖެއެވެ.

"ބިރު ފަހަނައަޅައި ދިޔުމަށް" ކުރީގެ ރައީސް މުހައްމަދު ނަޝީދު އާންމުކޮށް ރައްޔިތުންނަށް ގޮވާލައްވާ ގޮވާލެއްވުމާ ގުޅޭގޮތުން ޗެނަލް 13ގެ "ނިއުސްޓޯކް" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން، ޑރ. ޒިޔާދު ވިދާޅުވީ، ބިރަކީ މުސްލިމެއްގެ އަގީދާގައި ހުންނަން ޖެހޭނެ އެއްޗެއް ކަމަށާއި މުސްލިމެއްގެ ހިތުގައި ބިރު ނެތިއްޖެ ނަމަ އަގީދާ ފުރިހަމަ ނުވާނެ ކަމަށެވެ.

"ﷲ އަށް ފުރިހަމައަށް އީމާންވާ މީހަކު ނުބުނާނެ ބިރު ފަހަނައަޅައި ދާކަށެއް. އެއީ ބިރަކީ މުސްލިމެއްގެ އަގީދާއާ ގުޅިފައިވާ އެއްޗެއް،" ޑރ. ޒިޔާދު ވިދާޅުވިއެވެ.

ޑރ. ޒިޔާދު ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ އިސްލާމީ އުސޫލުތަކާއި ހަމަތަކާ ބީރައްޓެހި ފިކުރެއް ކަމަށެވެ. އަދި އެ ފިކުރުގެ ތެރެއިން ރާއްޖޭގައި އިސްލާމީ އުސޫލުތަކާއި ހަމަތައް ދަމަހައްޓާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ވިސްނުމާ އެ ފިކުރަކަށް ބަދަލެއް ނާންނާނެ. އެ ވިސްނުމާ އެ ފިކުރަކީ ރާއްޖޭގެ އާދަކާދައާއި ސަގާފަތާ ބީރައްޓެހި ފިކުރެއް. އިސްލާމީ އުސޫލުތަކާއި ހަމަތަކާ ރައްޓެހި ނޫން ފިކުރެއް. އެހެންވީމާ އެ ފިކުރުގެ ތެރެއިން އިސްލާމީ އުސޫލުތަކާއި ހަމަތައް ދަމަހައްޓާނެ ކަމަށް އަޅުގަނޑުމެންގެ ވިސްނުމަށް އައިސްގެން ނުވާނެ،" ޑރ. ޒިޔާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދަށް ނުފޫޒު ފޯރުވޭ ފަދަ ވެރިކަމެއް އަތުވެއްޖެ ނަމަ އެވެރިކަން ވެގެންދާނީ ހަމަ ކުރިންވެސް އޮތް ފަދަ އެމްޑީޕީގެ ވެރިކަމަކަށް ކަމަށެވެ.

ރައީސް ޔާމީން ދީން ހަތިޔާރަކަށް ހައްދަވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމާ ގުޅިގެން ޑރ. ޒިޔާދު ވިދާޅުވީ އިސްލާމީ ދައުލަތެއްގެ ވެރިޔާގެ ޒިންމާ އަކީ ދީން ހިމާޔަތް ކުރުން ކަމަށާއި ރައީސް ޔާމީންގެ ވާހަކަފުޅުތަކަކީ އެއްވެސް ހާލަތެއްގައި ދީން ހަތިޔާރަކަށް ހެދުން ނޫން ކަމަށެވެ.

"ދީން ހަތިޔާރަކަށް ހައްދަވައިގެނެއް ނޫން އެ އުޅުއްވަނީކީ. އެހެންނަމަހީ މިއަދަކު މިވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ދީނަށް ކޮށްދެއްވި ހިދުމަތްތައް ބައްލަވާލައްވާ. ދީނަށް ކޮށްދެއްވި ހިދުމަތް ފެންނަން އެއޮތީ، އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށްޓަކައި،"

ރާއްޖޭގައި ކޮންމެ ވެރިޔަކު ހުއްޓަކަސް އިސްލާމް ދީން ރާއްޖޭގައި ދެމި އޮންނާނެ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކައަށް ވެސް ރޭ ޑރ. ޒިޔާދު ރައްދު ދެއްވިއެވެ. އޭނާ ވިދާޅުވީ އެ ގައުމެއްގެ ރައްޔިތުން ތަބާވާނީ އެ ގައުމެއްގެ ވެރިއެއް ދައްކާ މަގަކަށް ކަމަށެވެ.

comment ކޮމެންޓް