އިމާމްވެ ތަރާވީހް ނަމާދު ކޮށްދޭނެ ހާފިޒުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

އިމާމުން ތާޒާ ކުރުމުގެ ގޮތުން ބޭއްވި ޕްރޮގުރާމެއްގައި ބައެއް އިމާމުން: ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފުޒުކޮށް އިމާމުވެ ތަރާވީހް ނަމާދު ކޮށްދޭނެ ހާފިޒުން ހޯދަން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރާއްޖޭގެ ސިޓީތަކާއި ރަށްރަށުގެ މިސްކިތްތަކުގައި ހިފްޒުކޮށް އިމާމްވެ ތަރާވީހް ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ކުރި އިއުލާނުގައި މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ.

ނަމަވެސް އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ މުއްދަތު އަންނަ މެއި މަހުގެ ތިން ވަނަ ދުވަހަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އެކަމަށް އެދޭ މީހުން، ކަނޑައެޅިފައިވާ ހާއްސަ ފޯމް ފުރިހަމަކޮށް އެދުވަހު މެންދުރު ފަހު 2:00ގެ ކުރީން އިސްލާމިކް މިނިސްޓްރީއާއަށް ހުށަހެޅުމަށް އެދޭ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ރަށު ކައުންސިލެއްގެ މިސްކިތެއްގައި ތަރާވީހު ނަމާދު ކުރާ ނަމަ ފޯމް ހުށަހަޅަން ޖެހޭނީ ރަށު ކައުންސިލުގެ އިދާރާއަށް އަދި މާލެ ސިޓީ ފިޔަވައި އެހެން ސިޓީއެއްގެ މިސްކިތެއްގައި ތަރާވީހް ނަމާދު ކުރާ ނަމަ ފޯމް ހުށަހަޅަން ޖެހޭނީ އެ ރަށެއްގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނީ، ދިވެހި ހާފިޒުންނަށް އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާ ނަމަ ކޮންމެ ރެޔަކަށް 400 ރުފިޔާ ދެވޭނެ ކަމަށާއި އެގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދެ އިމާމުންނަށް ކަމަށެވެ.

އެ އެލަވެންސް ހޯދުމަށް އެދި އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ.

comment ކޮމެންޓް