ރެޑް ކްރެސެންޓާއެކު އިންސާނިއްޔަތަށްޓަކައި ޚިދުމަތްކުރުމަށް ދިރާގުން ބައިވެރިވަނީ

ރެޑް ކްރެސެންޓާއެކު އިންސާނިއްޔަތަށްޓަކައި ޚިދުމަތްކުރުމަށް ދިރާގުން ބައިވެރިވެ ޕްލެޓިނަމް މެމްބަރަކަށް -- ފޮޓޯ/ ދިރާގު

ދިވެހިރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ އެންމެ ބޮޑު ޖަމާޢަތްކަމަށްވާ ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރެއްގެ ގޮތުގައި ބައިވެރިވެ އިންސާނިއްޔަތަށްޓަކައި އެޖަމާޢަތުން ދޭ ހިދުމަތްތަކުގައި އެހީތެރިވުމަށް ދިރާގުން ނިންމައިފިއެވެ.

ދުނިޔޭގެ ރެޑްކްރޮސް ރެޑް ކްރެސެންޓް ދުވަސް އިއްޔެ ފާހަގަކޮށްފައިވާއިރު އެ ދުވަހާއި ދިމާކޮށް ދިރާގުންވަނީ އެޖަމާޢަތުގެ ޕްލެޓިނަމް މެމްބަރަކަށް ވެފައެވެ.

އެ މެމްބަރޝިޕް ފާހަގަކުރުމުގެ ގޮތުން، އިއްޔެ ދިރާގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު ނޫރާ ވިދާޅުވީ، ދިރާގުގެ މި މެމްބަރޝިޕްގެ ސަބަބުން، ރެޑް ކްރެސެންޓުން ރާއްޖޭގެ އެކި ކަންކޮޅުގައި ދަރުމަވެރިން ކުރާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށެވެ.

ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގައި ދިރާގުން އަބަދުވެސް ދެއްވާ އެއްބާރުލުމާއި އިސްނެންގެވުން ފާހަގަކޮށް ނޫރާވަނީ ދިރާގަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހި ރެޑް ކްރެސެންޓުގެ ސަބްސްކްރައިބިންގް މެމްބަރޝިޕަކީ ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާ އެހީތެރިކަން ދިނުމަށް ވިޔަފާރި ކުންފުނިތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

comment ކޮމެންޓް