ގައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތުގެ ޗެމްޕިއަންކަން ސަޖީނާއާއި އިއްމާނަށް

މިއަހަރު ބޭއްވި ދިގު ފެތުމުގެ މުބާރާތް ކުރިއަށްދިޔަ ދިއްފުށީގެ މޫދު ސަރަހައްދު --- ފޮޓޯ/ ސްވިމިން އެސޯސިއޭޝަން

ބަދަލުތަކާއެކު ދިއްފުށީގައި ކުރިއަށް ގެންދިޔަ ގައުމީ 13 ވަނަ ދިގު ފެތުމުގެ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން އަލީ އިއްމާން، އަދި އަންހެން ޗެމްޕިއަންކަން އައިޝަތު ސާޖިނާ ހޯދައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ތިން ކެޓަގެރީއަކުން ފެތުންތެރިން ވާދަކޮށްފައިވެއެވެ.

ޖޫނިއާ ނޭޝަނަލް އޯޕަން ވޯޓާ ކެޓަގަރީގެ އަންހެން ޗެމްޕިއަންކަން މަރިޔަމް ނަބާހަތު އާޒިމް ހޯދާފައިވާ އިރު، އެ ކެޓަގަރީގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މުހައްމަދު ޖޫދު ފަޔާޒެވެ. ސްވިމް ޗެލެންޖުގެ އަންހެން ޗެމްޕިއަންކަން ފާތިމަތު އީޝަލް އަސަދު ހަނީފް ހޯދި އިރު، ފިރިހެން ޗެމްޕިއަންކަން ހޯދީ ޔޫސުފް ނުހައިކް ނައީމެވެ.

ގައުމީ 13 ވަނަ ފެތުމުގެ މުބާރާތާއެކު ދިއްފުށީގައި ވަނީ ފުރަތަމަ އެކުއަތެލޯން މުބާރާތްވެސް ކުރިއަށް ގެންގޮސްފައެވެ. އެ މުބާރާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާ އިރު، ޖޫނިއާ ފިރިހެން ޓީމު ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަބްސަލް އަބްދުﷲ އާދަމް އަދި އިފްޒާލް އިބްރާހީމް މަހެފޫޒެވެ.

ޖޫނިއާ ފީމޭލް ކެޓަގަރީގެ ޗެމްޕިއަންކަން ފާތިމަތު އީޝަލް އަސަދު ޝަރީފް ހޯދި އިރު، ފިރިހެން ޗެމްޕިއަންކަން ހޯދީ އަހުމަދު އަލާން އަލީއެވެ.

އަންހެން ގައުމީ ޗެމްޕިއަންކަން އައިމިނަތު އީރަމް ސަލީމް ހޯދި އިރު، ފިރިހެން ގައުމީ ޗެމްޕިއަންކަން ހޯދީ މުހައްމަދު އާން ހުސައިނެވެ. މުބާރާތުގެ ފިރިހެން ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޝަހުދާންގެ އިތުރުން އަބްދުލް ރަޝީދު އިސްމާއީލް އަދި އިބްރާހީމް މައިޝާން ޝަމީމް ހިމެނޭ ޓީމުންނެވެ.

ދެ މުބާރާތްވެސް ނިންމާލުމަށްފަހު މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމް އަދި މުބާރާތުގެ ކޯ ސްޕޮންސަރު، މާލޭ ފިޓްނަސް ކްލަބުގެ ހިލޭ އެއް މަސް ދުވަހުގެ މެމްބަރޝިޕްވެސް ވަނީ ދީފައެވެ.

މިއީ ގައުމީ ދިގު ފެތުމުގެ މުބާރާތް އަތޮޅު ތެރޭގައި ބޭއްވި ދެވަނަ ފަހަރެވެ. މީގެ ކުރިން ގައުމީ ދިގު ފެތުމުގެ މުބާރާތް އެންމެފަހުން ބާއްވާފައި ވަނީ 2016 ވަނަ އަހަރުގައެވެ. އެ އަހަރުގެ މުބާރާތް ބޭއްވީ ހއ. ދިއްދޫގައެވެ. 2016 ވަނަ އަހަރުން ފެށިގެން ދިގު ފެތުމުގެ މުބާރާތް އަތޮޅު ތެރޭގެ ރަށްރަށުގައި ބޭއްވުމަށް ސްވިމިން އެސޯސިއޭޝަނުން ނިންމާފައިވާ އިރު، އޭގެ ކުރިން އެ މުބާރާތް ބާއްވާފައި ވަނީ މާލެ ސަރަހައްދުގައެވެ.

comment ކޮމެންޓް