ގައުމުގެ ތަނަވަސްކަން އިތުރުކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް: ހުކުރު ހުތުބާ

ރޯދައާއި އަޅުކަން: އެހެން މަސްމަހާ ހިލާފަށް ރަމަޟާން މަހު އަޅުކަމުގައި ހޭދަ ކުރާ މީހުންގެ އަދަދު ގިނަކަން ވަނީ ފާހަގަ ކުރެވިފަ، އަދި އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުވެ، ނަމާދު ގަޑިތަކުގައި މިސްކިތްތައް ފުރޭ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގައުމުގެ ތަނަވަސްކަން އިތުރު ކުރުމައްޓަކައި މަސައްކަތްކުރުމަކީ ހަމައެކަނި ސަރުކާރުގެ މަސައްކަތެއް ނޫން ކަމަށާއި އެއީ އެކަމަށް ގާބިލު ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުުރު ހުތުބާ ބިނާކޮށްފައިވަނީ މިނިވަންކަމުގެ މަސްއޫލިއްޔަތުގެ މައްޗަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނީ، ވަތަނު ބިނާކުރާ މީހުންގެ ޒިކުރާ އެހެން މީހުންގެ ހަނދާނުގައި ދެމިހުންނާނެ ކަމަށެވެ. އަދި އެމީހެއްގެ ގައުމީ ޚިދުމަތުގެ ސަވާބު ﷲގެ ހަޟްރަތުގައި ދެމިހުންނާނެ ކަމަށެވެ.

ކީރިތި ރަސޫލާގެ ހަދީޘްފުޅަކަށް ރިއާއަތްކުރަމުން ހުތުބާގައި ބުނީ ކޯރު ކޮނުމާއި ބޯފެންވަޅު ކޮނުން ފަދަ ކަންކަމަކީ ގައުމީ އަދި އާންމު ޚިދުމަތުގެ ތެރޭގައި ހިމެނުނު ކަންކަން ކަމަށާއި، މި ކަންކަމުގެ އިތުރުން މި ޒަމާނުގައި މިސްކިތްތަކާއި ހޮސްޕިޓަލާއި މަދަރުސާތައް ބިނާކުރަންޖެހޭ ކަމަށެވެ.

"މި ބަސްފުޅުުގައި، ހިމެނޭ ވަގުފުތަކާއި މެދުނުކެނޑި އެއިން ފައިދާ ލިބޭ ސޮދަގާތްތަކާއި މި ކަންތައް ޝާމިލުވާކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ރަސޫލާގެ މި ބަސްފުޅުގައި މާނަވީ ބިނާކުރުންތައްވެސް ހިމެނެއެވެ. ރަނގަޅު ދަރިޔަކު ތަރުބިއްޔަތުކުރުމުގެ މާނައިގައި، ގައުމަށް ބޭނުންވާ މީހުން ބިނާކުރުން ހިމެނެއެވެ،" ހުތުބާގައި ބުނެއެވެ.

ހުތުބާގައި އިތުރަށް ބުނީ މިނިވަންކަމަކީ ހަމައެކަނި އިހްސާސްތަކަކާއި ޖަޒްބާތުތަަކެއް ނޫން ކަމަށާއި އެއީ ވަތަނުގެ ތަފާތު ފަރުދުން ނުވަތަ ރައްޔިތުންގެ މެދުގައި އޮތް ގުޅިފައިވާ އަހުވަނަތަކަމެއް ކަމައް ހުކުރުހުތުބާގައި ބުނެފައިވެއެވެ.

"ގައުމެެއް ބިނާ ކުރެވޭނީ އެ ގައުމެއްގެ ފަރުދުން އެ ގައުމަކަށްޓަކައި ކުރާ ބުރަ މަސައްކަތުން. ކޮންމެ މީހަކުވެސް މުޖުތަމައު ބައިބައިވެދާނެ ފަދަ ކަންކަމާ ދުރުހެލިވެގެން. ކޮންމެ މީހެއްގެ މޫނުމަތިން އަނެކާއަށް ހިނިތުންވުން ލިބިގެން" ހުކުރު ހުތުބާގައި ވެއެވެ.

މިނިވަންކަމުގެ އުފަލުގައި އުޅޭ އިރު އަނެކާގެ މިނިވަންކަމަށް ބުރޫ ނާރާނެހެން އުޅުމަށްވެސް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮންމެ މީހަކުވެސް ގައުމު ބިނާކުރުމުގައި ބައިވެރިވެ، އެމީހެއްގެ ހިއްސާ އަދާކުރުމަކީ ވަތަނައްޓަކައި ކޮންމެ މީހަކުވެސް އަދާކޮށްދޭންޖެހޭ ވާޖިބެއް ކަމަށް ހުކުރު ހުތުބާގައި ބުނެއެވެ.

އަދި މިނިވަންކަމަކީ ކާބަފައިންގެ އަމާނާތެއް ކަމަށާއި އެ އަމާނާތްތައް ހިޔާނާތްތެރި ނުވެ ކުރިއައް އޮތް ޖީލާ ހަމައައް ގެންގޮސްދިނުމަށްވެސް ހުކުރު ހުތުބާގައި ނަސޭހަތްތެރިވިއެވެ.

comment ކޮމެންޓް