ސިއްހީ ގޮތުންނާއި ތަނަވަސްކަން ހުރި ކޮންމެ މީހަކުވެސް ހައްޖަށް ދިއުން އަވަސްކުރަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ ބިނާކޮށްފައިވަނީ ހައްޖުގެ މަތިވެރި އަޅުކަމުގެ މައްޗަށެވެ. އެގޮތުން ހައްޖަކީ އެކަމުގައި ތަފާތު މަނާސިކުތަކާއި ކިޔަމަންގަތުންތަކެއް ހިމެނޭ، މާލީ އަދި ޖިސްމާނީ އަޅުކަންތައްތަކެއް ހިމެނޭ ކަމެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
"ހައްޖުގެ އަޅުކަމަކީ ތަވާފްކުރުމާއި ސަފާ މަރުވާއާ ދެމެދު ހިނގުމާއި، ނަމާދު ކުރުމާއި، ދުއާކުރުމާއި، ހަދްޔަ ކަތިލުމާއި ބޯބޭލުމާއި ނުވަތަ ބޯކޮށުމާއި، މިނާގައި ރޭކުރުމާއި، ޒިކްރުކުރުމާއި، ތަކްބީރުކިޔުމާއި، އަރަފާތުގައި ހުރުމާއި، މުޒްދަލިފާގައި ރޭކުރުން ފަދަ ތަފާތު އަޅުކަންތައް ހިމެނޭ ބުރަ އަޅުކަމެކެވެ." މިއަދުގެ ޚުތުބާގައި ވެެއެވެ.
އަދި ހައްޖުގެ ދުވަސްވަރު އެފަދަ އަޅުކަންތައް ހިމެނޭތީ މާތް ﷲ ހައްޖު ދުވަސްވަރު އެންމެ މަތިވެރި ދުވަސްތަކުގައި ލެއްވިކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މާތް ﷲ ގެ ހަޟްރަތުގައި އަރަފާތު ދުވަހަށް ވުރެ މަތިވެރި ދުވަހެއް ނުވާ ކަމަށާއި އަދި އެދުވަހު މާތް ﷲ ދުނިޔޭގެ އުޑަށް ތަޖައްލީވެގެން އުޑުގެ އަހުލުވެރިންގެ ގާތުގައި ބިމުގެ އަހުލުވެރިންނާމެދު ފަހުރުވެރިވެވަޑައިގެންނަވާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
" އެބައިމީހުން ތިމަންރަސްކަލާނގެ ހަޟްރަތަށް އައިސް އެތިބީ ބޯހޭވިި ހިރަފުހުން ތަތްތެޅި ކާރޫބާރޫ ބޮޑުކަމުގެ ތެރޭގައެވެ. އެބައިމީހުން އައިސްފައިވަނީ ދުރު ހިސާބުތަކުންނެވެ. އެބައިމީހުން ތިމަންރަސްކަލާނގެ ޢިޣާބު ނުދެކި ތިމަން ރަސްކަލާނގެ ރަހުމަތަށް އެދެއެވެ. ފާފަކުރާ އަޅުތަކުން އަރަފާތު ދުވަހަށްވުރެ ގިނައިން ނަރަކައިން މުއްތިކުރެއްވޭނެ ދުވަހެއް ނުވެއެވެ." މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.
މާތް ﷲ އެމީހަކަށް ސިއްހަތާއި ދުޅަހެޔޮކަމާއި، ތަނަވަސްކަން ދެއްވި ކޮންމެ މީހަކު ހައްޖުގެ ފަރުޟު އަދާކުރަން އަވަސްވެ ގަންނަން ޖެހޭނެ ކަމަށާއި އަދި އެ ލިބުނުު ފުރުސަތު ބީވެގެން ދިޔަދީގެން ނުވާނެކަމަށްވެސް މިއަދުގެ ޚުތުބާގައި ބުނެފައި ވެއެވެ.